މެންދުރުފަހުގެ ފިނި ރޯޅިތައް މަރިޔަމްގެ ގޭގެ ވަށައިގެން ހުރި ރުއްތަކުގެ ފަންތައް ހޫރާލަމުން ދިޔައެވެ. ގޯތީގެ އިންފާރުން ބޭރުން ފެންނަނީ އަސުރު އިރުގެ އަލީގައި ވިދަމުންދިޔަ ރީތި ނޫކުލައިގެ މާކަނޑެވެ. ތަނަވަސް ސިޓިންގރޫމްގެ ސޯފާއެއްގައި، އަމިއްލަ ނަފްސަށް އުނދަގޫވެފައިވާ ހާލު ރާހިލް އިނީ މުއްސަނދި ވިޔަފާރިވެރިއެއް ފަދައިން އުޅެވޭތޯ އެންމެ ފުރިހަމައަށް މަސައްކަތް ކުރަމުންނެވެ.
މަރިޔަމް ކުޑަ މޭޒުމަތީގައި ތާޒާ ލުނބޯ ފަނި ތަށްޓެއް ބެހެއްޓިއެވެ. “އަމާން، ކޮންމެވެސް އެއްޗެއް ހިއްޕަވާ!”
ރާހިލް ލަދުވެތި ހިނިތުންވުމަކާއެކު ބުންޏެވެ. “ޝުކުރިއްޔާ، މެޑަމް.”
އޭނާއާ ކުރިމައްޗަށް ވާގޮތަށް އިން ޝައިނާ، ދޭތެރެއަކުން އޭނާގެ ފޯނަށް ބަލައިލައެވެ. އޭނާ އުއްމީދުކޮށްގެން ހުރީ ވަރަށް ޝަޚުސިއްޔަތު ވަރުގަދަ، ރީތި ޒުވާނަކާ ބައްދަލުވާނެ ކަމަށެވެ. ނަމަވެސް އެ ޒުވާނާ އޭނާއަށް އެއްވެސް ޝައުޤުވެރިކަމެއް ނުދައްކާތީ ޝައިނާ އިނީ މާޔޫސްވެފައެވެ.
“ދެން، ފުވައްމުލަކުގައި ކިހާ ދުވަހަކު މަޑުކުރުމުގެ ވިސްނުމެއް އޮތީ؟” މަރިޔަމް އަހައިލިއެވެ.
“އެއީ.. ކަންތައްތައް ހިނގާ ގޮތެއްގެ މައްޗަށް ބިނާވާ ކަމެއް.”
“ކޮން ކަންތައްތަކެއް؟”
ރާހިލް ކުޑަކޮށް ޖެހިލުންވިއެވެ. “ވިޔަފާރީގެ ކަންކަން.”
މަރިޔަމް ބޯޖަހައިލިއެވެ. “ވިސްނިއްޖެ. ކާފަ ވިދާޅުވި މިކޮޅަށް ޒިޔާރަތްކޮށްފާނެ ވާހަކަ. ތިޔަ ދަތުރު ކުރެވުނީތީ އަހަރެމެން ވަރަށް އުފާވެއްޖެ.”
ރާހިލް އަދަބުވެރިކަމާއެކު ހިނިތުންވެލިއެވެ. އެވަގުތު އޭނާގެ ހިތަށްއެރިއެވެ. މިތަނުގައި އޭނާގެ ބަދަލުގައި އަމާން އިންނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
ހަމަ އެވަގުތު، އަމާން ހުރީ އޭނާގެ މިނިވަންކަމުގެ އުފާ ހޯދުމުގައެވެ. އޭނާ ކުއްޔަށް ނެގި ބައިސްކަލެއްގައި ރަށުގެ ހިމޭން މަގުތަކުގައި ބުރުޖަހަމުން ދިޔައެވެ. ޓްރެފިކާއި ތޮއްޖެހިފައިވާ އިމާރާތްތަކުން ފުރިފައިވާ މާލެއާ ޚިލާފަށް، ފުވައްމުލަކުން ފެންނަނީ ހިތްގައިމު އަމާން މަގުތަކާއި، ފެހިކަން ގަދަ ގަސްގަހާގެއްސާއި، ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑެވެ.
