ވާރޭ ހުއްޓިފައި ވީނަމަވެސް، މަގުބައްތިތަކުގެ އަލީގައި މާލޭގެ މަގުތައް ފެންނަމުން ދިޔައީ ތެމިފައިވާ ތަނެވެ. ތާނިޔާ ހުރީ އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައެވެ. މަގުމަތިން މަދުމަދުން ދުއްވާފައިދާ ސައިކަލުތަކަށް ބަލަހައްޓައިގެންނެވެ. ލީޒާ އެންމެ ފަހުން ބުނި ބަސްތައް އޭނާގެ ކަންފަތްދޮށުގައި ތަކުރާރުކޮށް ގުގުމަމުން ދިޔައެވެ. “ކަލެއަކަށް އެހެން ގޮތެއް ނޯންނާނެ.”
ވޭތުވެދިޔަ ދިހަ އަހަރު ދުވަހު، އޭނާ ކިޔަމަންތެރިކުރުވަން އެ ބަސްތައް ފުދުނެވެ. އޭނާ ބައްދަލުކުރަންވީ މީހުންނާއި، ދައްކަންވީ ވާހަކަތަކާއި، އަދި އޭނާ ދިރިއުޅެންވީ ގޮތްވެސް ކަނޑައެޅުމުގެ ބާރު އޭނާ ވަނީ ލީޒާއަށް ދީފައެވެ. އެ އަޅުވެތިކަމުން ސަލާމަތްވާން ކުރި ކޮންމެ މަސައްކަތެއް ނިމިގެން ދިޔައީ، ލީޒާގެ އަތުގައިވާ އޭނާގެ ސިއްރު ހަނދާންކޮށްދީ ދިން އިންޒާރަކުންނެވެ.
އެކަމަކު މިހާރު ކޮންމެވެސް ކަމެއް ބަދަލުވެއްޖެއެވެ. އަނާޔާ ވަނީ އޭނާގެ ލޮލަށް ބަލާފައި، ލީޒާއާ އެކަނި ކުރިމަތިލާން ނުޖެހޭނެކަމަށް ވަޢުދުވެފައެވެ. ތާނިޔާ ބޭނުންވީ އޭނާއަށް އިތުބާރު ކުރާށެވެ.
އޭނާގެ ފޯނު ވައިބްރޭޓް ވިއެވެ. ފޯނުގެ ސްކްރީނަށް އެރީ އަނާޔާގެ މެސެޖެކެވެ.
“އާރ ޔޫ އޯކޭ؟ ލީޒާ އަނެއްކާވެސް ގުޅައިފިއްޔާ ލަސްނުކޮށް އަހަންނަށް އަންގާލައްޗޭ.”
ތާނިޔާ ޖަވާބު ލިޔަން ފެށިއެވެ. ނަމަވެސް ހުއްޓައިލިއެވެ. މީހަކު އަޑުއަހަން ހުރެދާނެކަމުގެ ބިރުވެރިކަމާއެކު އޭނާ ދޮރާ ދިމާއަށް ބަލައިލިއެވެ.
އެންމެ ފަހުން އޭނާ ޖަވާބު ފޮނުވިއެވެ. “އަހަރެން އެއްޗެއް ބުނަން ބޭނުން. ފޯނަކުން ނޫން. އަހަރެމެންނަށް ބައްދަލުވެވިދާނެތަ؟”
ވަގުތުން އަނާޔާގެ ޖަވާބު އައެވެ. “މައްސަލައެއް ނެތް. ތަނެއް ބުނޭ.”
ތާނިޔާ އެޑްރެހެއް ފޮނުވިއެވެ. އަދި އަތްދަބަސް ނަގައިގެން ނުކުންނަން ހިނގައިގަތެވެ.
*****
ޕޮލިސް ސްޓޭޝަނުގައި ބަދުރާއި ސަލީމް ތިބީ އެއްކުރެވިފައިވާ މަޢުލޫމާތުތައް ދިރާސާކުރާށެވެ.
