ދިގު ތިން އަހަރަށްފަހު
ޖާބިރު އޭނާގެ ވިޔަފާރިވެރި ރައްޓެހިންނާއެކު ވާހަކައިގައި އުޅެނިކޮށް، ވަޝިޔާ މަޑުމަޑުން އެތަނުން ދުރަށް ޖެހިލިއެވެ. ހޯލުގެ ތެރޭގައި ހިނގަމުން ދިޔައިރު، ދަންނަ މީހުންނަށް ހިނިތުންވުމަކާއެކު އޭނާ ސަލާންކޮށް އިޖާބަ ދެމުން ދިޔައެވެ. ކުއްލިއަކަށް އޭނާއަށް އެ މީހަކު ފެނުނެވެ. މީހުންގެ ތެރެއިންނެވެ. ހޯލުގެ ކޮޅެއްގައި، މެހުމާނަކާ ވާހަކަދައްކަން ހުރި މީހެކެވެ. އެ ވަގުތު މިއުޒިކްގެ އަޑުވެސް ކެނޑުނު ފަދައެވެ. ވަޝިއްޔާގެ ނޭވާ ހުއްޓުނެވެ. އެ ތޫނު ދެލޮލެވެ. އެއީ އޭނާގެ ހަނދާނުން ފޮހެލަން ދަތިވި، އެ ހިތްގައިމު ސޫރައެވެ. އެއީ އޭނާ ހަނދާން ހުންނަ ވަރަށްވުރެ މިހާރު ތަންކޮޅެއް ދޮށީ، ފިރިހެންވަންތަ ސޫރައެކެވެ. މޫނުމައްޗަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައި ހުއްޓަސް، އޭނާގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. މިރުޒާ ގަފޫރެވެ.
ވަޝިޔާގެ ހިނގުން ހުއްޓުނެވެ. އޭނާގެ އަތުގައި އޮތް ކުޑަ ދަބަހަށް ބާރުކޮށްލެވުނެވެ. މިރުޒާ އެވެ. މިރުޒާ ފެންނާނެ ދުވަހަކަށް އޭނާ އެތައް ފަހަރަކު އިންތިޒާރު ކުރިއެވެ. ބައެއް ފަހަރު އޭނާއާ ދިމާލަށް ހަޅޭއްލަވަން ބޭނުންވިއެވެ. އަނެއްބައި ފަހަރު އޭނާ ދޫކޮށްލާފައި ދިޔައީ ކީއްވެގެންތޯ އަހަން ބޭނުންވިއެވެ. ނުވަތަ އޭނާއަށް ނުފެންނަ ކަމަށް ހަދާފައި ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް، އޭނާ ފެނުމުން މިހާ ބޮޑަށް ހާސްވާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.
ދެމީހުންގެ ނަޒަރު ސީދާވިއެވެ. އެ ވަގުތު ދެމީހުންކުރެ އެކަކަށްވެސް ހަރަކާތެއް ކުރާކަށް ނޭނގުނެވެ. މިރުޒާއަށް އޭނާ ވަގުތުން އެނގުނެވެ. މިރުޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. މުޅި ރޭ އޭނާ ދައްކަމުންދިޔަ ހަމަޖެހުން ގެއްލި، ބަޔާންކުރަން ދަތި ކުލަވަރެއް މޫނުމަތިން ފެނުނެވެ. ހައިރާންކަމެވެ. ހިތްހަމަޖެހުމެވެ. ދެރަވުމެވެ. ފަހަރުގައި މި ހުރިހާ ކަމެއް އެކުވެގެންނެވެ.
ވަޝިޔާ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން، އެއްވެސް ބަހެއް ނުބުނެ، ވަޝިއްޔާ އެނބުރިފައި ހިނގައިގަތެވެ.
*****
ހޯލުން ބޭރުގައި އޮތް ހިމޭން ކޮރިޑޯއަށް ދެވެންދެން ވަޝިއްޔާ ހިނގުން ހުއްޓައެއް ނުލައެވެ. އޭނާގެ ނޭވާ ހުރީ އަވަސްވެފައެވެ. އަަރިމަތީގައި ހުރި ދޮރެއް ހުޅުވާލުމަށްފަހު އޭނާ ބޭރުގައި އޮތް ހުސްތަނަށް ނުކުތެވެ. ރޭގަނޑުގެ ފިނި ވައި އޭނާގެ މޫނުގައި ބީހިލިއެވެ. އޭނާ ބޭނުންވީ ސާފުވައެވެ. ހިމޭންކަމެވެ. އެ ކޮޓަރިއާއި، އެތާ ތިބި މީހުންނާއި، އަދި އޭނާ ފޮރުވަން މަސައްކަތްކުރި ހުރިހާ ހަނދާންތަކެއް އާކޮށްދިން އެ ފިރިހެންމީހާއާ ދުރަށް ދާން އޭނާ ބޭނުންވިއެވެ.
