ދުނިޔޭގެ ދީންތަކުގެ މުސްތަގުބަލާ ގުޅޭގޮތުން “ޕިއު ރިސާޗް ސެންޓަރު” އިން އެކުލަވައިލި އައު އަންދާޒާތަކުން ދައްކާ ގޮތުގައި، 2035 ވަނަ އަހަރާ ހަމައަށް ދާއިރު އިސްލާމްދީނަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ތަބާވާ ދީނަށް ވާނެއެވެ.
މި ރިޕޯޓުގައި 2020 އާއި 2070 އާ ދެމެދު ދީނީ ހަތް ގްރޫޕެއްގެ ކުރިއެރުމަށް ވަނީ ބަލާފައެވެ. ދުނިޔޭގެ އާބާދީ އިތުރުވާ ނިސްބަތުން ކުރިއަރަމުންދާ ހަމައެކަނި ދެ ދީނަކީ އިސްލާމްދީނާއި ނަޞާރާ ދީނެވެ. ނަމަވެސް، ނަޞާރާ ދީނަށްވުރެ ހަލުވި ދުވެއްޔެއްގައި އިސްލާމްދީން ފެތުރެމުންދާކަން ފާހަގަކުރެވެއެވެ.
2070 ވަނަ އަހަރާ ހަމައަށް ދާއިރު މުސްލިމް އާބާދީގެ ބޮޑުމިން ހުންނާނެ މިންވަރު:
މިހާރު އޮތް މިސްރާބަށް ބަލާއިރު، 2070 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގައި މުސްލިމުންގެ އާބާދީ 3.6 ބިލިއަނަށްވުރެ އިތުރުވާނެއެވެ.
2020 އާއި 2070 އާ ދެމެދު ދުނިޔޭގެ އާބާދީ %29 އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ހަމަ އެ މުއްދަތުގެ ތެރޭގައި މުސްލިމުންގެ އާބާދީ %80 އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2020 ވަނަ އަހަރު ދުނިޔޭގެ އާބާދީގެ %26 ހިއްސާކުރި މުސްލިމުންގެ ނިސްބަތް، 2070 ވަނަ އަހަރު %36 އަށް އުފުލިގެންދާނެއެވެ.
މުސްލިމް އާބާދީ މިހާ ހަލުވިކޮށް އިތުރުވަނީ ކީއްވެ؟
ޕިއު ރިސާޗް ސެންޓަރުން ފާހަގަކުރާ ގޮތުގައި މީގެ މައިގަނޑު ސަބަބަކީ އާބާދީގެ އޮނިގަނޑެވެ. 2020 އާއި 2025 އާ ދެމެދު މުސްލިމް އަންހެނެއްގެ ފާޓިލިޓީ ރޭޓް ނުވަތަ ދަރިން ހޯދާ ނިސްބަތް 3.1 ގައި ހުރިއިރު، މުސްލިމް ނޫން މީހުންގެ މި ނިސްބަތް ހުރީ 2.0 ގައެވެ.
މީގެ އިތުރުން، މުސްލިމް އާބާދީއަކީ ނިސްބަތުން ޒުވާން އާބާދީއެކެވެ. 2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުސްލިމުންގެ މެދުއުމުރަކީ 24 އަހަރެވެ. މިއީ މުސްލިމް ނޫން މީހުންގެ މެދުއުމުރު ކަމުގައިވާ 33 އަހަރަށްވުރެ ގާތްގަނޑަކަށް 10 އަހަރުގެ ހަގު އުމުރެކެވެ.
މި ގަރުނުގެ އާބާދީގެ ބޮޑުބައި އިތުރުވާނެ ކަމަށް ބެލެވެނީ ސަބް-ސަހާރަން އެފްރިކާގައެވެ. އެ ސަރަހައްދުގެ ގިނަ މީހުންނަކީ މުސްލިމުން ނުވަތަ ނަޞާރާއިންނެވެ.
2070 ވަނަ އަހަރާ ހަމައަށް އެންމެ ގިނަ މުސްލިމުން އުޅޭނީ ކޮން ގައުމުތަކެއްގައި؟
އަންދާޒާތައް ދައްކާ ގޮތުން 2070 ވަނަ އަހަރާ ހަމައަށް ދާއިރު އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނާނީ ޕާކިސްތާނުގައެވެ. އެއަށްފަހު ދެން އެންމެ ގިނަ މުސްލިމުން އުޅޭނީ އިންޑިއާ، ނައިޖީރިއާ އަދި އިންޑޮނޭޝިއާގައެވެ.
އެހެން ދީންތަކުގެ ހާލަތު:
ނަޞާރާ ދީނަށް ތަބާވާ މީހުންގެ ނިސްބަތް %30 އިތުރުވެ، 2070 ވަނަ އަހަރާ ހަމައަށް ދާއިރު އެ އާބާދީ 3 ބިލިއަނާ ގާތްކުރާނެއެވެ. އަދި ދުނިޔޭގެ އާބާދީގެ %29 ގައި އެ ނިސްބަތް ހިފެހެއްޓޭނެއެވެ. މި މުއްދަތުގެ ތެރޭގައި އެމެރިކާ ފަހަތަށް ޖައްސާލުމަށްފަހު، އެންމެ ގިނަ ނަޞާރާއިން އުޅޭ ގައުމަކަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ވާނެ ކަމަށް ބެލެވެއެވެ. އަދި އެމެރިކާ، ކެނެޑާ އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކުގައި 2070 އާ ހަމައަށް ދާއިރު ނަޞާރާ ދީނުގެ މެޖޯރިޓީ ނޯންނާނެ ކަމަށް ލަފާކުރެވެއެވެ.
ހިންދޫންނާއި ޔަހޫދީންގެ އަދަދު އިތުރުވި ނަމަވެސް، ދުނިޔޭގެ އާބާދީގެ ނިސްބަތުން އެމީހުންގެ ހިއްސާ ދަށްވާނެއެވެ. އަދި ބުދުދީނަށް ތަބާވާ މީހުންގެ އަދަދާއި ނިސްބަތްވެސް ދަށްވާނެ ކަމަށް ބެލެވެއެވެ.
މި އަންދާޒާތައް ބިނާކޮށްފައިވަނީ ދީން ބަދަލުކުރުމާއި ހިޖުރަކުރުމުގެ ރޭޓް މިހާރު ހުރި މިންވަރަށް ބަލައިގެންނެވެ. ނަމަވެސް، އެއްވެސް ދީނަކަށް ތަބާނުވާ މީހުންގެ އާބާދީ، 2010 އާއި 2020 އާ ދެމެދު އަންދާޒާކުރި ވަރަށްވުރެ ހަލުވިކޮށް އިތުރުވެފައިވާތީ، މި ރިޕޯޓުގެ ހޯދުންތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕިއު އިން ފާހަގަކުރެއެވެ.
