ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 49
މުނިއަވަސް ގްރެފިކްސް

ހަޤީޤަތް ފާޅުވާ ދުވަހަކުން

ގާތްގަނޑަކަށް ވިހި މިނެޓު ފަހުން ޖާބިރު ނިދާކޮޓަރިއަށް ވަނެވެ.

ޚިދުމަތްތެރިން ތިބީ ދޮރުމަތީގައެވެ. ހައުސްކީޕިންގ މުވައްޒަފަކު އޭރު ކޮޓަރިތެރެއަށް ތެޅިފައި ހުރި ބިއްލޫރިތައް ނަގައި ސާފުކުރަނީއެވެ. “ކިހިނެއްވީ؟”

“އޭނާ ވަރަށް ބޮޑަށް ހާސްވެ، ކަންބޮޑުވީ ސާހިބާ. އަޅުގަނޑުމެން އޭނާ ހަމައަކަށް އަޅުވަން ވަރަށް މަސައްކަތް ކުރިން، އެކަމަކު..”

“އަހަރެމެން އެކަނި ބައިތިއްބާފައި ދޭ.”

ޚިދުމަތްތެރިން އެކަކު އަނެކަކަށް ބަލައިލިއެވެ.

“ސާހިބާ، ޑޮކްޓަރު ލަފާދެއްވާފައިވަނީ..”

“އަހަރެން ބުނީ ދާށޭ.”

އެ މީހުން ކޮޓަރިން ނުކުތެވެ. ނަމަވެސް އެކަކު ދޮރުމަތީގައި މަޑުކޮށްލިއެވެ. ޖާބިރު އެނދާ ދިމާއަށް ހިނގައިގަތެވެ.

ވަޝިއްޔާ އިނީ އެނދުގެ ފަޑީގައި ލެނގިލައިގެން، ކަކޫ މޭގައި ޖައްސައި ބައްދާލައިގެންނެވެ. އޭނާގެ ދެލޯ ވަނީ ދުޅަވެފައެވެ. އަދި އަތްތިލަ ދިޔައީ ކުޑަކޮށް ތުރުތުރުލަމުންނެވެ.

ޖާބިރު އޭނާގެ ކައިރީގައި އިށީނެވެ.

“މަގޭ ޝްރެޔާ.. އޯ މައި ޑާރލިންގް.”

އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ.

“އަހަރެން އަޑުއެހިން ކަލޭ އެންމެންނަށް ވަރަށް އުނދަގޫ ކުރަމުންދާ ވާހަކަ.”

އޭނާ މަޑުމަޑުން ޖާބިރާ ދިމާއަށް ބަލައިލިއެވެ. “އެންމެންނަށް؟”

ޖާބިރު އޭނާގެ މޫނަށް ފުންކޮށް ބަލައިލިއެވެ.

“ޑޮކްޓަރަށް. ޚިދުމަތްތެރިންނަށް. ކަލޭގެ ކަންތައްތައް ބަލަހައްޓާ މީހުންނަށް.”

އޭނާގެ ތުންފަތްމައްޗަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ.

“ނިކަމެތި ގޮތް ހުސްވެފައި ތިބި ފީކަޅާ ބައެއް.”

ޖާބިރު ނުރުހުމުގެ މޫނެއް ދެއްކިއެވެ. “ކީކޭ؟”

“ނިކަމެތި ބައެކޭ. އެ މީހުންނަށް މި ޖެހެނީ އުޅެންވީ ގޮތްވެސް ނޭނގޭ އަންހެނަކު ބަލަހައްޓަން.”

“ތިހެން ނުބުނޭ.”

“ކީއްވެ؟ ތިއީ ނޫންތަ ކަލޭވެސް ޤަބޫލުކުރާ ގޮތަކީ؟”

ޖާބިރު އޭނާއާ ގާތްވާން އުޅުމުން، އޭނާ ދުރަށް ޖެހިލިއެވެ. ޖާބިރުގެ ކުޑަކޮށް ފަހަތަށް ޖެހިލައި ހުއްޓުނެވެ.

