މަސްތުގެ ޝިކާރަ
ވަޝިއްޔާއަށް އެންމެ ފުރަތަމަ ކުރެވުނު އިޙުސާސަކީ ތަދެވެ. އޭނާގެ އެއް އަތުން ފެށިގެން މުޅި ހަށިގަނޑަށް ފެތުރިގެންދިޔަ ދިލަ ތަދަކާއެކު، އަނދިރިކަމުގެ ތެރެއިން އޭނާ މަޑުމަޑުން ހޭލެވޭގޮތް ވިއެވެ. އެސްފިޔަތައް އާދަޔާ ޚިލާފަށް ބަރުވެފައިވުމުން، ލޯ ހުޅުވަން ކުރި މަސައްކަތުގައި މުޅި ކޮޓަރި އެނބުރޭހެން އޭނާއަށް ހީވިއެވެ. ގޮވާލައި އެހީއަށް އެދި ހަޅޭއްލަވަން އޭނާ ބޭނުންވި ނަމަވެސް، ހަށިގަނޑު އޭނާއަށް އެއްވެސް އެއްބާރުލުމެއް ނުދިނެވެ. އަތްފައި ވަރުދެރަވެ، ދޫ ބޯވެފައިވުމުގެ ސަބަބުން ބަހެއް ބުނެވޭވަރެއް ނުވިއެވެ.
އަނެއްކާވެސް އޭނާގެ ހޭނެތޭގޮތް ވިއެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން، އޭނާއަށް އަނެއްކާވެސް ކޮންމެވެސް ވަރަކަށް ހޭލެވުނެވެ. ފުސްވެފައިވާ ފެނުމުގެ ތެރެއިން ދުރުދުރުން ފަނޑު އަލިކަމެއް ފެންނަން ހުއްޓެވެ. ވަށައިގެންވާ މާހައުލު ދެނެގަތުމަށްޓަކައި އޭނާ އެތައް ފަހަރަކު އެސްފިޔަ ޖަހާލިއެވެ. ބޯ އެނބުރުމުގެ އިތުރުން މޭމައްޗަށް ބަރުވެފައިވާކަމުގެ އިޙުސާސެއް ކުރެވުނެވެ. ކަރުތެރެ ހިކިފައިވުމުން ކުޅުބޮވޭވަރެއްވެސް ނުވިއެވެ.
ދެން ކުއްލިއަކަށް ކަންތައް ވީގޮތް އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ. ނައިޓް ކްލަބެވެ. މިއުޒިކުގެ އަޑާއި، މީހުން ގިނަވެ ބާރުބާރުވެފައިވާ މާހައުލެވެ. އޭނާ ބޯން ހުރި ފުރުޓް ޖޫސް ތަށްޓެވެ. ކުއްލިއަކަށް ބޯއަނބުރައި، އަލިތައް ދެމިފައިވާހެން ހީވިގޮތާއި، އުދުހޭ ފަދަ އިޙުސާސަކާއެކު، ހަށިގަނޑުން ދާހިތްލާފައި ހުރި ނަމަވެސް އަތްތިލަ ފިނިވެގެން ދިޔަ ހަނދާންތަކެވެ.
މިއީ ހަމަ އެ އިޙުސާސެވެ. މި ހަޤީޤަތް އެނގުމާއެކު، ލިބުނު ބިރުވެރިކަމުގެ ބޮޑުކަމުން ހަށިގަނޑުގެ ވަރުދެރަކަންވެސް ހަނދާން ނެތުނު ކަހަލައެވެ.
ނޫނެކެވެ. އަނެއްކާވެސް އެފަދަ ކަމެއް ނުވާނެއެވެ. އޭނާ އިސްއުފުލަން މަސައްކަތް ކުރަމުން ދިޔައިރު، ބިރުން ގޮސް ލޯ ބޮޑުވިއެވެ. ކަރުތެރެއިން ނުކުތީ ވަރަށް ފަނޑު އަޑެކެވެ.
