ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ވިހިވަނަ ބައި
މުނިއަވަސް ގްރެފިކްސް

“ނެކްސްޓް މަންތުގަ އަހަރުމެން ދާނަން މޯލްޑިވްސް. އެތަނަށް ގޮސް މީޓްކޮށްފަ ހުރިހާ ވާހަކައެއް ކިޔައިދޭނަން. އަވަހަށް ދޭ.” އަނެއްކާ ވެސް ސިލްވިޔާ އެދުނީ ނިފާރު ރާއްޖެ ދިއުމަށެވެ.

ނިފާރާއި ވާހަކަ ދައްކަން އެތަނުގައި މާގިނައިރު މަޑުކުރާކަށް ސިލްވިޔާ ބޭނުމެއް ނުވި އެވެ. ދިހަވަރަކަށް މިނިޓްގެ އެ ބައްދަލުވުން ނިންމާލުމަށްފަހު ސިލްވިޔާ އަވަސްއަވަހަށް އެތަނުން ނުކުމެގެން ދިޔައީ އެވެ. ނިފާރު ބޭނުންނަމަ އޭނާ ރާއްޖެ ދިއުމުން ބައްދަލުކުރަން ފުރުސަތު ދިނެވެ. އޭނާގެ ފަރާތުން ނިފާރު ސާފުކުރަން ބޭނުންވާ މަޢުލޫމާތު ވެސް އެދުވަހަކުން ސާފުކޮށްދޭނެ ކަމަށް ބުންޏެވެ.

ޔަޒީދާގެ ޚަބަރެއް ވޭތޯ ފާއިދު ކުރަމުންދިޔަ މަސައްކަތަށް ކުޑަނަމަވެސް އަލިކަމެއް ފެނުނީ އެރޭގެ މެންދަމުން އަލިވެ އެކެއް ވެސް ޖެހި ފަހުން ނެވެ. ސުނޭހާ ފޯނުކޮށްފައި ބުނިގޮތުގައި ޔަޒީދާ ގޮވައިގެން ނިފާރު އެ ޤައުމުން ފުރައިފި އެވެ. ދަތުރު ކުރަމުން ދިޔައީ ކޮން މިސްރާބަކަށްކަން ނޭނގުނު ނަމަވެސް ދެދުވަހެއް ފަހުން ރާއްޖެ އަންނަކަމަށް ބުންޏެވެ.

“ނަސީބެއްނު އެ އިބިލީހުގެ ވިސްނުން ބަދަލުވިކަން. ރީތި ލަގާއެއް ދޭނަން ބަލަން ހުންނާތި. އޭނާއަށް އެ އުޅެނީ އަދި މަގޭ ފެންވަރު ނޭނގިގެން.” ރުޅިއައިސް ރަތްވެފައިހުރި ފާއިދު ވާހަކަ ދެއްކީ ސިލްވިޔާއާ އެވެ.

“އެކަމާ ދެން އެހާބޮޑަށް ވިސްނާ އެއްޗެއް ނޫން. ނިދާލަނިކޮށް ހަމައަކަށް އެޅިދާނެ. އެކަމާ ދެން އުޅޭނީ ރާއްޖެ ގޮސްފަ. އޭރުން އޯކޭ ވާނެ.” ފާއިދު ހަމައަކަށް އަޅުވަން ސިލްވިޔާ އިސްކަން ދިނެވެ.

ކޮންމެ ގޮތަކުން ނަމަވެސް ނިފާރާއި ބައްދަލުކުރުމަކީ ހައިފާގެ މިހާރުގެ އެންމެ ބޮޑު އުންމީދެވެ. މަންމަ އާއި ބައްޕަ ގޮވައިގެން ހައިފާ މާލެ އައި އެންމެ ބޮޑު ބޭނުމަކީ ވެސް އެއީ އެވެ. ހައިފާގެ އިތުރުން ވަލީދު ވެސް ނިފާރުގެ ފޯނަށް ގުޅި އެވެ. ތަކުރާރުކޮށް އެތައް ފަހަރަކު މަސައްކަތް ކުރި އެވެ. ލިބެމުންދިޔަ ޖަވާބެއް ބަދަލެއް ނައުމުން ތިން މީހުން ވެސް މާޔޫސްވި އެވެ. ނިފާރުގެ ފޯނު އޮންނަނީ ނިވާލާފަ އެވެ.