“ލީޒާ ދަތުރުފަތުރުކުރާ ގޮތް ހޯދަން މިހާރު އުނދަގޫވަމުން ދަނީ.” ސަލީމް ބުންޏެވެ. “އޭނާ އުޅޭ އުޅުމަށް ބަދަލުތަކެއް ގެނެސްފި. އާންމުކޮށް ގޮސްއުޅޭ ތަންތަނަކަށް ނުދޭ. އަދި މިހާރު އޭނާ ހުންނަ ތަނެއްވެސް ސާފުކުރެވޭ ގޮތެއް ނުވި.”
ބަދުރު އޭނާއަށް ބަލައިލިއެވެ. “ތާނިޔާގެ ޚަބަރެއް ވޭތަ؟”
“އަހަރެމެން އޭނާއާ ގުޅަން މަސައްކަތްކުރަމުން މިދަނީ.”
“މަސައްކަތް ހުއްޓާނުލާތި. އެކަމަކު އޭނާ ބިރުގަންނަވާނުލާތި. އަހަރެމެން ފާރަލާކަން ލީޒާއަށް އެނގިއްޖެނަމަ، އޭނާ ކޮންމެފަދަ ނުރައްކާތެރި ކަމެއްވެސް ކޮށްފާނެ.”
އެވަގުތު އަނާޔާ އޮފީހަށް ވަނެވެ. “ތާނިޔާގެ ޚަބަރެއް ވެއްޖެތަ؟”
ބަދުރު ބޯހޫރައިލިއެވެ. “އަދި ނުވޭ.”
“އޭނާ އަހަންނަށް މެސެޖެއް ކޮށްފި. އޭނާ ބޭނުންވަނީ ބައްދަލުކުރަން.”
“ކޮން އިރަކު؟”
“މިރޭ.”
ބަދުރު ވަގުތުން ކޮޅަށް ތެދުވިއެވެ. “ކޮންތާކަށް؟” އަނާޔާ އެޑްރެސް ދެއްކިއެވެ.
“އަހަރެމެން ދާނީ އެކީގަ.” ބަދުރު ބުންޏެވެ. “އެކަމަކު ސަލީމް ކައިރީގައި ހުންނަން ވާނެ.”
އަނާޔާ ބޯޖަހައިލިއެވެ. ސްޓޭޝަނުން ނުކުންނަމުން ދިޔައިރު، ބަދުރު އާދަޔާ ޚިލާފަށް ވަރުބަލިވެފައި ހުރިކަން އަނާޔާއަށް ފާހަގަކުރެވުނެވެ.
“ހުރިހާ ކަމެއް ރަނގަޅުތަ؟”
“އަހަރެން ރަނގަޅު.”
“ތިހެން ބުނާތާ ކިތަންމެ ދުވަހެއް.”
ބަދުރު އޭނާއަށް ބަލައިލިއެވެ. “ބައެއް ކަންކަމަކީ ބަޔާންކޮށްދިނުމަށްވުރެ ތަހުޤީޤުކުރަން ފަސޭހަ ކަންކަން.”
އޭނާ ބުނި އެއްޗެއްގެ މާނަ އަނާޔާއަށް ވިސްނުނެވެ. އެހެންނަމަވެސް ދެމީހުންކުރެ އެކަކުވެސް އެ ވާހަކައެއް ނުދައްކައެވެ.
*****
ކުޑަ ކެފޭއަކަށް އަނާޔާއާއި ބަދުރު ދިޔައިރު، ތާނިޔާ އިންތިޒާރުގައި އިނެވެ. އޭނާ އިނީ ވަރަށް ބިރުގެންފައެވެ. އޭނާގެ އަތް ތުރުތުރުއަޅަމުން ދިޔައިރު، ދޮރާ ދިމާއަށް އަވަސްއަވަހަށް ބަލައިލެވެއެވެ.
އަނާޔާ އޭނާގެ ކައިރީގައި އިށީނެވެ. “ކިހިނެއްވީ؟”
ތާނިޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން ނިންމައިފިން ހުރިހާ ވާހަކައެއް ކިޔައިދޭން.”