ކުޑަ ފިހާރައެއް ކައިރިއަށް މަޑުކޮށްލުމަށްފަހު އޭނާ ފެންފުޅިއެއް ގަތެވެ. ފިހާރައިން ނުކުތް ވަގުތު، ސްކޫލާ ދިމާއަށް ހިނގާފައި ދިޔަ ދަންނަ ސޫރައެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒައިނާއެވެ. އޭނާ މޭގައި ފޮތްތަކެއް ޖައްސާލައިގެން ހުރިއިރު، ލައިގެން ހުރީ އާދައިގެ ހުދު މާތަކެއް ޖެހި ނޫ ކުރުތާއަކާއި ނޫކުލައިގެ ޖިންސެކެވެ.
އަމާން ވަގުތުން ފިހާރަ ކައިރިއަށް ބައިސްކަލް ދޫކޮށްލިއެވެ. “އެކްސްކިއުޒް މީ!”
ޒައިނާ ހުއްޓުނެވެ. އެއީ ކާކުކަން އެނގުމާއެކު، އޭނާ ކުޑަކޮށް ލޯމަރައިލިއެވެ. “އަނެއްކާވެސް މި މީހާ!”
އަރުމާން ހިނިތުންވުމަކާއެކު ގާތަށް ޖެހިލިއެވެ. “ގުޑް އާފްޓަނޫން.”
“ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟”
“ކޮންމެ މީހަކާވެސް ތިހެންތަ ސަލާމްކުރަނީ؟”
“ހަމައެކަނި ނުދަންނަ، ކުއްލިއަކަށް އަންނަ މީހުންނާ.”
އަރުމާން ހީނގަތެވެ. “އިއްޔެ ކަންތައް ވީގޮތުން މަޢާފަށް އެދެން އަހަރެން މިއައީ.”
ޒައިނާ ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ. “އަސްލުވެސް؟”
“އާނ. ހުއްދަ ނުހޯދައި ސްކޫލަށް ވަދެވުނީތީ އެއީ އަހަންނަށް ކުރެވުނު ކުށެއް.”
ޒައިނާއަށް އޭނާގެ ޖަވާބުން ހައިރާންކަން ލިބުނެވެ. “ކޮންމެއަކަސް އެކަން ވިސްނުނުކަން އެއީ ރަނގަޅު ކަމެއް.”
“އެކަމަކު އަދިވެސް އަހަންނަށް ހީވަނީ ތިޔަށްވުރެ ކުޑަކޮށް ހިތްހެޔޮކޮށް މަރުޙަބާ ކިޔާލެވުނީސްހެން.”
ޒައިނާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. “އަނެއްކާވެސް ސެކިއުރިޓީ ގާޑަށް ގޮވަންވީތަ؟”
އަމާން ދެއަތް މައްޗަށް ނެގިއެވެ. “ނޫން، ވަރަށް ބޮޑަށް ޝުކުރިއްޔާ!”
ޒައިނާ ކުރިއަށް ހިނގައިގަތެވެ. “މަޑުކޮށްބަލަ. ކޮންތާކަށް ތިދަނީ؟”
“ސްކޫލަށް.”
“އަހަންނަށްވެސް އެކީގަ ހިނގާލެވިދާނެތަ؟”
“ނޫން.”
“ކީއްވެ؟”
“އަހަރެން މިދަނީ މަސައްކަތަށް ވީމަ.”
“އަހަރެން އުނދަގުލެއް ނުކުރާނަން، ޕްރޮމިސް.”
ޒައިނާ އޭނާއަށް ބަލައިލިއެވެ. “އުނދަގޫކުރަން އުޅޭ މީހުން އަބަދުވެސް ބުނާނީ ތިހެން.”
ޒައިނާ ހިނގުން ކުރިއަށް ގެންދިޔައެވެ. އަމާން ތަންކޮޅެއް ދުރުން އޭނާގެ ފަހަތުން ހިނގަމުން ދިޔައެވެ.
