ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވާދޫ ފައިނަލަށް، ފުވައްމުލަކާއި ފަރެސްމާތޮޑާ ގަދަ ހިފުމަކަށް
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސައުތު ޒޯން 2 ގެ ފައިނަލްގެ ފުރަތަމަ ޖާގަ ވާދޫ ހޯދައިފި އެވެ.

މި ޒޯންގެ ދެވަނަ މެޗު އިއްޔެ ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ވާދޫ އާއި ފުވައްމުލަކެވެ. މިއީ ވާދޫގެ ދެވަނަ މެޗު ނަމަވެސް ފުވައްމުލަކުގެ ފުރަތަމަ މެޗެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވި ވާދޫއިން މި މެޗަށް ނުކުމެފައިވަނީ މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދާށެވެ. ކުރިން މެޗުގައި ދެއްކި މޮޅު ކުޅުން މި މެޗުގައި ވެސް ވާދޫއިން ދެއްކި އެވެ.

ފުރަތަމަ މެޗުން މޮޅުވެ ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އޮތުމުން ފުވައްމުލަކުން ވެސް ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ މެޗުގައި ފަރެސްމާތޮޑާ ކޮޅަށް ހަ ލަނޑު ޖެހި ވާދޫއިން މި މެޗުގެ ހަވަނަ މިނިޓްގައި ފުވައްމުލަކުގެ ގޯލު ހުޅުވާލި އެވެ. މެޗުގެ ހަވަނަ މިނިޓްގައި ވާދޫއަށް ލަނޑު ޖަހައިދިނީ މުޙައްމަދު އިޔާދު އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވާދޫގެ ގޯލު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި، ފުވައްމުލަކުގެ އޭރިޔާތެރޭ ހުރި ވާދޫ ކުޅުންތެރިއަކަށް ޖައްސާލުމަށްފަހު ދެވަނަ ފަހަރަށް ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ހަވަނަ މިނިޓްގައި ވާދޫއިން ފުވައްމުލަކުގެ ގޯލު ހުޅުވާލި ނަމަވެސް، އޭގެ ފަހުން އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރި ފުވައްމުލަކަށް ވެސް ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.

މިވެސް ކިޔާލަން:  ތިމަރަފުށި، ވޭމަންޑޫ އަދި ވާދޫ ފެށީ މޮޅަކުން

ދެވަނަ ހާފުގައި ފުވައްމުލަކުން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. 32 ވަނަ މިނިޓްގައި ފުވައްމުލަކަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ޒިދާން ރަމީޒް އެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫ ޓީމުގެ ގޯލްކީޕަރު ޒައިދާން އަޙްމަދު އެވެ.

މި މެޗުން ލިބުނު ޕޮއިންޓާއިއެކު ހަތަރު ޕޮއިންޓް ހަމަކޮށް ފައިނަލްގެ ޖާގައެއް ވާދޫއިން ވަނީ ޔަގީންކޮށްފަ އެވެ. ސައުތު ޒޯން 2 ގެ ފައިނަލްގެ ދެވަނަ ޖާގަ އާއި ގުރޫޕް ސްޓޭޖްގެ އެއްވަނަ ޔަގީންވާނީ ފުވައްމުލަކާއި ފަރެސްމާތޮޑާ މި މަހުގެ 21 ވަނަ ދުވަހު ބައްދަލުކުރާ މެޗަށްފަހު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top