ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ތެއްތިރީސްވަނަ ބައި (ފަހު ބައި)
މުނިއަވަސް ގްރެފިކްސް

“ދަރިފުޅާ ނިފާރު ކައިވެނި ކުރާކަށް މަންމަ ޤަބޫލެއް ނޫން.” ރާނިޔާގެ ޖުމްލަ އިވިފައި ޔަޒީދާ ދިޔައީ ސިއްސައިގެން ނެވެ. ސުވާލުތަކުން ފުރިފައިވާ ފަދައަކުން ރާނިޔާއާ ދިމާއަށް ބަލައިލިއިރު އޭނާގެ ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ.

މަޑުމަޑުން ޔަޒީދާއާ ކައިރިއަށް ޖެހިލި ރާނިޔާ، ލޯތްބާއި އޯގާތެރިކަމާއިއެކު އޭނާ ގެނެސް މޭގައި ޖައްސާލި އެވެ. ހިމާޔަތާއި ރައްކާތެރިކަންދޭ ފަދައަކުން ބޮލުގައި ފިރުމާލަމުން މަޑުމަޑުން ބައްދާލި އެވެ.

ރާނިޔާ ކިޔައިދިނީ މުހުތާރާއިމެދު އޭނާ ދެކެނު ގޮތުގެ ވާހަކަ އެވެ. އެމީހުންނާއިމެދު މުހުތާރު ދެއްކި ވާހަކަތަކާއި ޢަމަލުތައް ބެހެއްޓިގޮތުގެ ވާހަކަ އެވެ. އެނޫން ގޮތަކަށް މުހުތާރުގެ ދަރިއަކާއިމެދު ދެކެން މަންމަގެ ހިތަށް ފަސޭހަ ނުވާނެ ވާހަކަ އެވެ. އެކަމުގެ ސަބަބުން މަންމައަށް ލިބޭނެ ހިތާމައިގެ ވާހަކަ އާއި މީހުން ދައްކާނެ ވާހަކަތަކެވެ.

މަޝްވަރާގެ ރިވެތި އުސޫލަކީ އެންމެ ރަނގަޅު ހައްލެވެ.

“އެންމެ ގޮތެއް އޮތީ.. ކަންކަން ގޮސްފައިވާ ގޮތަށް ބަލާއިރު އެހާ ފަސޭހައިން އެގޮތަށް ކަންތައް ވާނެހެނެއް ވެސް މިހާރަކު ހިޔެއް ނުވޭ.” ނިޔާމްގެ ޖަވާބު އިވިފައި ތިން މައިންނަށް ލިބުނީ މާޔޫސްކަމެވެ.

“އެއީ ކޮން ގޮތެއް؟ ތިބުނާ ގޮތެއް ހަދައިގެން އެކަމުން ސަލާމަތްވާނެތަ؟” ފިރިމީހާ ސަލާމަތްވާނެ އެއްވެސް މަގެއް ފެނޭތޯ ބަލާލަ ބަލާލަ ހުރި ސަލްމީނާ އަވަސްއަވަހަށް އަހާލި އެވެ.

“ދެފަރާތުން އެއްބަސްވެއްޖެނަމަ ކޯޓުން ބޭރުގަ ހައްލެއް ހޯދިދާނެ. ވާހަކަ ދައްކާ މަޝްވަރާކޮށްގެން ގޮތެއް ހޯދަން ޖެހޭނީ. އެކަމު އެކަން އެގޮތަށް ވާނީ ނިފާރު އެގޮތާ އެއްބަސްވެއްޖެނަމަ.” ނިޔާމްގެ ކިބައިން ފެނުނީ ނާއުންމީދުގެ ކުލަވަރެވެ.

ނިފާރާއިމެދު ނުވިސްނައި ހުންނަން ކިތަންމެ މަސައްކަތެއް ކުރިޔަސް ސުނޭހާއަކަށް އެކަމެއް ނުވި އެވެ. ކަންތައްތައް ދިމާވިގޮތުން އެއްފަހަރާ އެތައް ކަމެއް ހަނދާނަށް އައެވެ. ނިފާރާއިމެދު ވިސްނާލަން މަޖުބޫރުވި އެވެ. މާޒީ ހިތުން ފޮހެލައި މުސްތަޤުބަލު އުޖާލާކުރުމަށް ކުރަމުން އައި މަސައްކަތަށް އެކަމުގެ ހިޔަނި ނޭޅި ނުދާނެހެން ވެސް ހީވި އެވެ.