“ޝްރެޔާ، ކަލޭ އަރާމުކުރަން އެބަޖެހޭ.”

“އަހަންނަށް ތި ނަމުން ނުގޮވާފާނަންތަ؟”

ޖާބިރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ކީއްވެ ތިހެން ތި ބުނަނީ؟”

އޭނާ ޖާބިރުގެ ދެލޮލަށް ސީދާ ބަލައިލިއެވެ. “އަހަންނަށް ޝްރެޔާގެ ނަމުން ނުގޮވާށޭ.”

ޖާބިރު އިނީ ހިމޭނުންނެވެ.

“މިއީ ވަޝިއްޔާ.”

އެ ބަސްތައް އެ މީހުންގެ ދެމެދުގައި ވަރަށް ބަރު އެއްޗެއްގެ ގޮތުގައި ހަރުލިއެވެ. ޖާބިރު ދަތްކުނޑިވިކާލިއެވެ.

“ކަލޭ ތިޔަ އުޅެނީ ބަލިވެ. ތިޔަ ވާހަކަ ދައްކާނީ ކަލޭ ރަނގަޅުވުމުން.”

“ނޫން. ތިޔަ ވާހަކަ ދައްކާނީ ކަލޭ ބޭނުންވާ އިރަކުން. އަހަރެން ރަނގަޅުވީ ކޮން އިރަކުކަން ނިންމާނީ ކަލޭ. އަހަރެން ލާނީ ކޮން އެއްޗެއްކަމާއި، ދާނީ ކޮންތާކަށްކަމާއި، ވާހަކަދައްކާނީ ކާކާކަން އަދި އަހަރެން ބޭނުންކުރަންވީ ކޮން ނަމެއްކަންވެސް ނިންމާނީ ހަމަ ކަލޭ.”

ވަޝިއްޔާގެ އަޑު އަނެއްކާވެސް ތުރުތުރުލާން ފެށިއެވެ.

“ބުނެބަލަ ޖާބިރު. އަހަރެންގެ އަތުން ބީވެދާނެ އިތުރު ކޮން އެއްޗެއް ދެން އޮތީ؟”

މިވެސް ކިޔާލަން:  ދެބަންވެލި - 01

ޖާބިރު ވަރަށް ގިނައިރުވަންދެން އޭނާއަށް ބަލަން އިނެވެ. އެއަށްފަހު އޭނާ ތެދުވިއެވެ. “ކަލޭ ބޭސް ކާން އެބަޖެހޭ.”

އޭނާ މަޑުމަޑުން ހީނލިއެވެ. “އާނ، އާދެ، ހަމަގައިމުވެސް.”

ޖާބިރު ޚިދުމަތްތެރިޔާއަށް ގޮވައި، ޑޮކްޓަރު ދީފައިވާ ބޭހާއި ފެން ގެނައުމަށް އެންގިއެވެ. ޖާބިރު ކޮޓަރިން ނުކުމެގެން ދިޔަ މަންޒަރު ބަލަން ވަޝިއްޔާ އިނެވެ. ޚިދުމަތްތެރިޔާ ބޭސް ހިފައިގެން އައުމުން އޭނާ އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކައެވެ. އެއްވެސް އެއްޗެއް އުކައެއް ނުލައެވެ. އޭނާގެ ބެލުމުގެ ދަށުން ބޭސް ކެއުމަށްފަހު ކުޑަދޮރާ ދިމާއަށް އެނބުރުނެވެ. ނަމަވެސް ޖާބިރު ދޮރުން ނުކުތުމުގެ ކުރިން އޭނާ އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ކަލެއަށް އޭނާ އެނގޭތަ؟”

ޖާބިރު ހުއްޓުނެވެ. “ކާކު؟”

“މިރުޒާ.”

ކޮޓަރިތެރެ މުޅިން ހިމޭންވިއެވެ. ޖާބިރު މަޑުމަޑުން އެނބުރުނެވެ.

