ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 50
މުނިއަވަސް ގްރެފިކްސް

ދެމެދުގައިވާ ޙަޤީޤަތް

މަސްތުގެ ދުނިޔޭގައި ކޮންމެ ކަމަކަށްވެސް އަގަކާއި އުޖޫރައެއް އޮވެއެވެ. ބާރާއި ފައިސާ، ވަފާތެރިކަމާއި، އުފަލާއި، އަދި ދެވިހިފުމެވެ. މީހުން ނުފޫޒު ގަނެ، ސިއްރުތައް ވިއްކައި، މަންފާ ބަދަލުކޮށް، އަދި ސަރަޙައްދާއި ބާރުގެ ދަހިވެތިކަމުގައި އެކަކު އަނެކަކު ފުނޑުފުނޑުކުރަމުން ދެއެވެ. އަގުބޮޑު ހޮޓާތަކާއި، ޚާއްސަ ކްލަބުތަކާއި، އަގުބޮޑު އެޕާޓްމަންޓްތަކާއި އަދި ވިދާ ބަބުޅާ އުފާ ފާޅުކުރުންތަކުގެ ފުރަގަހުގައި އޮތީ ރީތި ނޫން، އަދި ހިތްފަސޭހަ ނޫން މަސްތުގެ ދުނިޔެއެކެވެ.

މި ދުނިޔޭގައި މީހެއްގެ އަގު ވަޒަންކުރެވެނީ އެމީހަކަށް ކޮށްދެވޭނެ ކަމަކުން، ހޯދައިދޭ ފައިސާގެ މިންވަރަކުން، ނޫނީ ބާރުގަދަ މީހަކަށް އެމީހެއްގެ ބޭނުންތެރިކަން އޮތް މިންވަރަކުން ކަނޑައެޅޭ ދުނިޔެއެކެވެ. އަދި ބައެއް ފަހަރު، މި ދުނިޔޭގައި އެންމެ އަގުބޮޑު އެއްޗަކީ ހިމޭންކަމެވެ. މިރުޒާ ގަފޫރަކީ އެ ދުނިޔެ އެހެން މީހުންނަށްވުރެ ރަނގަޅަށް ދަންނަ މީހެކެވެ. އޭނާގެ ނަމާއި ޤަދަރު ބިނާކުރީ އެ ދުނިޔޭގައެވެ. އޭގެ ނަފާ ހޯދައި، އެ ދުނިޔޭގެ ނުބައިކަމުގެ ފައިދާ އޭނާ ނެގިއެވެ. އޭގައި ހުރި ނުރައްކާތައް އޭނާއަށް އެނގެއެވެ. ނަމަވެސް، އިންޒާރުތަކަށް ފަރުވާކުޑަކޮށް، އޭނާއަކީ އެންމެންނަށްވުރެ މާ މަކަރުވެރި، ހުޝިޔާރު މީހެއް ކަމަށް އަމިއްލައަށް ޤަބޫލުކޮށްގެން ހުރެވޭނީ އޭނާއަށްވުރެ ބާރުގަދަ އެހެން މީހަކު ޚުދު އޭނާއަށް ހަނދާންކޮށްދެންދެނެވެ.

*****

މިރުޒާއަށް އެންމެ ފުރަތަމަ އިޙުސާސްކުރެވުނީ ވަހެވެ. ތެތް ފާރުތަކުގެ ތެރޭ ބަންދުވެފައިވާ ވައިގެ ވަހާއި ދަގަނޑު ކަހަލަ ވަހެކެވެ. ބޮލުގައި ގަދައަށް ރިއްސަމުން ދިޔައިރު، ހަށިގަނޑު ހަލުވައިލަން ކުރާ ކޮންމެ މަސައްކަތަކާއެކު މުޅި ގައިގައި ރިހުން އުފެދެއެވެ. އޭނާގެ ދެއަތް އޮތީ ފަހަތަށް ބަނދެފައެވެ. މޫނު އޮތީ ކަޅުފޮތިގަނޑަކުން ނިވާކޮށްފައެވެ. ވަގުތު ހިނގާގޮތެއް އޭނާއަކަށް ނޭނގެއެވެ.