މެންދުރެއްކަން ހާއިރެވެ. ކޮފީއަށް ނުކުތް ސިޔާހާއި ހައިފާ ބައްދަލުވީ ހައިފާގެ ނަސީބު ރަނގަޅުކަމުން ނެވެ. ސިޔާހަށް ހައިފާ ފެނުމުން އެނގުނު ފަދައިން ހައިފާއަށް ވެސް ސިޔާހް އެނގުނެވެ.

“ކޮބާ ނިފާރު؟ ފޯނު ވެސް ނިވާލާފަ އޮތީ.” ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ހައިފާ އިސްކަން ދިނެވެ.

“ނުބުނޭތަ؟ ލަންކާގަ ވީ. ކޮންމެ ވެސް ބޮޑުކަމެއް ދިމާވެގެންހެން ހީވަނީ ދިޔައީ. ކުއްލިއަކަށް ފުރައިގެން ދިޔައީ. ހީވާ ގޮތުން މާދަމާ އަންނާނެ. ދާންވީނު ކޮފީއެއް ބޯލަން.” ހައިފާގެ ފަރާތުން ލިބުނު މެހެމާންދާރީ ސިޔާހްގެ ހިތުން ފިލައިގެން ނުދެ އެވެ.

ސިޔާހާއި ހައިފާ ވާހަކަ ދައްކަމުން ދައްކަމުން ގޮސް ވަނީ އެތާ ކައިރީ ހުރި ކޮފީޝޮޕަށެވެ.

މިވެސް ކިޔާލަން:  ދެހިތެއްގެ ދެމެދުގައި - ހަތަރުވަނަ ބައި

ބައިގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ އެ ބައްދަލުވުމުގެ ސަބަބުން ހައިފާ އާއި ސިޔާހްގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދުނެވެ. ހައިފާ ބޭނުންވި ފަދައިން ނިފާރާއި ބައްދަލުކުރެވޭނެ ގޮތް އޭނާ ރާއްޖެ އައިހާ އަވަހަކަށް ހަމަޖައްސައިދޭނެ ކަމަށް ސިޔާހް ބުންޏެވެ. ނިފާރާއި ބައްދަލު ނުވި ނަމަވެސް ސިޔާހްގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން ހައިފާގެ އުންމީދު އާވި އެވެ.

ރާއްޖެ އާދެވުމާއިއެކު ނިފާރު އަވަސްވެގަތީ ޔަޒީދާއަށް މާލެ ދެވޭނެ ގޮތެއް ހަދާށެވެ. އޭނާ ބުނާ ކޮންމެ ގޮތެއް ޔަޒީދާ ހަދާނެކަން މިހާރު ނިފާރަށް ސަތޭކަ އިންސައްތަ ޔަގީނެވެ. ދުރުގައި ހުރެގެން ނިފާރު ދެމުންދިޔަ ލަފަޔާއި އެއްގޮތަށް ޔަޒީދާ ކަންތައް ކުރި އެވެ.

“އަހަރެން ހިޔެއް ނުކުރަން ޔަޒީދާ ތީ ތިހާ ގޮތެއްނެތް ކުއްޖެއް ކަމަކަށް. ވަރަށް ފޫހިވެއްޖެ.” ސުނޭހާއަށް ޔަޒީދާ ފެނުމާއިއެކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ސުނޭހާގެ ވާހަކަތައް އަޑުއިވިފައި ޔަޒީދާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ. ހިތްހަމަނުޖެހުމާއިއެކު ސުނޭހާއާ ދިމާއަށް ބަލާލި ނަމަވެސް ކޮޓަރިތެރޭން ނުކުތް ނާއިމް ފެނުމުން ޔަޒީދާ ހަމަޖެހިލި އެވެ. އެ ދެމެދުގައި ކަމެއް ހިނގައިދިޔަކަމުގެ އެއްވެސް ހިލަމެއް ނިޔާމަށް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.

“ކިހިނެއް ތި ހެދީ؟ ހާދަ ހިތްވަރެއް ނެތޭ. ބައްޕަ ހަމަ އެއްޗެކޭ ބުނެލާއިރަށް ދުން ޖަހާފަ ތި އައީ. އެކަހަލަ ކަންކަމާއި ވިސްނާ އެއްޗެއް ނޫން. އިރުކޮޅަކު މަޑުކޮށްލިނަމަ ބައްޕަ އޯކޭވީސް. މާ އަވަހަށް ތިޔަ މާޔޫސްވަނީ.” ޔަޒީދާއާ ދިމާއަށް އައި ނާއިމް ދިނީ ޔަޒީދާއަށް ހިތްވަރާއި ނަސޭހަތެވެ.