އޭނާ އޮތީ ކޮންތާކު ހެއްޔެވެ؟ އޭނާއަށް އެމީހުން ހެދީ ކިހިނެއް ހެއްޔެވެ؟
އެޕާޓްމަންޓުން ނުކުތް ހަނދާނެއް އޭނާގެ ނެތެވެ. ދޮރު ހުޅުވި ހަނދާނެއް، ހިނގި އަޑެއް، ނުވަތަ އެއްވެސް މީހެއްގެ މޫނެއް އޭނާގެ ހަނދާނަކަށް ނައެވެ. ހަނދާނުގައި ހުރީ ހަމައެކަނި ފާހާނާގެ ބޮކީގެ އަލިކަމާއި، ތަޅައިގެން ދިޔަ ސެންޓު ފުޅިއެވެ. އޭގެ ފަހުން މުޅިންވެސް އޮތީ ބިރުވެރި އަނދިރިކަމެކެވެ.
އޭނާގެ ނޭވާ އަވަސްވާން ފެށިއެވެ. އޭނާ ތިރި ބަލާލިއެވެ. އޭނާ އޮތީ ބަރަހަނާ ހާލުގައެވެ. ހަށިގަނޑު ނިވާކުރުމަށް ކޮންމެވެސް އެއްޗެއް އަޅާފައި އޮތް ނަމަވެސް، އޭގެން އެއްވެސް ހޫނުކަމެއް ނުލިބެއެވެ. މިކަން އެނގުމާއެކު އޭނާ ބިރުން ސިހި، އަވަސްއަވަހަށް އެ ފޮތިގަނޑު ހަށިގަނޑުގައި އޮޅާލަން މަސައްކަތް ކުރިއެވެ. އެކަމަކު އެ ކުޑަ ހަރަކާތުންވެސް އަތަށް ވަރަށް ބޮޑަށް ތަދުވިއެވެ.
މިއީ އޭނާގެ އެޕާޓްމަންޓެއް ނޫނެވެ. ކޮޓަރި ތެރެ އާދަޔާ ޚިލާފަށް ފިންޏެވެ. ވަށައިގެންވަނީ ސިނގިރޭޓާއި ރަލުގެ ވަހެވެ. ކޮޓަރީގައި ހުރި އަގުބޮޑު ފަރުނީޗަރުތަކާއި ޒީނަތްތެރިކަމުން އެއީ މުއްސަނދި ތަނެއްކަން އެނގެއެވެ. ފާރުތަކުގައި ހުރި ރީީނދޫ ކުލައިގެ ފަނޑު އަލިތަކުން މުޅި ކޮޓަރިއަށް ގެނެސްދީފައިވަނީ ނުތަނަވަސް އަދި ބިރުވެރި މާހައުލެކެވެ.
ފަނޑު އަލިކަމުގެ ތެރޭގައި ބޮޑު އެނދެއް ހުއްޓެވެ. ކުޑަދޮރުތައް ހުރީ ބޯ ފޮތިގަނޑުތަކުން ނިވާކޮށްފައެވެ. ބިއްލޫރި މޭޒެއްގެ މަތީގައި ހުސްކޮށްފައި ހުރި ފުޅިތަކާއި އަޅިކެނޑި ހުއްޓެވެ.
ދެން އޭނާގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ އަނެއް ފަރާތަށެވެ. އޭނާއަށް ފެނުނީ ކެމެރާތަކެވެ. އެއީ އެންމެ ކެމެރާއެއް ނޫނެވެ. އެނދުގެ ފައިލާކޮޅުގައި، އޭނާއާ ދިމާއަށް އަމާޒުކޮށްފައި ހުރި ބޮޑު ކެމެރާއެއް ހުއްޓެވެ. އަދި ކޮޓަރީގެ ކަނެއްގައި، ޒީނަތްތެރިކޮށްފައިވާ އެއްޗެއްގެ ފުރަގަހުގައި ފޮރުވާފައިވާ އެހެން ކެމެރާއެއްވެސް ހުއްޓެވެ. މޮނިޓަރެއްގެ ކައިރީގައި ހުރި ތިންވަނަ ކެމެރާއެއްގެ ރަތްކުލައިގެ ބޮކި ހުރީ ދިއްލިފައެވެ.