ކޮޓަރިއާއި ދިމާއަށް ހިނގައިގަތް ސުނޭހާ މަސައްކަތްކުރަމުން ދިޔައީ ކޮންމެވެސް މީހަކަށް ގުޅާށެވެ. ކުއްލިއަކަށް ކުރިމަތިވި ހިތާމަތަކާއި ހިތްދަތިކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ނާއިމް އެގޮތަށް ކަންތައް ކުރުމުން ސުނޭހާގެ ހިތާމަތަކާއި ހިތްދަތިކަން އިތުރުވި އެވެ.

ކަންތައް ކުރެވުނު ގޮތާއިމެދު ވިސްނާލެވުމުން ސުނޭހާ ދެރަވި އެވެ. ކުށް ޤަބޫލުކުރެވުނެވެ. މައްސަލަ ހައްލުކުރަން އޭނާ އަވަސްވެގަތީ އެހެންވެ އެވެ. ނާއިމްއާ ގުޅަން ސުނޭހާ ކުރި މަސައްކަތް ވީ ބޭކާރެވެ. ނާއިމްގެ ފޯނު ނިވާލާފައި އޮތުމުން ރާނިޔާއަށް ގުޅިއިރު ރާނިޔާ ވެސް ފޯނެއް ނުނަގަ އެވެ.

ލިބެމުންދިޔަ ކުރިއެރުމާއިއެކު ނިފާރުގެ ޓީމުން މަސައްކަތް އިތުރަށް ހަލުވިކޮށްލި އެވެ. ލިބެން ހުރި ކޮންމެ ދިމާއަކުން ލިބެން ހުރި ކޮންމެ ހެއްކެއް ހޯދައި އަތްމަތިކުރި އެވެ. ދެމިގަންނާނެ ކިތަންމެ ކުޑަ ޖާގައެއް ވެސް އެމީހުންނަށް ދޭކަށް ނިފާރު ބޭނުމެއް ނޫނެވެ. އޭނާގެ ޓީމުން މަސައްކަތްކުރަމުން ދިޔައީ ވެސް އެ ހުރިހާ ކަމަކަށް ވިސްނުން ބަހައްޓައިގެން ނެވެ.

ނާއިމްމެން ގެއިން ސުނޭހާއާއި ބައްދަލުވީ ޔަޒީދާއާ އެވެ. ޔަޒީދާ ފެނުމާއިއެކު ސުނޭހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ. ފޫހިކަމާއިއެކު އަނެއް ފަރާތަށް މޫނު އަނބުރާލަމުން އޭނާ މިސްރާބު ޖެހީ ނާއިމްގެ ކޮޓަރިއާ ދިމާއަށެވެ.

“ދޮންބެ ނެތް ގެއަކު.” ސުނޭހާ އައީ ކީއްކުރަންކަން ޔަޒީދާއަށް ވިސްނުނު ކަހަލަ އެވެ.

“ނިފާރު އެބައުޅޭތަ؟” ޔަޒީދާއާއިމެދު ސުނޭހާގެ ހިތުގައި ރޯވެ އަނދަމުންދިޔަ ހުޅުގަނޑު ފަޅައިގެންދިޔަ ކަހަލަ އެވެ. ރުޅިވެރިކަމާއިއެކު ލޯ އަޅާލި އެވެ.

މިވެސް ކިޔާލަން:  ގުނަވަންތަ - ވިހިވަނަ ބައި

“ނިފާރު ވެސް ނެތް.” ޔަޒީދާގެ ކިބައިން ފެނުނީ އުފާވެރިކަމެވެ. ނިފާރުގެ ނަން އިވުނަސް އޭނާގެ ހިތަށް ހަމަޖެހުން ގެނުވާފަދަ އެވެ.