“ކަލޭ މިރުޒާ ގަފޫރާ ބެހޭގޮތުން ތިޔަ އަހަނީ ކީއްވެ؟”

ވަޝިއްޔާ އޭނާގެ އަތްތިލައަށް ބަލައިލިއެވެ. “އަހަންނަށް އޭނާ ފެނުނީމަ.”

“އަހަންނަށް އެނގޭ.”

ވަޝިއްޔާ އިސްއުފުލާ ބަލައިލިއެވެ. “ކަލެއަށް އެނގޭތަ؟”

ޖާބިރުގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.

“އަހަންނަށް އޭނާ އެ ހަފުލާއިން ފެނުނު.”

“އެހެންވީމަ އޭނާ އެތާ ހުރިކަން ކަލެއަށް އެނގޭ.”

“އާނ.”

“ކަލޭ އޭނާއަށް ދައުވަތު ދިނީތަ؟”

“ނޫން.”

ވަޝިއްޔާ ޖާބިރުގެ މޫނަށް ބަލައި، އެ މޫނުމަތީގައިވާ ކުލަވަރު ދެނެގަންނަން މަސައްކަތްކުރިއެވެ.

“އޭނާ އަހަންނަށް ހެދި ގޮތް ކަލެއަށް އެނގޭތަ؟”

ޖާބިރު އޭނާއާ ދިމާއަށް މަދު ފިޔަވަޅުތަކެއް އެޅިއެވެ.

“ޝްރެޔާ، ކަލޭ ތިޔަ އިނީ ވަރަށް ބޮޑަށް ދެރަވެފައި. އަހަރެމެން މި ވާހަކަ އެހެން ދުވަހަކުން ދައްކާނީ.”

“އޭނާ އަހަރެން ވިއްކާލީތަ؟”

އެ ސުވާލު ވަޝިއްޔާގެ ދުލުން ބޭރުވީ ވަރަށް މަޑުމަޑުންނެވެ. މިރޭގެ ތެރޭގައި ފުރަތަމަ ފަހަރަށް ޖާބިރުގެ ދުލުން ވަގުތުން ޖަވާބެއް ނުނިކުތެވެ. ވަޝިއްޔާ އޭނާއަށް ބަލަހައްޓައިގެން އިނެވެ.

“ވިއްކާލީތަ؟”

ޖާބިރު ކުޑަ ވަގުތުކޮޅަކަށް ނަޒަރު އެހެން ދިމާއަކަށް އަނބުރާލިއެވެ.

“އެ މީހުން ކަލޭ ގާތު ބުނީ ކީކޭކަމެއް އަހަންނަކަށް ނޭނގޭ.”

“އެ މީހުން ބުނީ އޭނާ އެއްބަސްވުމެއް ހެދި ކަމަށް.”

“މީހަކު ހަލާކުކޮށްލަން ބޭނުންވުމުން މީހުން ވަރަށް ގިނަ ވާހަކަ ދައްކާނެ.”

“އެ މީހުން ހެދީ ދޮގެއްތަ؟”

ޖާބިރު މާ ގިނައިރުވަންދެން ހިމޭނުން ހުއްޓެވެ.

ވަޝިއްޔާ އޭނާގެ މޫނު ކުޑަދޮރާ ދިމާއަށް އަނބުރާލިއެވެ. “ނުކުމޭ.. ދެން ދޭ.”

ޖާބިރު އިރުކޮޅަކު އެނދު ކައިރީގައި މަޑުކޮށްލުމަށްފަހު، އެތަނުން ދިޔައެވެ. އޭނާ ނުކުތުމާއެކު ދޮރު މަޑުމަޑުން ލެއްޕުނެވެ.

*****

އެރޭ ފަހުން، ޖާބިރު އޭނާގެ ސެކިއުރިޓީ އިސްވެރިޔާއަށް ގުޅިއެވެ.