މިވަގުތު، ގޭގައި އިން ޝައިނާގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. “މަންމާ، މިއީތަ އަހަރެން ކައިވެނިކުރަންވީ މީހަކީ؟”
މަރިޔަމް އޭނާ ބަލަން އިން ލިޔުންތަކުން ނަޒަރު ވަކިކޮށްލިއެވެ. “އޭނާގެ ކޮން ގޯހެއް އޮތީ؟”
“އޭނާ އަނގައަކުން ނުބުނޭ.”
“އެއީ ލަދުރަކި ކަމުން ކަމަށް ވެދާނެ.”
“ލަދުރަކި ކަމުންނޭ؟ އޭނާ ހީވަނީ މިތާ އިންނަން ބޭނުން ނުވެގެން އުޅޭހެން!”
މަރިޔަމްގެ މޫނުމަތިން ނުރުހުންތެރިކަން ފެނުނެވެ. “ޝައިނާ، ޝުކުރުވެރިވާން ދަސްކުރޭ! ކޮންމެ ކޮންމެ އަންހެން ކުއްޖަކަށް މިފަދަ މުއްސަނދި، އަބުރުވެރި އާއިލާއަކުން ކައިވެނީގެ ފުރުސަތެއް ނުލިބޭނެ.”
ޝައިނާ އިސްޖަހައިލިއެވެ. އޭނާގެ ހިތުގައި ވަނީ އެހެން މީހެކެވެ. ސަލްމާނެވެ. އޭނާއާ ބައްދަލުވީ މީގެ މަސްތަކެއް ކުރިން ރައްޓެއްސެއްގެ ފަރާތުންނެވެ. އޭނާއަކީ ރަށުގެ އަމިއްލަ ކުޑަ ވިޔަފާރިއެއްގައި މަސައްކަތްކުރާ އާދައިގެ ޒުވާނެކެވެ. ދެމީހުން ލޯބިވި ނަމަވެސް، ސަލްމާން އަދި ރަސްމީކޮށް ޝައިނާގެ އާއިލާއާ ވާހަކަ ދައްކާފައެއް ނުވެއެވެ. އޭނާގެ މަންމައާ ކުރިމަތިލާނެ ހިތްވަރެއް ސަލްމާނަށް ލިބޭނެ ދުވަހަކަށް އިންތިޒާރުކޮށް، ޝައިނާ އެ ގުޅުން ސިއްރުކޮށްފައި އޮތީ އެހެންވެގެންނެވެ.
“މަންމާ، އަހަރެން އޭނާއާ ކައިވެނި ކުރަން ބޭނުން ނުވަންޏާ ވާނީ ކިހިނެއް؟”
މަރިޔަމް އޭނާއަށް ބަލައިލިއެވެ. “މޮޔަ ވާހަކަ ނުދައްކާ.”
“އެކަމަކު..”
“ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް!”
ޝައިނާ ތެދުވެގެން އެތެރެއަށް ހިނގައިގަތެވެ. މަރިޔަމް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ޤަބޫލުކުރަނީ މި ކައިވެނީގެ ސަބަބުން ދަރިފުޅަށް ރައްކާތެރި މުސްތަޤުބަލެއް ލިބި، އާއިލާގެ ދަރަޖަ އުފުލިގެންދާނެ ކަމަށެވެ.
އަމާން ހިނގަމުން ގޮސް ސްކޫލުގެ ދޮރޯށްޓާ ހަމައަށް ފޯރިއެވެ. ޒައިނާ އެނބުރި ފަހަތަށް ބަލައިލިއެވެ. “ކީއްވެ އަހަރެންގެ ފަހަތުން ތި އަންނަނީ؟”
“އަހަރެން ކަމަކާމެދު ޝައުޤުވެރިވާތީ.”
“ކޮން ކަމަކާ؟”
“މީހަކު ނޫޅޭ ވަގުތުތަކުގައި އެކަނި އިނދެ ޕިއާނޯ ކުޅެނީ ކީއްވެ؟”
ޒައިނާ ހައިރާންވިއެވެ. “ތިކަން އެނގުނީ ކިހިނެއް؟”
“އިއްޔެ އަޑުއެހިން.”
