ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބޯޑް ގޭމްތައް އަލުން ގެންނަމާ ހިނގާ! 
މުނިއަވަސް ގްރެފިކްސް

އާއިލީ ކޮންމެ ބައްދަލުވުމެއް ފޯނު ހާވައިލުމުގެ ވަގުތަކަށް ބަދަލުވުމުގެ ކުރިން، އަލުން ކުޅިވަރުގެ ފޯރި ގެނައުމަށް މިއީ އެންމެ މުނާސަބު ވަގުތެވެ.

އާއިލީ މުނިފޫހިފިލުވުމަށް ވައިފައި އާއި، ޕާސްވޯޑާއި، ޗާޖުކުރާ ކޭބަލް ބޭނުންނުވާ، ނުވަތަ “ކަލޭ ތިހިރީ ސްޓަކްވެފައި (ފްރީޒްވެފައި)!” އޭ ބުނެ ހަޅޭއްލަވަން ނުޖެހޭ ޒަމާނެއްގެ ހަނދާން އެބަހުރި ހެއްޔެވެ؟

ގޭތެރޭގެ ހަވީރުތަކާއި ރޭގަނޑުގެ ވަގުތުތަކަކީ މޭޒެއްގެ ދޮށަށް އެންމެން އެއްވެ، “މޮނޮޕޮލީ” ލާރިކޮޅާ ހެދި ޒުވާބުކޮށް، “ސްކްރެބަލް” ކުޅޭއިރު އަމިއްލައަށް ހަދައިގެން ބޭނުންކުރާ ބަސްތަކާމެދު ސުވާލު އުފައްދައި، ކެތްތެރިކަމާއެކު ރާޒުވާ ކުޅެ، ނުވަތަ “ސްނޭކްސް އެންޑް ލެޑާސް” އިން މޮޅުވުމުން ދުނިޔޭގެ ޗެމްޕިއަންކަން ލިބުނު ފަދަ އުފާވެރިކަމެއް އިޙުސާސްކުރި ދުވަސްތަކެކެވެ.

ކެރަމް، ޕަޒަލްސް، ރާޒުވާ އަދި ތާސްބައި، ބަސްބަހުން ކުޅޭ ކުޅިވަރުތަކާއި އެ ނޫންވެސް ސަގާފީ ކުޅިވަރުތަކުން ލިބިދޭ ފޯރި މުޅިން ތަފާތެވެ. އެ ވަގުތުތަކަކީ ހިނިތުންވުމާއި، އެކުވެރި ވާދަވެރިކަމާއި، މަކަރު ހަދާކަމުގެ ތުހުމަތުތަކާއި، އަދި ދެން ދުވަހަކުވެސް ނުކުޅޭނަމޭ ބުނެ މޫނު ކަޅުކޮށްލާ މަޖާ ދަނޑިވަޅުތަކުން ފުރިގެންވި ވަގުތުތަކެކެވެ.

ނަމަވެސް، މިއަދު އާއިލީ ބައްދަލުވުންތަކުގެ މަންޒަރު މުޅިން ތަފާތެވެ. ބައްޕަ އިނީ ވީޑިއޯ ބަލާށެވެ. މަންމަ އުޅެނީ ޓިކްޓޮކް ހޭވުމުގައެވެ. ކުދިން ތިބީ ގޭމް ކުޅުމަށް ގެއްލިފައެވެ. އެންމެންވެސް ތިބީ ފޯނުގެ ސްކްރީނުން ފެންނަ ކޮންމެވެސް ކަމަކުން އުފާ ހޯދާށެވެ. ޖިސްމާނީ ގޮތުން އެކުގައި ތިބި ނަމަވެސް، ފިކުރީ ގޮތުން އެންމެން ތިބީ ތަފާތު ދުނިޔެތަކެއްގައެވެ. މިއީ ޒަމާނީ އާއިލީ ވަގުތެވެ. އަމަލީ ގޮތުން ހާޒިރުވެ ތިބި ނަމަވެސް، ޑިޖިޓަލް ދުނިޔޭގައި ބަންދުވެފައި ތިބި ބައެކެވެ!