“މިރުޒާ ގަފޫރާ ބެހޭގޮތުން ހޯދޭނެ ހުރިހާ މަޢުލޫމާތެއް އަހަންނަށް ބޭނުން.”

މިވެސް ކިޔާލަން:  ރިހި ހުވަފެން - ޗެޕްޓަރ 2

“ސާރ، ބައެއް މަޢުލޫމާތު މިހާރުވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި.”

“އަހަރެން ބޭނުމީ އެއަށްވުރެ ގިނަ މަޢުލޫމާތު. އޭނާ ދިރިއުޅެމުން ދިޔައީ ކޮންތާކުކަން، އޭނާ ބައްދަލުކުރަނީ ކޮންބަޔަކާކަން، އޭނާއަށް އެހީތެރިވަނީ ކޮންބަޔަކުކަން، އަދި ކުއްލިއަކަށް އޭނާ އަހަރެންގެ ފަރާތްތަކާ ގުޅުންހުރި ކަންކަމުގެ ތެރެއަށް މި ފާޅުވީ ކީއްވެގެންކަން ބަލަން ބޭނުން.”

“ލައްބަ، ސާރ.”

“އަދި އަހަރެމެންގެ އަހަރީ ޖަލްސާއަށް އޭނާ އަންނާނެކަން އޭނާއަށް އެނގުނީ ކިހިނެއްކަންވެސް ހޯދާ.”

ކުޑަ ވަގުތުކޮޅަކަށް ހިމޭންވިއެވެ.

“ސާރއަށް ހީފުޅުވަނީ މިރުޒާ އެ އުޅެނީ މެޑަމްއާ ގުޅުން އުފައްދަން ނޫނީ ބައްދަލުކުރަން ކަމަށްތޯ؟”

“އަހަންނަށް ހީވަނީ އޭނާ މިއައީ ކޮންމެވެސް އެއްޗެއް ހޯދަންހެން.”

“އަދި އޭނާ މެޑަމްއާ ގާތްވާން މަސައްކަތް ކޮށްފިނަމަ؟”

ޖާބިރު ލައްޕާފައިވާ ނިދާކޮޓަރީގެ ދޮރާ ދިމާއަށް ބަލާލިއެވެ.

“އަހަރެންގެ ހުއްދަ ނެތި އެއްވެސް މީހަކު އޭނާއާ ގާތްވިޔަ ނުދޭތި.”

“އެންމެ ރަނގަޅު، ސާރ.”

ޖާބިރު ފޯނު ބޭއްވިއެވެ. އިރުކޮޅަކަށް އޭނާ އެކަނިމާއެކަނި ކޮރިޑޯގައި މަޑުކޮށްލިއެވެ. އޭނާ އަބަދުވެސް ޤަބޫލުކުރަމުން އައީ ފައިސާއިން ކޮންމެ ކަމެއްވެސް ހައްލުކުރެވިދާނެ ކަމަށެވެ. އެންމެ މޮޅު ޑޮކްޓަރުންނާއި، އެންމެ ފެންވަރު ރަނގަޅު ފަރުވާއާއި، އެންމެ ވަރުގަދަ ސެކިއުރިޓީ އަދި އެންމެ ރީތި މާހައުލު އޭނާއަށް ގަނެވިދާނެއެވެ. ނަމަވެސް، ވަޝިއްޔާގެ ހިތްދަތިކަމަކީ އަގުބޮޑު ފޭރާމާއި އަގުބޮޑު ބޭސްތަކުން ފޮރުވޭނެ އެއްޗެއް ނޫންކަން އޭނާއަށް މިހާރު ވިސްނެން ފަށައިފިއެވެ.

އެ ހުރިހާ ތަދެއްގެ އަޑީގައި ފޮރުވިފައިވާ ނަމެއް އޮތެވެ. އެއީ އޭނާ ދޫކޮށްލަން ދެކޮޅު ހެދި ނަމެކެވެ. އަދި މިހާރު، އޭނާގެ ހަޔާތުގެ އެންމެ ކަޅު ސަފުހާތަކާ ގުޅިފައިވާ މީހާ އެނބުރި އަތުވެއްޖެއެވެ.

