ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެމެރިކާގެ އަވަށަކަށް ދިގުމުއްދަތަކަށް އިރުއޮއްސިއްޖެ: ދެން އިރު އަރާނީ އަންނަ އަހަރު!

އެމެރިކާގެ އެންމެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ އެލަސްކާގެ އުތުކިއާގްވިކްއަށް ދިގު މުއްދަތަކަށް އިރުއޮއްސި، ކުރިއަށް އޮތް ދެ މަސްދުވަހަށް އެ ސިޓީއަށް އިރު ނާރާ ގޮތަށް އަނދިރިކަމުގެ ތެރެއަށް ހިނގައްޖެއެވެ.

މި ނޮވެމްބަރު މަހު އެ ސިޓީއަށް އެންމެ ފަހުން އިރުއޮއްސުމާ ގުޅިގެން، އަހަރީ “ޕޯލާ ނައިޓް”ގެ މަރުހަލާ މިހާރު ވަނީ ފެށިފައެވެ. ދެން މި އަވަށަށް އެނބުރި އިރު އަރާނީ އަންނަ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ.

އާކްޓިކް ސަރަހައްދުގެ އިން ފަހަނައަޅައި ގާތްގަނޑަކަށް 330 މޭލު އުތުރުގައި އޮންނަ މި ސިޓީއަށް މިފަދަ ގުދުރަތީ ހާދިސާއެއް ކުރިމަތިވަނީ، ދުނިޔެ އިރުވަށައިގެން ދައުރުވާއިރު ދުނިޔޭގެ ތަނބު (އެކްސިސއ) ގާތްގަނޑަކަށް 23.4 ޑިގްރީއަށް އަރިއަޅާފައި ހުންނާތީއެވެ. ދުނިޔޭގެ އުތުރު ބިތުގެ ފިނި މޫސުމުގައި، އުތުރު ތަނބު އިރާ ދުރަށް އެނބުރިފައި ހުރުމުގެ ސަބަބުން، ދުނިޔޭގެ އެންމެ މަތީ ހިސާބުތަކަށް ހަފުތާތަކެއް ނުވަތަ މަސްތަކެއް ވަންދެން އިރުގެ އަލިކަން ނުލިބި އުދަރެހުގެ އަޑީގައި އިރު ދެމިހުރެއެވެ.

ނަމަވެސް، މި މުއްދަތުގައި މުޅި ސިޓީ އެއްކޮށް ކަނުއަނދިރިވެގެން ނުދާނެއެވެ. މި ދުވަސްވަރުވެސް އިރު ހުންނަނީ އުދަރެހާ ކައިރީގައި ކަމަށްވާތީ، ދުވާލަކު މަދު ގަޑިއިރުތަކެއް ވަންދެން ފަތިހުގެ ނުވަތަ އިރުއޮއްސޭ ވަގުތުގެ ފަނޑު އަލިކަން (ޓްވައިލައިޓް) ލިބިގެންދެއެވެ. މީގެ ސަބަބުން އުޑުމަތިން ނޫ، ދަނބު އަދި އޮރެންޖު ކުލައިގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާނެއެވެ. ފިނި މޫސުން ފުންވަމުންދާ ވަރަކަށް މި އަލިކަން ވެސް ކުޑަވަމުން ގޮސް، ޑިސެމްބަރު މަހުގެ ފަހުކޮޅު އެންމެ އަނދިރި ދުވަސްތައް ތަޖުރިބާކުރަން ޖެހޭނެއެވެ.

މިވެސް ކިޔާލަން:  ދަރިފުޅު، މަންމަ އަދި މާމަގެ އުފަން ދުވަސް އެއްދުވަހަކަށް!

ސީދާ އިރުގެ އަލިކަމުން މަހުރޫމްވެފައި ވީނަމަވެސް، އުތުކިއާގްވިކްގެ ރައްޔިތުންގެ ދިރިއުޅުމަކަށް ބުރޫއެއް ނާރައެވެ. މި ދިގު ފިނި މޫސުމުގައިވެސް އެ އަވަށުގެ ރައްޔިތުން އާންމު އުސޫލުން ވަޒީފާތަކަށާއި ސްކޫލްތަކަށް ގޮސް، ދުވަހީ މަސައްކަތްތައް ކުރިއަށް ގެންދެއެވެ.

ދުނިޔެ އެނބުރޭ މި އާދަޔާޚިލާފު ގޮތުގެ ސަބަބުން، ހޫނު މޫސުމުގައި މި އަވަށަށް ކުރިމަތިވަނީ މީގެ އިދިކޮޅު ހާލަތެކެވެ. އެގޮތުން މޭ މަހުން ފެށިގެން އޯގަސްޓް މަހުގެ ކުރީކޮޅާ ހަމައަށް 24 ގަޑިއިރު އެއްކޮށް އިރުގެ އަލިކަން ދެމިއޮންނަ “މިޑްނައިޓް ސަން” ގެ ތަޖުރިބާ މި އަވަށުގެ ރައްޔިތުން ކުރެއެވެ.

އިރަށް އެއްވެސް ބަދަލެއް ނައިސް، ދުނިޔެ އެނބުރޭ ބިމުގެ އަރިއަޅައިގެން ދިއުމުގެ ކުޑަކުޑަ ސަބަބަކާ ހުރެ ދުވާލާއި ރޭގަނޑުގެ ނިޒާމަށް މިފަދަ ބޮޑު ބަދަލެއް އައުމަކީ ކައުނުގެ ފުރިހަމަކަން ދައްކުވައިދޭ އަޖާއިބެއް ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top