ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ދިވެހި ސިފައިންގެ ކުލަބް ހޯދައިފި އެވެ.
ޤައުމީ ވޮލީބޯޅަ ލީގު 1 ފިރިހެން ޑިވިޝަންގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ މެދުގައި ކުރިޔަށް މި މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗު އިއްޔެ އާއި ރޭ ކުޅެފައިވާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކުލަބާއި ލީގުގެ ދެވަނަ ހޯދި ޕޮލިސް ކުލަބެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލީގުގެ ތިންވަނަ ހޯދި ކުލަބް އެޗްޑީސީ އާއި ހަތަރުވަނަ ހޯދި ކުލަބް އެމްޓީސީސީ އެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު ދިވެހި ސިފައިންގެ ކުލަބް ކާމިޔާބުކުރީ 3 ސެޓް 2 ސެޓުން ނެވެ.
މި މެޗުގެ ފުރަތަމަ ސެޓްގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު، އެއްވެސް ޓީމަކަށް ޕޮއިންޓްގެ ގޮތުން ބޮޑު ތަފާތެއް ގެނެވިފައެއް ނުވެ އެވެ. މި ސެޓް ދިވެހި ސިފައިންގެ ކުލަބް ކާމިޔާބުކުރީ 22-25 އިން ނެވެ. ދެވަނަ ސެޓްގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެފަހަރު ދެ ޓީމު ކުރީގައި އޮވެ ކުރިޔަށް ދިޔަ މި ސެޓް ދިވެހި ސިފައިންގެ ކުލަބް ކާމިޔާބުކުރީ 24-26 އިން ނެވެ.
ދެ ސެޓް ދިވެހި ސިފައިންގެ ކުލަބް ހޯދުމާއިއެކު މެޗުގެ ފޯރި ގަދަވި އެވެ. ލީގު މެޗުގައި ވެސް ދިވެހި ސިފައިންގެ ކުލަބް އަތުން ސީދާ ތިން ސެޓުން ބަލިވެފައިވާ ޕޮލިސް ކުލަބުން ތިންވަނަ ސެޓްގައި މޮޅު ކުޅުމެއް ދައްކައި ސެޓް ކާމިޔާބުކުރި އެވެ. ކުރިން ދެ ސެޓްގައި ދިވެހި ސިފައިންގެ ކުލަބުން ދެއްކި ކުޅުން މި ސެޓްގައި ނުދެއްކުނެވެ. މި ސެޓް ޕޮލިސް ކުލަބް ކާމިޔާބު ކުރީ 15-25 އިން ނެވެ. ހަތަރުވަނަ ސެޓްގައި ވެސް މޮޅަށް ކުޅުނީ ޕޮލިސް ކުލަބެވެ. މި ސެޓްގައި ޕޮލިސް ކުލަބް 25 ޕޮއިންޓް ހޯދިއިރު، ދިވެހި ސިފައިންގެ ކުލަބަށް ހޯދުނީ 21 ޕޮއިންޓެވެ.
ކޮންމެ ޓީމަކަށް ދެ ސެޓް ލިބި ނަތީޖާ ނެރުމަށްޓަކައި މޮޅުވާން މަޖުބޫރުވި ފަސްވަނަ ސެޓްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރިކަން ބޮޑު މޮޅު ކުޅުމެކެވެ. މި ސެޓް 15-12 އިން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ދިވެހި ސިފައިންގެ ކުލަބެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު ކުލަބް އެޗްޑީސީ ކާމިޔާބުކުރި ސީދާ ތިން ސެޓުން ނެވެ. މި މެޗުގެ ތިން ސެޓް ވެސް ކުލަބް އެޗްޑީސީ ކާމިޔާބު ކޮށްފައި ވަނީ 25-0 އިން ނެވެ.
މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަނޑައެޅުމަށްޓަކައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ތިންވަނަ މެޗު އޮންނާނީ 25 ވަނަ ދުވަހުގެ ރެއެވެ. މި މެޗުގައި ބައްދަލުކުރާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބަލިވި ޕޮލިސް ކުލަބާއި ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވި ކުލަބް އެޗްޑީސީ އެވެ.