*****

ކޮލަމްބޯގެ އަނެއް ފަރާތުގައި، މިރުޒާ ގަފޫރު އޭނާގެ އެޕާޓްމަންޓުގައި އެކަނި އިނެވެ. ޖަލްސާ ބޭއްވި ހޯލުގައި ވަޝިއްޔާ ހުރި މަންޒަރު އޭނާގެ ސިކުނޑީގައި ވަރަށް ސާފުކޮށް ކުރެހިފައި އޮތެވެ. އޭނާ ފެނުމާއެކު މިރުޒާއަށް ވަގުތުން އެއީ ކާކުކަން އެނގުނެވެ. އެއީ އޭނާ ލައިގެން ހުރި އަގުބޮޑު ހެދުމުގެ ސަބަބުންނެއް ނޫނެވެ. ނޫނީ އޭނާގެ ގަހަނާތަކުގެ ސަބަބުންނެއްވެސް ނޫނެވެ. އޭނާއަށް އެނގުނީ އެ ދެލޮލުންނެވެ. އެއްދުވަސްވަރެއްގައި ލޯތްބާއި ޝައުޤުވެރިކަމާއެކު އޭނާއަށް ބަލަމުންދިޔަ އެ ދެލޯ، މިއަދު އޭނާއަށް ބަލަމުންދިޔައީ ބީރައްޓެހި ދަރަންޏެއް ބަލައި އައިސް ހުރި ނުދަންނަ މީހަކަށް ބަލާ ފަދަ ގޮތަކަށެވެ.

މިރުޒާ މި ވަގުތުކޮޅު އަންނާނެކަމަށް އެތައް ސަތޭކަ ފަހަރަކު އުންމީދުކުރިއެވެ. މިރުޒާ ކުރި ބައެއް ޚިޔާލުތަކުގައި، ވަޝިއްޔާ އޭނާއާ ދިމާއަށް ދުވެފައި އާދެއެވެ. އަނެއްބައި ޚިޔާލުތަކުގައި އޭނާ ރޮއެވެ. އަދި ބައެއް ފަހަރު މިވީހާ ދުވަހު އޭނާ ދިޔައީ ކޮންތާކަށްތޯ ވަޝިއްޔާ ސުވާލުކުރާނެކަމަށް އޭނާ ހީކުރިއެވެ. އޭރުން އޭނާ ހޯދުމަށް ކުރި ތިން އަހަރުގެ މަސައްކަތާއި، ނިދިނެތް ރޭތަކާއި، އޭނާއަށް ގެއްލުނު ހުރިހާ އެއްޗެއްގެ ވާހަކަ ކިޔައިދޭން އޭނާ އޮތީ ތައްޔާރަށެވެ. ނަމަވެސް، ވަޝިއްޔާގެ ފަރާތުން ފެނުނު އެ ކުލަވަރު އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. އެއީ ހިތްހަމަޖެހުމެއް ނޫނެވެ. އެއީ ނަފުރަތެވެ.

މިވެސް ކިޔާލަން:  އޭނާ - ދެވަނަބައި

އޭނާ ފޯނު ނަގައި، އެ ހަފުލާގެ ތެރެއިން އޭނާގެ އެހީތެރިޔާ ސިއްރުން ނަގާފައިވާ ފޮޓޯ ބަލާލިއެވެ.

އޭނާ އެ މޫނަށް ބަލަން އިނެވެ.

“ވަޝިއްޔާ..” މިރުޒާ މަޑުމަޑުން އެ ނަން ކިޔާލިއެވެ.