ވަޝިއްޔާ އަވަސްއަވަހަށް އޭނާގެ އިސްތަށިގަނޑު ދޫކޮށްލަން މަސައްކަތްކުރިއެވެ. އައްސާފައި ހުރިލެއް ބާރުކަމުން އޭނާއަށް އުނދަގޫވިއެވެ. އެހެންކަމުން، ބޮލަށް ޖަހާފައި ހުރި ދަތިތައްއަވަސް އަވަހަށް ނައްޓާލައި، އިސްތަށިގަނޑު ކޮނޑުމައްޗަށް ދޫކޮށްލިއެވެ. ދެން ކަރުގައި އޮތް ހާރު ނައްޓާލުމަށްފަހު އެ އަގުބޮޑު ހެދުމާއި އުސް ފައިވާން ބޭލިއެވެ. މިހުރިހާ އެއްޗަކުން އޭނާގެ ނޭވާ ހާސްވާ ކަހަލައެވެ. ވަޝިއްޔާ ބޭނުންވީ އެ ހުރިހާ އެއްޗެއް ހަށިގަނޑުން ވަކިކޮށްލާށެވެ. އަގުބޮޑު ހެދުންތަކާއި، ގަހަނާތަކާއި، އޭނާގެ މި ދޮގުވެރި ސޫރައެވެ. ވަޝިއްޔާ ބޭނުންވީ ހުސްފަޔާ ވާރޭގެ ތެރޭގައި ހުއްޓި ހުރެ، އަޑުގެ ނެތްތަނަށް ހަޅޭއްލަވައި، އެއްވެސް މީހަކަށް ބެލުމެއް ނެތި ހިތް ފުރެންދެން ރޯލާށެވެ.
ވޭތުވެދިޔަ ތިން އަހަރު ދުވަހު އޭނާ ދަސްކުރީ ކޮންމެ ފަދަ ހާލަތެއްގައިވެސް ކެތްތެރިވެ ހުރުމަށެވެ. ނަމަވެސް، މިރޭ ފެނުނު އެންމެ ސޫރައަކުން އޭނާ ބިނާކުރި ހުރިހާ ފާރުތަކެއް ބިމާ ހަމަވެއްޖެއެވެ.
“ކީއްވެ މިހާރު؟” ވަޝިއްޔާ އަށް މަޑުމަޑުން ބުނެލެވުނެވެ.
ދެން އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. “ކީއްވެ ތި އައީ މިހާރު މިރުޒާ؟”
*****
ހޯލުގެ ތެރޭގައި މިރުޒާ ހުރީ އެއްވެސް ހަރަކާތެއް ކުރަން ނޭނގިފައެވެ. ކައިރީގައި ހުރި މީހާ ވާހަކަދައްކަމުން ދިޔަ ނަމަވެސް، މިރުޒާގެ ސަމާލުކަން އެއްކޮށް ވަނީ ގެއްލިފައެވެ.
“މިރުޒާ؟ އަޑުއަހަންތަ؟”
އޭނާގެ އަޑު މިރުޒާއަށް އިވުނީ ހަމަ ކިރިޔާއެވެ.
އެއީ ހަމަ އޭނާއެވެ. ވަޝިއްޔާއެވެ. ފޮޓޯއެއް ނޫނެވެ. ޚަބަރަކުން ފެނުނު މަންޒަރެއް ނޫނެވެ. ލެޕްޓޮޕް ސްކްރީނަކުން ފެނުނު ތަސްވީރެއްވެސް ނޫނެވެ. އެއީ ވަޝިއްޔާއެވެ. ދުނިޔޭގައި އެބަހުއްޓެވެ. ދެންމެ މިރުޒާއާ ދާދި ކުޑަ ދުރުމިނެއްގައި އޭނާ އެހުރީއެވެ.