ޒައިނާ އިސްދަށަށް ޖަހައިލިއެވެ. “ސްކޫލްތެރެ ހިމޭންވީމަ ޕިއާނޯ ކުޅެން އަހަރެން ބޭނުންވަނީ.”
“ވަރަށް މޮޅު.”
ޒައިނާ މަޑުމަޑުން ހިނިތުންވެލިއެވެ. “ޝުކުރިއްޔާ.”
އެ ވަގުތުކޮޅު، ދެމީހުންގެ ދެމެދުގައި އޮތް ވާދަވެރިކަން ކެނޑިގެން ދިޔައެވެ. އަމާން އޭނާއަށް ބަލައިލިއެވެ. “ޕްރޮފެޝަނަލްކޮށް އެކަން ކުރަން ދުވަހަކުވެސް ވިސްނިންތަ؟”
“ނޫން.”
“ކީއްވެ؟”
“އަހަރެމެން ބޭނުންވާ ހުރިހާ ކަމެއް ކުރާކަށް ދިރިއުޅުން އަބަދަކު ފުރުސަތެއް ނުދޭ.”
އޭނާގެ މި ޖަވާބުން އަމާން ހުއްޓުން އެރިއެވެ. އެ ބަސްތަކުގެ ފަހަތުގައި، ހާމަކުރަން ބޭނުންނުވާ ފުން ސިއްރެއް ވާކަން އަމާނަށް އިޙުސާސް ކުރެވުނެވެ. އިތުރު ސުވާލެއް ކުރަން އަމާން އަނގަ ހުޅުވާލި ވަގުތު، ސްކޫލުގެ ދޮރުމަތިން މަރިޔަމް ފެނުނެވެ.
“ޒައިނާ!”
ޒައިނާ ވަގުތުން އެނބުރުނެވެ. “ލައްބަ، މަންމާ؟”
މަރިޔަމް ޝައްކުގެ ނަޒަރަކުން އަމާނަށް ބަލައިލިއެވެ. “އަނެއްކާވެސް މިތާ؟”
އަމާން އަދަބުވެރިކަމާއެކު ހިނިތުންވެލިއެވެ. “އަޅުގަނޑު ހަމައެކަނި ވާހަކަ ދައްކާލީ.”
“އަހަރެން ކުރިންވެސް ބުނީމެއްނު، ސްކޫލްގެ ތެރެއަށް ވަދެވޭނީ ހުއްދަ ލިބިގެންނޭ.”
“ވިސްނިއްޖެ. ދެން ހުއްދަ ނެތިއެއް ނުވަންނާނަން.”
މަރިޔަމް ޒައިނާއާ ދިމާއަށް އެނބުރުނެވެ. “ހިނގާ އަހަންނާއެކު ދާން.”
ޒައިނާ މަންމަގެ ފަހަތުން ދިޔައެވެ. އެމީހުން ދުރަށް ދާތަން ބަލަން އަމާން ހުއްޓެވެ. އޭނާއަށް ވިސްނުނު ކަމަކީ، ޒައިނާގެ ސަމާލުކަން ހޯދުމަކީ އޭނާ ހީކުރި ވަރަށްވުރެ މާ އުނދަގޫ ކަމެއް ކަމެވެ.
އެރޭ އިރުއޮއްސުނު ފަހުން އަމާން އެނބުރި ގެއަށް އައެވެ. ރާހިލް އިނީ ނުތަނަވަސްވެފައި އިންތިޒާރުގައެވެ.
“ސަރ! ކޮންތާކު އުޅެފައި ތި އައީ؟”
އަމާން ގޮނޑިއަކަށް ވެއްޓިގަތެވެ. “ރަށް ބަލާލަން.”
ރާހިލް އަޑު މަޑުކޮށްލިއެވެ. “ކާފަ ގުޅުއްވި. ކަންތައްތައް ދަނީ ރަނގަޅަށްތޯ އެއްސެވި.”
“ދެން ކީކޭ ބުނީ؟”
“ހުރިހާ ކަމެއްވެސް ރަނގަޅޭ ދެންނެވީ.”
