އޭގެ ފަހުން އައި މަސްތަކަކީ ބޮޑެތި ބަދަލުތަކެއް ފެނިގެންދިޔަ ދުވަސްތަކެކެވެ. ކަރީމް އާޑަންގެ މައްސަލަ ތަހުޤީޤުކުރަން ފަށައި، ނާއިރާ ހޯދި މާލީ މުއާމަލާތްތަކުގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ބަލަން ފެށިއެވެ. ފަޒީލް، ރަޝީދު ހޯލްޑިންގްސްގެ ވަޒީފާއިން ސަސްޕެންޑް ކުރެވުނީ އެ ތަހުޤީޤު ނިމެންދެނެވެ. ކުންފުނީގެ އޮނިގަނޑު އަލުން ތަރުތީބުކުރުމުގެ އެއްބަސްވުން ނިމުމަކަށް އައުމާއެކު، އަމާންއަށް ވިޔަފާރި ހަމައަކަށް އަޅުވައި، އެ ކުންފުންޏަށް ބަރޯސާވެފައިވާ އެތައް ސަތޭކަ މުވައްޒަފުންގެ ވަޒީފާ ރައްކާތެރިކޮށްދެވުނެވެ. ނަމަވެސް، އެންމެ ބޮޑު ބަދަލެއް އައީ ރަޝީދުގެ އާއިލާގެ ތެރެއަށެވެ.
އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެއްގައި އަމާންގެ މަންމަ، ފާތިމަތު، ނާއިރާއާ ބައްދަލުކުރިއެވެ. އޭނާގެ އަތުގައި ކުޑަ ގަހަނާ ފޮށްޓެއް އޮތެވެ. އޭގެ ތެރޭގައި އޮތީ އަމާންގެ މާމަގެ ވަރަށް ނަލަ ރަން ފަށެކެވެ.
“މިއަށްވުރެ މާ ކުރިން އަހަރެން ކަލެއަށް މަރުހަބާ ކިޔަންޖެހޭނެ.” އޭނާ ބުންޏެވެ.
ނާއިރާ އޭނާއަށް ބަލައިލިއެވެ. ފާތިމަތުގެ ލޮލުން ކަރުނަ ފާއްދާލިއެވެ.
“ކަލޭ ފުރަތަމަ މި ގެއަށް އައިއިރު، މީހުން ދައްކާފާނެ ވާހަކައަކާމެދު އަހަރެން ކަންބޮޑުވި. ކަލޭގެ އާއިލާއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭތީ، އަހަރެން ހީކުރީ ކަލެއަކީ އަހަރެންގެ ދަރިފުޅާ އެކަށީގެންވާ މީހެއް ނޫން ކަމަށް. ކަލޭގެ ހާލަތަށް ބަލައި ގޮތް ނިންމުމުގައި އަހަރެން މާ ބޮޑަށް މަސްއޫލުވީ. ކަލޭގެ ސުލޫކާއި އަޚުލާޤު ދެނެގަންނަން މަސައްކަތެއް ނުކުރެވުނު.”
ނާއިރާ ވަރަށް އޯގާތެރިކަމާއެކު އޭނާގެ އަތުގައި އަތްލިއެވެ.
“ތިޔަފަދަ އެއްޗެއް އަހަންނަށް ދޭކަށް ނުޖެހޭނެ.”
“އެނގޭ. އެކަމަކު އަހަރެން ބޭނުންވަނީ މި ކަލެއަށް ދޭން.”
އޭނާ އެ ފަށް ނާއިރާގެ ކަރުގައި އަޅުވައިދިނެވެ.
“މިއީ، ރަނގަޅު އަނތްބަކު މިނެކިރެނީ އޭނާ ކައިވެންޏަށް ގެންނަ މުދަލަކުން ނޫން ކަމަށާއި، ނަމަވެސް އޭނާ އެ ގެއަކަށް ގެންނަ އޯގާތެރިކަމާއި އިޚުލާޞްތެރިކަމުންކަން އަހަންނަށް އުނގަންނައިދިން މީހާގެ ފަށެއް.”
ނާއިރާއަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. އާއިލާގެ ފަރާތުން އޭނާ ބަލައިގަތްކަމުގެ އިޙުސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ. ލައިލާގެ މާފު އައީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ މާފަށް އެދުނު ގޮތް ތަފާތެވެ. އޭނާ ކޮޓަރިއަށް ވަދެ، އެނދުގެ އަރިމަތީގައި އިށީނދެ އިނީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.
