ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ގުޅުންތަކަށް ބުރޫއަރާފާނެ އާދަވެފައިވާ ފަސް ކަމެއް

އާދަތަކަކީ ގިނަފަހަރަށް ގަސްދުގައި ނިންމާ ނިންމުމަކާ ނުލައި އަށަގަންނަ ކަންކަމެވެ. ހިތްހަމަނުޖެހުން، މާޔޫސްކަން ނުވަތަ ދެރަވުން ފަދަ ހާލަތްތަކުގައި އަހަރެމެންގެ ކިބައިން ބައެއް ކަހަލަ އަމަލުތައް ފެނިދާނެއެވެ. ނަމަވެސް، އެ ހާލަތު ފާއިތުވެ ދިޔުމަށްފަހުވެސް އެ އަމަލުތައް ތަކުރާރުވުން ނުވަތަ ނޭދެވޭ ވިސްނުންތަކާއި މީހުން ކުށްވެރިކުރުމުގެ އާދަ ދެމިއޮވެދާނެއެވެ.

މިއީ ފައިދާއެއް ނެތް ނުވަތަ ނުރަނގަޅު ކަންކަމަށް ވީނަމަވެސް، ބައެއް ފަހަރު އަމިއްލައަށް ނޭނގި މިފަދަ ކަންކަމުގެ ތެރެއަށް ވަދެވި، އެކަމުގެ ސަބަބުން އެހެން މީހުންނަށް ކުރާ އަސަރު އިހުސާސް ނުކުރެވިދާނެއެވެ. މިފަދަ ނޭދެވޭ އަމަލުތައް އިސްލާހު ނުކޮށްފިނަމަ، އެއީ ބަދަލުކުރަން އުނދަގޫ އާދަތަކަކަށް ވެގެންދެއެވެ.

ދިރިއުޅުމުގެ އެކި މައިދާންތަކުގައި މިފަދަ ކަންކަމަށް ފަރުވާކުޑަކޮށްލެވުނު ނަމަވެސް، ކިޔަވައިދިނުމާއި ލީޑަރޝިޕްގެ ދާއިރާގައި މިފަދަ އާދަތަކުގެ ސަބަބުން ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށްފާނެއެވެ. ދަރިވަރުންނާއި މުވައްޒަފުންނަށް އަބަދުވެސް މިފަދަ ކަންކަމުން ދުރުވެގަނެވޭނެ ފުރުސަތެއް ނޯވެއެވެ. ބައެއް އަމަލުތަކުގެ ސަބަބުން އުނގަންނައިދިނުމަށް ހުރަސްއެޅި، ދަރިވަރުންގެ ކުރިއެރުމަށް ބުރޫއަރައެވެ. އެހެންކަމުން، އަހަރެމެންގެ އަމަލުތަކަކީ އެހީތެރިވެދޭ އަދި ފައިދާހުރި އަމަލުތަކެއްކަން ކަށަވަރުކުރަންޖެހެއެވެ. ތިރީގައިވަނީ އާދަވެފައިވާ ނޭދެވޭ ފަސް ކަމަކާއި އެކަންކަން އިސްލާހުކުރާނެ ގޮތްތަކެވެ.

1- މަލާމާތްކުރުން: މިކަން ފެށިގެން އަންނަނީ ސަމާސާއެއްގެ ގޮތުގައެވެ. ނަމަވެސް، ވިސްނާނުލައި މިފަދަ ބަސްތައް ބޭނުންކުރަން ފެށުމުން، އެއީ އިހުތިރާމް ކުޑަ އަދި މީހުންގެ ހިތުގައި ޖެހޭ ފަދަ ކަމަކަށް ބަދަލުވެއެވެ. މިސާލަކަށް، ދަރިވަރަކު ކުލާހަށް ލަހުން އައުމުން “ތި އައީ ހަމަ އެންމެ ރަނގަޅު ވަގުތަށް” ބުނުން ނުވަތަ “ތިޔައީ ކަމެއް ނުބައިކޮށް ކުރަން އޮތް ގޮތް” ކަމަށް ބުނެ ސަމާސާކުރުމަކީ ހިތްވަރު ދިނުމުގެ ބަދަލުގައި، އިތުބާރު ގެއްލި ގުޅުންތަކަށް ހީނަރުކަން އަންނާނެ ކަމެކެވެ.
އިސްލާހުކުރާނެ ގޮތް: ނޭދެވޭ ބަސްތަކުގެ ބަދަލުގައި އިހުތިރާމާއި، ހަގީގީ އެހީތެރިކަމާއި، އޯގާތެރިކަމާއެކު މުއާމަލާތްކުރުން.

މިވެސް ކިޔާލަން:  މުދައްރިސުންގެ ޝުޢޫރުތައް: ދަރިވަރުންގެ ކާމިޔާބީގެ ތަޅުދަނޑި

2- މާޔޫސްކަމާއި ނުބައި ތަސައްވުރު: މިއީ ކަންކަމާ މެދު އުއްމީދު ކަނޑާލައި، އެއްވެސް ކަމެއް ބަދަލުނުކުރެވޭނެ ކަމަށް ގަބޫލުކުރުމެވެ. “މީގެ ކުރިންވެސް ތިކަން ކުރިން، އެކަމަކު ކާމިޔާބެއް ނުވި” ނުވަތަ “މި ކުދިން ކިޔަވާނެ ކަމުގެ އުއްމީދެއް ނެތް” ފަދަ ބަސްތަކުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި އޮންނަ އުއްމީދު ގެއްލިގެންދެއެވެ.
އިސްލާހުކުރާނެ ގޮތް: ކަންކަމާ މެދު ފައްސިކޮށް ވިސްނުން. “ނުވާނެ” ކަމަށް ބުނުމުގެ ބަދަލުގައި “އަދި ނުވަނީ” ކަމަށް ބަލައި، ކާމިޔާބު ކުރެވޭނެ ގޮތްތަކަށް ސަމާލުކަން ދިނުން.

