ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހި ބަހަށް ޚާއްޞަކޮށްގެން ފުރަތަމަ ފަހަރަށް އުފެއްދި “ދިވެހި ފޮންޓް ސްޓޫޑިއޯ” ސޮފްޓްވެއަރ ތައްޔާރުކޮށްފި

ދިވެހި ފޮންޓު ފަރުމާކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޙުސައިން ނިޔާޒު، ދިވެހި ބަހަށް ޚާއްޞަކޮށްގެން ރާއްޖޭގައި އަލަށް އުފެއްދި ފުރަތަމަ ފޮންޓް ސްޓޫޑިއޯ ސޮފްޓްވެއަރ، “ދިވެހި ފޮންޓް ސްޓޫޑިއޯ” ތައްޔާރުކޮށް އާންމުންނަށް ދޫކޮށްލަން ތައްޔާރުވެއްޖެއެވެ.

މިއީ ދިވެހި އަކުރުތައް އެންމެ ފުރިހަމަ ގޮތުގައި ފަރުމާކުރުމަށްޓަކައި، ދިވެހި ބަހުގެ ހަމަތަކަށް ރިޢާޔަތްކޮށް އެންމެ ފުރަތަމަ އަކުރުން ފެށިގެން އެއްކޮށް ތައްޔާރުކޮށްފައިވާ ޚާއްޞަ ސޮފްޓްވެއަރެކެވެ. މިއީ އޭނާގެ ޙަޔާތުގައިވެސް މި ދާއިރާއިންނާއި ދިވެހި ބަހުގެ ޚިދުމަތުގައި ކުރެވުނު އެންމެ ބޮޑު އަދި އެންމެ އުފާވެރި މަސައްކަތް ކަމަށް ނިޔާޒު ފާހަގަކުރިއެވެ. މިއީ ހަމައެކަނި ފޮންޓެއް ނުވަތަ ޕްރޮގްރާމެއް ނޫން ކަމަށާއި، މިއީ ކުރިމަގުގައި އުފައްދާ ކޮންމެ ދިވެހި ފޮންޓެއްވެސް ފަރުވާތެރިކަމާއެކު ފުރިހަމައަށް ތައްޔާރުކުރުމަށްޓަކައި އަބަދުވެސް ބޭނުންވި މުހިންމު ވަސީލަތެއް ކަމަށް އޭނާ ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން “ދިވެހިފޮންޓް.ކޮމް” އުފައްދައިގެން މަސައްކަތް ފެށިއިރު، މިއަދު އެ ފޮންޓުތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގައާއި، ސްކޫލްތަކާއި، މީޑިއާތަކުގެ އިތުރުން އެކި ކުންފުނިތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ފޮންޓުތަކެކެވެ. މުޖުތަމަޢުގެ އެކި ދާއިރާތަކުން މި ފޮންޓުތައް ފެނުމަކީ، މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

ނިޔާޒު ބުނި ގޮތުގައި މި ސޮފްޓްވެއަރ އެކުލަވައިލުމަށްޓަކައި އެތައް އަހަރެއް ހޭދަވިއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތާއި، ނިދިނަގާލުމަށްފަހު ކުރި މަސައްކަތްތަކުގެ އިތުރުން، އެތައް ފަހަރަކު މަސައްކަތް ފެއިލްވެ އަލުން ފަށަން ޖެހުނެވެ. ދުނިޔޭގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ ފޮންޓް ސޮފްޓްވެއަރތައް އެތައް އަހަރެއް ވަންދެން ބޭނުންކޮށް، ގިނަ ފޮންޓުތަކެއް އުފެއްދުމުގެ ތަޖުރިބާއިން ދިވެހި ބަހަށް އެންމެ އެކަށޭނަ ސިފަތައް ދެނެގަނެވިފައިވާ ކަމަށާއި، މި ހުރިހާ ތަޖުރިބާއެއް މި ސްޓޫޑިއޯގެ ތެރެއަށް ޖަމާކޮށްފައިވާނެ ކަމަށް އޭނާ ހާމަކުރިއެވެ.

މިވެސް ކިޔާލަން:  އަހަރެމެންގެ ތެރޭގައި ދިވެހިބަހަށް ކުރާ އިޙްތިރާމު އެބަ ކުޑަވޭތަ؟

މި ސޮފްޓްވެއަރ ބޭނުންކޮށްގެން އޭނާ ވަނީ 8 ވެއިޓް ހިމެނޭ “އެމްވީ އިޒްޔާން ދިވެހި” ފޮންޓު ކާމިޔާބުކަމާއެކު އުފައްދާފައެވެ. މިއީ ތިން (Thin) އިން ފެށިގެން އެކްސްޓްރާ ބްލެކް (Extra Black) އާ ހަމައަށް އެކުލެވޭ ފޮންޓެކެވެ. މީގެއިތުރުން އެކި ސްޓައިލްތަކުގެ ފޮންޓުތައް ހަދައި، އެތަކެތި ޓެސްޓުކޮށް ކާމިޔާބުކަމާއެކު މަސައްކަތްކުރާކަން ވަނީ ކަށަވަރުކޮށްފައެވެ. ނިޔާޒު ޔަޤީންކަން ދޭ ގޮތުގައި، ދިވެހި ފޮންޓެއް ފަރުމާކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އޮތް އެންމެ ފުރިހަމަ ގޮތަކީ މި ސޮފްޓްވެއަރ ބޭނުންކުރުމެވެ.

މި ދަތުރުގައި ހިތްވަރު ދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން، ނިޔާޒު ވަނީ މީގެ ހަތަރު އަހަރު ކުރިން ފޮންޓްލެބް ގަތުމަށް އެހީތެރިވެދެއްވި ޝައިޚް ޙަލީމް (ޙަލީމް މާރެސް) ގެ ނަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށް، އެ ދެއްވި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

“ދިވެހި ފޮންޓް ސްޓޫޑިއޯ” ބޭނުންކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު https://fontstudio.dhivehifont.com މެދުވެރިކޮށް ޚިދުމަތް ލިބެން ހުންނާނެއެވެ. މިއީ ދިވެހި ބަހުގެ ޑިޖިޓަލް ޙަޔާތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top