“ވަރަށް ތާހިރެއްނު. ޢާއިލާއަށް ފިލައިގެން ހިލޭ ފިރިހެނަކާއިއެކު ދިޔައިމަ ވެސް ހިތްވަރުތަ ދޭންވީ؟ ކޮން ކަހަލަ ދޮންބެއެއް ތީ؟ ޢާއިލާއަށް ވެސް ކިހާބޮޑު ހުތުރެއް އެއީ.. އަނެއް ކޮޅުން އެ ނިފާރަކީ ކާކުކަން ނާއިމަށް ކިހިނެއް އެނގެނީ؟ ރަނގަޅު މީހެއްނަމަ ރަށަކުން ހަމަ އަންހެނަކު ފެންނައިރަށް ފުލުލައިގެން ނޫޅޭނެ. އޭނާ އުޅުނު ވައްތަރު ނާއިމަށް ވެސް ފެންނާނެ.” ހިތްހަމަނުޖެހިފައި ހުރި ސުނޭހާ، ނާއިމްއާ ދިމާއަށް ވެސް އެއްޗެކި ކިޔެވެ.

“އޭތް. ކަލޭ އަނގަ މަޑުންލައިގެން ހުރޭ.. އެއީ ކަލެއަކާއި ބެހޭކަމެއް ނޫން. މާ..” ޔަޒީދާގެ ކެތްތެރިކަން ކޮޅުންލި ކަހަލަ އެވެ. އަރައިގެން ރުޅީގެ ސަބަބުން ސުނޭހާއާ ދިމާއަށް ކިޔުނު އެއްޗެއް ވެސް ނޭނގުނެވެ.

ހިތްހަމަނުޖެހުމާއިއެކު ޔަޒީދާއާ ދިމާއަށް ބަލާލި ނާއިމްގެ މޫނު ފެނިފައި ޔަޒީދާއަށް ހުއްޓުން އެރި އެވެ. އިތުރަށް އެންމެ ލަފުޒެއް ވެސް ބުނާކަށް ނުކެރުނެވެ. އިތުރަށް މަޑުކުރަން ވެއްޖެނަމަ އޭނާއަށް ކެތްކުރަން އުނދަގޫވާނެކަން ވިސްނުނު ހިސާބުން ޔަޒީދާ އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

ވަގުތު ފާއިތުވަމުން އިރުއޮއްސުމާއި ދިމާއަށް ދަތުރުކުރަމުން ދިޔައިރު މާލެތެރެއަށް ވެރިވަމުންދިޔަ ހަލަބޮލިކަން ވެސް ދިޔައީ އިތުރުވަމުން ނެވެ. ހަވީރުގެ ހިތްގައިމުކަމުން ހިތްތަކަށް ހަމަޖެހުން ހޯދުމަށް މަގުތަކަށާއި ޕާކުތަކަށް ޖަމާވަމުންދިޔަ މީހުން ފަހަރަކަށްވުރެ ފަހަރެއް ދިޔައީ އިތުރުވަމުން ނެވެ.

މިވެސް ކިޔާލަން:  ވަންހަނާ ލޯބި - ނުވަވަނަ ބައި

ޔަޒީދާ ކަންތައްކުރި ގޮތުން ހިތްހަމަނުޖެހުނު ނަމަވެސް އޭނާގެ މަންމަގެ ކިބައަކުން އެކަމެއް ނުފެނެ އެވެ. އޭނާ ކަންތައް ކުރަމުން ދިޔައީ ޔަޒީދާއަށް ޝައްކެއް ވެސް ނުވާނެހޭ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއިއެކު އެވެ.

މެންދުރެއްކަންހާއިރު ނިފާރު ރާއްޖެ އަންނާނެކަމަށް ބުނި ނަމަވެސް އިރުއޮއްސުމާއި ގާތްވިއިރު ވެސް ނިފާރާއި ސިޔާހްގެ ޚަބަރެއް ނުވި އެވެ. ދެތިން ފަހަރަށް ގުޅިއިރު ވެސް ނިފާރުގެ ފޯނު އޮތީ ނިވާލާފަ އެވެ. އޭނާ ރާއްޖެ އައިސްފިނަމަ ފޯނު އޮންކުރާނެ ކަމުގައި ހައިފާގެ ހިތް ބުންޏެވެ.

