ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތަޢުލީމީ ދާއިރާގެ މެންބަރުންނަށް އެހީތެރިވެދޭނެ ވިއުގައެއް ބިނާކުރުން

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި، އިދާރީ މުވައްޒަފުންނާއި، އެހެނިހެން ފަރާތްތަކަކީ އެކަނިވެރިކަން އިހުސާސްކުރަންޖެހިދާނެ ބައެކެވެ. ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަމެއް ނެތި “އެކަނި ކުރިއަށްދާން” މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ނަފްސާނީ، ޖިސްމާނީ އަދި ރޫހާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެކެވެ. ދަތި އުނދަގޫ ވަގުތުތަކުގައި، އަޅުގަނޑުމެންގެ ހާލަތު ދެނެގަނެވޭ، އަދި ބޭނުންތެރި އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ފަދަ ބަޔަކު އަޅުގަނޑުމެންގެ ވަށައިގެން ތިބުން މުހިންމެވެ.

އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ތަޖުރިބާތަކުގެ ބާވަތާއި ނިސްބަތް ތަފާތުވުމުގެ ސަބަބުން، އެކި ބާވަތުގެ އެހީތެރިކަން ބޭނުންވެއެވެ. އެހީތެރިކަން ހޯދާނެ ގޮތްތައް ނަސީބުގެ މައްޗަށް ދޫކޮށްލުމުގެ ބަދަލުގައި ނުވަތަ ހަމައެކަނި ކައިރީގައި ތިބޭ ބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި، ވަރުގަދަ އެހީތެރިކަމުގެ ނިޒާމެއް ރާވައިގެން ބިނާކުރަންޖެހެއެވެ. އަދި އެފަދަ އެހީތެރިކަމަކަށް ބޭނުންޖެހުމުގެ ކުރިން އެ ނިޒާމު ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ މާހައުލުގައި އެހީތެރިވެދޭނެ ނިޒާމެއް ބިނާކުރުމާ މެދު ވިސްނާނީ ކިހިނެއްތޯއެވެ؟ މިކަމަށް އޮތް އެންމެ ފައިދާހުރި ގޮތަކީ އެހީތެރިކަމުގެ ވިއުގަތަކަކީ އެއްވުރެ ބޮޑުވަމުންދާ އެހެން ބުރުތަކެއްގެ ގޮތުގައި ތަސައްވަރު ކުރުމެވެ. ތިބާއާ އެންމެ ކައިރީގައިވާ ބުރުތަކަކީ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި، ގުދުރަތީގޮތުން އުފެދިފައިވާ ބުރުތަކެވެ. އަދި ބޭރުގެ ބުރުތަކަކީ މަސައްކަތުގެ ދާއިރާއަށް އަމާޒުކޮށްގެން، ގަސްދުގައި ބިނާކުރާ ބުރުތަކެވެ. މުހިންމު ކަމަކީ އެހީއަކަށް އެންމެ ބޮޑަށް ބޭނުންވާ ވަގުތަށް މަޑުނުކޮށް، މިހާރުން މިހާރަށް މި މަސައްކަތް ފެށުމެވެ.

ތިރީގައި މިވަނީ އެހީތެރިކަމުގެ ވިއުގަ ބިނާކުރުމުގައި ވިސްނިދާނެ ހަ ބާވަތެއްގެ ބުރެވެ:

މިވެސް ކިޔާލަން:  ފޮޓޯގެ ފަހަތުގައިވާ ވާހަކަ - ހޮސްޕިޓަލެއްގައި ދެވުނު މަތިވެރި ފިލާވަޅު!

1. އަމިއްލަ އެހީތެރިކަމުގެ ބުރު
މިއީ ތިބާގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އެންމެ އެތެރޭގެ ބުރެވެ. މީގެ ތެރޭގައި ހިމެނެނީ އަނބިފިރިން، އާއިލާގެ މެންބަރުން، ގާތް ރަހުމަތްތެރިން އަދި ތިބާއަކީ މުދައްރިސަކަށް ވުމުގެ ކުރިން، އިންސާނެއްގެ ގޮތުގައި ތިބާއާ މެދު އަޅާލާ ފަރާތްތަކެވެ. އެމީހުން ތިބާގެ އިހުސާސްތައް ބެލެންސްކޮށްދީ، ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދެއެވެ.

2. މަސައްކަތުގެ ބައިވެރިންގެ ބުރު
މަސައްކަތުގެ މާހައުލުގައި ތިބާ އުޅޭ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ތިބާގެ އެކުވެރި މުވައްޒަފުންނަށެވެ. އެމީހުންނަކީ އާ ޚިޔާލުތަކާއި، ވަސީލަތްތަކާއި، ދިމާވާ މައްސަލަތަކަށް ވަގުތުން ހައްލު ހޯދައިދިނުމުގައި އެހީތެރިވެދެވޭނެ ބައެކެވެ. މީގެ އިތުރުން، އެކަނިވެރިކަން ފިލުވައިދީ، މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކަށް ހިތްވަރު ދިނުމުގައި މި ބުރު މުހިންމު ދައުރެއް އަދާކުރެއެވެ.

