ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަހަރެމެންގެ ތެރޭގައި ދިވެހިބަހަށް ކުރާ އިޙްތިރާމު އެބަ ކުޑަވޭތަ؟

ކޮންމެ ޤައުމެއްގެވެސް އެންމެ ބޮޑު އެއް ފަޚުރަކީ އެ ޤައުމެއްގެ އަމިއްލަ ބަހެވެ. ދިވެހިބަހަކީ އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި، ތާރީޚާއި، ސަޤާފަތުގެ މައިބަދައެވެ. ނަމަވެސް، މިއަދުގެ ދިވެހި މުޖުތަމަޢަށް ބަލާއިރު، ދިވެހި ބަހަށް އޮންނަންޖެހޭ ލޯތްބާއި އިޙްތިރާމް ކުޑަވަމުންދާ ކަމީ ހިތާމަހުރި ހަޤީޤަތެކެވެ. މިއަށް ވުރެ ބޮޑަށް ހިތާމަކުރާ ކަމަކީ މިކަމާ މެދު ދެރަވާ މިވާހަކަތައް ދައްކާލާނެ މީހުންވެސް މަދުވީމައެވެ.

މިއަދުގެ ދިވެހި މުޖުތަމަޢުގައި ދިވެހިބަހަށްވުރެ އިނގިރޭސި ބަސް މުހިއްމުކަމަށް ގިނަބަޔަކު ދެކެން ފަށައިފިއެވެ. ތަޢުލީމީ ދާއިރާގައި އިނގިރޭސި ބަހަށް ދެވޭ އިސްކަމާއި، ވަޒީފާގެ މައިދާނުގައި އިނގިރޭސި ބަހުން މުޢާމަލާތް ކުރުމަކީ ކުރިއެރުމެއް ކަމަށް ބެލެވޭތީ، ދިވެހިބަހަކީ ހަމައެކަނި ގޭތެރޭގެ ވާހަކަދެއްކުމަށް ބޭނުންކުރާ ބަހަކަށް މިއަދު ވަނީ ވެފައެވެ. މިބުނެވުނީވެސް މުޅިއަކުން ރަނގަޅަކަށް ނޫނެވެ. ގޭތެރޭގައިވެސް ގިނަފަހަރު ވާހަކަ ދެކެވެނީ އިނގިރޭސި ބަހުންނެވެ. ގިނަ ފަހަރަށް އިނގިރޭސި ބަހަށް މޮޅުވުމަކީ “ތަހުޒީބުވުން” ކަމަށް ބަލައި، ދިވެހި ބަހުން ވާހަކަދެއްކުމަކީ ދަށް ކަމެއްގެ ގޮތުގައި ބައެއް މީހުންނަށް އިޙްސާސް ކުރެވެއެވެ. ބައެއްގެ ތެރޭގައި ދިވެހި ބަހުން ވާހަކަ ދައްކާލާ ހަދާ މީހާ ކުޑަކޮށްލާފަ ހުންނަ ހުރުމަކީ ވެސް މިހާރު ދިމާވާ ކަމެކެވެ. އެކަމަކު އަހަރެންނަށް މޭގައި އަތްޖަހާލައިފައި ބުނެވޭނެއެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން، މިހާރުގެ ކުދިންނަށް ދިވެހިބަހަށްވުރެ އިނގިރޭސި ބަސް މާ ބޮޑަށްވެސް ފަރިތައެވެ. ކުދިންގެ މެދުގައި ދެކެވޭ ވާހަކަތަކާއި، ކުޅޭ ކުޅިވަރުތަކުގައިވެސް ބޭނުންކުރަނީ އިނގިރޭސި ބަހެވެ. ގިނަ ކުދިންނަށް ދިވެހިބަހުން އަކުރުތައް ކިޔައި، ލިޔަން އެނގުނަސް، ބަހުގެ މުއްސަނދިކަމާއި ރީތި ބަސްމަގު ބޭނުންކުރާކަށް ނޭނގެއެވެ. އަދި ދިވެހި ބަހުން ޚިޔާލު ފާޅުކުރުމަށްވުރެ އިނގިރޭސި ބަހުން އެކަން ކުރުން އެކުދިންނަށް މާ ފަސޭހައެވެ.

