ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 34
މުނިއަވަސް ގްރެފިކްސް

ވަޝިއްޔާ ރަހީނުކުރުން

ކޮލަމްބޯގައި އުޅެމުންދިޔަ މިރުޒާއަށް އޭނާ ވަރަށް ފަރުވާތެރިކަމާއެކު ދަމަހައްޓަމުން އައި ގުޅުންތަކަކީ އޭނާ ހީކުރިހާ ރައްކާތެރި އެއްޗެއް ނޫންކަން އިޙުސާސްވާން ފެށިއެވެ.

ފުރަތަމަ ފޮނުވި ފޮޓޯއަށްފަހު ކުރު ވީޑިއޯއެއް އައެވެ. އޭގެ ފަހުން ލިބުނު މެސެޖުތަކުން ސާފުވި ގޮތުގައި، ވަޝިއްޔާ ރަހީނުކޮށްގެން އުޅޭ ބަޔަކަށް މިރުޒާގެ ހަރަކާތްތަކާ ބެހޭގޮތުން އޭނާ ހީކުރިވަރަށްވުރެ މާ ބޮޑަށްވެސް މަޢުލޫމާތު އެނގެއެވެ.

އޭނާ މިހާރު ވަނީ އެ އިންޒާރުތަކުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅައި، ލިބެން ހުރި ހެކިތައްވެސް ހަވާލުކޮށްފައެވެ. ހަމައެއާއެކު، އޭނާގެ ދަންނަ މީހުން މެދުވެރިކޮށް، އެކަން ކުރާ ބަޔަކާއި އެމީހުން ތިބި ތަނެއް ހޯދުމުގެ މަސައްކަތްވެސް ދިޔައީ ކުރަމުންނެވެ. ނަމަވެސް، އާ ކަމެއް އެނގޭ ކޮންމެ ފަހަރަކު، ހިތްނުތަނަވަސްވާ ފަދަ އާ ސުވާލުތަކެއް އުފެދެއެވެ.

އޭނާގެ އަމިއްލަ އެޕާޓްމަންޓްގެ ކަންކަން ހުންނަ ގޮތް ކޮންމެވެސް ބަޔަކަށް އެނގެއެވެ. އޭނާ ރާވާ ބައްދަލުވުންތަކުގެ މަޢުލޫމާތު ކޮންމެވެސް ބަޔަކަށް އެނގެއެވެ. ވަޝިއްޔާއާއެކު އޭނާ ކުރާ ދަތުރުފަތުރުގެ ތަފްސީލުވެސް ކޮންމެވެސް ބަޔަކަށް އެނގެއެވެ. އަދި ވަޝިއްޔާ ގެއްލުވާލުމުގެ ފުރުސަތު އޮތް މިންވަރަށް އޭނާގެ ދިރިއުޅުމުގެ ތެރެއަށް ވަދެފައިވާ ބަޔަކު އެބައުޅެއެވެ.

އެރޭ އިބްރާހީމް އޭނާގެ އޮފީހަށް އައެވެ.

އޭނާއަށް ފެނުނީ މިރުޒާ ކުޑަދޮރު ކައިރީގައި ފޯނަށް ބަލަހައްޓައިގެން ހުއްޓައެވެ. “އެއްވެސް ޚަބަރެއް ލިބިއްޖެތަ؟”

މިރުޒާ ބޯ ހޫރާލިއެވެ. “އެމީހުން އަނެއްކާވެސް ވީޑިއޯއެއް ފޮނުވައިފި.”

އިބްރާހީމް އޭނާއަށް ބަލައިލިއެވެ. “އޭނާގެ ވީޑިއޯއެއްތަ؟”

މިރުޒާ ބޯ ޖަހާލިއެވެ. އިރުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެ މަޑުން ތިއްބެވެ.

ދެން އިބްރާހީމް ބުންޏެވެ. “ކަލޭ ކަމެއް ދަންނަން އެބަޖެހޭ. މިއީ ހަމައެކަނި ވިޔަފާރީގެ މައްސަލައެއް ނޫން.”

މިރުޒާ އެނބުރި ބަލައިލިއެވެ. “އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ.”

“ނޫން، ކަލެއަކަށް ނޭނގޭ. ކަލޭ ދަންނަ މީހުން ނޫން ބައެއްގެ މެދުގައިވެސް ކަލޭގެ ދުޝްމަނުން އެބަތިބި. ކަލޭ އެހެން މީހުންގެ ފުރުސަތުތައް އަތުލައި، އަމިއްލަ މަސްލަހަތުތައް އިސްކޮށް، ފަހަތަށް ޖައްސާލެވެނީ ކާކުކަން ބެލުމެއް ނެތި ކުރިއަށް ދިޔައީ.”