ބަދުރު އޭނާގެ ނޯޓުފޮތް ނެގިއެވެ. “ހަމަޖެހިލައިގެން ކިޔައިދީ.”
ތާނިޔާ އަނާޔާއަށް ބަލައިލިއެވެ. “ލީޒާ އަހަންނަށް ބިރުދައްކާތާ ދިހަ އަހަރު ވެއްޖެ. އެކަމަކު އަހަރެން ދުވަހަކުވެސް ނުބުނާ ކަމެއް އެބައޮތް. އޭނާ ހަމައެކަނި އަހަރެންގެ ސިއްރު ފަޅާއަރުވާލާނެކަމުގެ ބިރެއް ނޫން ދައްކަނީ. އަހަންނަށް އެހީވާން އުޅޭ ކޮންމެ މީހަކު ހަލާކުކޮށްލުމުގެ ބާރު އޭނާއަށް ލިބިގެންވާކަން އޭނާ އަހަންނަށް ޤަބޫލުކުރުވި.”
“އޭނާ ދުވަހަކުވެސް ޖިސްމާނީ ގޮތުން އަނިޔާއެއް ކުރިތަ؟” ބަދުރު އެހިއެވެ.
ތާނިޔާ ބޯޖަހައިލިއެވެ. “އެއްފަހަރު. އަހަރެން އޭނާ ދޫކޮށް ދާން އުޅުމުން، އޭނާ އަހަންނަށް ހަމަލާދިން. އޭނާ ބުނީ އަހަރެން އޭނާއަށް ބޭވަފާތެރިވެއްޖެނަމަ، އަހަރެން ދުނިޔެއަށް އުފަންވި ދުވަހާމެދު ހިތާމަކުރަން ޖެހޭނެޔޭ.”
އަނާޔާ އޭނާގެ އަތުގައި ހިފަހައްޓައިލިއެވެ. “ކީއްވެ ރިޕޯޓް ނުކުރީ؟”
“އަހަރެން ލަދުގަތީމަ. އަދި އަހަރެންގެ މާޒީގައި ހިނގާފައިވާ، އެއްވެސް މީހަކަށް އެނގެން ބޭނުންނުވާ ކަންތައްތަކެއް އޭނާއަށް އެނގޭތީ.”
ބަދުރު އޯގާތެރިކަމާއެކު ބުންޏެވެ. “ތާނިޔާގެ މާޒީގައި ކޮންމެ ކަމެއް ހިނގާފައި އޮތަސް، ތާނިޔާގެ މައްޗަށް ބާރުފޯރުވުމުގެ ޙައްޤެއް އޭނާއަކަށް ނޯންނާނެ.”
ތާނިޔާ އިސްދަށަށް ޖަހައިލިއެވެ. “އަހަންނަށް މިހާރު އެކަން އެނގިއްޖެ.”
އޭނާ ދަބަސް ހުޅުވާލުމަށްފަހު ކުޑަ ސިޓީއުރައެއް ނެގިއެވެ. “އަހަރެން ބައެއް އެއްޗެހި ރައްކާކުރިން. މެސެޖުތަކާއި، ފޮޓޯތަކާއި، އަދި ބައެއް ލިޔެކިޔުންތައް. އަހަންނަށް ހިތްވަރު ލިބޭ ދުވަހަކުން މި ތަކެތި ބޭނުންވާނެކަމަށް ހީކޮށް.”
ބަދުރު އެ ސިޓީއުރައިގައި ހިފިއެވެ. “މި އެއްޗެހި ލިބުނީ ކޮންތާކުން؟”
“ބައެއް ތަކެތި ދިނީ ޚުދު ލީޒާ. އަނެއްބައި ތަކެއްޗަކީ އޭނާއަށް އެހީވާން އުޅުމުގެ ތެރޭގައި އަހަންނަށް ފެނުނު އެއްޗެހި.”
