ތައިވާނުގެ ސައިންސްވެރިންގެ ޓީމަކުން، ބޮލުން އިސްތަށި ފައިބައި ތަލަވުމުގެ މައްސަލައަށް އިންގިލާބީ ފަރުވާއެއްގެ ގޮތުގައި ބެލެވޭ ޚާއްޞަ ސީރަމެއް އުފައްދައިފިއެވެ. ފެޓީ-އެސިޑް އެކުލެވޭ މި ސީރަމް ބޭނުންކުރުމުން އެންމެ 20 ދުވަހުގެ ތެރޭގައި އަލުން އިސްތަށި ފަޅުވައިދޭ ކަމަށް ދިރާސާތަކުން ވަނީ ދައްކައިފައެވެ.
މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ތައިވާނުގެ ސައިންސްވެރިންގެ ޓީމަކުންނެވެ. އެ ބޭފުޅުން ވަނީ ބޮލުގެ ހަމުގައި އުނގުޅާ މި ސީރަމް ތައްޔާރުކޮށް، ތަހުލީލުތައް ފަށާފައެވެ. ސައިންސްވެރިން ހާމަކުރި ގޮތުގައި، މި ސީރަމަކީ ބޮލުގެ ހަމުގައިވާ އިސްތަށި ފަޅާ ބިތްތައް (ހެއަރ ފޮލިކަލްސް) އަލުން ދިރުވައި، އިސްތަށި ހެދިބޮޑުވުމުގެ މަރުހަލާ އަވަސްކޮށްދޭ ގުދުރަތީ ފެޓީ-އެސިޑްތަކެއް އެކުލެވޭ އެއްޗެކެވެ.
މި ތަހުލީލުތަކުން ދެއްކި ގޮތުގައި، ތަލަވެފައިވާ ސަރަހައްދުތަކުގައި މި ސީރަމް ގަވާއިދުން ބޭނުންކުރުމުން، 20 ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އައު އިސްތަށި ފަޅައި، އިސްތަށިތައް ވަރުގަދަވާން ފަށައިފައެވެ. މިއީ މިހާތަނަށް ތަލަވުމަށް ހޯދުނު އެންމެ އަވަސް އަދި ނަތީޖާ ރަނގަޅު އެއް ފަރުވާ ކަމަށް ސައިންސްވެރިން ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ފިރިހެނުންނާއި އަންހެނުންނަށް ދިމާވާ ތަލަވުމުގެ މައްސަލައަކީ ގިނަ ބައެއްގެ އިތުބާރާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެކެވެ. މިހާރު ބާޒާރުގައި ހުންނަ ފަރުވާތަކަކީ އެދެވޭ ނަތީޖާއެއް ފެންނަން ގިނަ ދުވަސް ނަގާ، އަދި ބައެއް ފަހަރު ނޭދެވޭ އަސަރުތައް (ސައިޑް އިފެކްޓްސް) ފެންނަ ފަރުވާތަކެކެވެ. އެހެންކަމުން، މި އައު ސީރަމަކީ އެއްވެސް ގެއްލުމެއް ނެތި، ފަސޭހައިން ބޭނުންކޮށްލެވޭނެ އަދި އަވަސް ހައްލެއް ހޯދައިދިނުމުގެ މަގުސޫދުގައި އުފެއްދި އެއްޗެކެވެ.
މި އައު ހޯދުމުގެ ސަބަބުން، އިސްތަށި ފޭބުމާއި ތަލަވުމުގެ މައްސަލަ ތަހައްމަލު ކުރަމުންދާ ގިނަ ބަޔަކަށް ބޮޑު އުއްމީދެއް ވަނީ ލިބިގެން ގޮސްފައެވެ. ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ ކްލިނިކަލް ޓްރަޔަލްތައް ފުރިހަމަކޮށް، ކުރިއަށް އޮތް ތަނުގައި މި ފަރުވާ މުޅި ދުނިޔޭގެ ބާޒާރަށް އާންމުކޮށް ނެރުމަށެވެ.