ރާއްޖެ އައި ނަމަވެސް ނިފާރު އޭނާގެ ނަންބަރު ބޭނުމެއް ނުކުރެ އެވެ. އެއަރޕޯޓުން ގެއަށް ދިޔަގޮތަށް ގެއަކުން ނުނިކުމެ އެވެ. އޭނާ އުޅުނީ އޭނާގެ ރޭވުން ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގަ އެވެ.

އިރުއޮއްސުނުއިރު ވެސް ސިޔާހްގެ ޚަބަރެއް ނުވުމުން ހައިފާ އޭނާއަށް ގުޅި އެވެ. ސިޔާހްގެ ވާހަކަތަކުން އެނގުނު ގޮތުގައި ނިފާރު އަދި ރާއްޖެ ނާދެ އެވެ. ފަހަރެއްގައި މިރޭ ވެސް އައިސްދާނެ އެވެ. ފޯނު ނިވާލާފައި އޮންނާތީ އަދި ޚަބަރެއް ނުވާކަމަށް ވެސް ބުންޏެވެ.

ކުރަން އައި މަސައްކަތަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބުނު ނަމަވެސް ހައިފާ ހިތްވަރު ދޫކޮށެއް ނުލަ އެވެ. މައިންބަފައިންގެ ފަރާތުން ލިބެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން އުންމީދުތައް އާވެއާވެ ހުއްޓެވެ.

މެންދަމުން އަލިވެ ދޭއް ޖަހާކަންހާއިރެވެ. ސިއްސައިގެން ގޮސް ހައިފާއަށް ހޭލެވުނީ ފޯނު ރިންގުވާން ފެށި އަޑަށެވެ. އަވަސްއަވަހަށް ފޯނު ނަގަމުން ބަލާލިއިރު ގުޅަނީ ނުވެސް ދަންނަ ނަންބަރަކުން ނެވެ. ނުދަންނަ ނަންބަރަކުން މިހާ ލަސް ގަޑިއެއްގައި ގުޅުމުން ހައިފާގެ ހިތުގައި އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ޖަވާބު ދޭނީތޯ ނޫނީ އަޅާނުލައި ދޫކޮށްލާނީތޯ ވިސްނާލަން މަޑުކޮށްލި އެވެ. އެއް ފަހަރު ގުޅައިގެން ޖަވާބު ނުދިނުމުން އަނެއްކާ ވެސް ގުޅި އެވެ.

ތިންވަނަ ފަހަރަށް ގުޅުމުން ހައިފާގެ ވިސްނުން ބަދަލުވި އެވެ. މިހާ ލަސް ގަޑިއެއްގައި ކޮންމެވެސް މުހިންމު ކަމެއް ދިމާވެގެން ނޫނީ މީހަކު ނުގުޅާނެކަމުގައި ހައިފާގެ ހިތް ބުންޏެވެ.

“އައްސަލާމް ޢަލައިކުމް..” ފޯނަށް ޖަވާބު ދެމުން މަޑުމަޑުން ހައިފާ ގޮވާލި އެވެ.

“ކޮންތާކު ތިހުރީ؟” އަމުރުވެރި ރާގަކަށް އެ އަންހެންމީހާ ކޮށްލި ސުވާލާއިއެކު ހައިފާ ދިޔައީ ސިއްސައިގެން ނެވެ. ކުރިން އިވިފައިވާ އަޑެއްހެން ހީވި ނަމަވެސް ކާކުކަން ދެނެގަންނާކަށް ފަސޭހައެއް ނުވި އެވެ.

“އޭތް! މިހިރަ ހައިފާ! ކަލޭ މިހާރު ބީރީތަ؟ އަހަރެން މި އަހަނީ ކަލޭ ކޮންތާކުހޭ ތިހުރީ؟” އަނެއްކާ ވެސް އެ އަންހެންމީހާގެ އަޑު އިވުނެވެ. ވާހަކަ ދެއްކިގޮތުން ހިތްހަމަނުޖެހުނު ނަމަވެސް ހައިފާ ހަމަޖެހުނެވެ. ވިސްނުންތެރިކަމާއިއެކު ކުރިމަތިލައި އޭނާގެ ހަޤީޤަތް ބަލަން ބޭނުންވި އެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ހަވަނަ ބައި

“ތީ ކާކު؟ ކީއްކުރަން އަހަރެން ހުރިތަނެއް ބަލަނީ؟” އެމީހާގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ހައިފާ ވެސް ކުރީ ސުވާލެވެ. މަޑުމަޑުން ރީތިގޮތުގަ އެވެ.

