ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފައިނަލްގެ ދެވަނަ ޖާގަ އެމްއޭސީއެލް ހޯދައިފި
މުބާރާތުގެ ތިންވަނަ ހޯދި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމް / ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްބީ

އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 އަންހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ މޯލްޑިވްސް އެއާރޕޯރޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހޯދައިފި އެވެ.

ލީގު ބުރުގެ ދެވަނަ ހޯދި އެމްއޭސީއެލް އާއި ތިންވަނަ ހޯދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓްގެ މެދުގައި ކުޅެވުނު މި މެޗު އެމްއޭސީއެލް ކާމިޔާބުކުރީ 3 ސެޓް 1 ސެޓުން ނެވެ. ލީގު ބުރުގެ އެއްވަނަ ހޯދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަނީ ފައިނަލްގެ ސީދާ ޖާގައެއް ލިބިފަ އެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ އެއްވެސް ސެޓެއްގައި އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނަގައި ހިތްހަމަޖައްސާލައިގެން ތިބުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. މި މެޗުގެ ފުރަތަމަ ސެޓް އެމްއޭސީއެލްއިން ކާމިޔާބުކުރީ 21-25 އިން ނެވެ. ދެވަނަ ސެޓްގައި އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި އެމްއޭސީއެލްއަށް ގޮންޖެހުންތައް ކުރިމަތި ކުރުވައިފަ އެވެ. އަދި ފުރަތަމަ ސެޓްގައި އެ ޓީމަށް ލިބުނުވަރަށް އެމްއޭސީއެލްއަށް ޕޮއިންޓް ދީ، 25-21 އިން ސެޓް ކާމިޔާބުކޮށްފަ އެވެ.

ދެ ޓީމަށް ދެ ސެޓް ލިބުމާއިއެކު ފޯރިގަދަވި، އަދި ހޯދަން މުހިންމުވި ތިންވަނަ ސެޓް ވެސް ފެނުނީ ފޯރިގަދަ ސެޓެއްގެ ގޮތުގަ އެވެ. ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ތަނަވަސްވި މި ސެޓް އެމްއޭސީއެލްއިން ކާމިޔާބުކުރީ 25-23 އިން ނެވެ. ހަތަރުވަނަ ސެޓް ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ހޯދަން ނުކުތް އެމްއޭސީއެލްއިން ވަނީ ހަތަރުވަނަ ސެޓްގައި ކުރިން ސެޓްތަކަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި ސެޓް އެމްއޭސީއެލްއިން ކާމިޔާބުކުރީ 25-18 އިން ނެވެ.

މިވެސް ކިޔާލަން:  ސްޓެލްކޯ އާއި އެޑިޔުކޭޝަން ފެށީ މޮޅަކުން

3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ އެމްއޭސީއެލް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަށް ހޮވުނީ އެ ޓީމުގެ ސުހާނާ އަޙްމަދު އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 10 ވަނަ ދުވަހުގެ ރޭ އެވެ. 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top