ކުއްލިއަކަށް ހިތަށް އަރާ، ހިތްނުތަނަވަސްކުރުވާ އަދި އަމިއްލަ ނަފްސު ލަދުގަންނުވާލާ ފަދަ ނުބައި ޚިޔާލުތަކަކީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ، އަދި އެކަމުގެ ސަބަބުން އެމީހަކީ “މޮޔައެއް” ނޫންކަން ނަފްސާނީ ޞިއްޙަތާ ބެހޭ މާހިރުން ހާމަކޮށްފިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ވެބްސައިޓެއް ކަމަށްވާ “ހެޑްލައިޓް ހެލްތު” ގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މިފަދަ ޚިޔާލުތަކަށް ނަފްސާނީ އިލްމުގައި ކިޔަނީ “އިންޓްރޫސިވް ތޯޓްސް” އެވެ. މިއީ އެއްވެސް މީހަކު ޤަޞްދުގައި ކުރާ ކަމެއް ނޫން ނަމަވެސް، ކުއްލިއަކަށް ސިކުނޑިއަށް ވަދެގަންނަ، އަދި ވަރަށް ގިނަ ފަހަރަށް މީހާ ބިރުގަންނަވާލާ ފަދަ ނުރައްކާތެރި ނުވަތަ ހަޑިމުޑުދާރު ކަންކަމާ ގުޅޭ ޚިޔާލުތަކެކެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުއްލިއަކަށް މީހަކަށް އަނިޔާއެއް ކޮށްފާނެ ކަމަށް ހިތަށް އެރުން، ނުވަތަ އަމިއްލަ އަޤީދާއާއި އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ކަންކަން ހިތަށް ސިފަވުމަކީ ވަރަށް ގިނަ އާދައިގެ މީހުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް، މީގެ މާނައަކީ އެމީހަކު އެފަދަ ކަމެއް ޙަޤީޤަތުގައި ކޮށްފާނެއޭ ނުވަތަ އެއީ ގޯސް މީހެކޭ ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށް ވުރެ ގިނަ މީހުންނަށް ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި މިފަދަ ޚިޔާލުތަކާ ކުރިމަތިލާންޖެހެއެވެ.
މިފަދަ ޚިޔާލުތައް އުފެދެން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މާބޮޑަށް ސްޓްރެސްވުމާއި، ނިދި މަދުވުމާއި، ކަންބޮޑުވުން (އެންޒައިޓީ) އިތުރުވުން ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި އޯސީޑީ ނުވަތަ ޑިޕްރެޝަން ފަދަ ނަފްސާނީ ހާލަތްތަކާ ވެސް މިއީ ގުޅިފައި އޮވެދާނެ ކަމެކެވެ.
މާހިރުން ލަފާދެއްވާ ގޮތުގައި، މިފަދަ ޚިޔާލުތައް އައުމުން އެއާ ދެކޮޅަށް ގަދަކަމުން މަސައްކަތް ކުރުމުގެ ބަދަލުގައި، އެއީ ހަމައެކަނި ސިކުނޑިއަށް އަންނަ ބޭކާރު ޚިޔާލެއްކަން ޤަބޫލުކޮށް، އެކަމަށް ސަމާލުކަން ނުދީ ދޫކޮށްލަން ދަސްކުރަންޖެހެއެވެ. އެހެންނަމަވެސް، މިފަދަ ޚިޔާލުތަކުގެ ސަބަބުން ދުވަހުން ދުވަހަށް ދިރިއުޅުމަށާއި މަސައްކަތަށް ބުރޫއަރާނަމަ، ލަސްނުކޮށް ނަފްސާނީ ޑޮކްޓަރެއްގެ ނުވަތަ ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ހަނދާންކޮށްދީފައެވެ.