މި މައްސަލަ އިތުރަށް ގޯސްވަނީ، މައިންބަފައިންވެސް ދަރިންނާ ވާހަކަދެއްކުމުގައި އިނގިރޭސި ބަސް އިސްކުރާތީއެވެ. ދަރިފުޅު ދައްކާ ފުރަތަމަ ބަހަކީ އިނގިރޭސި ބަހުން ބުނާ ބަހަކަށް ހެދުމަށް ގިނަ މައިންބަފައިން މިއަދު ފަޚުރުވެރިވެއެވެ. ދަރިފުޅަށް ފުރަތަމަ ދަސްކޮށްދެވެނީ ދިވެހި ތާނައިގެ އަކުރުތަކުގެ ބަދަލުގައި އިނގިރޭސި އަކުރުތަކެވެ. ގޭގައި ވާހަކަ ދައްކާ އުޅޭއިރުވެސް ބުނާނީ އިނގިރޭސި ބަހާއި ދިވެހި ބަސް މަސްހުނި ކޮށްގެންނެވެ. މިސާލަކަށް ” ބޭބީ ކަމް ވޯޓާކޮޅެއް ބޯލަން” މިވެސް ބައެއް ބެލެނިވެރިން ދަރިންނާއި މުޢާމަލާތް ކުރާ ގޮތެކެވެ. މިގޮތަށް މުޚާތަބުކުރަނިކޮށް ހުރީ އަޑުވެސް އިވިފައެވެ. ގޭތެރޭގައި ދިވެހިބަހުން ވާހަކަދެއްކުމުގެ ބަދަލުގައި، “އިނގިރޭސި މީޑިއަމް” އަށް މުޅި ދިރިއުޅުން ބަދަލުކުރުމަކީ ދިވެހި ބަހަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

މިކަމުގެ ސަބަބުން އާއިލީ ގުޅުންތަކަށްވެސް މިއަދު ވަނީ ބުރޫއަރަން ފަށާފައެވެ. ކާފަ މާމަ އާއި މުޢާމަލާތް ކުރާއިރުވެސް ކުދިން ވާހަކަދައްކަނީ އިނގިރޭސި ބަހުންނެވެ. ގިނަ ފަހަރަށް ކާފަ ނުވަތަ މާމައަށް އެ ކުދިން ކިޔާ އެއްޗެއް ފަހުމެއް ނުވެއެވެ. ނަތީޖާއަކީ ދޮށީ އުމުރުގެ މީހުންނާއި ޒުވާން ޖީލާ ދެމެދު އޮންނަންޖެހޭ ގުޅުން ކެނޑި، ދިވެހި ސަގާފަތާއި އާދަކާދަތައް ދެން އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް ހުރަސް އެޅުމެވެ. އަހަރެމެންގެ ޒަމާނުގައި މާމަ އަދި ކާފައާއި އެކު އެމީހުންގެ ދިރިއުޅުމުގައި ވެފައިހުރި ކަންކަމުގެ ވާހަކަތައް ޙިއްސާކޮށް އެމީހުންނާއި އެކު ވަގުތު ހޭދަކޮށްލުމަކީ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ. މިއާ ޚިލާފަށް މިހާރުގެ ކުދިން ބަލަނީ އެމީހުން ފެނުނީމަވެސް މޫނު އަނބުރާލެވޭތޯއެވެ. އެމީހުން ކުއްޖަކަށް ގޮވާލިއަށް “ޔެސް” ނުވަތަ “ހައި” އިން ޖަވާބު ދީފައި އަވަހަށް އެތަނަކުން ދެވޭތޯ ބަލާނީއެވެ.

ދިވެހި ބަހަށް ކުރާ އިޙްތިރާމް މިއަދު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ބަހަކީ ހަމައެކަނި މުޢާމަލާތް ކުރާ ވަސީލަތެއް ނޫނެވެ. ދިވެހި ބަހުގެ ދިރުން ދެމެހެއްޓުމަށްޓަކައި ގޭތެރެއިންނާއި ތަޢުލީމީ ނިޒާމުގެ ތެރެއިން ދިވެހިބަހަށް ދެވޭ އިސްކަން އިތުރުކުރަން ޖެހެއެވެ. ނޫންނަމަ، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ އަމިއްލަ ބަސް އޮންނާނީ ހަމައެކަނި ފޮތްތަކުގެ ތެރޭގައި ހިރަފުސް ބެދިފައެވެ. ދިވެހި ބަހުން މުޢާމަލާތްކުރާނެ މީހަކު ވެސް ނުތިބޭނެއެވެ.

