ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކަޅު އިސްތަށިގަނޑެއްލީ ދިގު މެހެމާނު – ޙަޤީޤީ ހާދިސާ

ކިޔައިދިނީ: އަނީމާ ޖިިޕްސީ

މީގެ އަހަރުތަކެއް ކުރިން، އަޅުކަންކުރުމާއި މެޑިޓޭޝަންގައި އަޅުގަނޑު ގަވާއިދުން މަޝްއޫލުވެ އުޅުނު ދުވަސްވަރެއްގައި، އަޅުގަނޑުގެ ވަށައިގެން ކޮންމެވެސް އެއްޗެއްވާކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.

އަޅުގަނޑަކީ ކުޑައިރުއްސުރެ ވެސް، އާދައިގެ ގޮތަކަށް ކިޔައިދޭން ނޭނގޭ ކަންތައްތަކެއް ވަށައިގެން ހިނގާކަން ފާހަގަވާ މީހެކެވެ. ގިނަ ފަހަރަށް އެއީ ހީވާ ހީވުމެއް ކަމަށް ނިންމައި އަޅާނުލާ ދޫކޮށްލަނީއެވެ. ނަމަވެސް، އަޅުގަނޑަށް އެނގެން ނުޖެހޭ ބައެއް ތަފުސީލުތައް ބައެއް ހާލަތްތަކުގައި އަޅުގަނޑަށް އެނގެއެވެ. އެކި ހާދިސާތަކުގެ ތެރެއިން، އަބަދުވެސް ހިތުގައި ބިންވަޅު ނެގިފައިވާ އެއް ތަޖުރިބާވެއެވެ. އެއީ އެކަން ތަޖުރިބާކުރި ހަމައެކަނި މީހަކީ އަޅުގަނޑު ކަމަށް ނުވާތީއެވެ.

މިކަން ހިނގީ 2022 ވަނަ އަހަރު އެވެ.

އެއްދުވަހެއްގެ ހެނދުނު، ކޮފީއެއް ހިފައިގެން ފޮތް ކިޔުމާއި އަޅުކަމުގައި އިންދާ، ކާގެއާ ދިމާލުން މަތީ ބަޔަށް އަރާ ސިޑިއާ ދިމާލަށް ކޮންމެވެސް އެއްޗެއް ވަރަށް ބާރަށް ދިޔަތަން ލޮލުގެ ކަނުން ފެނުނެވެ. އެއީ ސިކުންތެއްގެ މިންވަރެވެ. އެހެނަސް އަޅުގަނޑަށް ފެނުނީ ހުދު ހެދުމެއް ލައިގެން ހުރި، ކޮނޑަށްވުރެ ތިރިއަށް ފައިބާފައިވާ ދިގު ކަޅު އިސްތަށިގަނޑެއްގެ ވެރި އަންހެނެކެވެ.

އަޅުގަނޑު ވަގުތުން ތެދުވެގެން އެމީހަކު ހޯދުމަށް ސިޑިއާ ދިމާލަށް ދިޔައީމެވެ. ނަމަވެސް އެތަނަކު އެކަކުވެސް ނެތެވެ. ފެނުނު މަންޒަރު ހިތަށް ގެނެސް ފުންކޮށް ވިސްނާލުމުން، ފުރަތަމަ ފާހަގަނުކުރެވޭ ކަމެއް ދެނެގަނެވުނެވެ. އެ އަންހެންމީހާއަކީ އާދަޔާ ހިލާފަށް އިސްކޮޅުން ދިގު މީހެކެވެ.

ކާގެއާއި ބަދިގެއާ ދެމެދު ހުރި ދޮރުގެ މަތީ އޮނިގަނޑާ ހަމައަށް އެމީހެއްގެ ބޯ އަރައެވެ. އޭނާގެ އިސްކޮޅު ހުންނާނެ މިންވަރު އަންދާޒާކޮށްލުމުން އެނގުނީ އެއީ ގާތްގަނޑަކަށް ހަތް ފޫޓު (ދެ މީޓަރު ދިހަ ސެންޓިމީޓަރު) ކަމެވެ. މިކަމުގެ ސަބަބުން އަޅުގަނޑު ވަރަށް ބޮޑަށް ނުތަނަވަސްވިއެވެ. އެކަމަކު ފެނުނު މަންޒަރުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައެއް ނުދެމެވެ.