ވަޝިއްޔާ ބަސްހުއްޓިފައި އެތައް އިރަކު އެ ދިމާއަށް ބަލަން އޮތެވެ. އޭނާއަށް ފެންނަމުންދާ މަންޒަރު ޤަބޫލެއް ނުކުރެވުނެވެ. އެ ކޮޓަރިއާއި، ކެމެރާތަކާއި، އެ ފާޑުގެ ވަހާއި، އޭނާ އެ އޮތް ބީރައްޓެހި އެނދަކީ ހޭލަން ބޭނުންވެފައިވާ ބިރުވެރި ހުވަފެނެއްގެ ބައިތަކެއް ފަދައެވެ. އެހެންނަމަވެސް، ހަޤީޤަތް މަޑުމަޑުން ސާފުވާން ފެށިއެވެ. ބަޔަކު ގަސްދުގައި އޭނާ މިތަނަށް ގެނައީއެވެ. ބަޔަކު އޭނާގެ ބަރަހަނާ ފޮޓޯއާއި ވީޑިޔޯ ނަގަނީއެވެ. ބަޔަކު އޭނާ ކެމެރާތަކުގެ ކުރިމަތީގައި އިއްފަތްތެރިކަން ނަގާލަން ބޭއްވީއެވެ.
އޭނާގެ އަނގައިން މަޑު އާހެއް ބޭރުވިއެވެ. ތެދުވަން ކުރި މަސައްކަތް ނާކާމިޔާބުވެ، އަނެއްކާވެސް ބާލީސް މައްޗަށް ވެއްޓުނެވެ. އޭނާގެ އަތަށް އަނެއްކާވެސް ތަދުވިއެވެ. އަތަށް ބަލާލިއިރު، އުޅަނބޮށީގެ އެތެރެފަރާތުގައި ކުޑަ ނިޝާނެއް ހުއްޓެވެ. އޭނާއަށް ހެދިގޮތެއް ނޭނގުމުގެ ބިރުވެރިކަން އެހެން ހުރިހާ ކަމަކަށްވުރެ ބޮޑުވިއެވެ.
އޭނާގެ ހަށިގަނޑުގައި އޮތް ފޮތިގަނޑު ބާރަށް އޮޅާލިއެވެ.
“ޕްލީޒް ހެލްޕް.. އެހީތެރިވެދީ..”
އޭނާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. އޭނާ އަނެއްކާވެސް ހިކިފައިވާ ކަރުތެރެއިން ބާރުލާފައި ބުންޏެވެ. “އާދޭސްކުރަން..”
އެއްވެސް ޖަވާބެއް ނުލިބުނެވެ.
*****
ދެން އިރުގަނޑެއް ފަހުން ކޮޓަރިން ބޭރުން މީހަކު ހީނލި އަޑާއެކު، ބިއްލޫރި ތަށިތަކެއް ޖެހުނު އަޑު އޭނާއަށް އިވުނެވެ. ކައިރީގައި ބަޔަކު އެބައުޅެއެވެ. ފަހަރުގައި ގިނަ ބަޔަކުވެސް ތިބެދާނެއެވެ. އެ އަޑުތަކާއެކު އޭނާގެ ހިތް ބިރުން ނުތަނަވަސްވިއެވެ.
ވަޝިއްޔާ ދޮރާ ދިމާލަށް ބަލާލިއެވެ. ދޮރު ހުރީ ލައްޕާފައެވެ. ދޮރުގެ ދަށުން ހަނި އަލިކޮޅެއް ފެންނަން ހުއްޓެވެ.
ވަޝިއްޔާ އެތަނުން ނުކުންނަން ބޭނުމެވެ. އޭނާގެ ފޯނު ބޭނުމެވެ. އޭނާ މިތަނަށް ގެނައި މީހަކު އެނބުރި އައުމުގެ ކުރިން، ކޮންމެވެސް މީހަކަށް ގުޅަން އޭނާ ބޭނުންވިއެވެ.
މިރުޒާ. ކުއްލިއަކަށް މިރުޒާގެ ސޫރަ ހިތަށް ސިފަވުމާއެކު، ވަޝިއްޔާގެ ލޮލުން ކަރުނަ ފޭދުނެވެ. އެ ހިމޭން ކެފޭއާއި، ފިނި ރޭގަނޑާއި، އޭނާ ދެއްކި ވާހަކަތައް އަޑުއަހަން މިރުޒާ އިން ގޮތް ހަނދާންވިއެވެ. އެޕާޓްމަންޓްގެ ދޮރުމަތީގައި ހުރިއިރު، މިރުޒާ އިތުރު ވަގުތުކޮޅަކަށް މަޑުކޮށްލާނެ ނަމައޭ ހިތަށް އެރި ހަނދާން އާވިއެވެ.
