ދިވެހިބަހުގެ ޤާނޫނެއް އޮންނައިރު އެޤާނޫނު ތަންފީޒުކުރުމަކީ ބަސްކުރިއެރުވުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ބަސްދިރުވާ އާލާކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައި އޮތް ޤައުމީ ވާޖިބެއް ކަމަށެވެ. ރައީސް ވިދަޅުވީ ދިވެހި ބަހުގެ ޤާނޫނެއް އޮންނައިރު އެޤާނޫނު ތަންފީޒުކުރުމަކީ ބަސް ދިރުވާ އާލާކުރުމަށް ކުރެވިދާނެ މުހިއްމު މަސައްކަތެއްކަމަށެވެ.
ބަސްކުރިއެރުވުމަށް ދިވެހި ބަހުގެ އެކެޑަމީން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ބަހުގެ ދިރާސާތައް ކުރައްވާ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތުތައް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބަހުގެ އެކެޑަމީން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
”ދިވެހި ބަހުގެ ޤާނޫނެއް އޮންނައިރު އެޤާނޫނު ތަންފީޒުކުރުމަކީ ދިވެހިބަސް ކުރިއެރުވުމަށް އެޅިދާނެ ވަރަށް ރަނގަޅު ފިޔަވަޅެއް. އެގޮތުން ދައުލަތުގެ ވުޒާރާތަކާއި އޮފީސްތަކަށް ކިޔާނެ ދިވެހި ބަހުގެ ނަންތަކެއް، ބަހުގެ އެކެޑަމީން މިހާރު ގެންދަވަނީ ތައްޔާރު ކުރައްވަމުން،“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ ފަދައިން ދިވެހި ބަހާއިމެދު ވެސް ކޮންމެ ދިވެއްސަކު ފަޚުރުވެރިވާންޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ދިވެހިބަސް ބޭނުންކުރައްވާ ފަރާތްތަކުން ބަހުގެ ހަމަތަކާއެކު ބަސްބޭނުންކުރުމަށް ރައިސްވަނީ އިލްތިމާސްކުރައްވާފައެވެ.
”ދިވެހި ބަހަށް އިސްކަންދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް. ވަކިން ޚާއްސަކޮށް، ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ޤަވާއިދާ ހަމަތަކާއި އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިއްމުކަމެއް. މިހާރު އެންމެ ގިނައިން ލިޔާ ބަޔަކީ ނޫސްވެރިންކަމަށްވާތީ، ހުރިހާ ނޫސްވެރިންވެސް، މިކަމަށް ޚާއްސަ އިސްކަމެއް ދިނުމަށް އަޅުގަނޑު އިލްތިމާސްކުރަން.“ ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ
ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ ”ތަރައްޤީއަށާއި އަމަންއަމާންކަން ޤާއިމުކުރުމަށާއި ޞުލްޙައަށްޓަކައި ވެހި ބަސްބަސް ވަރަށް މުހިއްމު.“މި ޝިޢާރެވެ.
ބައިނަލްއަޤުވާމީގޮތުން މާދަރީ ބަހުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 1999 އަހަރުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