މިވެސް ކިޔާލަން:  އޮފީސް މާހައުލާއި، ބޭރުތެރެއިން ލިބޭ ހިތްހަމަނުޖެހުންތަކުގެ ރުޅި އެހެން މީހުންނަށް ފޮޅާލުން: އިޖުތިމާއީ ބޮޑު މައްސަލައެއް

މި ދަތުރުގެ ކޮންމެވެސް ހިސާބަކުން، ޓެކްނޮލޮޖީއާނުލައި އަމިއްލައަށް އުފާވެރިކަން ހޯދުމުގެ ސާދާ އުފާވެރިކަން އަހަރެމެންނަށް ހަނދާން ނެތިފައިވާ ކަހަލައެވެ.

މި ކުޅިވަރުތަކަކީ ހަމައެކަނި ވަގުތު ދުއްވާލުމަށް ކުޅުނު ކަންކަމެއް ނޫނެވެ. “މޮނޮޕޮލީ” އިން ފައިސާ ބެލެހެއްޓުމާއި މުއާމަލާތް ކުރުމުގެ ހުނަރު ދަސްކޮށްދިނެވެ. “ސްކްރެބަލް” އިން ބަސްކޮށާރު މުއްސަނދިކޮށްދިނެވެ. ޕަޒަލްސް ކުޅުމުން ރޭވުންތެރިކަމާއި ކެތްތެރިކަން ދަސްވިއެވެ. އަދި ތާސްބަޔާއި، “ސްނޭކްސް އެންޑް ލެޑާސް” ފަދަ ކުޅިވަރުތަކުން ސަމާލުކަން ދިނުމާއި، މައްސަލަ ހައްލުކުރުމާއި، ކޮންމެ މީހަކަށްވެސް ފުރުސަތު ދީގެން ކުޅެން ދަސްކޮށްދިނެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު “ފެމިލީ ރިލޭޝަންސް” މަޖައްލާގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާގޮތުގައި، އެކި އުމުރުފުރާތަކުގެ މީހުން އެކުވެގެން ކުޅޭ ބޯޑް ގޭމްތަކުގެ ސަބަބުން އާއިލީ ގުޅުން ބަދަހިވެ، މުއާމަލާތްކުރުން އިތުރުވެ، ކުދިންނާއި މައިންބަފައިންނާއި ކާފަ މާމައިންގެ މެދުގައި މާނަވީ ގުޅުމެއް އުފެދެއެވެ. އަދި 2022 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުގައި، ޑިޖިޓަލް ގޭމް ކުޅޭ ކުދިންނަށްވުރެ ސަގާފީ ކުޅިވަރުތައް ކުޅޭ ކުދިން އެކަކު އަނެކަކާ ވާހަކަދައްކައި މުއާމަލާތްކުރާ މިންވަރު އިތުރެވެ.

އަދި މިއީ ޓެކްނޮލޮޖީއަކީ ހަތުރެއްގެ ގޮތުގައި ކަނޑައެޅުމެއް ނޫނެވެ. ސްމާޓްފޯނާއި، ސޯޝަލް މީޑިއާއާއި، ޑިޖިޓަލް ގޭމްތަކަކީ ޒަމާނީ ދިރިއުޅުމުގެ ބައެކެވެ. ނަމަވެސް ކަންބޮޑުވާންޖެހޭ ކަމަކީ، ތިމާ ލޯބިވާ މީހުންގެ ވަށައިގެން ތިބޭއިރުވެސް، މުނިފޫހިފިލުވުމަށް އޮތް ހަމައެކަނި ވަސީލަތަކީ ސްކްރީންތައް ކަމުގައި ވުމެވެ.