އެތާ ހުންނަތާ ކިހާ ވަގުތެއް ނޫނީ ދުވަހެއް ވެއްޖެކަމެއް އޭނާއަށް އަންދާޒާ ކުރާކަށްވެސް ނޭނގެއެވެ. ގަޑިއިރުތަކެއް ހެއްޔެވެ؟ ނުވަތަ ދުވަސްތަކެއް ހެއްޔެވެ؟

މިރުޒާ ހަނދާން ހުރީ ބަޔަކު އޭނާ ގަދަކަމުން ނަގައިގަނެގެން ގެންދިޔަ ކަމެވެ. ވެހިކަލެކެވެ. ހައެއްކަ ބިޔަ ބޮޑު، މޫނު ނިވާކޮށްގެން ތިބި މީހުންނެވެ. އަދި އޭނާ ހޭނެތޭވަރުގެ ގަދަ ހަމަލާއެކެވެ. ދެން އަނދިރިކަމެވެ. އޭގެ ފަހުން އޭނާގެ ހަނދާނުގައި ހުރީ ކުދި ކުދި ބައެއް ކަންކަމެކެވެ. މެޝިންތަކުގެ އަޑާއި ފިޔަވަޅުތަކެވެ. އަދި ތަކުރާރުކޮށް އެކި ފަހަރު މަތިން އޭނާއާ ކުރެވޭ ސުވާލުތަކެވެ. މިރުޒާ ޖަވާބުދޭން ބޭނުންނުވާ ސުވާލުތަކެވެ. ދެން މިރުޒާއަށް އިޙުސާސް ކުރެވެނީ ވޭނެވެ. ރޭވުމެއްގެ މަތިން ކުރެވޭ އަނިޔާތަކެވެ. އަދި އެއަށްފަހު އަނެއްކާވެސް އަނދިރިކަމެވެ.

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 13

މިރުޒާގެ ހާލަތު އެކި ފަހަރު އެކި ގޮތަށް ހުރުމުން، ހޭނެތިފައި ވަނީ ކިހާއިރެއްކަމެއް ނޭނގެއެވެ. އެއީ ރޭގަނޑު ކަމެއް ނުވަތަ ދުވާލު ކަމެއް ދެނެގަންނަންވެސް އޭނާއަށް އުނދަގޫވިއެވެ. މީގެ ކުރިންވެސް އޭނާ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާފައިވެއެވެ. މީހުންނަށް ބިރުދައްކައި، އަނިޔާކޮށް، ނިކަމެތި ކުރާތަން އޭނާ ދެކެފައިވެއެވެ. އަދި ބައެއް މީހުން ސަލާމަތްނުވެވޭނެ ފަދަ ދަތި ހާލަތްތަކަށް ވައްޓާލުމުގައި އޭނާގެ ބައިވެރިވުންވެސް އޮތް ފަހަރުތައް ދިޔައެވެ. ނަމަވެސް، އެ ހާލަތު އަމިއްލަ ނަފްސަށް ކުރިމަތިވުމަކީ މުޅިން ތަފާތު އިޙުސާސެކެވެ.

އެންމެ ފަހުން، ދޮރެއް ހުޅުވުނު އަޑަށް އެ ހިމޭންކަން މެދުކެނޑުނެވެ. ފިޔަވަޅުތަކެއް ކައިރިވަމުން އައެވެ. މީހަކު އޭނާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ދެން އެއަށްފަހު މިރުޒާގެ ބޮލުގައި އޮތް ކަޅު ފޮތިގަނޑު މީހަކު ދަމައިގަތެވެ. ގަދަ އަލި އޭނާގެ ލޮލަށް އެޅުނެވެ. ލޯ އެ އަލިކަމަށް ހޭނޭތޯ އޭނާ އެތައް ފަހަރަކު އެސްފިޔަ ޖެހިއެވެ. ލޯ ސާފުވި ވަގުތު، އޭނާގެ ކުރިމަތީގައި މީހަކު އިށީނދެގެން އިިންތަން ފެނުނެވެ. ވަރަށް ހަމަޖެހިލައިގެން ކޯޓު ފަޓުލޫނުގައި އިން މީހެކެވެ. އެއީ ޖާބިރު ރަޙްމާނެވެ.

އިރުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ޖާބިރު އޭނާއަށް ބަލަހައްޓައިގެން އިނީ، މި ބައްދަލުވުމަށް އޭނާ އިންތިޒާރުކުރާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ފަދަ ގޮތަކަށެވެ. ދެން އޭނާ ގޮނޑީގައި ލެނގިލިއެވެ.

“މިރުޒާ ގަފޫރު. އެންމެ ފަހުން އަހަރެމެން މި ބައްދަލުވީ.” އޭނާގެ އަޑު މަޑެވެ.