“އަހަރެން ކަލެއާމެދު ކަންތައް ކުރީ ވަރަށް އިހާނެތިކޮށް.”
ނާއިރާ ހިނިތުންވެލިއެވެ. “އާނ، ތީ ހަމަ ތެދެއް.”
ލައިލާ ހައިރާންވެފައި ބަލައިލިއެވެ. ދެން އެ ދެމީހުންނަށް އެކުގައި ހެވުނެވެ.
“އަހަންނަށް މާފުކުރޭ.” ލައިލާ ބުންޏެވެ.
ނާއިރާ އޭނާގެ އަތުގައި ހިފާލިއެވެ.
“ދެން ފަހަރަކުންވެސް ތިމާއަށްވުރެ ނިކަމެތި ހާލަތެއްގައިވާ މީހަކާ ބައްދަލުވާއިރު، އެދުވަހު ކަންތައް ކުރެވުނު ގޮތުން ކުރެވުނު އިޙުސާސް ހަނދާން ބަހައްޓާތި.”
ލައިލާ ބޯޖަހާލިއެވެ. އަދި މަޑުމަޑުން، ކުރިން އޭނާ މަލާމާތްކުރި އަންހެންކުއްޖާއަކީ އޭނާ ހަޤީޤަތުގައިވެސް ޤަދަރުކުރާ މީހަކަށް ވެގެންދިޔައެވެ.
*****
ހުރިހާ ކަމެއް ބަދަލުކޮށްލި ކައިވެންޏަށްފަހު ގާތްގަނޑަކަށް އަހަރެއް ފާއިތުވެއްޖެއެވެ. ރަޝީދު ހޯލްޑިންގްސްގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ. ކުންފުނީގެ މާލީ ކަންކަން ހަރުދަނާކޮށް، ހުއްޓިފައި ހުރި ބައެއް މަޝްރޫޢުތައް ނިންމައި، ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރިއެވެ. އަމާންއަކީ މިހާރު އިތުބާރާއެކު މަސައްކަތްކުރާ ޗެއާމަނެކެވެ. ނައިރާ ވަނީ “އާޑަން ގްލޯބަލް”ގެ ރަސްމީ މަޤާމަކާ ހަވާލުވެ، އޭނާގެ ބައްޕަގެ ތަރިކަ އަނބުރާ ހޯދާފައެވެ. އެހެންނަމަވެސް، އެ ދެމީހުންގެ ދިރިއުޅުން ބަދަލުކޮށްލި އެ ދުވަހުގެ މަތިން އެކަކުވެސް ހަނދާނެއް ނުނެތެއެވެ.
އެއް ދުވަހެއްގެ އިރުއޮއްސުނު ވަގުތު، އެމީހުންގެ ތަފާތު ވާހަކަ ފެށުނު ރިސޯޓުގައި އަމާން ކުޑަ ސައިފޮދެއް އިންތިޒާމުކުރިއެވެ. މިފަހަރު އެތައް ސަތޭކަ މެހުމާނުންނެއް ނެތެވެ. ކުލަގަދަ ޒީނަތްތެރިކުރުމެއް ނުވަތަ ފޮޓޯނަގާ މީހުންނެއްވެސް ނެތެވެ. އެތަނުގައި ތިބީ ހަމައެކަނި އެ ދެމީހުންނެވެ. ކަނޑުގެ ހިތްގައިމު މަންޒަރު ފެންނަ ގޮތަށް ހުރި މޭޒެއްގެ މަތީގައި ހުރީ ހުދު ފިނިފެންމަލުގެ މާބޮނޑިކެވެ.
އެ މާފަތި ފެނުމުން ނާއިރާ ހިނިތުންވެލިއެވެ. “ހަނދާން އެބަހުރި ދޯ؟”
“އެދުވަހުގެ ހުރިހާ ކަމެއް އަހަރެންގެ ހަނދާނުގައި އެބަހުރި.” އަމާން ބުންޏެވެ.
ނާއިރާ އޭގެން މަލެއް ނެގިއެވެ. “ދެރަވޭތަ؟”
އަމާން އޭނާއަށް ބަލާލިއެވެ. “ކޮން ކަމަކާ؟”
“ނުދަންނަ މީހަކާ ކައިވެނި ކުރެވުނީތީ.”
އަމާން ގާތްވެލިއެވެ. “އެއްވެސް ވަގުތެއްގައި އެކަމާ ދެރައެއް ނުވަަން.”
