ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތް އިންޓަރނޭޝަނަލް ބްރޭކަށް މެދުކަނޑާލުމަށްފަހު، އަލުން ފަށައި ކުޅުނު ފުރަތަމަ މެޗު އޮޑި ސްޕޯރޓްސް ކުލަބް ކާމިޔާބުކޮށްފި އެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ އޮޑި ސްޕޯރޓްސް ކުލަބާއި ޓީސީ ސްޕޯރޓްސް ކުލަބެވެ. ވާދަވެރި ފޯރިގަދަ ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޓީސީއިން ނެވެ. ޓީސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން ނުކުތް މުޙައްމަދު ދާނިސް އިބްރާހީމެވެ. އޮޑި ސްޕޯރޓްސްގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި އޮޑި ސްޕޯރޓްސްގެ ގޯލު ކުރިމައްޗަށް ޓީސީ ކުޅުންތެރިޔާ ލައިދިން ބޯޅައަކީ ދާނިސްގެ ފައިގައި ޖެހުނު ފުރަތަމަ ބޯޅަ އެވެ. ހުސްކޮށް ހުރި ދާނިސް ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލީ ކީޕަރު ކައިރިން ކީޕަރުގެ ދުރުކަނަށެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްކުރި އޮޑި ސްޕޯރޓްސްއިން ވަނީ 40 ވަނަ މިނިޓްގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމުން މި ލަނޑު ޖަހާފައިވަނީ ޓީސީގެ އޭރިޔާގެ ތެރެއިން އޮޑި ސްޕޯރޓްސްގެ ހެޑްސަންއަށް ޓީސީގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ. މި ޕެނަލްޓީ އޮޑި ސްޕޯރޓްސްއަށް ކާމިޔާބުކޮށްދިނީ ހެޑްސަން ޑިއާސް ޑި ޖީސަސް އެވެ.
ފަހަތުން އަރައި މޮޅުވި އޮޑި ސްޕޯރޓްސްއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. މި ލަނޑު އޮޑި ސްޕޯރޓްސްއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަން އެވެ. އިބްރާހިމް ވަހީދުގެ މި ލަނޑަކީ މުޒްދާން ހަސަން އާއި އިބްރާހިމް ހަސަން ގުޅިގެން އުފެއްދި ފުރުސަތެއްގައި ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި ހާފުގައި ވެސް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ. މި މެޗުގައި އޮޑި ސްޕޯރޓްސްއިން ޖެހި ތިންވަނަ ލަނޑު ޖެހީ މެޗުގެ 66 ވަނަ މިނިޓްގައި ހެޑްސަން ޑިއާސް ޑި ޖީސަސް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޓީސީގެ ގޯލު ކުރިމައްޗަށް އަހްޒަމް ރަޝީދު ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 11 ޕޮއިންޓް ހަމަކޮށް އޮޑި ސްޕޯރޓްސް ވަނީ ލީގުގެ ހަތަރުވަނައަށް ޖެހިލައިފަ އެވެ.
3-1 އިން އޮޑި ސްޕޯރޓްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮޑި ސްޕޯރޓްސްގެ ހެޑްސަން ޑިއާސް ޑި ޖީސަސް އެވެ.