“ކަލޭގެ ވާހަކަ އަހަރެން ވަރަށް ގިނައިން އަޑުއަހައިފިން. އަހަރެމެން ކުރަނީ އެއް ވިޔަފާރިއެއް، އެކަމަކު ފެންވަރު ތަފާތުވެދާނެ. ވަކި ދާއިރާތަކެއްގައި ކަލޭގެ ނަން ވަރަށް ބޮޑަށް މަޝްހޫރުވެފައި އެބައޮތް.”

މިވެސް ކިޔާލަން:  ގުނަވަންތަ - އެގާރަވަނަ ބައި

މިރުޒާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ޖާބިރު ކުޑަކޮށް ބޯ އަރިކޮށްލިއެވެ.

“ނަމަވެސް، އަހަރެންގެ ހަމަޖެހުން ނަގާލެވިދާނެކަމަށް ކަލެއަށް ހީވީ ކީއްވެ؟ އަދި އަހަރެންގެ ޝްރެޔާއަށް ކަޅި އެޅިދާނެކަމަށް ކަލެއަށް ހީވީ ކީއްވެ؟”

އެ ދެ ބަސް އިވުމާއެކު، މިރުޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ ހާލަތުގައި ހުރެގެންވެސް އެ ބުނި ބަސްތައް އަޑުއިވުމުން، މިރުޒާ އޭނާގެ ބޯ މަޑުމަޑުން އުފުލާލިއެވެ.

“އޭނާގެ ނަމަކީ ވަޝިއްޔާ.”

ޖާބިރުގެ މޫނުމަތީގައި ހުރި ހިނިތުންވުން ގެއްލުނެވެ.

“ވިސްނައިގެން ވާހަކަދައްކާ. އޭނާގެ ނަމަކީ ޝްރެޔާ ރަޙްމާން.”

“އޭނާގެ ނަމަކީ ކޮބައިކަން އަހަރެން ދަންނަން.”

“އެހެންވީއިރު އެ ނަމުން މުޚާތަބުކުރޭ.”

ޖާބިރު މަޑުމަޑުން ތެދުވިއެވެ.

“އޭނާއަކީ އަހަރެންގެ މީހެއް މިރުޒާ. އަދި އަހަރެންގެ އިންތައް ހުރަސްކޮށް އަހަރެންގެ ކެތްތެރިކަން އިމްތިހާނު ނުކުރާތި.”

މިރުޒާ އޭނާއަށް ބަލައިލިއެވެ.

“އޭނާއަކީ ދުވަހަކުވެސް ކަލޭގެ މީހެއް ނޫން.”

އެވަގުތު މުޅި ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ. ޖާބިރު ކައިރިއަށް ޖެހިލިއެވެ.

“ކަލޭގެ މަގާމު ހަނދާން ނެތުނީތަ؟”

“ނޫން.” މިރުޒާ ކުރަކި އުނދަގޫ އަޑަކުން ޖަވާބުދިނެވެ. “އަހަރެން މިހުރީ ކޮންތަނެއްގައިކަން އަހަރެން ރަނގަޅަށް ހަނދާން އެބަހުރި. އަދި މިތަނަށް އަންނަން އަހަރެން ކުރި ކަންތައްވެސް ހަނދާން އެބަހުރި.”

ޖާބިރު އޭނާއަށް ފުންކޮށް ބަލައިލިއެވެ. “ހަމަ ހަނދާން އެބަހުރިތަ؟”

މިރުޒާގެ ލޯ ހަނިކޮށްލިއެވެ. “ވަޝިއްޔާ ކޮބާ؟”

ޖާބިރު ކުރު، ހިތްހަމަނުޖެހޭ ފަދަ ގޮތަކަށް ހީނލިއެވެ.

“މި ހުރިހާ ކަމެއްވީއިރުވެސް، އަދިވެސް އޭނާގެ ވާހަކަ ތިޔަ އަހަނީ ކޮން ހައިސިއްޔަތަކުން.”

“ކޮބައިހޭ ވަޝިއްޔާ؟”

ޖާބިރު ވަގުތުން ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި، އޭނާ ބަލައިލީ ދޮރާ ދިމާއަށެވެ. ދެން ކައިރީގައި ހުރި މީހެއް ކައިރީ އަމުރުވެރި ގޮތަކަށް ބުންޏެވެ.

