ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިއްދޫ ބަލިކޮށް މާޒިޔާ ދެވަނައިގައި ހަމަޖެހިލައިފި
ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ދިއްދޫ ސްޕޯރޓްސް ގަލޮޅު ރަސްމީ ދަނޑުގައި ބައްދަލުކުރި މެޗު ކާމިޔާބުކޮށް މާޒިޔާއިން ލީގުގެ ދެވަނަ މަގާމްގައި ހަމަޖެހިލައިފި އެވެ.

ލީގުގައި މިހާތަނަށް މާޒިޔާއިން ކުޅުނު 7 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވެފައިވެ އެވެ. 16 ޕޮއިންޓާއި ފައިދާ 10 ލަނޑާއިއެކު މާޒިޔާއިން ދެވަނައިގައި ހަމަޖެހިލިއިރު، އެއްވަނައިގައި އޮތް ވިކްޓަރީ އާއި މާޒިޔާއާ ދެމެދު ތިން ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ. އަދި ތިންވަނައިގައި އޮތް ބިސްބުރާއި މާޒިޔާ ދެމެދު ހަތަރު ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ޖެހީ ދިއްދޫއިން ނެވެ. މެޗުގެ 36 ވަނަ މިނިޓްގައި ދިއްދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ތަސްމީން އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި މާޒިޔާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްފަ އެވެ. މާޒިޔާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ހުމައިދު ހަސަން އެވެ.

ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ކުޅެ ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ. ދެވަނަ ހާފު ފެށުމާއިއެކު މާޒިޔާއިން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާޝިއު އަޙްމަދު ޝިހާމް އެވެ. އަނިޔާގެ ސަބަބުން ސީޒަންގެ ކުރީކޮޅު މެޗުތަކެއް ގެއްލުނު މުޙައްމަދު އިލާން އިމްރާން ވަނީ އަނިޔާއަށްފަހު އެނބުރި އައިސް މި މެޗުގައި ކުޅެފަ އެވެ. އަދި ބަދަލަކަށް ނުކުމެ 59 ވަނަ މިނިޓްގައި މާޒިޔާއަށް ލަނޑެއް ވެސް ކާމިޔާބު ކޮށްދީފަ އެވެ.

މިވެސް ކިޔާލަން:  މާޒިޔާ ދެވަނައަށް ޖެހިލައިފި

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ 67 ވަނަ މިނިޓްގައި އިލާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޢަބްދުﷲ ލޫތު އިބްރާހިމް ވަނީ މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މާޒިޔާގެ ފަސްވަނަ ލަނޑު 71 ވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިބްރާހިމް މަހުދީ ހުސައިން އެވެ. މި މެޗުގައި ދިއްދޫއިން ޖެހި ދެވަނަ ލަނޑު ޖެހީ މާޒިޔާއިން ފަސް ލަނޑު ޖެހިފަހުން، މެޗުގެ 87 ވަނަ މިނިޓްގައި މުޙައްމަދު ސަނާއު ނަސީރު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top