“އެކަމަކު އޭގެ މާނައަކީ އޭނާއަށް މިފަދަ ކަމެއް ކުރުމުގެ ޙައްޤު އެއްވެސް މީހަކަށް އޮތުމެއް ނޫން.”

މިވެސް ކިޔާލަން:  ރިހި މަސްތު – ޗެޕްޓަރ 28

“އާނ. ތިޔައީ ތެދެއް.” އިބްރާހީމް މަޑުކޮށްލިއެވެ. “އެކަމަކު މީހަކު ކަލެއަށް އަނިޔާއެއް ދޭން ބޭނުންވާ ސަބަބު ނޭނގޭ ކަމަށް ނުހެދޭ.”

އެ ވާހަކައިން މިރުޒާގެ ހިތަށް އަސަރުކުރިއެވެ. އޭނާ ދުރަށް ބަލައިލިއެވެ. ފައިސާގެ ދަތިކަމުގައި އޭނާގެ ކައިރިއަށް އައި މީހުންނާއި، އޭނާ ބާއްވާ ހަފުލާތަކަށް ވަންނަން ބޭނުންވި ޒުވާނުންނާއި، މަސްތުވާތަކެއްޗާ ބެހޭގޮތުން ސުވާލުކުރި އާ މީހުންނާއި، ހުރިހާ ކަމެއް ފުރިހަމައަށް އިންތިޒާމުކުރަން އެނގޭ މީހުންގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް އައެވެ. އެމީހުންގެ ކަންބޮޑުވުންތަކަށް އޭނާ ފަރުވާކުޑަކޮށްލި ގޮތް ހަނދާންވިއެވެ. ކޮންމެވެސް ދުވަހަކުން މީހަކު އެމީހުންގެ އެ ދުނިޔެ ބޭނުންކޮށްގެން އޭނާއާ ހަމައަށް ފޯރާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.

އިބްރާހީމްގެ އަޑު މަޑުކޮށްލިއެވެ.

“އޭނާ ހޯދާ. އެކަމަކު ދެން އިތުރު ބޭކާރު ނިންމުމެއް ނުނިންމާތި. މިކަމުގެ ފަހަތުގައި ތިބި ބަޔަކު ބޭނުންވަނީ ކަލޭ ގޮތް ހުސްވެގެން ކޮންމެވެސް ކަމެއް ކުރަން.”

މިރުޒާ އޭނާގެ ފޯނު ނެގިއެވެ. “އެމީހުން ބޭނުންވި ކަންތައް މިހާރުވެސް އެވަނީ ހާސިލުވެފައި.”

“އެއީ ކޮން ކަމެއް؟”

އެންމެ ފަހުން ލިބުނު ފޮޓޯއަށް ބަލަހައްޓައިގެން ހުރެ މިރުޒާ ބުންޏެވެ.

“އެމީހުން އަހަރެން ބިރުގަންނުވާލައިފި.”

*****

ވަޝިއްޔާ ބަންދުކޮށްފައި ހުރި ސިއްރު ތަނުގެ މާހައުލަށް ކުއްލި ނުތަނަވަސް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އެތާ ތިބި މާސްކު އެޅި ފިރިހެނުންތައް ކޮންމެވެސް ކަމަކަށް ތައްޔާރުވަމުން ދިޔައެވެ. އަވަސް އަރުވާލާފައެވެ.

ކޮޓަރި ބޭރުން މީހުން ވާހަކަދައްކާ އަޑާއި، މަދުމަދުން އިވޭ ހިނިގަނޑުގެ އަޑުގެ އިތުރުން ސާމާނުތައް ހަލުވައި ހަދާ އަޑު ވަޝިއްޔާއަށް އިވެމުންދިޔައެވެ. އަންހެނަކު ކޮޓަރިއަށް ވަދެ، އެނދު ކައިރީގައި ފެންފުޅިއެއް ބެހެއްޓިއެވެ. ނަމަވެސް އެ އަންހެންމީހާ ވަޝިއްޔާއާ ހަތަރުކަޅި ހަމަކުރުމުން ދުރުހެލިވިއެވެ.

“އާދޭސްކޮށްފައި ބުނެދީ.” ވަޝިއްޔާ މަޑުމަޑުން ބުންޏެވެ. “މިއީ ކޮން ތަނެއްކަން ބުނެދެވިދާނެތަ؟”

އެ އަންހެންމީހާ އެއްވެސް ޖަވާބެއް ނުދެއެވެ.

“އަހަރެން ހޯދަން އެއްވެސް މީހަކު އުޅޭތަ؟”

ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު، އެ އަންހެންމީހާ މަޑުމަޑުން ޖަވާބުދިނެވެ. “އާނ.”