ވޭތުވެދިޔަ ތިން އަހަރު ދުވަހު މިރުޒާ އައީ އޭނާ ހޯދަމުންނެވެ. މި ވަގުތު އަތުވެދާނެ ކަމަށް ހިތަށް އަރުވައި، އެ މަންޒަރު އޭނާ ވަނީ އެތައް ފަހަރަކު ސިފަކޮށްފައެވެ. ނަމަވެސް، އޭނާ ހަމަލޮލަށް ފެނުމުން ކުރެވޭނެ އިޙުސާސްތައް އޭނާއަށް އޮތީ ހަނދާން ނެތިފައެވެ. އެހެނަސް، ވަޝިއްޔާ އޭނާއަށް ބަލައިލާނެ ގޮތެއް މިރުޒާ އުންމީދެއް ނުކުރެއެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ. ޙައިރާންކަމެއްވެސް ނެތެވެ. އަދި ހިތްހަމަޖެހުމުގެ ނިޝާނެއްވެސް ނެތެވެ. ފެނުނީ ހަމައެކަނި ދެނެގަތުމުގެ ބަލައިލުމެކެވެ. އޭގެ ފަހަތުން ފެނުނީ ނަފުރަތާ ވަރަށް ގާތްކުރާ ފަދަ ނުރައްކާތެރި އަސަރެކެވެ. މިރުޒާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ދެން ހުއްޓުނެވެ.
އޭނާ ބޭނުންވީ ދުވެފައި ގޮސް އޭނާގެ ކައިރިއަށް ހުއްޓި، އޭނާގެ ނަމުން ގޮވައި، އޭނާ ހޯދުން ދުވަހަކުވެސް ހުއްޓާނުލާކަން ބުނެދޭށެވެ. ނަމަވެސް، ވަޝިއްޔާގެ ސަމާލުކަމަށް އެދުމުގެ އެއްވެސް ޙައްޤެއް އޭނާއަށް ނެތްކަން މިރުޒާއަށް އެނގެއެވެ. ވީހާ ކަމަކަށްފަހު އެ ފުރުސަތެއް މިހާރަކު ނެތެވެ.
“އެއީ އޭނާތަ؟” ކައިރީގައި ހުރި މީހާ މަޑުމަޑުން އަހައިލިއެވެ.
މިރުޒާ ބޯޖަހައިލިއެވެ.
“ވަޝިއްޔާތަ؟ ޔަގީންތަ؟”
“އާނ.”
“މިރުޒާ މިތާ ހުރިކަން އޭނާއަށް އެނގޭތަ؟”
“އޭނާއަށް އަހަރެން ފެނިއްޖެ.”
އެ މީހާ ކޮރިޑޯއާ ދިމާއަށް ބަލައިލިއެވެ.
“އޭނާގެ ފަހަތުން ނުދާނީތަ؟”
މިރުޒާ އޭނާގެ އަތަށް ބަލައިލިއެވެ. “އަދިއެއް ނޫން.”
*****
ބެލްކަނީގައި ހުރެ، ވަޝިއްޔާއަށް އެންމެ ފަހުން ރޮވުނެވެ. އެއީ އެކަނިވެރި ކޮޓަރިތަކުގައި އޭނާ އޮހޮރުވި ހިމޭން ކަރުނައެއް ނޫނެވެ. އަދި އަޑެއް ބޭރުވެދާނެތީ ބިރުން ހުރެ އޮހޮރުވި ވަރުބަލި ކަރުނައެއްވެސް ނޫނެވެ. މިފަހަރު ތަފާތެވެ. އެ ކަރުނަތަކުގައި ވަނީ ތިން އަހަރު ދުވަހުގެ ޖަވާބު ނުލިބޭ ސުވާލުތަކެވެ.
ނުދަންނަ ކޮޓަރިއަކަށް ހޭލެވުނު ހަނދާން އޭނާ އާވިއެވެ. ކެމެރާތަކާއި، ބިރުވެރި ފިރިހެނުންނެވެ. ޖެހި އިންޖެކްޝަންތަކާއި، ލިބުނު އިހާނެތިކަމެވެ. އާއިލާއަށް ފޮނުވި މެސެޖުތަކެވެ. އަދި އޭނާ އެތަނަށް ގެނައީ މިރުޒާގެ ސަބަބުން ކަމަށް ބުނި މީހާގެ އަޑު އޭނާގެ ކަންފަތުގައި ގުގުމައިލިއެވެ.