“ހަޔާތްކުޑަ.. ހިތުން ވަރަށް މޮޅު ކަމެއް ކޮށްގެން ދޯ ތިހުރީ. އަހަރެންގެ ބައްޕަ ހައްޔަރު ކުރިޔަސް އަހަރުމެން މި އުޅޭ ގެ އަތުލިޔަސް ކަލެއަކަށް އެ ނިފާރަކާއި ނީނދެވޭނެ. ތިހެން ތުންފުއްސެއްހެން އުނގުޅި އުނގުޅި ހުންނަން ޖެހޭނީ. އޭނާ ނޫޅޭ ކަލެއަކާ އިންނާކަށް.” ޔަޒީދާއާ ދިމާއަށް ސުނޭހާ ކުރީ މަލާމާތެވެ. އޭނާގެ ބައްޕަ ހައްޔަރުކުރުމާއި އެމީހުން ދިރިއުޅެމުންދާ ގެ އަތުލަން ކުރާ މަސައްކަތުގައި ޔަޒީދާ ބައިވެރިވާކަން އޭނާއަށް އެނގޭކަން އަންގައި ވެސް ލިއެވެ.

“އަސްލު ވެސް އަހަރެން ވަރަށް މޮޅު ދޯ؟ ސީއައިޑީ ޕޮލިހަކަށް ކަންނޭނގެ އަހަރެން ބަދަލުވާންވީ. ދޮންބެދައްތަ ނިކަން އަހަރެންނަށް އެތަނުން ޖާގައެއް ހޯދަދީބަލަ.” ސުނޭހާ ކޮންމެ އެއްޗެކޭ ކިޔަސް ޔަޒީދާ އެކަމަކާއި ނުވިސްނަ އެވެ. އޭނާ ދާންވީ މިސްރާބު މާ ކުރިން ނިންމައިގެން ހުރި ކަހަލަ އެވެ.

“ހުހް.. މަ ނޫޅެން ތިޔަ ކަހަލަ ކާޅުންނާ ވާހަކަ ދައްކާކަށް.. ނާއިމް އައިމަ ބުނާތި އަހަރެން ހޯދަން އައި ވާހަކަ. ދެން ކުރަން ޖެހޭ ކަންތައް ކުރާނީ އަހަރެން.” ސުނޭހާ ހިނގައިގަތީ ނުކުންނާށެވެ.

“ރައްދު ދޭނީ ރައްދަކަށް ވާކަހަލަ ރައްދަކަށް.. އަހަރެންނަށްވުރެ ބޮޑު ކާޅަކާ ދިމާއަށް ބޮޑު ކާޅެކޭ ބުނުމުގެ މާބޮޑު ބޭނުމެއް އޮތްހެނެއް ހިޔެއް ނުވޭ. މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެ ހިލޭ ފިރިހެނެއްގެ ތުންފުއްސަކަށް ވެގެން އުޅުން މާ ކާޅުކަން ބޮޑު ކަންނޭނގެ ސިންގަލް އަންހެން ކުއްޖަކަށްވުރެ.. ކަލޭމެންގެ ރޭވުން ނާކާމިޔާބުވީމަ އަހަރެންދެކެ ރުޅި އަންނާނެކަމެއް ނެތް. އެކަލޭގެ ހައްޔަރުކުރުމުގައި އަހަރެންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ. ހުރިހާ ހެއްކެއް އެހުރީ ޕޮލިހުންގެ އަތުގަ. ކަލޭގެ ބަފާގެ ސަބަބުން އަހަރެންގެ ބައްޕަ ހައްޔަރުކޮށްފަ އެހުރީ. ދޮންމަންމަ އާއި ދެމީހުން ރާވައިގެން ނިފާރަށް ލަނޑުދޭން އުޅެނިކޮށް އޭތި އަތަށް ގޮވުން އެއީ އަހަރެންގެ މައްސަލައެއް ނޫން ދޯ. ބައްޕައަށް ސިއްރުން ބައްޕަގެ ފޯނުން ކުރި މެސެޖްތަކާއި ކަލޭގެ ބަފާ ފޮނުވި މެސެޖްތައް ޑިލީޓް ކުރިޔަސް އެ ހުރިހާ އެއްޗެއް ޕޮލިހުން ހޯދައިފި. ވަރަށް ބޮޑަށް ސޮރީ.” ވާހަކަތައް ނިންމާލަމުން ޔަޒީދާ ބަލާލީ ގަޑިއަށެވެ. އެއާއެކު އަވަސްއަވަހަށް ދޮރާއި ދިމާއަށް ވެސް ބަލައިލި އެވެ.