މިރުޒާއަށް ކަމެއް ފާހަގަވީބާވައެވެ؟ ވަޝިއްޔާ ނުރައްކަލެއްގެ ތެރޭގައިވާކަން އޭނާއަށް އިޙުސާސްވީބާވައެވެ؟
އެނދުގެ އަރިމަތީގައި ހިފޭތޯ ވަޝިއްޔާ މަސައްކަތް ކުރިއެވެ. ނަމަވެސް، އެނދުގެ އޮމާން ފޮތިގަނޑުން އޭނާގެ އިނގިލިތައް ކަހައިލިއެވެ. އޭނާގެ ހަށިގަނޑު އަދިވެސް ހުރީ އޭނާ ބޭނުންވާ ގޮތަށް ހަރަކާތް ނުކުރެވޭ ފަދަ ހާލަތެއްގައެވެ. ކޮންމެ ހަރަކާތެއް ކުރަން އުޅުމުންވެސް މުޅި ކޮޓަރި އެނބުރޭ ކަހަލަ އިޙުސާސެއް ކުރެވެއެވެ.
ދެން ވަޝިއްޔާއަށް އިވުނީ ފިޔަވަޅުތަކެއްގެ އަޑެވެ. އިމާރާތުގެ ބޭރަކުން ނޫނެވެ. އޭނާ ހުރި ކޮޓަރީގެ ދޮރުމަތިންނެވެ. ވަޝިއްޔާ ހިމޭންވިއެވެ. ދޮރުގެ ތަޅު ހަރަކާތްކުރިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދޮރު ހުޅުވުނެވެ.
އަތުން ބިއްލޫރި ތަށްޓެއް ހިފައިގެން ހުރި ފިރިހެނަކު އެތެރެއަށް ވަނެވެ. އޭނާ ހުރީ ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއްގައެވެ. އެ އަގުބޮޑު މާހައުލުގައި އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ. ވަޝިއްޔާއަށް ބަލާލުމުގެ ކުރިން އޭނާ އެތަނުގައި ހުރި ކެމެރާތަކަށް ބަލާލިއެވެ.
“އާނ، ތި ހޭލީ ދޯ؟”
ވަޝިއްޔާ އޭނާގެ ހަށިގަނޑު ނިވާކުރަން ފޮތިގަނޑު ދަމާލިއެވެ.
“ތީ ކާކު؟” އޭނާ މަޑުމަޑުން އަހާލިއެވެ.
އެ މީހާ ވަގުތުން ޖަވާބެއް ނުދެއެވެ. އޭނާގެ އަތުގައި އޮތް ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު، އެއްވެސް ހައިރާންކަމެއް ނެތް ނަޒަރަކުން ވަޝިއްޔާއަށް ބަލާލިއެވެ.
“ކިހިނެއް؟”
“މިއީ ކޮން ތަނެއް؟”
“ވަރަށް ހިމޭން ތަނެއް.”
“އަހަރެން ގެއަށް ފޮނުވާލާ.”
އޭނާ ކުޑަކޮށް ހިނިތުންވެލިއެވެ. އެކަމަކު އެއީ އެއްވެސް އުފާވެރިކަމެއް ނެތް ހިނިތުންވުމެކެވެ.
“މިރޭ ކަލޭ އެއްވެސް ތަނަކަށް ނުދާނެ.”
ވަޝިއްޔާގެ ނަޒަރު ދޮރާ ދިމާލަށް ދަތުރުކުރިއެވެ.
“އާދޭސްކޮށްފައި ބުނަން. ތިއުޅެނީ ކީއްކުރަން ކަމެއް އަހަންނަކަށް ނޭނގޭ. އަހަރެން ދިޔަދީ.”
“ކަލޭ ތި ކުރަނީ ނުބައި ސުވާލުތަކެއް.”
އެމީހާ އެނދާ ކައިރީގައި ހުރި ކެމެރާއާ ދިމާލަށް ގޮސް، އޭގެ މިސްރާބު ކުޑަކޮށް ބަދަލުކޮށްލިއެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ބަލަހައްޓައިގެން ހުރި ވަޝިއްޔާގެ ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ.
“އެއީ ކީއްކުރާ އެއްޗެއް؟” ވަޝިއްޔާ އެހިއެވެ.
އެ މީހާ އެ ސާމާނުތަކަށް ބަލާލުމަށްފަހު އަނެއްކާވެސް ވަޝިއްޔާއަށް ބަލާލިއެވެ.
“މާ ގިނަ ސުވާލު ނުކުރޭ. ކަލޭ ތި ހުރީ ސުވާލުކުރާ މަގާމަކު ނޫން.”