3- ޝައުގުވެރިކަން ކުޑަވުން: މިއީ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، ހަމައެކަނި “ނަމަކަށް” މަސައްކަތް ކުރުމެވެ. އުނގަންނައިދިނުމުގައި އާ ގޮތްތައް ހޯދުމުގެ ބަދަލުގައި، ކުރިން ކުރި ކަންކަން ތަކުރާރުކޮށް، ފޫހިކަން އިހުސާސްވުމެވެ. މިކަން ދަރިވަރުންނަށް ފާހަގަވުމުން، އެކުދިންގެ ކިޔެވުމަށް ދޭ ސަމާލުކަންވެސް ކުޑަވެގެންދެއެވެ.
އިސްލާހުކުރާނެ ގޮތް: މަސައްކަތުގެ ތެރޭގައި ހަރަކާތްތެރިވެ، މުހިންމު ވަގުތުކޮޅުތަކެއް އުފެއްދުމަށް މަސައްކަތްކުރުން. މަސައްކަތުގެ އުސޫލުތަކަށް ބަދަލު ގެނެސް އާ ކަންކަން ތަޖުރިބާކުރުން.

4- ނޭދެވޭ ނިޔަތެއް އޮތްކަމަށް ނިންމުން: ދަރިވަރެއްގެ ފަރާތުން ގޯސް އަމަލެއް ފެނުމުން ނުވަތަ ފަރުވާކުޑަކޮށްލުމުން، އެއީ ކީއްވެގެން ފެނުނު އަމަލެއްތޯ ބެލުމުގެ ބަދަލުގައި، އެއީ ގަސްދުގައި ކުރި ކަމެއް ނުވަތަ އެކުއްޖާގެ ކަންނެތްކަމުން ވީ ކަމެއް ކަމަށް ނިންމުމެވެ. ބައެއް ފަހަރު މިފަދަ އަމަލުތަކަކީ ކުއްޖާގެ ބާރު ނުފޯރުވާ ކަންތައްތަކެއްގެ ސަބަބުން ދިމާވާ ކަންކަމެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން ގުޅުން ހީނަރުވެ، ދަރިވަރުންގެ މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރެއެވެ.
އިސްލާހުކުރާނެ ގޮތް: އަވަސް ނިންމުންތައް ނިންމުމުގެ ބަދަލުގައި، ކަންވީ ގޮތް އޮޅުންފިލުވުން. ކުއްޖާގެ އަމަލާއި އެކުއްޖާގެ ޝަހުސިއްޔަތާ ވަކިކޮށްގެން ބެލުން.

މިވެސް ކިޔާލަން:  ދިރާސާ: މުސްތަޤްބަލުގެ ކާމިޔާބީއަށްޓަކައި ދަރިވަރުން މިއަދު އާލާކުރަންޖެހޭ ހަތަރު ހުނަރެއް

5- މާބޮޑަށް އަވަސްއަރުވާލުން: ހަވާލުކުރެވިފައިވާ މަސައްކަތްތައް ނިންމުމަށްޓަކައި، ކަންކަން ފުންކޮށް ދަސްކޮށްދިނުމުގެ ބަދަލުގައި އަވަސްއަރުވާލައިގެން ނިންމާލުމެވެ. މީގެ ސަބަބުން ދަރިވަރުންނަށް ދެވޭ މައުލޫމާތު ފުރިހަމަނުވެ، އެކުދިންނަށް ދެވޭ އިރުޝާދުތަކަކީ އާދައިގެ ކަންކަމަށް ވެގެންދެއެވެ. އަދި ދަރިވަރުންނަށް ކަންކަން ފުރިހަމައަށް އޮޅުންފިލުވުމަކީ މުހިންމު ކަމެއް ނޫން ކަމަށް ހީވެދާނެއެވެ.
އިސްލާހުކުރާނެ ގޮތް: ހަމައެކަނި ފިލާވަޅުތައް ނިންމުމަށްވުރެ، ދަރިވަރުންނަށް އެކަންކަން ފަހުމްވުމަށް އިސްކަންދިނުން. “ކަމެއް ކުރާނަމަ، އެކަމެއް އެންމެ ފުރިހަމައަށް ކުރުން” މި އުސޫލު ހަނދާން ބެހެއްޓުން.

އާދަތަކަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ ފައިދާހުރި ކަމެކެވެ. ނަމަވެސް، އެކަންކަމުގެ ސަބަބުން އަހަރެމެންގެ މަސައްކަތަށާއި ދިރިއުޅުމަށް ހުރަސް އެޅިދާނެއެވެ. އެހެންކަމުން، އަހަރެމެންގެ އާދަތަކަކީ ކުރިއެރުމަށް މަގުފަހިކޮށްދޭ، އަދި އެހެން މީހުންނަށް ފައިދާހުރި ކަންކަން ކަމުގައި ހެދުމަށް ސަމާލުކަން ދޭންޖެހެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top