“ކަލޭގެ ސަބަބުން، ދުނިޔޭގެ ކަންކަން ނޭނގޭ މައުސޫމު ބަޔަކު މި ނުރައްކަލުގެ ތެރެއަށް ވައްޓާލެވިއްޖެ.”
އެ ފޮޓޯއާއި ވީޑިޔޯތަކުގެ ހަނދާން އޭނާ އާވިއެވެ. މިރުޒާގެ ވިޔަފާރީގެ ސަބަބުން އުފެދުނު ދުޝްމަނުންގެ އަމާޒަކަށް އޭނާ ވީ، މިރުޒާއާ ހަމައަށް ދިއުމަށް އޮތް އެންމެ ފަސޭހަ މަގަކީ އޭނާ ކަމަށް ވުމުންކަމަށް ބުނި ހަނދާންތަކެވެ. ނަމަވެސް، އެހެން ހަނދާނެއްވެސް އޭނާގެ ސިކުނޑިއަށް އައެވެ. މެސެޖެކެވެ. އިންޒާރެކެވެ. އޭނާ އެތަނުގައި ހުރީ މިރުޒާގެ ބައިވެރިވުމާއެކު ރޭވިގެން ކަމަށް ބުނި އަޑެކެވެ. ހަޤީޤަތަކީ ކޮބައިކަމެއް އޭނާއަށް ދުވަހަކުވެސް ނޭނގެއެވެ.
މިރުޒާއަށް މިކަމުގެ އެއްވެސް މަޢުލޫމާތެއް ނޭނގޭނެ ކަމަށް އަމިއްލަ ނަފުސަށް ވިސްނައިދޭން އޭނާ އެތައް އަހަރަކު މަސައްކަތް ކުރިއެވެ. ފަހަރުގައި މިރުޒާއަކީ ފަރުވާކުޑަ މީހަކަށް ވެދާނެއެވެ. ނުވަތަ އޭނާގެ ކޮންޓްރޯލުން ނެއްޓިފައިވާ ކަންތައްތަކެއްގެ ތެރޭގައި އޭނާ ބެދުނީއެވެ. އެހެނަސް، މިހާރު މިރުޒާ އެ ހުރީ ޖާބިރު ރަޙްމާނާއެކު އެއް ފުރާޅެއްގެ ދަށުގައެވެ. އެއީ އޭނާ ކުރިން ހުރި ތަނުން ނެރެ، އޭނާއަށް އާ ނަމެއް ދިން މީހާއެވެ. އޭނާއަށް ރައްކާތެރިކަންދީ، ހުރިހާ އެއްޗެއް ފޯރުކޮށްދީ، އޭނާއަކީ ޖާބިރުގެ “ޝްރެޔާ” ކަމުގައި ހެދި މީހާއެވެ.
އަދި އެންމެ ފަހުން މިރުޒާ ފެނިއްޖެއެވެ. ބިރުވެރި ޚިޔާލެއް އޭނާގެ ހިތަށް ވެރިވިއެވެ. އެމީހުން ބުނި ވާހަކަ ތެދަކަށް ވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ކަމެއް މިރުޒާއަށް ކުރިންވެސް އެނގެނީބާވައެވެ؟ އޭނާއަކީ އެއްބަސްވުމެއްގެ ބައެއްބާވައެވެ؟ މިރުޒާ އޭނާ ނުރައްކަލުގެ ތެރެއަށް ދޫކޮށްލުމަށްފަހު، ތިން އަހަރު ދުވަހު އޭނާ ހޯދާކަމަށް ހެދިގެން އުޅުނީ ހެއްޔެވެ؟
ވަޝިއްޔާގެ ހިތް ނުތަނަވަސްވިއެވެ. އޭނާގެ ދެލޮލުގައި އަތްއަޅައި ފިއްތައިލިއެވެ. “ނޫން…”
ނަމަވެސް އެ ޚިޔާލުތަކެއް އޭނާގެ ސިކުނޑިއަކުން ނުފިލިއެވެ. ފަހަރުގައި އެ މެސެޖުތަކަކީ އިންޒާރުތަކެއް ނޫނެވެ. އެއީ ހަޤީޤަތެވެ.
*****
ބެލްކަނީގެ ދޮރު ހުޅުވުނެވެ. ވަޝިއްޔާ ވަގުތުން ތެދުވެ މޫނު ފުހެލިއެވެ. އަދި ބާލާފައި އޮތް ހެދުމުން ކުޑަކޮށް ނިވާވެލަން މަސައްކަތް ކުރިއެވެ.
