ޤައުމީ ވޮލީބޯޅަ މުބާރާތް 2026 އަންހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ކުލަބް ވެމްކޯ ހޯދިއިރު، ތިންވަނަ ސެމީ ފައިނަލްގެ ދެވަނަ ޖާގަ ހުރާ ކޮމިއުނިޓީ ކުލަބް ހޯދައިފި އެވެ. ޤައުމީ ވޮލީ ލީގު އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި ކުރިޔަށްދާ މި މުބާރާތުގައި ހިމެނެނީ ތިން ސެމީ ފައިނަލް މެޗާއި ފައިނަލް މެޗެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ލީގުގެ ތިންވަނަ ހޯދި ޕޮލިސް ކުލަބާއި ލީގުގެ ހަތަރުވަނަ ހޯދި ހުރާ ކޮމިއުނިޓީ ކުލަބެވެ. މުބާރާތް ރޭވިފައިވާ ގޮތުން މި މެޗުން މޮޅުވާ ޓީމެއް ޖެހޭނީ ލީގުގެ އެއްވަނަ ހޯދި ކުލަބް ވެމްކޯ އާއި ދެވަނަ ހޯދި ޓީމު އެމްޓީސީސީ ބައްދަލުކުރާ ސެމީ ފައިނަލުން ބަލިވާ ޓީމަކާއި ބައްދަލުކުރާށެވެ. އެ މެޗުން މޮޅުވާ ޓީމަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭއިރު ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ތިންވަނަ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ޕޮލިސް ކުލަބާއި ހުރާ ކޮމިއުނިޓީ ކުލަބް ވާދަކުރި ސެމީ ފައިނަލް މެޗު ހުރާ ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުން ނެވެ. މި މެޗުގެ ސެޓްތައް ގޮސްފައިވާ ގޮތަށް ބަލައިލާއިރު، ފުރަތަމަ ސެޓް ހުރާ ކޮމިއުނިޓީ ކުލަބް ކާމިޔާބުކުރީ 25-19 އިން ނެވެ. މި ސެޓްގެ ކުރީކޮޅު ޕޮލިސް ކުލަބުން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ދެވަނަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ޕޮލިސް ކުލަބެވެ. ސެޓް ނިންމުމުގެ ފުރުސަތު އެ ޓީމަށް ވެސް ލިބުނު މި ސެޓް ހުރާއިން ކާމިޔާބުކުރީ ފަހަތުން އަރައި 27-25 އިން ނެވެ.
ތިންވަނަ ސެޓްގައި ޕޮލިސް ކުލަބުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ކުރިން ދެ ސެޓްގައި ދެއްކި ކުޅުން މި ސެޓްގައި ހުރާއަށް ނުދެއްކުނެވެ. މި ސެޓްގައި ޕޮލިސް ކުލަބް 25 ޕޮއިންޓް ހޯދިއިރު، ހުރާއަށް ހޯދުނީ 20 ޕޮއިންޓެވެ. ވާދަވެރިކަން ބޮޑުވި ހަތަރުވަނަ ސެޓް ހުރާއިން ކާމިޔާބު ކުރީ 25-22 އިން ނެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ލީގު ޗެމްޕިއަން ކުލަބް ވެމްކޯ އާއި ލީގުގެ ދެވަނަ ހޯދި ޓީމު އެމްޓީސީސީ އެވެ. ވާދަވެރި ފޯރިގަދަ މެޗެއްގެ ގޮތުގައި ބެލެވުނު މި މެޗު ކުލަބް ވެމްކޯ ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުން ނެވެ.
އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ ސެޓެއްގެ ގޮތުގައި ފެނުނީ މި މެޗުގެ ފުރަތަމަ ސެޓެވެ. ސެޓް ކާމިޔާބު ކުރުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ސެޓް ޓީމް އެމްޓީސީސީ ކާމިޔާބުކުރީ 29-27 އިން ނެވެ. ދެވަނަ ސެޓްގައި ވެސް ފެނުނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. ސެޓް ފެށީއްސުރެ ލީޑުގައި އޮވެ ކުޅެމުންދިޔަ ކުލަބް ވެމްކޯ މި ސެޓް ކާމިޔާބުކުރީ 23-25 އިން ނެވެ. ދެ ޓީމަށް ދެ ސެޓް ދިއުމާއިއެކު އިތުރަށް ފޯރިގަދަވެ މުހިންމުވި ތިންވަނަ ސެޓް ކުލަބް ވެމްކޯއިން ކާމިޔާބުކުރީ 24-26 އިން ނެވެ.
ހަތަރުވަނަ ސެޓް ކާމިޔާބުކޮށް ތިން ސެޓް އެއް ސެޓުން މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދަން ނުކުތް ކުލަބް ވެމްކޯގެ ފަރާތުން މި ސެޓްގައި ފެނުނީ މުޅިން ތަފާތު ހިތްވަރެކެވެ. ކުރިން ސެޓްތަކުގައި ދެއްކި ކުޅުން މި ސެޓްގައި ޓީމް އެމްޓީސީސީއަށް ނުދެއްކުނުއިރު، މި ސެޓްގައި އެ ޓީމަށް ހޯދުނީ 15 ޕޮއިންޓެވެ.
މުބާރާތުގެ ސެމީ ފައިނަލް ތިންވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިޔަށްދާ މި މުބާރާތުގެ ތިންވަނަ ސެމީ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގަ އެވެ.