ނިފާރުގެ ޤާނޫނީ ޓީމާއި ބައްދަލުކޮށް ނިޔާމް ދެއްކި ވާހަކަތަކާއި ނިޔާމަކީ ކާކުކަން ހައިފާމެނަށް ބުނެދިނީ ނިފާރެވެ.

“ކަމަކީ ނިފާރުގެ އަމިއްލަ ކަމެއް. އެހެންވީމަ ގޮތް ނިންމާނީ ވެސް ނިފާރު. އެކަމު އެމީހުން އެ ބޭނުންވާ ގޮތަށް ކަންތައް ކުރާކަށް އަހަރެން އެއްބަހެއް ނޫން.” ހައިފާ ހާމަކުރީ އޭނާ ބޭނުންވާ ގޮތެވެ.

“މިކަމުގަ އަހަރެންނަށް މި ހިސާބަށް އާދެވުނީ ތިޔަ ޢާއިލާގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބިގެން. އެހެން ނޫންނަމަ އަދިވެސް މިކަން އޮންނާނީ ކުރިން އޮތްގޮތަށް. މިހާރު ވެސް މަހަކަށްވުރެ ގިނަ ދުވަސްވީ މިކޮޅުގަ ކުއްޔަށް ތިބޭތާ. އެއީ ކިހާ ބައިވަރު ފައިސާއެއްކަން އަހަރެންނަށް ވެސް އެނގޭ. އެ ޤުރުބާނީ ދުވަހަކު ވެސް އަހަރެން ހަނދާނެއް ނުނެތޭނެ. ހައިފާމެން ބޭނުން ނޫން ގޮތަކަށް މިކަމުގަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން.” ހައިފާއަށް ބަލާލަމުން ވާހަކަދައްކަން ފެށި ނިފާރު ނިންމާލީ ވަލީދުމެނަށް ބަލާލަމުން ނެވެ.

މިވެސް ކިޔާލަން:  މާލިކް - ކުރު ވާހަކަ

ނިފާރާއި ބައްދަލުކުރަން ޔަޒީދާ ކުރި މަސައްކަތް ކާމިޔާބުވީ ދެތިން ދުވަހެއް ފަހުން ނެވެ.

ޔަޒީދާ އާއި ރާނިޔާ ބޭނުންވި ފަދައިން ނިފާރު އެގެއަށް ދިޔަ އެވެ. ގޭގައި ތިބީ އެ ތިން މީހުން އެކަންޏެވެ. ވާހަކަ ދެއްކީ ރާނިޔާ އެވެ. ރާނިޔާގެ ވާހަކަތައް އަޑުއަހަން އިން ޔަޒީދާގެ ކިބައިން ކޮންމެވެސް ވަރަކަށް ހިތާމަ އާއި ހިތްދަތިކަން ފާޅުވި ނަމަވެސް ނިފާރު އިނީ ވަރަށް ހަމަޖެހިލައިގެން ނެވެ. އެ ވާހަކަތަކާއިމެދު އޭނާ އެއްވެސް ވަރަކަށް ވިސްނާހެނެއް ހިޔެއް ނުވެ އެވެ.

“ދައްތަގެ ތިޔަ ހުށަހެޅުން އަހަރެން ބަލައިގެންފިން. ދައްތަގެ ހިތުގައި ޖެހޭފަދަ ކަމެއް ނުކުރާނަން. އަހަރެންނާމެދު ތިފަދައިން ދެކުނީތީ ވަރަށް އުފާވެއްޖެ. ތެދުބަހުން ހުރިހާ ވާހަކައެއް ކިޔައިދިނީތީ ވަރަށް ހިތްހަމަ ވެސް ޖެހިއްޖެ.” ރާނިޔާގެ ވާހަކަތައް ކަނުލައި އަޑުއަހަން އިން ނިފާރު ދިނީ ރާނިޔާ ބޭނުންވި ޖަވާބެވެ.