އަނާޔާ ތާނިޔާގެ މޫނަށް ބަލައިލިއެވެ. “މީގެ ތެރޭގައި ޝާހިދު އަދި ނިހާއާ ގުޅުންހުރި ކަމެއް ވޭތަ؟”
“އަހަންނަކަށް ނޭނގެ. އެކަމަކު އަހަރެން ޤަބޫލުކުރަނީ، އެ މަޚްލޫޤުގެ ވާހަކަ ދައްކަން ފެށުމުން ލީޒާ އެހާ ބިރުގަތް ސަބަބު މީގެން އެނގިދާނެ ކަމަށް.”
ބަދުރު ސިޓީއުރަ ނުކަނޑައި ބަލައިލިއެވެ. “ޝުކުރިއްޔާ ތާނިޔާ. މިއީ ވަރަށް މުހިންމު އެއްޗަކަށް ވެދާނެ.”
ތާނިޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. “މިކަން ހަމަ އަސްލުވެސް ނިމުމަކަށް އަންނާނެތަ؟”
ބަދުރު އޭނާއަށް ބަލައިލިއެވެ. “ހުރިހާ ކަމެއް ފަސޭހަވާނެކަމުގެ ޔަޤީންކަމެއް އަހަންނަކަށް ނުދެވޭނެ. އެކަމަކު އަހަރެމެން މި ވާހަކަތައް ދޫކޮށްނުލާނެކަމުގެ ޔަޤީންކަން ދެން.”
އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް، ތާނިޔާއަށް ހިތްފުރެންދެން ރޮވުނެވެ. އަނާޔާ އޭނާގެ ކޮނޑުގައި ހިފަހައްޓައި ހިތްވަރު ދިނެވެ.
*****
އެރޭ ދަން ވަގުތު، ބަދުރާއި އަނާޔާ އެނބުރި ޕޮލިސް ސްޓޭޝަނަށް އައެވެ. ސަލީމް ހުރީ އެމީހުންގެ އިންތިޒާރުގައެވެ.
“ސަރ، ކުރީގެ ތަހުޤީޤާ ގުޅުންހުރި މީހެއްގެ މަޢުލޫމާތު ލިބިއްޖެ. އެމީހާ ހުރީ ބަންދުކުރާ މަރުކަޒުގައި ފިލައިގެން ކަމަށް ބެލެވެނީ.”
ބަދުރު ނިތްކުރިއަށް ރޫގިނަކޮށްލިއެވެ. “ކޮން ކަހަލަ މަޢުލޫމާތެއް؟”
“ޒިޔާރަތްކުރި މީހަކު ރިޕޯޓްކުރީ، އެތަނުގެ ކޮޓަރިއެއްގެ ކައިރީގައި މީހަކު އާދަޔާ ޚިލާފު ގޮތަކަށް އުޅެނިކޮށް ފެނުނުކަމަށް. އޭނާގެ ސިފަކުރުން ދިމާވަނީ ކުރީގެ ރެކޯޑްތަކުގައި ބަޔާންކޮށްފައިވާ މީހާއާ.”
އަނާޔާ ބަދުރަށް ބަލައިލިއެވެ. “ހީވަނީތަ އެއީ ލީޒާއާ ގުޅުމެއް އޮތް ކަމެއްހެން؟”
“އަދި ބުނާކަށް ނޭނގެ.” ބަދުރު ޖަވާބުދިނެވެ. “އެކަމަކު އަހަރެމެން އެތަން ބަލަން ޖެހޭނެ.”
އެމީހުން ވަގުތުން އެ ދިމާއަށް ދިޔައެވެ. އެމީހުންނަށް ދެވުނުއިރު، ބަންދުކުރާ މަރުކަޒު އޮތީ ހަމަހިމޭންކޮށެވެ.
ފުލުހުންގެ އޮފިސަރަކު އެމީހުން ގޮވައިގެން ކޮރިޑޯގެ ތެރެއިން ހިނގައިގަތެވެ. ހޮޅިބުރީގެ ހުދު އަލި ފާރުތަކަށް އެޅިފައިވާއިރު، އެމީހުންގެ ފިