އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަމުންދާ ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ. އިއްޔެ ހަވީރު ދިވެހިރާއްޖެ އާއި ޗައިނީސް ޓައިޕޭ ބައްދަލުކުރި މެޗު ޗައިނީސް ޓައިޕޭއިން ކާމިޔާބުކުރީ 5-0 އިން ނެވެ.
ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނު ޗައިނީސް ޓައިޕޭއިން ވަނީ މެޗުގެ 10 ވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސުންގް ޗީ ޔު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ކޯނަރު ގޯލު ކުރިމައްޗަށް ނަގައިދިން ވަގުތު ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ދިވެހިރާއްޖޭ ކުޅުންތެރިންނަށް ކާމިޔާބުނުވެ އުޅެނިކޮށް ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ދިވެހިރާއްޖެއަށް، ފުރުސަތެއް ނުދީ 20 ވަނަ މިނިޓްގައި ޗައިނީސް ޓައިޕޭއިން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޗެން ޝެންގް އެން އެވެ. ސެންގް މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މި ހާފުގެ 30 ވަނަ މިނިޓްގައި ދިވެހިރާއްޖެއަށް ލިބި ވަނީ ބޭނުން ނުކުރެވި ގޮސްފަ އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ޗައިނީސް ޓައިޕޭ އެވެ. މި ހާފުގައި އެ ޓީމުން އިތުރު ތިން ލަނޑު ޖެހި އެވެ.
ޗައިނީސް ޓައިޕޭގެ ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޒަހަންގް ޔި ލި އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ލައި މިން އެން ވަނީ ޗައިނީސް ޓައިޕޭގެ ހަތަރުވަނަ ލަނޑު ޖަހައިދީފަ އެވެ. އޭނާ މި ލަނޑު ޖަހައިފައިވަނީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ކީޕަރުގެ ބޯމަތިން ގޯލުގެ ދުރުކަނަށް ވައްދާލައިގެން ނެވެ.
ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ދިވެހިރާއްޖެއިން ދެއްކި ނަމަވެސް، ޗައިނީސް ޓައިޕޭގެ ގޯލު ހުޅުވާލެވޭ ގޮތެއް ނުވި އެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ޗައިނީސް ޓައިޕޭއިން އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ މެޗުގެ 77 ވަނަ މިނިޓްގަ އެވެ. ދިވެހިރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތިންވަނަ ލަނޑު ވެސް ޖަހައިދިން ޒަހަންގް ޔި ލި އެވެ.
މެޗުގެ އިތުރު ވަގުތުގައި ވެސް ދިވެހިރާއްޖެއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.
ކޮލިފައިންގައި ދިވެހިރާއްޖެ ކުޅޭ ދެވަނަ މެޗު އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ދިވެހިރާއްޖެ ގަޑިން 13:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ހޮންގްކޮންގް އެވެ.
