ދުވަސް ފަށާއިރު ވަރަށް އުފާވެރިކޮށް ހުރެފައި، ހުރިހާ ކަމަކާ ޝަކުވާކުރާ މީހަކާއެކު ގަޑިއެއްހާއިރު ހޭދަކޮށްލުމުން، ނަފްސާނީ ގޮތުން ވަރުބަލިވެފައިވާކަމުގެ އިޙުސާސް ކުރެވުނު ހެއްޔެވެ؟ އެމީހެއްގެ ނޭދެވޭ މިޒާޖު ތިބާގެ ކިބައިގައި އަށަގަތް ފަދަ އިޙުސާސެއް ކުރެވުނު ހެއްޔެވެ؟ ނަފްސާނީ ޢިލްމުގައި މިކަމަށް ކިޔަނީ “އިމޯޝަނަލް ކޮންޓޭޖަން” އެވެ. މިއީ މީހުންގެ އިޙުސާސްތަކާއި އުޅުމުގެ އަސަރު އެމީހެއްގެ ވަށައިގެން ތިބޭ މީހުންނަށް ފޯރުމެވެ.
މޫނުމަތީގެ ކުލަވަރާއި، ހަށިގަނޑުގެ ހަރަކާތްތަކާއި، ވާހަކަދައްކާ ރާގާއި، އާންމު މުއާމަލާތްތަކުގެ ތެރެއިން، މީހުންނަށް ނޭނގި ނަމަވެސް އެކަކު އަނެކެއްގެ އިޙުސާސްތައް ކޮޕީކުރެވެއެވެ. ދެކޮޅުވެރިކަމާއި، މާޔޫސްކަމާއި، އަބަދު ފާޑުކިޔުމުގެ ތެރޭގައި ގިނަގިނައިން އުޅެންޖެހުމަކީ އަހަރެމެންގެ މިޒާޖާއި، ދުނިޔެއާމެދު ދެކޭގޮތާއި، ނަފްސާނީ ދުޅަހެޔޮކަމަށް މަޑުމަޑުން އަސަރުކުރާނެ ކަމެކެވެ.
އެރިޒޯނާ ސްޓޭޓް ޔުނިވަރސިޓީގެ ބެރެޓް މިކަލެކް އަދި ޗޭޑް އީ. ފޯބްސް ހިމެނޭހެން ތައްޔާރުކޮށް، 2025 މޭ 30 ގައި “ފްރޮންޓިއަރސް އިން ސައިކޮލޮޖީ” މަޖައްލާގައި ޝާއިއުކުރި ޢިލްމީ ދިރާސާއެއްގައި، މި މައުޟޫއާ ގުޅޭ 277 މަޒުމޫނެއް ވަނީ ދިރާސާކޮށްފައެވެ. މީގެ ކުރިން، 2014 ޖޫން 17 ގައި “ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސް” ގައި އާދަމް ޑީ.އައި. ކްރޭމަރާއި، ޖޭމީ އީ. ގިލޮރީ އަދި ޖެފްރީ ޓީ. ހެންކޮކް ޝާއިއުކުރި ފާހަގަކޮށްލެވޭ ދިރާސާއެއްގައި 689،003 ފޭސްބުކް ބޭނުންކުރާ މީހުން ބައިވެރިކުރިއެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި، އިންޓަނެޓްގައި ފެންނަ އުފާވެރި ނުވަތަ ދެރަވާ ފަދަ ވާހަކަތަކުގެ ސަބަބުން، މީހުން އަމިއްލައަށް ލިޔާ ލިޔުންތަކަށް ވެސް އެ އަސަރުތައް ފޯރައެވެ.
މި ނޭދެވޭ އަސަރުތައް އާއިލާތަކާއި، ރަހުމަތްތެރިކަމާއި، ކައިވެނީގެ ގުޅުންތަކާއި، ވަޒީފާގެ މާހައުލުން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. މެދުނުކެނޑި ޝަކުވާކުރުމާއި، ޒުވާބުކުރުމާއި، ނޭދެވޭ ވާހަކަތައް ދެއްކުމަކީ ނަފްސާނީ ގޮތުން ވަރުބަލިކޮށްލާ މާހައުލެއް އުފެދޭ ކަމެކެވެ. ނަމަވެސް، މީގެ މާނައަކީ ހިތްހަމަނުޖެހިފައި ހުންނަ ކޮންމެ މީހަކީ ގޯސް މީހެއް ނުވަތަ އެމީހަކާ ދުރުވާންޖެހޭ މީހެއް ނޫނެވެ. ބައެއް ފަހަރު މީހުންނަށް ދިމާވާ ދަތި ހާލަތްތަކުގެ ސަބަބުން ނުވަތަ ދިރިއުޅުމުގެ އުނދަގޫ މަރުހަލާއެއްގައި ހުރުމުން އެފަދަ އަސަރުތައް ފެނިދާނެއެވެ. މިއަދު އެމީހުން އަހަރެމެންގެ އެހީތެރިކަމަށް ބޭނުންވާއިރު، މާދަމާ އަހަރެމެން ވެސް އެފަދަ އެހީތެރިކަމަކަށް ބޭނުންވެދާނެއެވެ.
އެކުވެރިންނާއި ބައިވެރިން އިޚްތިޔާރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން އިސްލާމްދީނުގައި ރިވެތި އިރުޝާދެއް ދެއްވާފައިވެއެވެ. އެއީ ހެޔޮލަފާ އެކުވެރިޔަކީ ސެންޓު ވިއްކާ މީހަކާ އަދި ގޯސް އެކުވެރިޔަކީ ކަނބުރުވެރިއަކާ މިސާލު ޖައްސަވާފައެވެ. މިއީ އަހަރެމެންގެ ވަށައިގެން ތިބޭ މީހުންގެ ސަބަބުން އަހަރެމެންނަށް ކުރާނެ އަސަރު ބަޔާންކޮށްދެއްވުމަށެވެ. އަދި ދެބައޮޑުވުމާއި، ޣީބަބުނުމާއި، މަލާމާތްކުރުމާއި، މީހުންގެ ހިތުގައި ޖެހޭ ފަދަ ވާހަކަތަކުން ދޫ ރައްކާތެރިކުރުމަށް އިސްލާމްދީން ބާރުއަޅުއްވައެވެ.
މުހިންމު ކަމަކީ، ނަފްސާނީ އަސަރުތައް ދެކޮޅަށް ވެސް ފޯރާކަމެވެ. ހިތްހެޔޮކަމާއި، ޝުކުރުވެރިވުމާއި، ހިތްވަރު ދިނުމާއި، ހިނިތުންވުމަކީ ވެސް ފެތުރިގެންދާ، ގުޅުންތައް ބަދަހިކޮށްދޭ ކަންކަމެވެ. ތިބާގެ ސަބަބުން އެހެން މީހުންގެ ހިތަށް ލުއިކަން ލިބޭ މީހަކަށް ވުމަށް ތަސައްވަރު ކުރާށެވެ.
އަމިއްލަ ނަފްސުގެ ހަމަޖެހުން ރައްކާތެރިކުރުމަކީ ދަތި ހާލުގައި ތިބޭ މީހުން ދޫކޮށްލުމެއް ނޫނެވެ. އަދި ގޯސްކޮށް ކަންތައް ކުރުމަށް ފުރުސަތު ދިނުމެއް ވެސް ނޫނެވެ. އޭގެ މާނައަކީ އަމިއްލަ ނަފްސަށް ގެއްލުން ނުވާނެ ފަދަ ހުދޫދުތަކެއް ކަނޑައަޅައިގެން، އަނެކުންނަށް އަޅާލުމެވެ. އެހެން މީހުންގެ ޝަކުވާތަކުގެ ސަބަބުން އަމިއްލަ ނަފްސުގެ ހަމަޖެހުން ގެއްލުވައިނުލައި، އެމީހުންގެ ވާހަކަތައް އަޑުއަހައި، އެމީހުންނަށް ހެޔޮ ދުޢާކޮށް ހެޔޮ އެދެވިދާނެއެވެ.
އަހަރެމެން އަމިއްލަ ނަފްސާ މި ސުވާލު ކޮށްލުން މުހިންމެވެ. އަހަރެމެންނާއެކު ވަގުތު ހޭދަކުރުމަށްފަހު އެހެން މީހުންނަށް ކުރެވެނީ ކޮން ކަހަލަ އިޙުސާސެއް ހެއްޔެވެ؟ އެމީހުން ދަނީ ހިތްވަރު ލިބިގެން ހިތްހަމަޖެހިފައި ހުރެގެން ހެއްޔެވެ؟ ނުވަތަ އަހަރެމެންގެ ވާހަކަތަކުގެ ސަބަބުން ނަފްސާނީ ގޮތުން ވަރުބަލިވެގެން ހެއްޔެވެ؟
އަހަރެމެންގެ ވަށައިގެން ތިބޭ މީހުންގެ މިޒާޖު އަބަދު ކޮންޓްރޯލެއް ނުކުރެވޭނެއެވެ. ނަމަވެސް އެމީހުންގެ ދިރިއުޅުމަށް އަހަރެމެން ފޯރުކޮށްދޭނީ ކޮން އަސަރެއްކަން އިޚްތިޔާރު ކުރެވިދާނެއެވެ. ދުނިޔޭގައި ޝަކުވާތައް މަދެއް ނޫނެވެ. އަހަރެމެން އެންމެންނަކީ ވެސް ހިތްހެޔޮކަމާއި، ކެތްތެރިކަމާއި، ޝުކުރުވެރިކަމާއި، އުންމީދު ފަތުރާ ބަޔަކަށް ވަމާ ހިނގާށެވެ.
