ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްޓެލްކޯ ދެވަނަ މެޗުން ވެސް މޮޅުވެއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 ފިރިހެން ޑިވިޝަންގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ކުޅުނު ދެވަނަ މެޗުން ވެސް އެ ޓީމު މޮޅުވިއިރު، މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

އިއްޔެ ހަވީރާއި ރޭ ވަނީ މި ޑިވިޝަންގެ ތިންވަނަ މެޗާއި ހަތަރުވަނަ މެޗު ކުޅެފަ އެވެ.

ތިންވަނަ މެޗުގައި ބައްދަލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. މިއީ ސްޓެލްކޯގެ ދެވަނަ މެޗު ނަމަވެސް މޯލްޑިވްސް ޕޮލިސްގެ ފުރަތަމަ މެޗެވެ.

ފުރަތަމަ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރި ސްޓެލްކޯ މި މެޗު ވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ އެއްވެސް ސެޓެއްގައި އެއްވެސް ޓީމަކަށް ތަފާތު ބޮޑު ލީޑެއް ނެގިފައެއް ނުވެ އެވެ. ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްޓެލްކޯއިން މި މެޗުގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ 25-19 އިން ނެވެ.

ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ސެޓްގައި މޯލްޑިވްސް ޕޮލިސްގެ ފަރާތުން ފެނުނު ނަމަވެސް، ސެޓް ނިންމުމުގެ ފުރުސަތެއް އެ ޓީމަކަށް ނުލިބުނެވެ. ވާދަވެރިކޮށް ދިޔަ މި ސެޓް ސްޓެލްކޯ ކާމިޔާބުކުރީ 25-23 އިން ނެވެ. ތިންވަނަ ސެޓްގައި ވެސް ފެނުނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. މި ސެޓް ސްޓެލްކޯ ކާމިޔާބުކުރީ 25-20 އިން ނެވެ.

މިވެސް ކިޔާލަން:  އެމްއޭސީއެލް އާއި ޕޮލިސް ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފި  

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ އަލީ ޝިމާލް އެވެ.

ހަތަރުވަނަ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އާއި އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. މިއީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލައިލާއިރު، މިއީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗެކެވެ.

ތިން ސެޓް އެއް ސެޓުން އެމްއޭސީއެލް ކާމިޔާބުކުރި މި މެޗުގައި ދެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުގެ ފުރަތަމަ ސެޓް 25-18 އިން އެމްއޭސީއެލް ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓް 17-25 އިން ކާމިޔާބުކުރީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އެވެ. ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ވާދަވެރިކޮށް ބޮޑުވި ތިންވަނަ ސެޓްގައި އެމްއޭސީއެލް ވަނީ ފުރަތަމަ ސެޓްގައި ދެއްކި ފަދަ މޮޅު ކުޅުމެއް ދައްކައި 25-20 އިން ތިންވަނަ ސެޓް ކާމިޔާބުކޮށްފަ އެވެ. ވާދަވެރިކަން އެންމެ ބޮޑުވާނެކަމަށް ބެލެވުނު ހަތަރުވަނަ ސެޓް އެމްއޭސީއެލް ކާމިޔާބުކުރީ 25-21 އިން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޭސީއެލްގެ އިސްމާއިލް އާރިފް އެވެ.

މި މުބާރާތުގެ ދެ މެޗު މިއަދު ވެސް އޮންނާނެ އެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަންގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯރޓްސް އެންޑް ފިޓްނަސް އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ.

މިވެސް ކިޔާލަން:  ސްޓެލްކޯ އާއި އެޑިޔުކޭޝަން ފެށީ މޮޅަކުން
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top