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 27

ވަޝިއްޔާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. “އެއީ ކާކު؟”

އެ އަންހެންމީހާ ދޮރާ ދިމާއަށް ބަލައިލިއެވެ. “މީހަކު އެބަ ހޯދާ.”

“މިރުޒާ؟”

އެ އަންހެންމީހާ އެއްވެސް ޖަވާބެއް ނުދިނެވެ. ވަޝިއްޔާ އޭނާއާ ދިމާއަށް އަތްދިއްކޮށްލިއެވެ.

“އަޅެ ޕްލީޒް އަހަރެން މައިންބަފައިން އަހަރެން ހޯދާނެ. އަހަރެން ހުރި ވާހަކަ ބުނެދީ. މިމީހުން އަހަންނަށް އަނިޔާކުރާ ވާހަކަ ބުނެދީ. އަހަރެން މިތަނުން ސަލާމަތްކޮށްގެން ނެރެން ބުނެދީ.”

އެ އަންހެންމީހާގެ ލޯ ވަޝިއްޔާގެ ލޮލާ ސީދާވިއެވެ. “މިކަމުގެ ތެރެއަށް އަހަންނަކަށް ނުވަދެވޭނެ.”

“އަޅެ ހެޔޮނުވާނެ އާދޭސްކުރަން.”

އެ އަންހެންމީހާ އޭނާގެ އަޑު ދަށްކޮށްލިއެވެ. “އެމީހުން މިތާ ތިބޭއިރު ދައްކާ ވާހަކައަށް ސަމާލުވޭ.”

އެހެން ބުނުމަށްފަހު އޭނާ ނުކުމެގެން ހިނގައްޖެއެވެ.

ވަޝިއްޔާ އެ ފެންފުޅި އޭނާގެ މޭގައި ޖައްސާ ބާރުކޮށްލިއެވެ. އެއީ ކުޑަ މައުލޫމާތުކޮޅެއް ނަމަވެސް، އެކަމުން އޭނާއަށް އުންމީދެއް ލިބުނެވެ. ބޭރު ދުނިޔެ އޭނާގެ މަތިން ހަނދާން ނުނެތޭކަމުގެ އިޙުސާސް ކުރެވުނެވެ.

ކޮޓަރިއަށް ވަންނަ މީހުންގެ ކޮންމެ ތަފްސީލެއް ހަނދާންކުރަން އޭނާ މަސައްކަތް ފެށިއެވެ. އެމީހުންގެ އަޑާއި، ވާހަކަދައްކާ ގޮތާއި، އެމީހުން ބޭނުންކުރާ ނަންތަކުގެ އިތުރުން ފާރުން ބޭރުން އިވޭ އަޑުތަކަށް އޭނާ ސަމާލުކަން ދިނެވެ.

ވަޝިއްޔާއަކީ އަބަދުވެސް ކަންކަމަށް ވަރަށް ފަރުވާތެރިވާ މީހެކެވެ. މި ނުރައްކާތެރި ވަގުތުގައި އޭނާ ސަލާމަތްވުމަށްޓަކައި، އޭނާގެ ކިބައިގައި ހުރި އެ ހުޝިޔާރުކަން ބޭނުންކުރަން ޖެހޭނެކަން އޭނާއަށް ވިސްނުނެވެ.

*****

މި އޮޕަރޭޝަންގެ ފަހަތުގައި ހުރި އެންމެ އިސް މީހާއަށް އޭނާގެ ބައިވެރިއެއްގެ ފޯނެއް އައެވެ.

“މިރުޒާ ފުލުހުންގެ އެހީތެރިކަން ހޯދަން ފަށައިފި.”

އޭނާގެ މޫނުމަތިން އެއްވެސް ހައިރާންކަމެއް ނުފެނެއެވެ.

“އެއީ އުންމީދު ކުރި ކަމެއް.”

“އޭނާގެ އަމިއްލަ ނެޓްވޯކްގައި ހިމެނޭ މީހުންނާވެސް ސުވާލުކުރަމުން އެބަދޭ.”

“ކުރިޔަށް ގެންދަން ދޫކޮށްލާ.”

“ބާކީ ހުރި ފޮޓޯތައް އޭނާއަށް ފޮނުވަންވީތޯ؟”

އެ މީހާ އިރުކޮޅަކު ވިސްނާލިއެވެ.

“އަދި މަޑުކޮށްލާ. އޭނާއަށް މެސެޖެއް ފޮނުވާ.”

އޭނާ ފޮނުވަންވީ ބަސްތައް ކިޔައިދިނެވެ.