“ގޮވައިގެން އާދޭ.. އޭނާ އެތެރެއަށް ވައްދާ..”

މިވެސް ކިޔާލަން:  ގުނަވަންތަ - ނަވާރަވަނަ ބައި

ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު، ކޮޓަރީގެ އަނދިރި ތަޅުންގަނޑުމައްޗަށް އަލިކަމުގެ ރޮނގަކުން އަލިވެގެން ދިޔައެވެ. ދެން ފެނިގެންދިޔައީ ވަޝިއްޔާއެވެ. ނަރުސް ކުއްޖެއްގެ އެހީތެރިކަމާއެކު އޭނާ މަޑުމަޑުން ހިނގަމުން އައީ އުނދަގުލުންނެވެ. އޭނާގެ ކޮންމެ ފިޔަވަޅަކުންވެސް ވަރުބަލިކަން ފާހަގަކުރެވެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ފަނޑުކަމެވެ. ލޮލުގެ ތިރިން ކަޅުވެ، މޫނުގެ ތާޒާކަން ވަނީ ގެއްލިފައެވެ. އިސްތަށިގަނޑު އޮތީ އާދައިގެ ގޮތަކަށް އައްސާލާފައެވެ. އޭނާ ލައިގެން ހުރީ ވަރަށް އާދައިގެ، މަޑު ކުލައެއްގެ ހެދުމެކެވެ. އެއްވެސް ގަހަނާއެއް ނުވަތަ މޭކަޕެއް ނެތެވެ. ޖާބިރުގެ އަހަރީ ހަފުލާގެ ކުލަގަދަ އަލިތަކުގެ ތެރެއިން ފެނުނު ނަލަހެދިގެން ހުރި އަންހެންމީހާއާ މިހާރު އޭނާ ވައްތަރު އެއްވެސް ގޮތެއް ނެތެވެ.

ނަރުސް ކުއްޖާ އޭނާ ގެންގޮސް ގޮނޑިއެއްގައި ބޭންދިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ވަޝިއްޔާ ހުރީ ރަނގަޅަށް ނުކައެވެ. އޭނާ ކެއުމަށް އިންކާރުކޮށް، މީހުންނާ ބައްދަލުކުރުމަށް ފަސްޖެހި، އަމިއްލަ ނަފުސުގެ ތެރެއަށް ގެނބިފައިވެއެވެ. އޭނާއަށް ވިސްނައިދީގެން ކަންކަމުގައި ބައިވެރިކުރުވުމަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ.

އެންމެ ފަހުން އޭނާ ޖާބިރު ގާތުން އެދުނީ އެންމެ ކަމަކަށެވެ. ވަޝިއްޔާ ބޭނުންވީ މިރުޒާއާ ބައްދަލުކުރާށެވެ. ފޮޓޯއަކުން ނޫނެވެ. މެސެޖަކުންވެސް ނޫނެވެ. އަދި އެހެން މީހަކު ކިޔައިދޭ ވާހަކައަކުންވެސް ނޫނެވެ. އޭނާ ބޭނުންވީ އަމިއްލަ ލޮލުން އޭނާ ދެކިލާށެވެ.

ފުރަތަމަ ޖާބިރު އެކަމަށް ދެކޮޅު ހެދިއެވެ. އޭނާ ނުރައްކަލެއްގެ ގޮތުގައި ދެކޭ މީހަކު ވަޝިއްޔާއާ ކައިރިވުމަށް ފުރުސަތު ދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް، ވަޝިއްޔާ ކެއުމާއި ބޭސްފަރުވާއަށް އިންކާރުކުރަމުން ދިޔުމުން، އޭނާގެ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު ޑޮކްޓަރު ދެއްވިއެވެ. އެންމެ ފަހުން ޖާބިރު އެ ބައްދަލުވުމަށް އެއްބަސްވިއެވެ. ހަރުކަށި ޝަރުތުތަކަކާ އެކުގައެވެ. ޖާބިރު އެތަނުގައި ހުންނާނެއެވެ. ސެކިއުރިޓީ ބަލަހައްޓާ މީހުން ކައިރީގައި ތިބޭނެއެވެ. އަދި ނަރުސް ކުއްޖާވެސް ވަޝިއްޔާއާއެކު ހުންނާނެއެވެ. އަދި އެ ބައްދަލުވުން ކުރިއަށްދާނީ ޖާބިރު ބޭނުންވާ ގޮތަކަށެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top