އުމުރުން ދުވަސްވީ މައިންބަފައިންނަށް އަޅާނުލާ ދޫކޮށްލުމަކީ ހަމައެކަނި އާއިލީ އިޖުތިމާއީ މައްސަލައެއްގެ ބަދަލުގައި، ޤާނޫނީ ޒިންމާއަކަށް ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ޗައިނާގައި 1 ޖުލައި 2013 އިން ފެށިގެން އަމަލުކުރަން ފެށި “އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތަކާއި މަސްލަހަތު ރައްކާތެރިކުރުމުގެ ޤާނޫނު” ގެ ދަށުން މި މައްސަލައަށް ހައްލެއް ހޯދުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ޤާނޫނުގެ 18 ވަނަ މާއްދާގައިވާ ގޮތުން، އުމުރުން ދުވަސްވީ މީހުންނާ ވަކިން ދިރިއުޅޭ އާއިލީ މެންބަރުން ޤަވާއިދުން އެމީހުންނަށް ޒިޔާރަތްކުރަން ނުވަތަ މުއާމަލާތް ކުރަންޖެހެއެވެ. އަދި 14 ވަނަ މާއްދާގެ ދަށުން މާލީ އެހީތެރިކަމާއި، ދިރިއުޅުމުގެ ޒަރޫރީ ކަންކަމާއި، ނަފްސާނީ އަދި އިޙުސާސީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީން 28 ޑިސެމްބަރު 2012 ގައި ފާސްކުރި މި ޤާނޫނުގައި، ޒިޔާރަތް ކުރަންޖެހޭ ވަކި އަދަދެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި ޒިޔާރަތް ނުކުރާ ކޮންމެ ފަހަރަކީ އަދަބު ލިބޭނެ ކަމެއްގެ ގޮތުގައިވެސް ބަޔާންކޮށްފައެއް ނުވެއެވެ. ނަމަވެސް، އުމުރުން ދުވަސްވީ މައިންބަފައިންގެ އިޙުސާސީ ބޭނުންތަކަށް އިހުމާލުވުމަކީ ހަމައެކަނި އާއިލީ އަމިއްލަ ކަމެއްގެ ބަދަލުގައި، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މި ޤާނޫނު ބަލައިގަނެއެވެ.
މި ޤާނޫނަށް ބައިނަލްއަޤުވާމީ ސަމާލުކަން ލިބުނީ 2013 ވަނަ އަހަރުގެ ޖުލައި މަހު، ޖިއަންގްސޫ ޕްރޮވިންސްގެ ވޫޒީގެ ކޯޓަކުން އަންހެނަކަށް އަމުރުކުރި ހިސާބުންނެވެ. އެއީ އޭނާގެ އުމުރުން 77 އަހަރުގެ މަންމައަށް އަޅާނުލާކަމަށް ބުނެ ހުށަހެޅި ޝަކުވާއަކާ ގުޅިގެން، ކޮންމެ ދެ މަހަކުން އެއްފަހަރު އަދި ސަގާފީ ބޮޑެތި ބަންދު ދުވަސްތަކުގައި މަންމައަށް ޒިޔާރަތްކުރުމަށް ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ.
މާލީ އެހީތެރިކަމަށްވުރެ ބޮޑު ކަމެއް
މައިންބަފައިން އުމުރުން ދުވަސްވަމުންދާއިރު، އެމީހުންގެ ބޭނުންތައް ހަމައެކަނި ފައިސާއާއި، ކާއެއްޗެއްސާއި، ބޭސްފަރުވާއަކަށް ހަނިވެގެނެއް ނުވެއެވެ. ގިނަ މީހުން ބޭނުންވަނީ އެކަނިވެރިކަން ފިލުވައިދޭނެ އެކުވެރިކަމާއި، އެމީހުންނަކީ ބޭކާރު ބައެއް ނޫންކަމުގެ އިޙުސާސް ކޮށްދިނުމެވެ. ނަމަވެސް، މަސައްކަތް ބުރަވުމާއި، ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި، ދުރުގައި ދިރިއުޅެން ޖެހުމުގެ ސަބަބުން، މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެވުނު ނަމަވެސް ބައެއް މައިންބަފައިން ތިބެނީ އެކަނިވެރިވެފައެވެ.