ނާއިރާ ހޭން ފެށިއެވެ. “އެދުވަހު އަމާން ހުރީ ވަރަށް ބޮޑަށް ހާސްވެފައި.”
“އަހަރެން ހުރީ އެކަނިވެފައި.”
“އަދި އަހަރެން ހުރީ މާ ހޮވަން.”
“ބަރާބަރު. އަހަރެމެން ދެމީހުންނަށްވެސް އެއީ އުނދަގޫ ވަގުތެއް.” އަމާން ބުންޏެވެ.
އެމީހުން އެކުގައި ހީނލިއެވެ. އެއަށްފަހު އަމާން އޭނާގެ ޖީބުން ކުޑަ ފޮށްޓެއް ނެގިއެވެ.
ނާއިރާ ހައިރާންކަމާއެކު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “މިއީ ކޮން އެއްޗެއް؟”
“އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން ނާއިރާއަށް ދޭންޖެހޭ އެއްޗެއް.”
އޭގެ ތެރޭގައި އޮތީ ނުހަނު ރީތި އަނގޮޓިއެކެވެ. އެއީ އޭނާއަށް ގަނެވޭނެ އެންމެ އަގުބޮޑު އަނގޮޓިއެއް ނޫނެވެ. އަދި އެއީ މީހަކަށް ދެއްކުމަށް ގަތް އެއްޗެއްވެސް ނޫނެވެ. އެއީ މެދުގައި ކުޑަ އަލިމަހެއް އިން، ރިހިކުލައިގެ ސާދާ އަނގޮޓިއެކެވެ.
އަމާން ނާއިރާގެ އަތުގައި ހިފިއެވެ. “އަހަރެމެންނަކީ ކައިވެނިކޮށްގެން ތިބި ބައެއްކަން އެނގޭ. އެކަމަކު އަހަރެން ބޭނުންވަނީ އަލުން ނާއިރާ ގާތު އަހާލަން. މިފަހަރު ބަލަން ތިބޭނެ ބަޔަކު ނެތި، ރުޅިވެރިކަމެއް ނުވަތަ ހާސްކަމެއް ނެތި.”
އޭނާގެ ދެލޮލުން އޯގާތެރިކަން ފާޅުވަމުންދިޔައެވެ. “ނާއިރާ އާޑަން، އަހަރެންގެ އަނބިމީހާގެ ގޮތުގައި އަބަދުވެސް ހުންނާނަންތަ؟”
ނާއިރާ ހޭން ފެށިއެވެ. ނަމަވެސް އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވަމުންދިޔައެވެ. “އެހެން އަންހެނަކާ ދިމާލަށް މާ އުކާނުލާނެ ކަމަށް ވަޢުދުވާނަމަ.”
އަމާން ހިނިތުންވެލިއެވެ. “އަހަރެން ވަޢުދުވަަން.”
ނާއިރާ އޭނާގެ އަތުގައި ހިފިއެވެ. “އެހެންވީމާ، އާނއެކޭ.”
އިރުއޮއްސުނު ވަގުތުގެ ފިނި ރޯޅިތަކާއެކު މާބަގީޗާގެ މީރުވަސް ފެތުރިގެން ދިޔައިރު، ނާއިރާއަށް އިޙްސާސްވީ އޭނާ ވަރަށް ކުރީއްސުރެ ހޯދަމުން އައި ކަމެއް މިއަދު ފެނިއްޖެކަމެވެ. އެއީ އޭނާގެ ހަޤީޤަތް ފޮރުވަން ނުޖެހޭ، އޭނާގެ އަގު ސާބިތުކޮށްދޭން ނުޖެހޭ، އަދި އޭނާއަކީ ކާކުކަން އެނގިހުރެ އޭނާދެކެ ލޯބިވާނެ މާޙައުލެކެވެ.
*****
ދެ އަހަރު ފަސް
އެ ދެމަފިރިން “ދަ ސިލްވަރ ހޯޕް އިނިޝިއޭޓިވް” ގެ ނަމުގައި ފައުންޑޭޝަނެއް އުފެއްދިއެވެ. މިއީ ގެދޮރު ނެތް މީހުންނާއި، އާއިލީ އަނިޔާ ލިބޭ މީހުންނާއި، އަދި ކުއްލިއަކަށް އާމްދަނީ ހުއްޓި ހާލުގައި ޖެހޭ އަންހެނުންނަށް އެހީތެރިވުމަށް ހެދި ތަނެކެވެ.