އަމާން ހިނިތުންވެލިއެވެ. “ވަރަށް ރަނގަޅު.”
ރާހިލް ސީރިއަސްވެލާފައި ބުންޏެވެ. “ސަރ، އަހަރެމެން ކަމަކާ ވާހަކަ ދައްކަން އެބަޖެހޭ.”
“ކޮން ކަމަކާ؟”
“އަހަންނާ ޝައިނާއާ ބައްދަލުވެއްޖެ.”
އަމާން އެއްބުމަ އަރުވައިލިއެވެ. “ދެން؟”
“އެއީ ސަރ ކައިވެނިކުރަން ހަމަޖެހިފައިވާ ކުއްޖާ.”
އަމާން ހީނގަތެވެ. “މުސްތަޤުބަލުގެ އަނބިމީހާއާ ބައްދަލުވީތީ މަރުޙަބާ!”
ރާހިލް ސިހިފައި ބުންޏެވެ. “އާދޭސްކޮށްފައި ބުނަން، ތިކަހަލަ ވާހަކަ ނުދައްކާ.”
އަމާން ކުރިއަށް ޖެހިލިއެވެ. “އޭނާ ކިހިނެއް؟”
“އޭނާ އަދަބުވެރި. އެކަމަކު ހިއެއް ނުވޭ އަހަންނާމެދު މާ ބޮޑު ޝައުޤުވެރިކަމެއް ހުރިހެނެއް.”
“ފަހަރުގައި އޭނާގެ ހިތުގައި އެހެން މީހަކު ހުރީ ކަމަށް ވެދާނެ.”
ރާހިލް ކޮނޑު އަރުވައިލިއެވެ. “ވެދާނެ.”
ކުއްލިއަކަށް އަމާން ހަނދާންވީ ޒައިނާގެ މަތިންނެވެ. “އޭނާގެ ކޮއްކޮއާ ބައްދަލުވިތަ؟”
“ކާކު؟”
“ޒައިނާ.”
ރާހިލް ބޯހޫރައިލިއެވެ. “ނޫން. ކީއްވެ؟”
“ކަމެއް ނުވޭ.”
ރާހިލް ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ. “ސަރ، ތިޔަ ކުއްޖާއާމެދު ސީރިއަސްވަނީތޯ؟”
އަމާން ހިނިތުންވެލިއެވެ. “އަހަރެން ހަމައެކަނި ޝައުޤުވެރިވަނީ.”
“ތިއީ ޖަވާބެއް ނޫން.”
އަމާން ތެދުވިއެވެ. “ގޮސް އަރާމުކޮށްލާ ރާހިލް. މާދަމާއަކީ އާ ދުވަހެއް.”
އެރޭ ދަންވަރުގެ ވަގުތުގައި، ޒައިނާ އިނީ އޭނާގެ ކޮޓަރީގެ ބޭރުގައި ހުރި ކުޑަ ބެލްކަނީގައެވެ. ހަނދުވަރުގެ އަލި މޫދުގެ ލޮނުގަނޑަށް އެޅި ބަބުޅަމުން ދިޔައިރު، ރާޅުތަކުގެ އަޑު ހިމޭން މާހައުލުގައި ގުގުމަމުން ދިޔައެވެ.
ޝައިނާ އައިސް އޭނާގެ ކައިރީގައި ހުއްޓުނެވެ. “ކީއްވެ އެކަނި ތި އިނީ؟”
ޒައިނާ ހިނިތުންވެލިއެވެ. “ތާޒާ ވައިރޯޅިއެއް ލިބިލާތޯ.”
ޝައިނާ އޭނާގެ ކައިރީގައި އިށީނެވެ. “ސްކޫލަށް އައި މީހާ ދުށިންތަ؟”
ޒައިނާ އޭނާއަށް ބަލައިލިއެވެ. “ކޮން މީހެއް؟”
“އިއްޔެ އައި މީހާ.”
“އާނ. ދުށިން.”