މިއީ އާއިލީ އާ އާދައެއް ތަޢާރަފުކުރަންވީ ވަގުތެވެ. ހަފުތާއަކު އެއް ރޭ ކުޅިވަރު ކުޅުމަށް ޚާއްސަކުރާށެވެ. ފޯނުތައް އެއްފަރާތްކޮށްލުމަށްފަހު، ކާ މޭޒުމަތި ހުސްކޮށް، ކުރީގެ މަޝްހޫރު ކުޅިވަރުތައް ނެރޭށެވެ. ކާފަ މާމައިން އެމީހުން ކުޑައިރު ކުޅުނު ކުޅިވަރުތައް ކުދިންނަށް ދަސްކޮށްދޭން ފުރުސަތު ދޭށެވެ. އަދި އާ ޖީލުގެ ކުދިންނަށްވެސް އާ ކަންކަން ތަޢާރަފުކުރުމުގެ ފުރުސަތު ދޭށެވެ.

މިވެސް ކިޔާލަން:  މުޖުތަމަޢުއެއްގައި އާއިލާއެއްގެ މުހިންމުކަން

ދިވެހި އާއިލާތަކަށް ބަލާއިރު، ރޭގަނޑުގެ ކެއުމަށްފަހު ކެރަމް މުބާރާތްތަކާއި، ތާސް، އޮށްވަޅުގޮނޑި ކުޅުމާއި، ހިނިތުންވުމާއި ވާހަކަދެއްކުމުން ފުރިގެންވާ ވަގުތުކޮޅެއް ތަޞައްވަރުކޮށްލާށެވެ. މިއަށް ބޮޑު ޚަރަދެއް ނުވަތަ ބޮޑެތި ތައްޔާރީތަކެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި ކުޑަ ވަގުތުކޮޅަކާއި އިޚްލާޞްތެރި އެކުވެރިކަމެކެވެ.

އަދި މައިންބަފައިން ހަނދާންކުރަންޖެހޭ ކަމަކީ، ކުދިންނަށް ކަންކަން ދަސްވަނީ އަހަރެމެން ބުނާ ބަހަށްވުރެ ބޮޑަށް އަހަރެމެން ކުރާ އަމަލުން ކަމެވެ. ބޮޑެތި މީހުން އަބަދު ފޯނަށް ގެއްލިފައި ތިބެ، ކުދިން ގާތު ފޯނު ބާއްވަން ބުނުމަކީ ކުރަން އުނދަގޫ ކަމެކެވެ.

ފަހަރެއްގައި ދެން އޮންނަ އާއިލީ ބައްދަލުވުމަށް ބޭނުންވަނީ އަނެއްކާވެސް އާ ސްޓްރީމިން ސަބްސްކްރިޕްޝަނެއް ނުވަތަ ފަސް މިނެޓު ފަހުން ހަނދާން ނުހުންނާނެ ފަދަ ވީޑިއޯތަކެއް ބަލަން އިތުރު ގަޑިއެއް ނޫނެވެ. ބޭނުންވަނީ ރާޒުވާ ބޯޑަކާއި، ތާސް ބަޔަކާއި، “ސްކްރެބަލް” ސެޓެކެވެ. އަދި އާއިލާގެ “މޮނޮޕޮލީ” ޗެމްޕިއަނާ ވާދަކޮށްލަން ކެރޭނެ މީހެކެވެ.

އަސްލު ކާމިޔާބީއަކީ ކުޅިވަރުން މޮޅުވުމެއް ނޫނެވެ. އެއީ މީހުން އެއްކުރުމާއި، ފޮނި ހަނދާންތަކެއް އުފެއްދުމާއި، އަދި މުނިފޫހިފިލުވުމަށް އަބަދު ސްކްރީނެއް ބޭނުންނުވާކަން ހަނދާންކޮށްދިނުމެވެ.

ވީމާ، ބޯޑް ގޭމްތައް ނެރެމާ ހިނގާށެވެ. ފޯނުތަކަށް މަޑުކޮށްލެވިދާނެއެވެ. އާއިލާ ބޭނުންވަނީ އޭގެ ކުޅުންތެރިން އަލުން އެނބުރި އައުމަށެވެ!

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top