މިހާރު ކުރިޔަށްދާ އިންޓަރ އޮފީސް ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕް 2026 ފިރިހެން ޑިވިޝަންގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ކުޅުނު ތިންވަނަ މެޗުން ވެސް އެ ޓީމު މޮޅުވިއިރު، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް ކުޅުނު ދެވަނަ މެޗުން ވެސް އެ ޓީމު މޮޅުވެ ކާމިޔާބުކަމާއިއެކު ކުރިޔަށް ޖެހިލައިފި އެވެ.
މުބާރާތުގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. މިއީ މުބާރާތުގައި ދެ ޓީމު ވެސް ކުޅުނު ދެވަނަ މެޗެވެ. އެޑިއުކޭޝަން މިނިސްޓްރީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވާއިރު، ޕޮލިސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު އެޑިއުކޭޝަން މިނިސްޓްރީއިން ކާމިޔާބުކުރީ 3 ސެޓް 2 ސެޓުން ނެވެ. މި މެޗުގެ ފުރަތަމަ ސެޓްގައި މޮޅު ކުޅުމެއް ދައްކައި 25-17 އިން ސެޓް ކާމިޔާބުކުރީ އެޑިއުކޭޝަން މިނިސްޓްރީއިން ނެވެ. ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ސެޓްގައި މޯލްޑިވްސް ޕޮލިސްއިން ދެއްކި ނަމަވެސް، ސެޓް ނިންމަން ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. ފުރަތަމަ ސެޓް ކާމިޔާބުކުރި އެޑިއުކޭޝަން މިނިސްޓްރީއިން މި ސެޓް ކާމިޔާބުކުރީ 25-23 އިން ނެވެ. ފުރަތަމަ ދެ ސެޓް ގެއްލުނު ނަމަވެސް، މޯލްޑިވްސް ޕޮލިސްއިން ވަނީ ތިންވަނަ ސެޓްގައި ތަފާތު ދައްކައި، 23-25 އިން ސެޓް ކާމިޔާބުކޮށްފަ އެވެ. އަދި މެޗު ކާމިޔާބުކުރުމަށްޓަކައި ހޯދަން މުހިންމުވި ހަތަރުވަނަ ސެޓް 21-25 އިން ކާމިޔާބުކުރި އެވެ. މެޗުން މޮޅުވާ ޓީމެއް ކަނޑައެޅުމަށްޓަކައި ކުޅެވުނު ފަސްވަނަ ސެޓް އެޑިއުކޭޝަން މިނިސްޓްރީއިން ކާމިޔާބުކުރީ 15-12 އިން ނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޑިއުކޭޝަން މިނިސްޓްރީގެ ޔޫޝައު ހަސަން އެވެ.
މުބާރާތުގެ ހަވަނަ މެޗުގައި ބައްދަލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެއާރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. މިއީ ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. ފުރަތަމަ ދެ މެޗުން ސްޓެލްކޯ މޮޅުވެފައިވާއިރު، އެމްއޭސީއެލް ކުޅުނު ދެ މެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބުކުރެވުނީ އެއް މެޗެވެ.
ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު މި މެޗު ސްޓެލްކޯއިން ކާމިޔާބުކުރީ ތިން ސެޓް ދެ ސެޓުން ނެވެ. ކުރިން ކުޅުނު ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްޓެލްކޯއަށް މި މެޗުގެ ފުރަތަމަ ސެޓްގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެމްއޭސީއެލްއިން މި ސެޓް ކާމިޔާބުކުރިއިރު، ސްޓެލްކޯއަށް ހޯދުނީ 17 ޕޮއިންޓެވެ. ދެވަނަ ސެޓްގައި ވެސް މޮޅަށް ކުޅުނީ އެމްއޭސީއެލް އެވެ. ކުރިން ސެޓަށްވުރެ ރަނގަޅު ކުޅުމެއް މި ސެޓްގައި ސްޓެލްކޯއިން ދެއްކިއިރު، 20 ޕޮއިންޓް ވެސް ހޯދި އެވެ.
ފުރަތަމަ ދެ ސެޓް ގެއްލުނު ނަމަވެސް، ތިންވަނަ ސެޓްގައި އިތުރު ހިތްވަރެއްލައި ކުޅުން ރަނގަޅުކޮށް ސްޓެލްކޯއިން ސެޓް ކާމިޔާބުކުރި އެވެ. މި ސެޓް ސްޓެލްކޯއިން ކާމިޔާބުކުރީ 20-25 އިން ނެވެ. ހަތަރުވަނަ ސެޓް ކާމިޔާބުކޮށް މެޗު ކާމިޔާބުކުރަން ނުކުތް އެމްއޭސީއެލްއަށް މި ސެޓްގައި ވެސް ހޯދުނީ 20 ޕޮއިންޓެވެ. ދެ ޓީމަށް ދެ ސެޓް ދިއުމާއިއެކު، ނަތީޖާ ނެރުމަށް ކުޅުވުނު ފަސްވަނަ ސެޓްގައި ދެ ޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފަހަތުން އަރައި މެޗު ކާމިޔާބުކުރި ސްޓެލްކޯއިން މި ސެޓް ކާމިޔާބުކުރީ 12-15 އިން ނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ހުސައިން އިމްތިޔާޒް އެވެ.
