ބަނގްލަދޭޝްގައި މިހާރު ކުރިޔަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ސްރީލަންކާ އާއި ބޫޓާން ބައްދަލުކުރި މެޗު އެއްވަރުވެ، ދަނޑު ބޭރުގައި އޮތް ބަނގްލަދޭޝް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. ގުރޫޕް ބީގެ ދެވަނަ މެޗުގައި އިއްޔެ ސްރީލަންކާ އާއި ބޫޓާން ބައްދަލުކުރިއިރު، މި ގުރޫޕްގެ ފުރަތަމަ މެޗުގައި ބޫޓާން ބަލިކޮށް ބަނގްލަދޭސްއިން ވަނީ ތިން ޕޮއިންޓާއި ފައިދާ ގޯލެއް ހޯދައިފަ އެވެ.
ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބޫޓާނުން ވަނީ އިއްޔެގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޫޓާން އެވެ. މެޗުގެ 34 ވަނަ މިނިޓްގައި ބޫޓާނަށް މި ލަނޑު ޖަހައިދިނީ ދަވާ ސެރިން އެވެ.
ބޫޓާނުން ލަނޑު ޖަހައި ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނިކޮށް ސްރީލަންކާއިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. 35 ވަނަ މިނިޓްގައި ސްރީލަންކާއަށް މި ލަނޑު ޖަހައިދިނީ އޮލިވާ ކެލާޓް އެވެ. އޭނާގެ މި ލަނޑަކީ އޭރިޔާ ބޭރުން ގޯލާއި ދިމާއަށް ފޮނުވާލި ބާރު ބޯޅައެއް ދިފާއުކުރަން މަސައްކަތްކުރި ބޫޓާން ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންދިޔަ ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން ކާމިޔާބުވި ލަނޑެކެވެ.
ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން، މުބާރާތުގައި ކުރިޔަށް ދިއުމަށް މި މެޗުން މޮޅުވުމަށް ބޫޓާނުން ވަނީ ގިނަ މަސައްކަތްތަކެއްކޮށް ރަނގަޅު ފުރުސަތުތަކެއް ވެސް ހޯދައިފަ އެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ބޫޓާނަށް ނުހިފި އުޅެނިކޮށް ސްރީލަންކާއިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރި އެވެ. 43 ވަނަ މިނިޓްގައި ސްރީލަންކާއަށް މި ލަނޑު ޖަހައިދިނީ ވަސީމް ރަޒީކް އެވެ.
ދެވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ބޫޓާނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގެ ބޭނުން އެ ޓީމަށް ހިފޭގޮތެއް ނުވި އެވެ. 67 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ގޯލާއި އަމާޒުކޮށްލެވޭ ގޮތެއް ނުވި އެވެ. ކެޕްޓަން ޗެންޗޯ ގެލްސެން ފޮނުވާލި ޕެނަލްޓީ ގޯލާއި އަމާޒުނުވި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ލިބުނު ފުރުސަތެއްގައި ޗެންޗޯ ވަނީ ބޫޓާނަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
2-2 އިން އެއްވަރުވި މި މެޗާއިއެކު ބަނގްލަދޭޝްއަށް ސެމީ ފައިނަލްގެ ޖާގަ ޔަގީންވީ، ގުރޫޕް ސްޓޭޖްގައި ބޫޓާން ކުޅެންޖެހޭ މެޗުތައް ނިމުނުއިރު އެ ޓީމަށް ތިން ޕޮއިންޓް ލިބިފައި ނުވާތީ އެވެ. މިހާރު ވެސް ބަނގްލަދޭޝްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގުރޫޕްއިން ސެމީ ފައިނަލަށްދާ ދެވަނަ ޓީމު އެނގޭނީ 11 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ސްރީލަންކާ ބަނގްލަދޭޝް މެޗަށްފަހު އެވެ. އެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ބޫޓާނަށް ވެސް ސެމީ ފައިނަލްގެ ފުރުސަތު އެބައޮތެވެ.
