ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މައުލޫމާތު އުނގަންނައިދިނުން ނުވަތަ ހުނަރު ބިނާކުރުން: އިޚްތިޔާރުކުރާނީ ކޮން ގޮތެއް؟

އުނގަންނައިދިނުމުގެ ތަޖުރިބާތައް ފަރުމާކުރާއިރު، އަޅުގަނޑުމެންނާ ކުރިމަތިވާ އެންމެ މުހިންމު ސުވާލަކީ: އަޅުގަނޑުމެން ބޭނުންވަނީ ދަރިވަރުންނަށް ކަމެއް އަންގައިދޭންތޯ ނުވަތަ ދަރިވަރުން ލައްވައި ކަމެއް ކުރުވަންތޯއެވެ؟ އިސްކަންދޭންވީ ދަރިވަރުން އުނގެނެންޖެހޭ މައުލޫމާތައްތޯ ނުވަތަ އަޅުގަނޑުމެން ތަރައްގީކުރަން ބޭނުންވާ ހުނަރުތަކަށްތޯއެވެ؟ މި ސުވާލުތަކަށް އަޅުގަނޑުމެން ދޭ ޖަވާބުތަކަކީ އުނގަންނައިދިނުމުގައި ބޭނުންކުރާނެ އެންމެ އެކަށީގެންވާ ގޮތް ނިންމުމުގައި މަގުދައްކައިދޭނެ އުސޫލުތަކެވެ.

އާންމުގޮތެއްގައި އުނގެނުމަކީ މި ދެ ގޮތް އެކުލެވިގެންވާ ކަމެއް ނަމަވެސް، ބައެއް ފަހަރު ވަކި ކަމަކަށް އިސްކަންދޭންޖެހެއެވެ. ބައެއް ހާލަތްތަކުގައި، އުނގެނުމުގެ ބިންގާ އެޅުމަށްޓަކައި މައުލޫމާތު މުއްސަނދިކޮށް، ކުރީގެ މައުލޫމާތު އާކުރަންޖެހެއެވެ. އަނެއްބައި ފަހަރު، ވަކި ހުނަރުތަކެއް ބިނާކޮށް، މުހިންމު ކަންތައްތަކެއް އަމަލީގޮތުން ތަޖުރިބާކުރުވަން ބޭނުންވެއެވެ. މި ދެ ގޮތަށް ކިޔަނީ މައުލޫމާތަށް ބިނާވާ އުނގަންނައިދިނުމާއި (ކޮންޓެންޓް -ފޯކަސްޑް އިންސްޓްރަކްޝަން) ހުނަރަށް ބިނާވާ އުނގަންނައިދިނުމެވެ (ސްކިލް-ބޭސްޑް އިންސްޓްރަކްޝަން).

މި ދެ ގޮތުގެ ނަމުން ދޭހަވާ ފަދައިން، މިއީ ގުޅިފައިވާ ނަމަވެސް ތަފާތު މަގުސަދުތަކެއް ހާސިލުކޮށްދޭ ދެ ގޮތެވެ. މައުލޫމާތަށް ބިނާވާ އުނގަންނައިދިނުމަކީ ކަންކަމުގެ ފަސްމަންޒަރު ބަޔާންކޮށްދީ، މުހިންމު ތަސައްވުރުތަކަށް ބާރުއަޅައި، ދޭހަވުމުގެ ބިންގާ އަޅައިދޭ ކަމެކެވެ. މީގައި ބޮޑަށް އިސްކަންދެނީ މައުލޫމާތާއި، ހަގީގަތްތަކާއި، ތަރުތީބުތަކާއި، ތަސައްވުރުތަކާއި އަދި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށެވެ. އަނެއްކޮޅުން، ހުނަރަށް ބިނާވާ އުނގަންނައިދިނުމުގައި ބޮޑަށް ބަލަނީ ދިރާސާކުރުމާއި، މައްސަލަ ހައްލުކުރުމާއި، އަމަލީގޮތުން ބޭނުންކުރުމާއި އަދި މުއާމަލާތުކުރުމަށެވެ. މީގައި އިސްކަންދެނީ އުނގެނޭ އެއްޗެއް އަމަލީ މައިދާނުގައި ބޭނުންކުރުމަށް މަގުފަހިކޮށްދޭ ގާބިލިއްޔަތާއި އުސޫލުތަކަށެވެ. މައުލޫމާތަށް ބިނާވާ އުނގަންނައިދިނުމަކީ ބިންގާ އެޅުމަށާއި ފިކުރީ ތަރައްގީއަށް އެކަށީގެންވާ ގޮތެކެވެ. ނަމަވެސް ހުނަރަށް ބިނާވާ އުނގަންނައިދިނުމުގައި ބޮޑަށް ބާރުއަޅަނީ އަމަލީގޮތުން ކަންކަން ކުރުމަށާއި، އެކި ހާލަތްތަކުގައި ބޭނުންކުރެވޭނެ ހުނަރުތައް ތަރައްގީކުރުމަށެވެ. މި ދެ ގޮތަކީވެސް މުހިންމު ދެ ގޮތް ކަމުގައި ވިޔަސް، މީގެން ކޮންމެ ގޮތަކުންވެސް ހާސިލުކޮށްދެނީ ތަފާތު ކަންކަމެވެ.

