އޭޝިއާގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ދިވެހިރާއްޖޭގައި ކޭމްޕްކޮށްގެން ތިބި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމު ޓީމު ރާއްޖޭގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ. ކ. ގުރައިދޫގައި ތިބި ފަލަސްތީނުގެ ޓީމުން މި ކޭމްޕްގައި ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއިއެކު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅެވުނު މި މެޗު ފެށީއްސުރެ ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅަށް ކުޅެފައިވަނީ ފަލަސްތީނު ޓީމެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނު ފަސް ލަނޑު ޖެހިއިރު، ދިވެހިރާއްޖެއަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު ދިވެހިރާއްޖެ ކޮޅަށް ފަލަސްތީނު ފުރަތަމަ ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނިޓްގައި ޒެއިން މުހައްމަދު އަބޫ އަތީގް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅައެއް ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ދިވެހިރާއްޖެއަށް ލަނޑެއް ނުޖެހި އުޅެނިކޮށް 30 ވަނަ މިނިޓްގައި ތަހާ މުޙައްމަދު ވަނީ ފަލަސްތީނަށް ދެވަނަ ލަނޑެއް ޖަހައިދީފަ އެވެ. ރާއްޖޭ ހާފުގެ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލައި އޭރިޔާގެ ބޭރުން ތަހާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ތިރިތިރިން ގޮހެވެ. ދެވަނަ ލަނޑަށް މާ ގިނައިރެއް ނުވެ ފަލަސްތީނުން ތިންވަނަ ލަނޑު ޖެހިއެވެ. 31 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔަޒާން އަނާން އެވެ. ޔަޒާން މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އޭރިޔާ ތެރެއަށް ޖައްސާލި ބޯޅައެއް ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ގިނަ ފުރުސަތުތަކެއް ފަހިކުރި ފަލަސްތީނުން ހާފުގެ ފަހުކޮޅު އިތުރު ދެ ލަނޑު ޖެހި އެވެ. ރާއްޖޭގެ ގޯލު އޭރިޔާގެ ތެރެއިން ފަލަސްތީނުން އުފެއްދި ހަމަލާއެއް ދިފާއުކުރަން މަސައްކަތްކުރި ރާއްޖޭ ކުޅުންތެރިންނަށް ސާފުކޮށް ނުލެވުނު ބޯޅައެއް ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން 39 ވަނަ މިނިޓްގައި ފަލަސްތީނަށް ހަތަރުވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިން ޒެއިން މުޙައްމަދު އަބޫ އަތީގް އެވެ. މެޗުގެ ފަހުކޮޅު އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ރާއްޖޭ ޑިފެންޑަރު ކައިރިން ފަސޭހަކަމާއިއެކު ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޒެއިން މުޙައްމަދު އަބޫ އަތީގް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ދެވަނަ ފާހުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅަށް ކުޅުނީ ފަލަސްތީނެވެ. ގިނަ ފުރުސަތުތަކެއް މި ހާފުގައި ވެސް އެ ޓީމުން ހޯދި އެވެ. ޑިފެންސިވް ގޭމެއް ކުޅުނު ރާއްޖެ ކޮޅަށް މި ހާފުގައި ފަލަސްތީނަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.
ފަލަސްތީނާއި ދިވެހިރާއްޖެ ބައްދަލުކުރާ ދެވަނަ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ އެވެ.