ދެން މިރުޒާގެ ހިތަށް އެހެން ޚިޔާލެއް އައެވެ. އޭނާ ވަޝިއްޔާ ވިއްކާލީ ކަމަށް ހަޤީޤަތުގައިވެސް ވަޝިއްޔާ ޤަބޫލުކުރަނީނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ވޭތުވެދިޔަ ތިން އަހަރު، އޭނާ ބަންދުކޮށްގެން ގެންގުޅުނު މީހުން އޭނާއަށް ވިސްނައިދީފައިވަނީ، އޭނާ ހޯދަން މަސައްކަތްކުރި މީހަކީ މިރުޒާކަމުގެ ބަދަލުގައި، އޭނާ އެމީހުންގެ އަތްމައްޗަށް ދޫކޮށްލީ މިރުޒާ ކަމަށް ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

އޭނާ ފޯނު ތިރިކޮށްލިއެވެ. އޭނާއަށް ހުރިހާ ކަމެއް ސާފުކޮށްދެވިދާނެއެވެ. ނަމަވެސް ވަޝިއްޔާ އޭނާގެ ވާހަކަ ޤަބޫލުކުރާނެ ހެއްޔެވެ؟

މިރުޒާގެ ފޯނު ވައިބްރޭޓްވިއެވެ. އެހީތެރިޔާގެ ފަރާތުން މެސެޖެއް އައެވެ.

“ސާރ، ޖާބިރު ރަޙްމާނަށް ސާރ އެ ހަފުލާގައި ހުރިކަން އެނގިފައިވާ ކަމަށް ބެލެވޭ. އޭނާގެ ސެކިއުރިޓީ ޓީމުން މިހާރުވަނީ ސާރއާ ބެހޭގޮތުން މަޢުލޫމާތު ހޯދަން ފަށާފަ.”

މިރުޒާ އެ މެސެޖު ދެފަހަރަކު ކިޔާލިއެވެ. ދެން ކުރު ޖަވާބެއް ފޮނުވާލިއެވެ.

“ވަޝިއްޔާއާ ގުޅުން ނުއުފައްދާ. އޭނާއާ ގާތްނުވޭ. ޖާބިރަށް އެނގެނީ ކޮން އެއްޗެއްތޯ ބަލާ.”

އޭނާ ފޯނު ބޭއްވިއެވެ.

ތިން އަހަރު ވަންދެން އޭނާ ހޯދީ ވަޝިއްޔާއެވެ. މިއަދު އޭނާ ފެނުނުއިރު، މިރުޒާ މިވަނީ ތަފާތު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ. ހަޤީޤަތް ކިޔައިދިނުމުގެ ފުރުސަތު އޭނާއަށް ދުވަހަކުވެސް ނުލިބިދާނެއެވެ. އަދި ޖާބިރު ރަޙްމާނުގެ ގޭގެ ރައްކާތެރި ދޮރުތަކުގެ ފަހަތުގައި، އެއްދުވަސްވަރެއްގައި ފޮތެއްގައި އަމިއްލަ ނަން ލިޔެ އުޅުނު އަންހެން ކުއްޖާ، ބޭރު ދުނިޔެއަށް “ޝްރެޔާ” ގެ ނަމުން މަޝްހޫރުވެފައިވާއިރު، އޭނާ ހުރީ ހަތަރުދަމު ފާރަވެރިކަމުގެ ދަށުގައެވެ. ނަމަވެސް ވަޝިއްޔާ އެއްވެސް ކަމެއް ހަނދާން ނައްތައެއް ނުލައެވެ. އެ އެޕާޓްމަންޓެއް ނޫނެވެ. އޭނާ ގެއްލުނު ރެއެއް ނޫނެވެ. އޭނާއަށް އަނިޔާކުރި މީހުންނެއް ނޫނެވެ. އަދި ހަމަ ޔަގީނުންވެސް މިރްޒާ ގަފޫރެއް ނޫނެވެ.

ހަޤީޤަތް އަދިވެސް ވަނީ އެ ދެމެދުގައި ވަޅުލެވިފައެވެ. އަދި އެ ހަގީގަތް ފާޅުވާ ދުވަހަކުން، އޭގެ އަސަރު ނުކުރާނެ އެކަކުވެސް އެމީހުންގެ ތެރެއަކު ނުހުންނާނެއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top