މިވެސް ކިޔާލަން:  ތަޢުލީމީ ދާއިރާގެ މެންބަރުންނަށް އެހީތެރިވެދޭނެ ވިއުގައެއް ބިނާކުރުން

ޒަމާނުއްސުރެ ހުނަރަށް ބިނާވާ އުނގަންނައިދިނުން ގުޅިފައިވަނީ އަމަލީ މަސައްކަތްތަކާއި ވަޒީފާގެ ތަމްރީނުތަކާއެވެ. އަދި މައުލޫމާތަށް ބިނާވާ އުނގަންނައިދިނުން ގުޅިފައިވަނީ ތައުލީމީ ދާއިރާގެ އާންމު ކްލާސްތަކާއެވެ. ނަމަވެސް، މިއަދުގެ ދަރިވަރުންނާއި މިއަދުގެ ދުނިޔެއަށް ބޭނުންވަނީ، އުނގެނޭ އެއްޗެއް އަމަލީގޮތުން ބޭނުންކުރުމަށް ބޭނުންވާ އަސާސީ މައުލޫމާތާއި ހުނަރެވެ. ހަމައެހެންމެ، ދަރިވަރުން ބޭނުންވަނީ އެކަމެއް އުނގެނެނީ ކީއްވެގެންކަމާއި، އެ މައުލޫމާތުން ކުރެވޭނީ ކީއްކަން ދެނެގަތުމަށެވެ.

ވީމާ، އަމަލީ މައިދާނުގައި މައުލޫމާތަށް ބިނާވާ އުނގަންނައިދިނުމާއި ހުނަރަށް ބިނާވާ އުނގަންނައިދިނުން ފެންނާނީ ކިހިނެއް ހެއްޔެވެ؟ އަދި އެންމެ އެކަށީގެންވާ ގޮތެއް ނިންމާނީ ކިހިނެއް ހެއްޔެވެ؟ މިކަމުގައި ބަލަންޖެހޭ ފަސް ކަމެއް ތިރީގައި އެވަނީއެވެ:

1- އުނގަންނައިދިނުމުގެ މަގުސަދަކީ ކޮބައިތޯ؟ އަޅުގަނޑުމެން ބޭނުންވަނީ ދަރިވަރުންނަށް މައުލޫމާތު ހޯދައިދޭންތޯ ނުވަތަ އުނގެނޭ އެއްޗެއްގެ ބޭނުންކުރަން ދަސްކޮށްދޭންތޯ؟ އާ ތަސައްވުރެއް ތައާރަފުކުރުމަށް ނުވަތަ ކަމެއްގެ ފަސްމަންޒަރު ދެނެގަތުމަށް ބިންގާ އެޅުމަށް ގިނަ ފަހަރު އިޚްތިޔާރުކުރާނީ މައުލޫމާތަށް ބިނާވާ ގޮތެވެ. އެ ބިންގާ އެޅުމަށްފަހު، މައްސަލަ ހައްލުކުރުމަށާއި، ކަންކަން ދިރާސާކުރުމަށް ނުވަތަ އެހެން ގޮތްގޮތުން އޭގެ ބޭނުންކުރުމަށް ދަރިވަރުންނަށް އެހީތެރިވުމަށް ހުނަރަށް ބިނާވާ ގޮތަކަށް ބަދަލުވެވިދާނެއެވެ.

2- ދަރިވަރުންނަށް ކުރިން އެނގެނީ ކިހާވަރަކަށްތޯ؟ ދަރިވަރުންނަށް ފަހުން ބޭނުންވާނެ އާ މައުލޫމާތެއް ތައާރަފުކުރާނަމަ، އެންމެ ރަނގަޅުވާނީ މައުލޫމާތަށް ބިނާވާ ގޮތެވެ. ނަމަވެސް، ދަރިވަރުންނަށް އެ މައުލޫމާތުގެ ފަސްމަންޒަރާއި ބޭނުން ކުރިން އެނގޭނަމަ، ހުނަރަށް ބިނާވާ ގޮތަކަށް ކުރިއަށް ދިއުމުން ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެ، އުނގެނުން ފުރިހަމަވާނެއެވެ.