“އަހަރެން މިތަނަށް ގެނައީ ކީއްވެ؟”
އޭނާ ފޫހިވެފައިވާ ފަދަ ގޮތަކަށް ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ކަލޭ މިތަނަށް ގެނައުމަށްޓަކައި ބަޔަކު ވަނީ ވަރަށް ބޮޑު މަސައްކަތެއް ކޮށްފައި. ކަންތައްތައް އުނދަގޫ ނުކުރޭ.”
އެ ބަސްތަކުން ވަޝިއްޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. “ކާކު؟”
އޭނާ ވަގުތުކޮޅަކަށް ވަޝިއްޔާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ވަގުތު ޖެހުނީމާ އެކަން އެނގޭނެ.”
އޭނާ ދޮރާ ދިމާލަށް އެނބުރުނެވެ.
“މަޑުކުރޭ!” ވަޝިއްޔާ ބާރަށް ބުނަން އުޅުނު ނަމަވެސް، އޭނާގެ އަޑު ބެދި ކަރުކެހިގަނެވުނެވެ. “އާދޭސްކޮށްފައި ބުނަން، އަހަރެން މިތަނަށް އެކަނި ދޫކޮށްލާފައި ނުދޭ.”
އޭނާ މަޑުކޮށްލިއެވެ. އޭނާގެ އަތް އޮތީ ދޮރުގެ ތަޅުގައެވެ. ކުޑަ ހިނދުކޮޅަކަށް، އޭނާ އެނބުރި ބަލާލައި އިންސާނިއްޔަތުކަމުގެ ކުޑަވެސް ކުލަވަރެއް ދައްކާފާނެ ކަމަށް ވަޝިއްޔާއަށް ހީވިއެވެ. ނަމަވެސް، އޭނާ ހަމައެކަނި ފަސް އެނބުރި ބަލާލީއެވެ.
“ވަޝިއްޔާ، ކަލޭ ވަގުތު ހޭދަކުރާ މީހުންނާމެދު މިއަށްވުރެ ބޮޑަށް ސަމާލުވާންވާނެ.”
ވަޝިއްޔާގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނާއަށް ވަޝިއްޔާގެ ނަން އެނގެއެވެ. އޭނާއަކީ ކާކުކަން އެ މީހާއަށް އެނގެއެވެ. ކުއްލިއަކަށް، މިއީ ހަމައެކަނި އިއްތިފާޤުން ދިމާވި ބިރުވެރި ހުވަފެނެއް ނޫންކަން އޭނާއަށް ޔަގީންވިއެވެ. އޭނާ ރަހީނުކުރި މީހުންނަށް އޭނާއާ ބެހޭގޮތުން އެނގެންޖެހޭ ހުރިހާ މަޢުލޫމާތެއް އެނގެއެވެ.
“ކަލެއަށް އަހަރެންގެ ނަން އެނގުނީ ކިހިނެއް؟” އޭނާ މަޑުމަޑުން އަހާލިއެވެ.
އެ މީހާ އެއްވެސް ޖަވާބެއް ނުދެއެވެ. ދޮރު ލެއްޕުނެވެ. ބޭރުން ތަޅުލި އަޑު އިވުނެވެ. ގުޑިލަންވެސް ނޭނގިފައި ވަޝިއްޔާ އެ ދޮރާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. ދެން އޭނާގެ ނަޒަރު އެނބުރުނީ ކެމެރާތަކަށެވެ. އޭގައިވާ ކުޑަ ރަތް ބޮކި އަދިވެސް ހުރީ ދިއްލިފައެވެ. އޭނާ ހޭލީއްސުރެ ފުރަތަމަ ފަހަރަށް، އެ ކެމެރާތަކަކީ އިއްތިފާގުން އެތަނުގައި ހުރި އެއްޗެއް ނޫންކަން އޭނާއަށް ވިސްނުނެވެ. ކޮންމެވެސް މީހަކު ބޭނުންވަނީ އޭނާ އެތަނުގައި ހުރިކަމުގެ ހެކި ރެކޯޑުކުރާށެވެ. މިއީ ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެކެވެ. އަދި ކޮންމެވެސް ތަނެއްގައި، ކޮންމެވެސް މީހަކު އިންތިޒާރު ކުރަމުން އެބަދެއެވެ.
(ނުނިމޭ)