މިވެސް ކިޔާލަން:  ނާމާން އެދަތުރު - ޙަޤީޤީ ހާދިސާ

ހަފުތާތަކެއް ފަހުން، އަޅުގަނޑުގެ އަންހެން ދަރިއަކު ވަރަށް ބިރުގެންފައި ހުރެގެން އައިސް ރޭގަނޑު ދިމާވި ކަމެއްގެ ވާހަކަ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި، ނިދާފައި އޮއްވާ މީހަކު ކޮޓަރިއަށް ވަންކަން އިހުސާސް ކުރެވުނެވެ. ފުރަތަމަ ހީކުރީ އެއީ އަޅުގަނޑު ކަމަށެވެ. އެހެންވެ ބަލައެއް ނުލައެވެ. ދެން އިހުސާސްވީ، ހަގީގީ މީހަކު އެނދުގައި އިށީނުމުން އެނދު ތިރިވާ ފަދައިން، އެނދުގެ އެއްފަރާތެއް ތިރިވި ކަމެވެ. އޭނާ އެނބުރި ބަލާލިއިރު، ހުދު ހެދުމެއް ލައިގެން ހުރި، ކޮނޑަށްވުރެ ތިރިއަށް ފައިބާފައިވާ ދިގު ކަޅު އިސްތަށިގަނޑެއްގެ ވެރި އަންހެނަކު އިނެވެ.

އޭނާގެ ވާހަތައް އިވުމުން އަޅުގަނޑު ހައިރާންވެ އަންތަރީސްވިއެވެ. ހެނދުނު އަޅުގަނޑަށް ފެނުނު މަންޒަރުގެ ވާހަކަ އެއްވެސް މީހަކަށް، އަދި ދަރިފުޅަށްވެސް ކިޔައެއް ނުދެމެވެ. އޭނާ ކިޔައިދިން ސިފަތަކާ އެއްގޮތަށް އަޅުގަނޑު ވަގުތުން ކުރެހުމެއް ކުރެހީމެވެ.

ދަރިފުޅު ބުނި ގޮތުގައި އަޅުގަނޑު އެ ކުރެހި އަންހެންމީހާއާއި އޭނާއަށް ފެނުނު މީހާއާ އެއްވެސް ތަފާތެއް ނެތެވެ. މިއާއެކު، އެއީ ހަމައެކަނި ހީވާހީވުމެއް ކަމަށް ނިންމަން އަޅުގަނޑަށް ވަރަށް އުނދަގޫވިއެވެ.

ދުވަސްތަކެއް، ނުވަތަ ހަފުތާތަކެއް ފަހުން، ޞަރީޙަ ވަގުތެއް ބުނަން ނޭނގޭ ވަގުތެކެވެ. ރޭގަނޑު ނިދަން އޮށޯވެ އޮއްވާ، ނިދިފައި އޮތްކަމެއް ނުވަތަ ހޭލާ އޮތްކަމެއް ނޭނގޭ ފަދަ ހާލަތެއްގައި، އެ އަންހެންމީހާ އަޅުގަނޑުގެ އެނދު ކައިރީގައި ހުއްޓާ ފެނުނެވެ.

އޭނާ ހުރީ އަޅުގަނޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. ފުރަތަމަ ހީކުރީ އެއީ ހުވަފެނެއް ކަމަށެވެ. ނަމަވެސް ގަދަކަމުން ހޭލައި ބަލާލިއިރުވެސް އޭނާ އެތަނުގައި ހުއްޓެވެ.

މިވެސް ކިޔާލަން:  ކުވައިތުގެ ޖިންނި ކައިވެނި: ނޫރާގެ ބިރުވެރި ތަޖުރިބާ

ބިރުގަތްވަރުން، ވިސްނާލުމެއް ނެތި އޭނާއާ ދިމާލަށް ފައިން ކިކެއް ޖެހީމެވެ. އަޅުގަނޑުގެ ފައި ދިޔައީ ހުސް ތަނަކަށެވެ. އެ އަންހެންމީހާ ވަގުތުން ގެއްލުނެވެ. ފަހުން އެކަން ކުރެވުނު ގޮތާމެދު އަޅުގަނޑު ދެރަވިއެވެ.

އޭގެ ފަހުން އައި ދުވަސްތަކުގައި، އެ ފެނުނު އެއްޗަކާ މުއާމަލާތެއް ކުރެވޭތޯ އަޅުގަނޑު ވަރަށް މަސައްކަތް ކުރީމެވެ. ދުއާކޮށް، މެޑިޓޭޓްކޮށް، ދިރާސާކޮށް، ކުރެވެން ހުރި ހުރިހާ ކަމެއް ކުރީމެވެ.

ނަމަވެސް އެއްވެސް ކަމެއް ނުވިއެވެ. އެ އަންހެންމީހާ ދެން ދުވަހަކުވެސް ނުފެނެއެވެ. އަދި އެއްވެސް ސުވާލަކަށް ޖަވާބެއްވެސް ނުލިބުނެވެ.

ހަމައެކަނި އަޅުގަނޑުގެ ހަނދާނުގައި ހަރުލާފައި ހުރީ އެންމެ ނަމެކެވެ.

‘ސޯފިއާ’ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top