ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އެފްއޭއެމް ވިމެންސް ލީގު 2026” ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ފަސޭހަކަމާއިއެކު މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.
މުބާރާތުގެ ތިންވަނަ މެޗު މިއަދު ހަވީރު ކުޅެފައިވާއިރު މި މެޗުގައި މާޒިޔާ ބައްދަލުކުރީ ދަ ގްރާންޑޭ ސްޕޯރޓްސް ކުލަބާ އެވެ.
ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން މޮޅުވި މާޒިޔާއިން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު މާޒިޔާއިން ޖެހީ ފުރަތަމަ މިނިޓްގައި ޝަހުލާ ތައުފީޤު ތަނަވަސްކޮށްދިން ފުރުސަތެއްގައި ޗިނޮނިޔެރެމް މަކްލިއަންސް އެވެ. ލަނޑެއް ޖެހުމަށް ގްރާންޑޭއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް މާޒިޔާއިން ވަނީ 7 ވަނަ މިނިޓްގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު މާޒިޔާއަށް ޖަހައިދިނީ މުނިސާ ގިޔަސޯވާ އެވެ. މިއީ ސަފިނާ ރުޝަނިޔާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރި ލަނޑެކެވެ.
ފުރަތަމަ ހާފުގައި މާޒިޔާއިން ތިން ލަނޑު ޖެހިއިރު، ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޗިނޮނިޔެރެމް މަކްލިއަންސް އެވެ. ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ މާޒިޔާއިން ނެވެ. ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާގެ ޗިނޮނިޔެރެމް މަކްލިއަންސް ހެޓްރިކް ފުރިހަމަކުރިއިރު، ފާތިމަތު ފައިހާ މާޒިޔާގެ ފަސްވަނަ ލަނޑު ޖަހައިދިނެވެ. މި ހާފުގައި ވެސް މުނިސާ ގިޔަސޯވާ ލަނޑެއް ޖެހިއިރު، އޭގެ އިރުކޮޅެއް ފަހުން ޗިނޮނިޔެރެމް މަކްލިއަންސް އޭނާގެ ހަތަރުވަނަ ލަނޑު ޖެހި އެވެ. އަދި މެޗުގެ ފަހުކޮޅު ސަފިނާ ރުޝަނިޔާ މާޒިޔާއަށް އިތުރު ދެ ލަނޑު ޖަހައިދިނެވެ.
9-0 އިން މާޒިޔާ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ޗިނޮނިޔެރެމް މަކްލިއަންސް އެވެ.
މި މުބާރާތުގެ މެޗެއް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރަނީ ނިއުރޭޑިއަންޓާއި މޯލްޑިވްސް ސްކަރމޭޓްސް އެވެ.