3- އުނގެނޭ އެއްޗަކުން ދަރިވަރުން ކުރަންޖެހޭނީ ކީއްތޯ؟ ތިއަރީގެ މައުލޫމާތާއި، ތަސައްވުރުތައް ދެނެގަތުމާއި އަދި ގުޅުންތައް ދެނެގަތުމަކީ އަމާޒެއް ކަމުގައިވާނަމަ، މައުލޫމާތަށް ބިނާވާ ގޮތް އިޚްތިޔާރުކުރުން ބުއްދިވެރިއެވެ. ނަމަވެސް، ދަރިވަރުން ހާލަތްތައް ދިރާސާކޮށް، އަމަލީ ތަޖުރިބާކޮށް، އަދި ގާބިލިއްޔަތުކަން ސާބިތުކޮށްދޭން ޖެހޭނަމަ، ހުނަރަށް ބިނާވާ ގޮތް މާ ކާމިޔާބުވާނެއެވެ.

މިވެސް ކިޔާލަން:  ޔޫއޭއީގެ ސަރުކާރު ސްކޫލުތަކުގައި މެންދުރު ނަމާދު ޖަމާއަތުގައި ކުރުން މަޖުބޫރުކޮށްފި

4- ގިނަ ދުވަހަށް މައުލޫމާތު ހަނދާނުގައި ބެހެއްޓުމާއި އެ މައުލޫމާތު އެހެން ކަންކަމުގައި ބޭނުންކުރުން މުހިންމުތޯ؟ އާންމު ހޭލުންތެރިކަމާއި ދޭހަވުން އުފެއްދޭނީ މައުލޫމާތަށް ބިނާވާ ގޮތުންނެވެ. އެހެންނަމަވެސް، ގިނަ ދުވަހަށް ހަނދާނުގައި ބެހެއްޓުމަށާއި އާ ހާލަތްތަކުގައި އެ މައުލޫމާތުގެ ބޭނުންކުރަން ދަސްކޮށްދިނުމަށްޓަކައި، ތަކުރާރުކޮށް އަމަލީ ތަމްރީނު ލިބޭ ހުނަރަށް ބިނާވާ ގޮތެއް އިޚްތިޔާރުކުރުން މާ ރަނގަޅުވާނެއެވެ.

5- އުނގެނުން ވަޒަންކުރާނީ (އެސެސްކުރާނީ) ކިހިނެއްތޯ؟ ދަރިވަރުން ކަންކަން ހިނގާގޮތް ބަޔާންކޮށްދީ، މައުލޫމާތު ތަރުތީބުކޮށް، ނުވަތަ ނަތީޖާއެއް ނެރެން ޖެހޭނަމަ، މައުލޫމާތަށް ބިނާވާ ގޮތް އެންމެ އެކަށީގެންވެއެވެ. އަނެއްކޮޅުން، ދަރިވަރުންގެ ގާބިލިއްޔަތު ސާބިތުކޮށްދޭން ޖެހޭނަމަ، އާ މައުލޫމާތު ބޭނުންކޮށްގެން މައްސަލަ ހައްލުކުރަން ޖެހޭނަމަ، ނުވަތަ ކަންކަން ކުރާ ގޮތް ދިރާސާކުރަން ޖެހޭނަމަ، އެންމެ ރަނގަޅު ގޮތަކީ ހުނަރަށް ބިނާވާ ގޮތެވެ.

ކަނޑައެޅިގެން އެނގޭ ކަމަކީ، ދަރިވަރުންނަށް ފަރުމާކުރާ އުނގެނުމުގެ ތަޖުރިބާތަކުގައި މައުލޫމާތަށް ބިނާވާ ގޮތާއި ހުނަރަށް ބިނާވާ ގޮތުގެވެސް ދައުރެއް އޮންނަ ކަމެވެ. އެންމެ މުހިންމު ސުވާލަކީ، “އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކީ ކޮބައިތޯ؟” އަދި “ދަރިވަރުން އުނގެނޭ އެއްޗެއްގެ ބޭނުންކުރާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ ކިހިނެއްތޯ؟” އެވެ. ދަރިވަރުންގެ ތައްޔާރީ ފެންވަރަށާއި، އުނގެނޭ އެއްޗެއްގެ އުނދަގޫމިނަށާއި، އަދި އުނގެނުން ވަޒަންކުރާނެ ގޮތަށް ބަލައި، ބައެއް ފިލާވަޅުތަކުގައި މި ދެ ގޮތް އެކުލެވޭ ގޮތަށް ނުވަތަ ވަކި އެއް ގޮތެއް އިޚްތިޔާރުކުރެވިދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top