“ޝްރެޔާ މެޑަމް؟”
އެއީ ޖާބިރުގެ ސެކިއުރިޓީ އޮފިސަރެވެ.
“މިސްޓަރ ރަޙްމާން ކަމަނާ ހޯއްދަވާ އެބަ.”
އޭނާ ފުން ނޭވާއެއްލިއެވެ.
“އަހަރެން މިދަނީ ކަމަށް ބުނޭ.”
އޮފިސަރު މަޑުޖެހިލިއެވެ.
“ކަމަނާ ރަނގަޅުތަ؟”
“އަހަރެން ރަނގަޅު.”
އޭނާ ބޯޖަހައިލުމަށްފަހު އެތެރެއަށް ވަނެވެ.
ބިއްލޫރި ދޮރުން ވަޝިއްޔާ ހޯލުގެ ތެރެއަށް ބަލައިލިއެވެ.
ބޮކިތަކުގެ އަލީގައި މީހުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. މިއުޒިކް ކުޅެމުންދެއެވެ. ވެއިޓަރުން ބުއިންތައް ބަހަމުންދާއިރު، އެއްވެސް ކަމެއް ނުހިނގާ ފަދައިން މީހުން ހީނ ސަމާސާ ކުރަމުންދެއެވެ.
މިރުޒާ އަދިވެސް އެތާ އެބަހުއްޓެވެ. ދުރުން ވަޝިއްޔާއަށް އޭނާ ފެނެއެވެ. އޭނާ ހުރީ ވަޝިއްޔާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ތިން އަހަރު ކުރިން، އޭނާ ބޭނުންވީ މިރުޒާ އޭނާ ހޯދާށެވެ. ނަމަވެސް މިރޭ އޭނާ އެދެނީ މިރުޒާ ދުވަހަކުވެސް ނައިނަމައެވެ. ސަބަބަކީ، މިރުޒާ އޭނާއަށް ބަދުނާމުކޮށްފައިވާކަމަށް ޤަބޫލުކޮށްގެން އުޅެން އޭނާ މިހާރު އާދަވެފައިވާތީއެވެ. އަދި އެއީ ވަޝިއްޔާ އެއް އިރެއްގައި އެންމެ އިތުބާރު ކުރި މީހާވެސްމެއެވެ. ނަމަވެސް މިހާރު އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވުމުގެ އަސްލު ކަމުގައި ވެދާނެކަމުގެ ބިރުވެރި ހަޤީޤަތާ ވަޝިއްޔާއަށް ކުރިމަތިލާން މިހާރު ޖެހިފައިވާތީއެވެ.
*****
އެތެރޭގައި ހުރި މިރުޒާ، އެންމެ ފަހުން ކޮރިޑޯއާ ދިމާއަށް އެނބުރުނެވެ. އޭނާއަށް ވަޝިއްޔާ ފެނިއްޖެއެވެ. ނަމަވެސް ވަޝިއްޔާގެ މޫނުމަތިން ފެނުނު އަސަރުތަކަކީ މިރުޒާ ތައްޔާރުވެގެން ހުރި ކަންތައްތަކެއް ނޫނެވެ.
ވަޝިއްޔާއަށް ފެންނަނީ ތިން އަހަރު ދުވަހު އޭނާ ހޯދަން އުޅުނު މީހާއެއް ނޫނެވެ. އޭނާއަށް ފެންނަނީ، އޭނާގެ ދިރިއުޅުން ހަލާކުކޮށްލި މީހުންނަށް އޭނާ ވިއްކައިލި މީހާގެ ސިފައެވެ. އަދި ވަޝިއްޔާ އެފަދައިން ޤަބޫލުކުރާ ސަބަބު މިރުޒާއަށް އެނގެންދެން، އެމީހުންގެ ބައްދަލުވުމަކުން އުފަލެއް ނުލިބޭނެއެވެ. ލިބޭނީ ހަމައެކަނި ސުވާލުތަކެވެ. އަދި ފަހަރުގައި، ތިން އަހަރުގެ ހިމޭންކަމަށްފަހު، މިރުޒާގެ ހަޔާތުގައި ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ ކުރިމަތިލުން މިހާރު މިވަނީ ފެށެން ގާތްވެފައެވެ.
(ނުނިމޭ)