މި ޖަމްޢިއްޔާއިން ވަގުތީ ހިޔާވަހިކަމާއި، މަސައްކަތްތެރިކަމުގެ ތަމްރީނާއި، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެއެވެ. ނާއިރާ އަބަދުވެސް ބާރުއަޅަނީ، އެހީއަށް އެދޭ މީހުންގެ ހިތްދަތި ވާހަކަތައް އާންމުންނަށް ހާމަކޮށްގެން އެމީހުންގެ އަގު ވައްޓާނުލުމަށެވެ.
“ހާލުގައި ޖެހިފައިވާ މީހުން ބޭނުންވަނީ ދައްކާލާނެ ބައެއް ނޫން. އެމީހުން ބޭނުންވަނީ އިޙްތިރާމާއި، ޢަމަލީ އެހީތެރިކަމާއި، އަލުން ދިރިއުޅުން އާރާސްތުކުރާނެ ފުރުސަތެއް.” ނާއިރާ އަބަދުވެސް ބުނެއުޅެއެވެ.
އެއްދުވަހެއްގެ މެންދުރުފަހު މާލޭގެ މަރުކަޒަކަށް ދިޔަ ވަގުތު، ދޮރުމަތީގައި އިށީނދެގެން އިން ޒުވާން އަންހެނަކު ނާއިރާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އިނީ ކުޑަކުއްޖަކު އުރާލައިގެންނެވެ. އޭނާގެ ލޮލުން ފެންނަނީ ވަރުބަލިކަމެވެ.
ނާއިރާ އޭނާގެ ގާތަށް ދިޔައެވެ. “ކައިފިންތަ؟”
އެ އަންހެންކުއްޖާ ހައިރާންކަމާއެކު އިސްއުފުލާ ބަލާލިއެވެ. އަދި ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.
ނާއިރާ އޯގާތެރިކަމާއެކު ހިނިތުންވެލިއެވެ. “އާދޭ އެތެރެއަށް. ފުރަތަމަ އެއްޗެއް ކާލަމާ ހިނގާ. ވާހަކަ ދައްކާނީ އޭގެ ފަހުން.”
އެތެރެއަށް ހިނގައިގަތް ވަގުތު އެ އަންހެންމީހާއަށް ރޮވުނެވެ. “އަހަރެން ކުރާނެ ކަމެއް ނޭނގެ. ދާނެ އެއްވެސް ތަނެއް ނެތް.” އޭނާ މަޑުމަޑުން ބުންޏެވެ.
ނާއިރާ ހުއްޓުނެވެ. އޭނާއަށް ފެނުނީ މީގެ އަހަރުތަކެއް ކުރިން ކޮނޑުގައި ދަބަހެއް އަޅުވައިގެން، ނިދާނެ ތަނެއް ނެތި ކާށިރުކެއްގެ ދަށުގައި އިން އޭނާގެ އަމިއްލަ ނަފްސެވެ.
އޭނާ އެ އަންހެންމީހާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ކަންބޮޑުނުވޭ. މިއަދު އެކަނި މުޅި ދިރިއުޅުމުގެ ހުރިހާ ކަމެއް ނިންމާކަށް ނުޖެހޭނެ.”
ގޯތިތެރޭގައި ކާރު ކައިރީގައި މަޑުކޮށްލައިގެން ހުރި އަމާން، އޭނާގެ އަނބިމީހާ ކުރަމުންދިޔަ އޯގާތެރި މަސައްކަތަށް ބަލަހައްޓައިގެން ހުރެ ހިނިތުންވެލިއެވެ. އެއްދުވަސްވަރެއްގައި އޭނާ ޤަބޫލުކުރީ އޭނާ އެ އަންހެންމީހާއަށް ހިޔާވަހިކަން ދީގެން ސަލާމަތްކުރީ ކަމަށެވެ. ނަމަވެސް، މާ ބޮޑު ކަމަކުން އޭނާ ސަލާމަތްކޮށްދިނީ ނާއިރާކަން އޭނާއަށް އެނގުނީ މާ ފަހުންނެވެ. އިންސާނެއްގެ އަގަކީ މުދަލާއި ފައިސާ ނޫންކަން އޭނާއަށް ދަސްކޮށްދިނީ ނާއިރާއެވެ.
