– މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް މުރަކަގަނޑަށް ވެދާނެ
އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ހޫނު ސަރަހައްދެއްގެ ފުން ފަރުބަދައެއްގެ ބޭރު ފަރާތުން، 1.5 ކިލޯމީޓަރު (ގާތްގަނޑަކަށް 1 މޭލު، ނުވަތަ އެއް ބަހުގެ ފަހަތުގައި އަނެއް ބަސް ބާއްވާފައި އޮތް 100 ބަހުގެ ދިގުމިން) ހުރި މުރަކަގަނޑެއް ވަނީ ފެނިފައެވެ. މިއީ އެތައް ހާސް އަހަރެއްވީ މުރަކަގަނޑެއް ކަމަށް ބެލެވެއެވެ.
މި މުރަކަގަނޑު އާލާވަމުންދަނީ އެކަހެރިކޮށް އޮންނަ ކޯކޯސް އައިލެންޑްސް ކައިރީގައި އޮންނަ އަތޮޅެއްގެ ފަރުގެ އަރިމަތީގައެވެ. ކަނޑުގެ ދިރުންތަކާބެހޭ މާހިރެއް ކަމަށްވާ ޖޭޕީ ހޮބްސް ވިދާޅުވި ގޮތުގައި، މީގެ ކުރިން ދުވަހަކުވެސް މިފަދަ ބޮޑު މުރަކަގަނޑެއް އޭނާ ދެކެފައެއް ނުވެއެވެ. މިއީ ‘ޕެޗިސެރިސް’ ޖިންސަށް ނިސްބަތްވާ ‘ރޯސް ކޯރަލް’ އެކެވެ. އާންމުގޮތެއްގައި މި ބާވަތުގެ މުރަކަގަނޑުތައް ބޮޑުވަނީ ގާތްގަނޑަކަށް 2 މީޓަރުގެ ދިގުމިން ހުންނަ ވަރަށެވެ.
ކޯކޯސް އައިލެންޑްސްގައި ޑައިވިންގ އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑިއެޓާ ޖެރާޑަށް މި ބިޔަ މުރަކަގަނޑު ފުރަތަމަ ފާހަގަވީ މީގެ 30 އަހަރު ކުރިންނެވެ. ނަމަވެސް، މި މުރަކަގަނޑު އެކަށީގެންވާ ގޮތެއްގައި ދިރާސާކުރުމަށް ބޭނުންވާ ފަންޑު ޖޭޕީ ހޮބްސްއަށް ލިބުނީ ދާދި ފަހުންނެވެ.
“އަހަރެން ޑައިވް ކުރަން ފެށީ ޑިއެޓާ ފާހަގަކުރި ފުރަތަމަ ސަރަހައްދުން. ދެން ފީނަމުން ދިޔަ ވަރަކަށް މުރަކަގަނޑު ނިމޭކަށް ނެތް. ފުރަތަމަ ފަހަރު ފުޅިން ވައި ހުސްވެގެން އެރީ. ދެން ދެވަނަ ފަހަރު، ތިންވަނަ ފަހަރު ޑައިވް ކުރި އިރުވެސް މި މުރަކަގަނޑު ނިމޭ ތަނެއް ނުފެނުނު،” ހޮބްސް ފާހަގަކުރިއެވެ.
އެއް ފަހަރެއްގައި، އަވަހަށް ބޮޑު ސަރަހައްދެއް ބެލުމަށްޓަކައި ވާގަނޑެއްގައި ހިފަހައްޓައިގެން އުޅަނދެއްގައި ދަމާފައި ދިއުމަށް އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް އެ ސަރަހައްދުގައި އުޅޭ މިޔަރުތަކުގެ ސަބަބުން އެކަން ކާމިޔާބެއް ނުވިއެވެ.
ފަހުން 12 ފަހަރެއްގެ މަތިން ކުރި ޑައިވްތަކަށްފަހު، މުޅި މުރަކަގަނޑުގެ ޗާޓު ކުރެހުނެވެ. މުރަކަގަނޑު ނިމޭ ހިސާބަށް ދެވުނުއިރުވެސް، 10 މީޓަރުގެ ހުސްތަނަކަށްފަހު އަނެއްކާވެސް އެ ބާވަތުގެ މުރަކަ ފެތުރިފައިވާތަން ފެނުނެވެ. ހޮބްސް ގަބޫލުކުރާ ގޮތުގައި، މާޒީގައި މި މުރަކަގަނޑުގެ ދިގުމިން 2 ކިލޯމީޓަރަށްވުރެ ބޮޑުވެދާނެއެވެ.

މި ދިރާސާގެ ތެރެއިން، މުރަކަގަނޑުގެ ތަފާތު 50 ސަރަހައްދަކުން ސާމްޕަލް ނެގުނެވެ. މީގެ ކުރިން މުރަކައިގެ ބާވަތްތައް ދެނެގަތުމަށް ބޭނުންކުރަނީ ހަމައެކަނި އޭގެ ކަށިގަނޑެވެ. ނަމަވެސް، މިހާރު ސައިންސްވެރިން މުރަކައިގެ ޓިޝޫ ސާމްޕަލް ނަގައި، އޭގެ ޑީ.އެން.އޭ ދިރާސާކުރެއެވެ.
ކުއީންސްލޭންޑް މިއުޒިއަމްގެ މެރިން ޖެނޮމިސިސްޓް ޕީޓާ ކޯމަން ވިދާޅުވި ގޮތުގައި، މި ދިރާސާއިން އެނގެން ބޭނުންވާ މުހިންމު ކަމަކީ މިއީ އެންމެ ދިރުމެއްގެ މައްޗަށް އެކުލެވިގެންވާ އެއްޗެއްތޯ ނުވަތަ އެކި މުރަކަތައް ގުޅިގެން އުފެދިފައިވާ އެއްޗެއްތޯއެވެ. މިއީ އެންމެ ދިރުމެއް ކަމަށްވާނަމަ، މިއީ ދުނިޔެއިން ފެނުނު އެންމެ ބޮޑު މުރަކަގަނޑަށް ވުމުގެ ފުރުސަތު ބޮޑެވެ.

މި މުރަކަގަނޑު ފެނިފައިވަނީ ކަނޑުގެ 14 މީޓަރާއި 65 މީޓަރާ ދެމެދުގެ ފުންމިނުގައެވެ. މިއީ އަލި މަދު ސަރަހައްދަކަށް ވީ ނަމަވެސް، މި ސަރަހައްދުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަކީ މި މުރަކަގަނޑު މިހާ ދިގު މުއްދަތަކަށް ދެމިއޮތުމުގެ ސިއްރެވެ. ފަރުތަކުގެ ތިލަ ހިސާބުތަކުގައި ހުންނަ މުރަކަތަކަށް މުރަކަ ހުދުވުމާއި އެކި ބަލިތަކުގެ ނުރައްކާ އޮތް ނަމަވެސް، ފުން ސަރަހައްދުތަކުގައި މިފަދަ ނުރައްކާތައް ކުޑައެވެ.
މި ހޯދުމުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުރަކަތަކަށް ކުރާ އަސަރު ދެނެގަތުމަށް ސައިންސްވެރިންނަށް އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ.

