ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގާފަރު ދެވަނަ މޮޅު ހޯދިއިރު، ބޮޑުފޮޅުދޫ ވެސް ފެށީ މޮޅަކުން  
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގައި ގާފަރު ކުޅުނު ދެވަނަ މެޗުން މޮޅުވިއިރު، ބޮޑުފޮޅުދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ.

ކ. ހިންމަފުށީގައި ކުރިޔަށްދާ ސެންޓްރަލް ޒޯން 1 ގެ ދެ މެޗު އިއްޔެ އާއި ރޭ ކުޅެފައިވާއިރު، ހަވީރުގެ މެޗުގައި ބައްދަލުކުރީ ހިންމަފުށްޓާއި ބޮޑުފޮޅުދޫ އެވެ. ރޭގެ މެޗުގައި ބައްދަލުކުރީ ގާފަރާއި މަންދޫ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗަކީ ބޮޑުފޮޅުދޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ނަމަވެސް ހިންމަފުށި ކުޅުނު ދެވަނަ މެޗެވެ. ހިންމަފުށި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފަ އެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބޮޑުފޮޅުދޫއިން ވަނީ މެޗު ފަށައިގެން މާ ގިނައިރެއް ނުވެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ ދެވަނަ މިނިޓްގައި ބޮޑުފޮޅުދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު މާއިން މުޙައްމަދު އެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ހިންމަފުށްޓަށް ލަނޑެއް ނުޖެހި އުޅެނިކޮށް ބޮޑުފޮޅުދޫން ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރި އެވެ. 15 ވަނަ މިނިޓްގައި ބޮޑުފޮޅުދޫއިން ކާމިޔާބުކުރި މި ލަނޑަކީ ހިންމަފުށީ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ބޮޑުފޮޅުދޫއިން ދެވަނަ ލަނޑު ޖަހައި ހަމަޖެހި ނުލެވި އުޅެނިކޮށް ނިހާލް މުޙައްމަދު ކާމިޔާބުކޮށްދިން ލަނޑުން ހިންމަފުށި ނަތީޖާ ފަރަގު ކުޑަކުރި އެވެ.

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ބޮޑުފޮޅުދޫ އެވެ. މި ހާފުގައި އެ ޓީމުން އިތުރު 4 ލަނޑު ޖެހި އެވެ. ބޮޑުފޮޅުދޫގެ ތިންވަނަ ލަނޑު 24 ވަނަ މިނިޓްގައި މުޙައްމަދު ޝިރުހާން ކާމިޔާބުކޮށްދިންއިރު ހަތަރުވަނަ ލަނޑު 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަޙްމަދު މާއިން މުޙައްމަދު އެވެ. 30 ވަނަ މިނިޓްގައި ކާމިޔާބުކުރި ލަނޑާއިއެކު އަޙްމަދު މާއިން މުޙައްމަދު ހެޓްރިކް ފުރިހަމަކުރިއިރު، އެ ޓީމުގެ ހަވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އަޙްމަދު މާއިން މުޙައްމަދު އެވެ. ހިންމަފުށީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުޒައިފާ އިބްން ހުސައިން އެވެ.

މިވެސް ކިޔާލަން:  ކުޑަހުވަދޫ ޗެމްޕިއަންކަން ހޯދައިފި  

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޮޑުފޮޅުދޫ ޓީމުގެ އަޙްމަދު މާއިން މުޙައްމަދު އެވެ.

ރޭގެ މެޗުގައި ބައްދަލުކުރީ ގާފަރާއި މަންދޫ އެވެ. މިއީ މުބާރާތުގައި މަންދޫ ކުޅުނު ފުރަތަމަ މެޗު ނަމަވެސް ގާފަރުގެ ދެވަނަ މެޗެވެ. ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ ގާފަރުން ރޭގެ މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި ފަސޭހަކަމާއިއެކު މެޗު ކާމިޔާބުކޮށްފަ އެވެ.

މުޅި މެޗު ލީޑުކުރި ގާފަރުން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 5 ވަނަ މިނިޓްގައި ޢަލީ މާއިސް އެވެ. ލަނޑު ޖަހާނެ ފުރުސަތު މަންދޫއިން ވެސް ތަނަވަސްކުރި މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

ދެވަނަ ހާފުގައި ގާފަރުން ވަނީ ފުރަތަމަ ހާފަށްވުރެ މޮޅު ކުޅުމެއް ދައްކައި އިތުރު ހަތަރު ލަނޑު ޖަހައިފަ އެވެ. 23 ވަނަ މިނިޓްގައި ސާމިން މުޙައްމަދު ގާފަރުގެ ލީޑު ފުޅާކޮށްދިންއިރު، 26 ވަނަ މިނިޓްގައި އައްޒާމް ނިޔާޒް ގާފަރުގެ ތިންވަނަ ލަނޑު ޖަހައިދިނެވެ. ލަނޑު ޖަހާނެ ފުރުސަތު މަންދޫއަށް ވެސް ލިބުނު މި މެޗުގައި ގާފަރުން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ 28 ވަނަ މިނިޓްގައި މުޙައްމަދު ނިހާލް އެވެ. މެޗުގެ އިތުރު ވަގުތުގައި މާހީ މުފީދު އާއި ސާމިން މުޙައްމަދު ގާފަރަށް އިތުރު ދެ ލަނޑު ޖަހައިދިނެވެ.

ސެންޓްރަލް ޒޯން 1 ގެ ކުޅުން ދެން އޮންނާނީ 19 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު މަތިވެރި އާއި ބޮޑުފޮޅުދޫ ބައްދަލުކުރާއިރު، އެރޭގެ މެޗުގައި ބައްދަލުކުރާނީ މަންދޫ އާއި ދަނގެއްޗެވެ.

މިވެސް ކިޔާލަން:  ކުޑަހުވަދޫ ޗެމްޕިއަންކަން ހޯދައިފި  
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top