އެއީ ނާއިރާގެ ބައްޕަގެ ފަރާތުން އޭނާއަށް ލިބުނު އެންމެ ބޮޑު ތަރިކައެވެ. އެއީ ކުންފުނިތަކެއް ނޫނެވެ. އިމާރާތްތަކެއް ނޫނެވެ. އެއީ އިންސާނެއްގެ ކަރާމާތަކީ އޭނާގެ އަތުގައި އޮތް އެއްޗަކަށް ބިނާވެފައިވާ ކަމެއް ނޫންކަން ދަނެގަތުމެވެ.
އެރޭ ގެއަށް ދިޔަ މަގުމަތީގައި އަމާން ނާއިރާގެ އަތުގައި ހިފިއެވެ. “އެ މާތަކުގެ މަތިން ހަނދާން އެބަހުރިތަ؟”
ނާއިރާ ހިނިތުންވެލިއެވެ. “އެކަން ހަނދާން ނެތޭނީ ކިހިނެއް؟”
“އެދުވަހު އެންމެން ހީކުރީ ނާއިރާއަކީ އެންމެ ބަދުނަސީބު މީހާ ކަމަށް.”
ނާއިރާ އަމާންއަށް ބަލާލިއެވެ. “އަދި އަމާންއަކީ އެންމެ ބަދުނަސީބު ފިރިހެންމީހާ ކަމަށް.”
އަމާން ހޭން ފެށިއެވެ. “ފަހަރެއްގައި އަހަރެމެން ދެމީހުންވެސް ކުރީ ކުށްހީއަކަށް ވެދާނެ.”
ނާއިރާ ކާރުގެ ކުޑަދޮރުން ބޭރަށް، މަގުމަތީގެ ބައްތިތަކުގެ އައްޔަށް ބަލަހައްޓައިގެން އިނެވެ. “ފަހަރެއްގައި އަހަރެމެން ދެމީހުންވެސް އެވަގުތު ތިބީ ހަމަ ތިބެންޖެހޭ އެންމެ ރަނގަޅު މަގާމުގައި ކަމަށް ވެދާނެ.”
އެވަގުތު ދުރުދުރުން އިޝާ ނަމާދުގެ ބަންޤީގެ އަޑު އިވެމުންދިޔައެވެ. ނާއިރާ މަޑުމަޑުން ލޯ މަރާލުމަށްފަހު “އަލްހަމްދުލިﷲ” އޭ ބުންޏެވެ. އެއީ ފައިސާއިން ދުވަހަކުވެސް އޭނާއަށް ދަސްނުވި ފިލާވަޅެއް ދަސްވުމުންނެވެ.
ބައެއްފަހަރު އަހަރެމެން ވަންނަން ބޭނުންވާ ދޮރުތައް ﷲ ބަންދުކުރައްވަނީ، އަހަރެމެން ހީވެސް ނުކުރާ ފަދަ މާ ފުރިހަމަ ތަނަކަށް މަގުދެއްކެވުމަށެވެ. ބައެއްފަހަރު އެއްވެސް އެއްޗެއް ނެތްކަމަށް ފެންނަ މީހުންގެ އަތުގައި ދުނިޔެއަށް ނުފެންނަ ފަދަ އަގުބޮޑު ޖަވާހިރުތަކެއް ވެއެވެ. އަދި ބައެއްފަހަރު އެންމެ ރީތި ފެށުންތައް އަންނަނީ އެންމެ ހިތްދަތި ނިމުންތަކުގެ ސިފައިގައެވެ.
އެ މާބޮނޑި ހިފި އަންހެންމީހާއަށް އެދުވަހު ހުރިހާ އެއްޗެއް ގެއްލުނެވެ. ކައިވެނި ރޫޅުނު ފިރިހެންމީހާއަށް އޭނާގެ ދުނިޔެ ބަނަވިކަމުގެ އިޙުސާސް ކުރެވުނެވެ. ނަމަވެސް، އެ ދެމީހުންނަށް އެކުގައި ދަސްވީ، ލޯތްބަކީ ހުރިހާ އެއްޗެއް ފުރިހަމަވެފައިވާ މީހަކު ހޯދުން ނޫން ކަމެވެ. އެއީ ތިމާގެ އަތުގައި އެއްވެސް އެއްޗެއް ނެތް ވަގުތުވެސް، ތިމާގެ އަގު ވަޒަންކުރާނެ މީހަކު ފެނުމެވެ. އަދި ހަޤީޤީ މުއްސަނދިކަމަކީވެސް އެއީއެވެ.
(ނިމުނީ)