“އެއީތަ މަންމަ އެ އިންތިޒާރުކުރާ މީހަކީ؟”
ޒައިނާ ބޯޖަހައިލިއެވެ. “ހީވަނީ އެހެން.”
ޝައިނާ މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ. “އޭނާ މާ ޝައުޤުވެރި މީހެއްހެނެއް ހިއެއް ނުވޭ.”
ޒައިނާ ހިނިތުންވެލިއެވެ. “އެހެންވިއްޔާ ކައިވެނި ނުކުރަންވީނު.”
ޝައިނާ ތޫނު ނަޒަރަކުން ބަލައިލިއެވެ. “އަހަންނަށް އިޚްތިޔާރެއް އޮތް ކަމަށް ހީވަނީތަ؟”
ޒައިނާ ހިމޭންވިއެވެ. ކުޑަ އިރުކޮޅަކަށްފަހު، އޭނާ ލޯތްބާއެކު ކޮއްކޮގެ އަތުގައި ހިފަހައްޓައިލިއެވެ.
“ޝައިނާ، އަބަދުވެސް އިޚްތިޔާރު އޮންނާނެ. އެހެން މީހުން ބޭނުންވާތީއޭ ކިޔާފައި ދުވަހަކުވެސް މީހަކާ ކައިވެނިކޮށްގެން ނުވާނެ.”
ޝައިނާ މޫނު އަނބުރައިލިއެވެ. އޭނާ ސަލްމާންގެ ވާހަކަ ޒައިނާއަށް ކިޔައިދޭން ބޭނުންވިއެވެ. އެކަމަކު ހިތުގައި އޮތް ބިރުވެރިކަން އެކަމަށް ހުރަސްއެޅިއެވެ.
“ގުޑް ނައިޓް.” މަޑުމަޑުން ބުނެލުމަށްފަހު ޝައިނާ އެތެރެއަށް ވަދެގެން ދިޔައެވެ. ޒައިނާ އޭނާ ދާތަން ބަލަން އިނދެ، މަންމަ ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ޝައިނާ އެހާ ދެރަވަނީ ކީއްވެގެންތޯ ހިތާހިތުން ސުވާލުކުރިއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު، އަމާން ހޭލީ އާ ރޭވުމަކާއެކުގައެވެ.
“ރާހިލް، އަހަންނާއެކު ތަނަކަށް ދާން ހިނގާ.”
“ކޮންތާކަށް؟”
“ސްކޫލަށް.”
ރާހިލް އޭނާއަށް ބަލައިލީ ހައިރާންކަމާއެކުގައެވެ. “ސަރ، އިއްޔެ ވީ ކަންތަކުން އަދިވެސް އިބުރަތެއް ނުލިބޭތަ؟”
“އަހަރެން ބޭނުންވަނީ ޒައިނާއާ ބައްދަލުކުރަން.”
“ދެން ކީއްވެގެންތޯ އޭނާގެ ގެއަށް ނުދަނީ؟”
އަމާން ހިނިތުންވެލިއެވެ. “ސަބަބަކީ، އޭނާގެ މަންމަ ކައިރީގައި ނެތް ވަގުތަކު އޭނާއާ ވާހަކަ ދައްކަން ބޭނުންވާތީ.”
ރާހިލް ބޯހޫރައިލިއެވެ. “ސަރ ތިޔަ ހަދަނީ ބޭކާރު އުނދަގޫ ގޮތްތަކެއް.”
އަމާން ހީނގަތެވެ. “ދިރިއުޅުން ޝައުޤުވެރިވަނީވެސް އޭރުން.”
ސްކޫލުގެ ލައިބްރަރީގައި ޒައިނާ ފޮތްތައް ތަރުތީބުކުރަން ހުއްޓާ، މީހަކު އޭނާގެ ނަމުން ގޮވައިލި އަޑު އިވުނެވެ. “މިސް ޒަރްނާބް؟”
އޭނާ އެނބުރި ބަލައިލިއެވެ. ދޮރުމަތީގައި ހިނިތުންވެފައި އަމާން ހުއްޓެވެ.