“ސޮރީ ކޮއްކޯ.” ލޯތްބާއި އޯގާތެރިކަމާއިއެކު ޔަޒީދާގެ ބޮލުގައި ފިރުމާލަމުން ނިފާރު މަޢާފަށް އެދުނެވެ.

ކުއްލިއަކަށް ކުރިމަތިވި ދެވަނަ ހިތާމައިން އަރައިގަންނަން ފަސޭހަ ނޫން ނަމަވެސް ހަޤީޤަތާއި ކުރިމަތިލާން ޔަޒީދާ ނިންމި އެވެ. އޭނާއަށް އެންމެ ރަނގަޅުވާނީ އެ ގޮތްކަން ޤަބޫލުކުރި އެވެ. ކިތަންމެ ލޯބިވި ނަމަވެސް ނިފާރު ބެހެއްޓި އިމުގައި ހުރެވުނީތީ ހިތަށް ހަމަޖެހުން ލިބުނެވެ.

ދެ މަހެއްހާ ދުވަހަށް ދިގު ދެމިގެންދިޔަ ޝަރީއަތް ނިމުނީ ނިފާރު ބޭނުންވި ގޮތަށެވެ. ލިބުނު ކާމިޔާބާއިއެކު ބޭނުންވި ހުރިހާ ކަމެއް ބޭނުންވިގޮތަށް ހަމަ ވެސް ޖެހުނެވެ. ރާނިޔާގެ ޙައްޤު އޭނާއަށް ހޯދައިދެވުނެވެ.

“އަލްޙަމްދުލިﷲ!” ނިފާރުގެ ހިތް ޝުކުރުން ފުރުނެވެ. އެކަމުގައި އޭނާއަށް އެހީތެރިކަމާއި އެއްބާރުލުން ދިން އެންމެންނަށް ފަށްފަށުން ޝުކުރު އަދާކުރި އެވެ. ދިން އެހީތެރިކަމާއި އެއްބާރުލުން ދުވަހަކު ވެސް ހަނދާން ނައްތާނުލާނެ ކަމަށް ބުންޏެވެ. އޭނާގެ މަތިން ހަނދާން ނައްތާނުލުމަށް ވެސް އެދުނެވެ.

ލިބުނު ފުރުސަތާއިއެކު ނިފާރުގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބަޔަކަށް ހީކުރެވުނު ނަމަވެސް ނިފާރުގެ ވިސްނުން ތަފާތެވެ. އެ އިމާރާތުގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން ޖިހާދުގެ ޢާއިލާ ފިޔަވައި އެތަނުގައި މަޑުކުރަން ބޭނުންވި ފަރާތްތަކަށް ނިފާރު އެ ފުރުސަތު ދިނެވެ. އެބައެއް ކައިރީ އޭނާ ދިރިއުޅެމުންދިޔަ އާޖިޒާގެ ޢާއިލާ އެކުގައި ގެނެސް އެމީހުންނަށް އެއް ފްލޯ ދިނެވެ.

ނިފާރާއި ސުނޭހާ ބައްދަލުވީ ރާނިޔާމެން ގެއަށް ދިޔަ ދުވަހަކު އެގެ ކައިރިން ނެވެ. ސުނޭހާއަށް ނިފާރު ފެނުމާއިއެކު ގޮވާލަމުން އޭނާއާ ދިމާއަށް އައެވެ. އެފަދަ ފުރުސަތަކަށް ބަލަލާ ބަލާލަ ހުންނަތާ އެތައް ދުވަހެއް ވެފައިވާ ކަހަލަ އެވެ.