“އަހަރެން މީ ޔަޒީދާ.. އެމީހެއްގެ ފަހަތުން ކަލޭ ނެއްޓެން ނޭނގިގެން ތިޔަ އުޅޭ ނިފާރުގެ ލޯބިވެރިޔާ. ވަރަށް އަވަހަށް އަހަރުމެން މިއުޅެނީ ކައިވެނި ކުރަން. ކަލޭގެ ކަންތައް މިހާރު މާ ބޮޑުވެއްޖެ. މީގެ ފަހުން ކަލޭ ނިފާރަށް ގުޅައިގެން ނުވާނެ. ކަލޭގެ ތިޔަ މުއްސަނދިކަމާއި ތަނަވަސްކަމުގެ ދަޅަ އެހެން ކޮންމެ ވެސް މީހަކަށް ދައްކާ. އޭނާ ނޫޅޭ ކަލެއާ ހެދިއެއް.. ހަނދާން ކުރާތި.” އިވުނު ވާހަކަތަކާއިއެކު ހައިފާގެ ބަސް ހުއްޓުނެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. މާޔޫސްވެ ދެރަވާގޮތްވި އެވެ.

“އެހެންތަ؟ އަހަރެންނަށް ހީވަނީ ތި އުޅެނީ ވަރަށް ބޮޑަށް އޮޅިގެންހެން. ނަންބަރު ޗެކްކޮށްލާފަ ގުޅަންވީނު.” އިތުރަށް ވާހަކަ ދެއްކުމަށްވުރެ މި ވަގުތަށް ރަނގަޅުވާނީ ފޯނު ބޭއްވުންކަން ވިސްނުނެވެ.

އެކޮޅުން ދައްކާ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ހައިފާ ފޯނު ކަނޑާލި އެވެ. އެއީ ކޮންމެ މީހަކަސް އެވާހަކަތައް އޭނާއަށް އެހާ މުހިންމެއް ނޫނެވެ. ޤަބޫލުކުރާކަށް ފަސޭހައެއް ވެސް ނޫނެވެ. މީހަކު ހަމަ އެއްޗެކޭ ބުނެލާއިރަށް ގޮތް ނިންމުމަށްވުރެ ހައިފާގެ ސިކުނޑި ތަނަވަހެވެ. ކަމަކާއިމެދު އޭނާ ގޮތެއް ނިންމާނީ އެތައް ގޮތަކަށް ބަލައި ވިސްނުމަށްފަހު އެވެ. ޚިޔާލެއް ނުވަތަ މަޝްވަރާއެއް ބޭނުންވާ ކަމެއްނަމަ އެކަން ވެސް ކޮށްފަ އެވެ. އެކަމާއި ގުޅުން ހުރި ފަރާތްތަކުގެ ވާހަކަތައް އަޑު ވެސް އަހައިފަ އެވެ.

ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިން ހައިފާ ސިއްސައިގެން ދިޔައީ ފޯނު ރިންގްވާން ފެށުމުން ނެވެ. ބަލާލިއިރު ގުޅަނީ ކުރިން ވެސް ގުޅި ނަންބަރުން ނެވެ. ފޯނަށް ޖަވާބު ދޭނީތޯ ނުދޭނީތޯ ވިސްނާލަން ހައިފާ މަޑުކުރި އެވެ.

ފޯނު ކެނޑުމާއިއެކު ހައިފާ އަވަސްއަވަހަށް ވައިބަރއިން އެ ނަންބަރު ހޯދާލި އެވެ.

“ސުނޭ.. ސުނޭހާ..” ވައިބާރގައި އިން ފޮޓޯ އާއި ނަން ފެނުމާއިއެކު އެއީ ކާކުކަން ހައިފާގެ ހަނދާނަށް އައެވެ. އެއްފަހަރާ އެތައް ކަމެއް އޭނާ ވަށާލި އެވެ. ނިފާރު ދެއްކި ވާހަކަތައް ވެސް ހަނދާންވި އެވެ.

“އައްސަލާމް ޢަލައިކުމް.” އެކޮޅުން ފޯނު ނެގުމާއިއެކު ހައިފާ ސަލާން ގޮވާލި އެވެ.

“ތީ ހަމަ އަސްލު ވެސް ނިފާރު ރައްޓެހިވެގެން އުޅޭ ޔަޒީދާތަ؟ ހާދަ ހީނުވެޔޭ. އެހެން ނޫނަސް ތިހާ ގަމާރު އަންހެނަކާ ނިފާރު ގާތްވާނެއެކޭ މަގޭ ހިތެއް ނުބުނޭ.”

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top