ޒައިނާ ކުޑަކޮށް ނުރުހުންވެލިއެވެ. “ކިހިނެއް ވަނީ؟”
“މިފަހަރު ހުއްދަ ހޯދައިގެން.”
“ކާކު އަތުން؟”
“ސެކިއުރިޓީ ގާޑު އަތުން.”
ޒައިނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ދެން ކީއްކުރަން ތިއައީ؟”
“ހަޤީޤަތުގައި، ރަނގަޅަށް މަޢާފަށް އެދެން.”
ޒައިނާ ދެއަތް އުރާލިއެވެ. “ކުރިންވެސް މަޢާފަށް އެދިއްޖައީމެއްނު.”
“އަހަރެން ހީކުރީ ހަނދާން ނެ ތުނީ ކަމަށް.”
“ބަދުނަސީބަކުން އަދި ހަނދާނެއް ނުނެތޭ.”
އަމާން ހީނގަތެވެ. ދެން އޭނާގެ ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި ކޮޓަރީގައި ހުރި ޕިއާނޯއެވެ. “އަހަންނަށްޓަކައި ރާގެއް ކުޅެދީފާނަންތަ؟”
ޒައިނާ ބޯހޫރައިލިއެވެ. “މިއަދަކު ނޫން.”
“ކީއްވެ؟”
“އަހަރެންގެ މަސައްކަތް ހުރީމަ.”
އަމާން މޭޒުމަތީ ހުރި ފޮތްތަކަށް ބަލައިލިއެވެ. “އަހަންނަށް އެހީވެވިދާނެތަ؟”
ޒައިނާ ހައިރާންވެފައި ބަލަން ހުއްޓެވެ. “ކަލޭ؟”
“އާނ. އަހަންނަށް އެނގޭ ފޮތް ތަރުތީބުކުރަން.”
“ހަމަ ތެދެއް؟ ތިއީ ވަރަށް މޮޅު ކަމެއް.”
އަމާން ފޮތެއް ނަގައި އޭގެ ބޭރުގަނޑަށް ބަލައިލިއެވެ. “މި ލާންވީ ކޮންތާކަށް؟”
ޒައިނާއަށް ބޭއިޚްތިޔާރުގައި ހީނގަނެވުނެވެ. “ތި ހިފަހައްޓައިގެން ހުރީ އިދިކޮޅަށް!”
އަމާން އަތުގައި އޮތް ފޮތަށް އަނެއްކާވެސް ބަލައިލިއެވެ. “އެހެންވެގެންތާ މި ފޮތުގެ ނަން އަހަންނަށް ނުކިޔުނީ!”
އެ ފުރަތަމަ ފަހަރަށް ޒައިނާ، އަމާންގެ ކުރިމަތީގައި ހިތް ފުރެންދެން ހީނލިއެވެ. އޭނާގެ ހިނިތުންވުމާއި އެ ހުނުމުގެ އަޑު އިވިފައި އަމާންގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ އާދަޔާ ޚިލާފު ހިތްހަމަޖެހުމަކާއި އުފަލެއް ވެރިވިއެވެ. އޭނާ ބޭނުންވީ އެ ހުނުމުގެ އަޑު ތަކުރާރުކޮށް އަޑުއަހާށެވެ. އަދި ޒައިނާ، އަމާނާ ދުރުހެލިވެ ހުރުމަށް ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް، ކުއްލިއަކަށް އޭނާގެ ދިރިއުޅުމުގެ ތެރެއަށް ވަދެގެން އުޅޭ މި ބީރައްޓެހި ޒުވާނާއަކީ އެހާ ގޯސް މީހެއް ނޫންކަން އޭނާއަށްވެސް މަޑުމަޑުން ދިޔައީ ވިސްނެމުންނެވެ.
އެ ދެމީހުންގެ ތަޤުދީރުގެ ރޮނގުތައް، އެކަކު އަނެކަކާ މިހާ ފުންކޮށް ގުޅިލާމެހެމުންދާ މިންވަރެއް އެއިން އެކަކަށްވެސް އެވަގުތަކު އިޙުސާސެއް ނުކުރެވެއެވެ.
(ނުނިމޭ)
