ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމްއޭސީއެލް އާއި ޕޮލިސް ފެށީ މޮޅަކުން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުން މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ދެވަނަ މެޗުން މޯލްޑިވްސް ޕޮލިސް ސާވިސް މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ފެށި މި މުބާރާތުގައި ހަތަރު އިދާރާއަކުން ޓީމު ވަނީ ބައިވެރިވެފަ އެވެ. އެ އިދާރާތަކަކީ މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އެމްއޭސީއެލް އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓްގައި އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނެގޭގޮތެއް ނުވި އެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ސެޓް އެމްއޭސީއެލް ކާމިޔާބުކުރީ 25-23 އިން ނެވެ.

ދެވަނަ ސެޓްގައި ވެސް ފެނުނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. ފުރަތަމަ ސެޓް ގެއްލުނު ޔޫތު މިނިސްޓްރީން މި ސެޓް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ކާމިޔާބުވާގޮތެއް ނުވި އެވެ. އެމްއޭސީއެލްއިން 25 ޕޮއިންޓް ހޯދިއިރު، ޔޫތު މިނިސްޓްރީއަށް ހޯދުނީ 22 ޕޮއިންޓެވެ. މެޗުން މޮޅުވުމަށްޓަކައި ހޯދަން މަޖުބޫރުވި ތިންވަނަ ސެޓްގައި ޔޫތު މިނިސްޓްރީއަށް ކުރިން ކުޅުނު ދެ ސެޓްގައި ދެއްކި ކުޅުން ދެއްކޭ ގޮތެއް ނުވި އެވެ. މި ސެޓް އެމްއޭސީއެލްއިން ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 25-17 އިން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީއެލްގެ އަނޫޒާ އަބްދުލް ހަމީދު އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އެވެ. މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗު މޯލްޑިވްސް ޕޮލިސް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުން ނެވެ.

މި މެޗުގެ ފުރަތަމަ ސެޓް މޯލްޑިވްސް ޕޮލިސް ކާމިޔާބުކުރީ 10-25 ގެ ތަފާތު ބޮޑު ނަތީޖާއިން ނެވެ. ފުރަތަމަ ސެޓް ގެއްލުމުން ދެވަނަ ސެޓް ހޯދުމަށްޓަކައި އިތުރު ހިތްވަރެއް ކުރާނެކަމަށް ބެލެވުނު އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި ސެޓްގައި މާ އެދޭވޭ ކުޅުމެއް ނުފެނުނެވެ. މި ސެޓް މޯލްޑިވްސް ޕޮލިސް ކާމިޔާބުކުރީ އެޑިޔުކޭޝަން މިނިސްޓްރީއަށް 8 ޕޮއިންޓް ދީފަ އެވެ. ތިންވަނަ ސެޓް ފެނުނީ ކުރިން ދެ ސެޓަށްވުރެ ދަށް ސެޓެއްގެ ގޮތުގަ އެވެ. މި ސެޓްގައި މޯލްޑިވްސް ޕޮލިސް 25 ޕޮއިންޓް ހޯދިއިރު އެޑިޔުކޭޝަން މިނިސްޓްރީއަށް ހޯދުނީ 5 ޕޮއިންޓެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަޢުހީދާ ރަޝީދު އެވެ.

މި މުބާރާތުގެ ދެ މެޗު މިއަދު ވެސް އޮންނާނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެމްއޭސީއެލް އާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން،ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top