މީގެ އިތުރުން، މިއަދުގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާލުމުންވެސް ދިވެހި ބަހަށް ދެވޭ އިޙްތިރާމް ކުޑަވަމުންދާ މިންވަރު ސާފުކޮށް ފެންނަން އެބައޮތެވެ. ދިވެހި އުފެއްދުންތަކެއްގެ ގޮތުގައި ނެރޭ ބައެއް ފިލްމުތަކާއި ޑްރާމާތަކުގައި ވާހަކަދައްކާއިރު، ދިވެހި ބަހަށްވުރެ ގިނައިން އިނގިރޭސި ބަސް ބޭނުންކުރާކަން ފާހަގަކުރެވެއެވެ. “ދިވެހި ފިލްމެއް” ބަލަން އިނދެވޭއިރު، އޭގައި ބޭނުންކުރާ ޖުމުލަތަކުގެ ދެބައިކުޅައެއްބަޔަކީ އިނގިރޭސި ބަހަށް ވުމުން، އެއީ ދިވެހި އުފެއްދުމެއްގެ ގޮތުގައި ބަލައިގަންނަންވެސް މިއަދު ވަނީ ދަތިވެފައެވެ. ފިލްމީ ދާއިރާއަކީ މުޖުތަމަޢުގެ އާދަކާދަތަކަށް ބޮޑު ނުފޫޒެއް ފޯރުވާ ދާއިރާއަކަށް ވާއިރު، މިފަދަ ކަންކަމުގެ ސަބަބުން ދިވެހި ބަހަކީ ފުރިހަމަ ބަހެއް ނޫން ކަމުގެ އިޙްސާސް އާންމުންގެ މެދުގައި ދަނީ އުފެދެމުންނެވެ.

ހަމައެއާއެކު، ޚަބަރާއި މަޢުލޫމާތު ފަތުރާ ޓީވީ ޗެނަލްތަކުން ފޮނުވާ ޕްރޮގްރާމްތަކުގައިވެސް މި މައްސަލަ ވަނީ ބޮޑުވެފައެވެ. ޕްރެޒެންޓަރުން ވާހަކަދައްކާއިރު، އާދައިގެ ދިވެހި ބަހުން ބުނެވޭނެ އެތައް ލަފުޒެއްގެ ބަދަލުގައި އިނގިރޭސި ލަފުޒުތައް ބޭނުންކުރުމަކީ މިހާރު “ސްޓައިލް” އަކަށް ވަނީ ވެފައެވެ. ޚާއްޞަކޮށް ލައިވް ޕްރޮގްރާމްތަކާއި މުނިފޫހިފިލުވުމުގެ ޝޯތަކުގައި، ދިވެހި ބަހުގެ ރީތި ހަމަތަކާއި އުޞޫލުތަކަށް ބެލުމެއްނެތި، ދެބަސް މަސްހުނިކޮށްގެން ވާހަކަދެއްކުން ވަނީ ވަރަށް އާންމުވެފައެވެ. މީގެ ސަބަބުން ބަހުގެ އަސްލު ގެއްލި، ބަހަށް އޮންނަންޖެހޭ ޤަދަރާއި ހައިބަތު ދަނީ ދުވަހުން ދުވަހަށް ކުޑަވަމުންނެވެ.

އަޅުގަނޑުމެންގެ ތެރޭގައި ދިވެހި ބަހަށް ކުރާ އިޙްތިރާމް ކުޑަވަމުންދާ ކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ. ގޭތެރެއިން ފެށިގެން، ތަޢުލީމީ ނިޒާމާއި، މީޑިއާގެ ވަސީލަތްތަކާ ހަމައަށް ދިވެހި ބަހަށް ދެވޭ ސަމާލުކަން ކުޑަވުމަކީ ޤައުމުގެ އައިޑެންޓިޓީއަށް ހުރި ނުރައްކަލެކެވެ. ބަހަކީ ހަމައެކަނި މުޢާމަލާތް ކުރާ ވަސީލަތެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ލިބިފައިވާ އަގުނުކުރެވޭ ފަދަ ތަރިކައެކެވެ. އެހެންކަމުން، މި ތަރިކަ އަންނަން އޮތް ޖީލުތަކަށް އޭގެ އަސްލު ގޮތުގައި ފޯރުކޮށްދިނުމަކީ ކޮންމެ ދިވެހި ފަރުދެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ. ދިވެހި ބަހަށް އިސްކަންދީ، އެ ބަހުގެ މުއްސަނދިކަން ދެމެހެއްޓުމަށް އަޅުގަނޑުމެން އެންމެން މިއަދު ޢަޒުމް ކަނޑައަޅަންޖެހެއެވެ.

“އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް

އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހި ބަހޭ”

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top