“މިހާރު ދެން އަހަރެން މީ ދަންނަ މީހަކަށް ވެސް ނުވޭ ދޯ؟ ނާއިމް ކައިރިން ވަރިވާން މި އުޅެނީ. އަހަރެން ބޭނުން ބައްދަލުކޮށްލަން. ވަރަށް ބޮޑު ވާހަކައެއް ދައްކާލަން.” ވަށައިގެން ހޯދާލަމުން ސުނޭހާ ދަޢުވަތު ދިނެވެ.

“އަޗި.. މަ އެބައުޅެންތަ ތިޔަ ކަހަލަ ރާއްޖެތެރޭ ކަޑަކަޑަ ގޮއްޔެގަނޑަކާ ވާހަކަ ދައްކަން.” ސުނޭހާގެ މޫނުމަތީގައި އެތިފަހަރެއް ޖެހި ކަހަލަ އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި ހުރި ސުނޭހާއާ ދިމާއަށް ނިފާރު އަނެއްކާ ވެސް ބަލައިލި އެވެ.

“އަދި އެއް ވާހަކަ.. ވިސްނައިގެން އުޅޭތި. އަހަރެންނާ ކަލޭ އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ.” ސުނޭހާއަށް އެއްވެސް ސަމާލުކަމެއް ނުދީ ނިފާރު ހިނގައިގަތެވެ.

މިވެސް ކިޔާލަން:  ވޭނުގާ - އެކާވީސްވަނަ ބައި

“ނިފާރު! ނިފާރު ބޭނުންވި ކަންތައް ކޮށްދެވިއްޖެކަމަށް މި ބަލަނީ. އެކަމާ ނިފާރު ހިތްހަމަޖެހިއްޖެނަމަ އަހަރެންގެ އުންމީދުތައް ހާސިލުވީ. މިކޮޅުގައި ދިރިއުޅުނަސް ދޭތެރެ ދޭތެރޭން އަހަރުމެން ކައިރިއަށް ޖައްސާލަންވާނެ.” ނިފާރާއި ދިމާއަށް ބަލާލި ވަލީދު ހިނިތުންވެލި އެވެ. ލިބުނު ކާމިޔާބާއިމެދު އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.

“އަދި އެއް ކަންތައް ނުނިމޭ..” ނިފާރުގެ ޖަވާބު އަޑުއިވިފައި އެންމެނަށް ލިބުނީ ހައިރާންކަމެވެ. ސުވާލުތަކުން ފުރިފައިވާ ފަދައަކުން އެކަކު އަނެކަކަށް ބަލައިލި އެވެ. ނިފާރު އެ ބުނަނީ ކޮންކަމެއްހޭ އަހައިލި ކަހަލަ އެވެ.

ސުވާލުތަކުން ފުރިފައިވާ ހިތަކާއިގެން ނިފާރާއި ދިމާއަށް ބަލަހައްޓައިގެން އިން ވަލީދުގެ ކިބައިން ފެންނަމުން ދިޔައީ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ ކުލަވަރެވެ.

“ހައިފާ! އަހަރެން ހައިފާދެކެ ވަރަށް ލޯބިވޭ. އަހަރެންނާ އިންނަންވީނު.” ހައިފާގެ ކުރިމައްޗަށް ހުއްޓެމުން ނިފާރު އިއްވާލީ އޭނާގެ ހިތުގެ އެދުމެވެ.

ހައިފާގެ ދެލޮލުން ކަރުނަ ފާއްދާލީ އެއްވެސް ހިފެހެއްޓުމެއް ނެތި އެވެ. ފެނުނު މަންޒަރާއިއެކު އެންމެ ބޮޑު އުފަލެއް ލިބުނު މީހަކީ ނާސިތާ އެވެ. ހައިފާގެ ލޮލުން އޮހޮރެމުންދިޔަ ކަރުނައިގެ އަސްލަކީ ކޮބައިކަން ދެނެގަންނާކަށް އޭނާއަށް އުނދަގުލެއް ނޫނެވެ.

“ރަން ކިޔަންވީނު.” ހައިފާ އާއި ނިފާރާއި ގާތްވެލަމުން ނާހިދު ހުޅުވާލީ އޭނާގެ އަތުގައި އޮތް ފައިލެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ނަވާލު ވެސް އައިސް އެތަނަށް މަޑުކުރި އެވެ.