“ކަލޭގެ ދިރިއުޅުމުގެ އެތައް އަހަރެއް ހޭދަކުރީ، އެމީހުންނަށް ނޭނގޭ ނުރައްކާތެރި ދުނިޔެއެއްގެ ތެރެއަށް ކުށެއް ނެތް މީހުން ވައްދައިގެން. އެމީހުންގެ ދިރިއުޅުން ބަރުބާދުވަމުން ދިޔައިރު، ކަލޭ ދިޔައީ ފައިސާ ހޯދަމުން. މިއަދު ކަލޭ ލޯބިވާ މީހަކަށް އެ ކުރިމަތިވަނީ ކަލޭ އަމިއްލައަށް އުފެއްދި ދުނިޔޭގެ ނަތީޖާ.”

މިވެސް ކިޔާލަން:  ރިހި މަސްތު - ޗެޕްޓަރ 13

އޭނާ މަޑުޖެހިލިއެވެ. “ތިޔަ މެސެޖު ފޮނުވާ.”

އޭނާގެ ބައިވެރިޔާ ކުޑަކޮށް ޖެހިލުންވިއެވެ.

“ކަލެއަށް ހީވޭތަ އޭނާއަށް މީގެ މާނަ ވިސްނޭނެހެން؟”

އެ މީހާ ހިތްހަމަނުޖެހިފައި ހުރެ ހީނލިއެވެ.

“މިރުޒާއަށް ފައިސާގެ މާނަ ވިސްނޭނެ. ބާރާއި ނުފޫޒުގެ މާނަވެސް އެނގޭނެ. އޭނާގެ އަމިއްލަ މަސްލަހަތަށް ނުރައްކާވުމުން ބިރުވެސް ގަންނާނެ. އެކަމަކު އޭނާއަށް ދުވަހަކުވެސް ނުވިސްނޭ ކަމަކީ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ކުޅަދާނަކަން ނެތް ނިކަމެތި މީހުން އުފުލި ތަދާއި ވޭން.”

އޭނާ ދޮރާ ދިމާއަށް ބަލާލިއެވެ. “މިހާރު އެކަން ދަސްކުރަންވީ ސަބަބެއް އޭނާއަށް އެބައޮތް.”

*****

އެރޭ މިރުޒާއަށް އެ މެސެޖު ލިބުނެވެ. އޭނާ އެތައް ފަހަރަކު އެ މެސެޖު ކިޔެވެ. އެ ބަސްތަކަކީ ހަމައެކަނި އިންޒާރެއް ނޫނެވެ. އެއީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތެކެވެ. އަދި އެ އަނިޔާވެރި ބަސްތަކުގެ ފަހަތުގައިވާ ހަޤީޤަތް އޭނާގެ އަމިއްލަ މާޒީން ޤަބޫލުކުރަން މަޖުބޫރުވިއެވެ.

އޭނާ އެތައް އަހަރެއް ހޭދަކުރީ، ނުރައްކާތެރި ސިނާއަތެއްގައި މަސައްކަތްކުރާ ހަމައެކަނި ވިޔަފާރިވެރިއެއް ކަމަށް އަމިއްލައަށް ޤަބޫލުކޮށްގެންނެވެ. އޭނާގެ ސަބަބުން މަސްތުގެ ދުނިޔެއަށް ވަދެ ހަލާކުވި މީހުންނާއި، އެމީހުންގެ އާއިލާތަކުން އުފުލި ތަކުލީފުތަކާމެދު ވިސްނުމެއް ނެތިއެވެ. އޭނާ އެކަމަށް ކީ ނަމަކީ “ވިޔަފާރި” އެވެ. އެކަމަކު އެހެން މީހަކު އެކަން ސިފަކުރީ އޭގެ އަސްލު މާނައިގައެވެ. އެއީ ފެތުރެމުންދާ ގެއްލުންދެނިވި ސިލްސިލާއެކެވެ.

އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އެއީ ނުދަންނަ ނަންބަރެކެވެ. އޭނާ ވަގުތުން ފޯނަށް ޖަވާބު ދިނެވެ. “އޭނާ ކޮބައިތަ؟”

އެކޮޅުން އިވުނީ ހަމަޖެހިފައިވާ، ކޮންމެވެސް ވަރަކަށް މަލާމާތުގެ ރާގަކަށް ވާހަކަދެއްކި މީހެއްގެ އަޑެވެ.

“ވަގުތުން އަސްލު މައުޟޫއަށް. ތިޔަ ގޮތް އަހަންނަށް ކަމުދޭ.”

“ކަލޭ ތީ ކާކު؟” މިރުޒާ ވަރަށް ބާރަށް އަޑުގަދަކޮށް ސުވާލު ކުރިއެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top