3. އިރުޝާދުދޭ ފަރާތްތަކުގެ ބުރު (މެންޓާސް)
ތަޖުރިބާކާރު އިރުޝާދުދޭ ފަރާތްތަކަކީ ކޮންމެ މަރުހަލާއެއްގައި ވެސް ނުހަނު ބޭނުންތެރި ބައެކެވެ. އެމީހުންގެ ތަޖުރިބާގެ އަލީގައި، ނޭނގޭ ކަންކަމުގައި މަގުދައްކައިދީ، އާންމުކޮށް ހެދޭ ގޯސްތަކުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. ގިނަ ފަރާތްތަކެއްގެ އިރުޝާދު ހޯދުމަކީ ތަފާތު ޚިޔާލުތަކާއި ހައްލުތައް ލިބުމަށް މަގުފަހިވާނެ ކަމެކެވެ.

4. ފަންނީ އުނގެނުމުގެ ބުރު
މި ބުރުގައި ހިމެނެނީ ފަންނީ ކުރިއެރުމަށް މަސައްކަތްކުރާ ޖަމާއަތްތަކާއި، ނެޓްވޯކްތަކާއި، ފޮތް ކިޔާ ގްރޫޕްތައް ފަދަ ތަންތަނެވެ. މީގެ ސަބަބުން ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތައް ލިބި، ފަންނީ ގޮތުން ހުއްޓުން އެރުމުން ސަލާމަތްވެ، މުސްތަގުބަލަށް ތައްޔާރުވުމަށް އެހީތެރިވެދެއެވެ.

5. ގޮންޖެހުންތަކާ ކުރިމަތިލާން ހިތްވަރުދޭ ބުރު
މި ބުރުގައި ހިމެނެނީ ތިބާގެ ކުރިއެރުމަށް އެދޭ، ނަމަވެސް ތިބާއަށް ގޮންޖެހުންތަކާ ކުރިމަތިލާން ހިތްވަރުދޭ މީހުންނެވެ. އެމީހުން ތިބާއަށް އިޚުލާޞްތެރި ފާޑުކިޔުންތައް ހުށަހަޅައި، ތިބާ އަޑުއަހަން ބޭނުންވާ ވާހަކައިގެ ބަދަލުގައި، ތިބާއަށް އަޑުއަހަން މަޖުބޫރުވާ ހަގީގަތްތައް ހާމަކޮށްދެއެވެ. މިއީ ތިބާގެ ހުނަރުތައް ތަރައްގީކޮށް، އާ ކަންކަން ތަޖުރިބާކުރުމަށް ބާރުއަޅާ ބައެކެވެ.

މިވެސް ކިޔާލަން:  މި ކުއްޖާ އަމިއްލައަށް މަރުވީ ކީއްވެގެންކަން އެނގޭތަ؟

6. އާރޯކަމާއި އުފާވެރިކަން ގެނެސްދޭ ބުރު
މިއީ ތިބާގެ ހޮބީތަކާއި، ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ކަސްރަތު ކުރާ ގްރޫޕްތައް ފަދަ، މަސައްކަތުގެ ދާއިރާއާ ގުޅުމެއް ނެތް ކަންކަމުގައި ބައިވެރިވާ މީހުންނެވެ. އެމީހުން ތިބާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، މަސައްކަތުން ބޭރުގައި ވަގުތު ހޭދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދެއެވެ.

ތިބާގެ އެހީތެރިކަމުގެ ނިޒާމު އޮތީ ކޮން ފެންވަރެއްގައިތޯއެވެ؟ އޭގެ ތެރެއިން ހުރީ ކޮން ބުރުތަކެއްތޯއެވެ؟ އަދި މަދުވަނީ ކޮން ބައެއްތޯއެވެ؟ މިހާރުން މިހާރަށް ސަމާލުކަން ދޭންވީ ކޮން ދިމާލަކަށްތޯއެވެ؟ ޗުއްޓީ ދުވަސްވަރަކީ މިފަދަ ކަންކަމާ މެދު ފުންކޮށް ވިސްނައި، ތިބާގެ ވަށައިގެންވާ އެހީތެރިކަމުގެ ވިއުގަ ވަރުގަދަ ކުރަން ފަށަން އެންމެ ރަނގަޅު ވަގުތެވެ. އަދި މިހާރު ހުރި ގުޅުންތައްވެސް ދޭތެރެދޭތެރެއިން އާކޮށް، ދިރުވައި އާލާކުރުމަކީ ބޭނުންޖެހޭ ވަގުތު އެހީތެރިކަން ހޯދުމަށް ފަސޭހަވާނެ ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top