ހައިފާ އާއި ނިފާރު ކައިވެނިކުރުން ވެގެން ދިޔައީ އެ ދެމަފިރިންގެ އިތުރުން ފާއިދުގެ ދެމަފިރިންނަށް ވެސް ލިބުނު އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަށެވެ. ނިފާރުގެ ކައިވެނީގެ އުފަލުގައި ރާނިޔާގެ ތިންމައިން ވެސް ބައިވެރިވި އެވެ. ނިފާރާއި ހައިފާގެ ބައެއް ރައްޓެހިންގެ އިތުރުން ދެ ފަރާތުގެ ޢާއިލާ މެންބަރުން ވެސް ބައިވެރިވި އެވެ.

ކައިވެނީގެ ހަފުލާއަށް އައި މީހުންގެ ތެރެއިން އެކެއްގެ ޢަމަލުތަކަށް ހައިފާގެ ސަމާލުކަން ހުއްޓުނެވެ. މޫނު ބުރުގާ އަޅައިގެން ހުރި އެމީހާގެ ނަޒަރު ނިފާރަށް ހުއްޓިފައި ހުރި އެތައް ފަހަރެއް ހައިފާއަށް ފެނުނެވެ. އޭނާގެ ޢަމަލުތައް ހުރިގޮތުން ނިފާރާއި ބައްދަލުކުރަން އޭނާ ބޭނުންވާކަން ދޭހަވެ އެވެ.

“އައްސަލާމް ޢަލައިކުމް.. މަރުހަބާ ދަރިފުޅާ. އަމާން އޮމާން ކާމިޔާބު މުސްތަޤުބަލަކަށް އެދި ދުޢާކުރަން.” ހައިފާއާ ސަލާންކޮށްލި ނަމަވެސް އޭނާ ބަލައިލީ ނިފާރަށެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ.” އެމީހާއަށް ޝުކުރު އަދާކުރުމަށް ނިފާރު އަވަސްވި އެވެ.

އެ އަންހެންމީހާގެ ވާހަކަތައް އަޑުއިވިފައި ހައިފާ ދިޔައީ ސިއްސައިގެން ނެވެ. ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް ދެލޮލުން ކަރުނަ ފާއްދާލި އެވެ. އެފަދަ ދުވަހެއް ދެން ނުދައްކަވާތޯ ދުޢާކުރި އެވެ. ނިފާރަށްޓަކައި ސިލްވިޔާ ވީ ޤުރުބާނީއަށް ހައިފާ ޝުކުރު އަދާކުރި އެވެ. ބޭނުންނަމަ ދުނިޔެ އުމުރު އެ ޢާއިލާއާ އެކުގައި އުޅުމުގެ ފުރުސަތު އޮތްކަން ހާމަކުރަމުން އެ ދަޢުވަތު ދިނެވެ.

ލޯތްބާއި އޯގާތެރިކަމާއިއެކު ހައިފާ ގެނެސް މޭގައި ޖައްސާލަމުން ހިނިތުންވެލި ނިފާރުގެ ކިބައިން ފެނުނީ އުފަލާއި ހިތްހަމަޖެހުމެވެ. ވޭނާއި ކެކުޅުމުގައި ހިތާމަ އާއި ހިތްދަތިކަމުގައި އޭނާ ވޭތުކުރަމުން ދިޔަ ދުވަސްތައް މާޒީއާ އެކުވެ ގޮސްފައިވާ ކަމެވެ. މައެއްގެ ލޯތްބާއި ޢާއިލާއެއްގެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބުނުއިރު އެ ލޯތްބަކަށް އެންމެ އެދުވުނު ލޯބިވެރިޔާ ވެސް ލިބުނީ އެވެ.

“ވޭނުގާ އުޅޭކަށް ދެން ނުޖެހޭނެ.” ނިފާރާއި ހަތަރުކަޅި ހަމަކޮށްލި ހައިފާ ދިނީ ހިތްވަރާއި ޔަގީންކަމެވެ.

(ނިމުނީ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top