ޗައިނާގެ މި ޤާނޫނުން މިފަދަ ނަފްސާނީ ބޭނުންތަކަށް ޤާނޫނީ ހައިސިއްޔަތު ދެއެވެ. ޤާނޫނަކުން މީހެއްގެ ހިތުގައި ލޯބި އުފައްދަން މަޖުބޫރު ނުކުރެވުނު ނަމަވެސް، އާއިލީ ޒިންމާތަކުގެ މިންގަނޑުތައް ކަނޑައަޅައި، އިހުމާލުވުން ހުއްޓުވުމަށް ބޭނުންވާ އޮނިގަނޑެއް ފޯރުކޮށްދެއެވެ.
މި މައްސަލައަކީ ހަމައެކަނި ޗައިނާއަށް އޮތް ކަމެއް ނޫނެވެ. މައިންބަފައިންނަށް އިޙުތިރާމްކުރުމާއި އާއިލީ ޒިންމާ އުފުލުމަކީ ދިވެހި ސަގާފަތާއި އިސްލާމީ ދީނުގައި ނުހަނު ބޮޑު އަހައްމިއްޔަތެއް ދީފައިވާ ކަންކަމަށްވާއިރު، ރާއްޖޭގައިވެސް މިކަމަށް ސަމާލުކަން ދޭން ޖެހެއެވެ.
އުމުރުން ދުވަސްވީ މީހުންނަކީ ހަމައެކަނި ޚާއްސަ މުނާސަބަތުތަކުގައި ސަމާލުކަން ދޭންޖެހޭ ބައެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި މާލީ އެހީތެރިކަމަކީ ފުރިހަމަ އަޅާލުން ކަމުގައި ބަލައިގެން ނުވާނެއެވެ.
އުމުރުން ދުވަސްވީ މައިންބަފައިންނަށް އިހުމާލުވުން ހުއްޓުވުމަށް ރާއްޖެއަށްވެސް މިފަދަ ޤާނޫނެއް ބޭނުންވޭ ހެއްޔެވެ؟ ފަރުދުންގެ ހާލަތަށް ރިއާޔަތްކޮށް، ބޮޑެތިވެފައިވާ ދަރިން އެމީހުންގެ މައިންބަފައިންނަށް މާލީ ގޮތުންނާއި، އަމަލީ ގޮތުން އަދި ނަފްސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާތައް ސާފުކޮށް ބަޔާންކުރާ ޤާނޫނެއް އޮތުމަކީ މުހިންމު ކަމަކަށް ވެދާނެއެވެ.
މައިންބަފައިންނަށް އިޙުތިރާމްކުރުމަކީ ހަމައެކަނި ޤާނޫނީ މަޖުބޫރުކަމަކަށް ވެގެން ނުވާނެއެވެ. ނަމަވެސް، އުމުރުން ދުވަސްވީ މީހުން އެކަނިވެރިވެ، ބަޔަކު އަޅާނުލާ، ޒަރޫރީ އެހީތެރިކަމުން މަޙުރޫމްވާ ހާލަތުގައި، އަޅުގަނޑުމެން ބޮޑެތިކުރުމަށް މުޅި އުމުރު ހޭދަކުރި އެ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ޤާނޫނުގެ އެހީތެރިކަން ބޭނުންވެއެވެ.
ސަބަބަކީ، އަޅުގަނޑުމެންގެ މައިންބަފައިންނަށް ހަމައެކަނި ފައިސާ ދިނުމަކުން ނުފުދޭނެތީއެވެ. އެމީހުންނަށް އަޅުގަނޑުމެންގެ ވަގުތާއި، އަޅާލުމާއި، ގާތްކަންވެސް ޙައްޤުވެގެންވެއެވެ.
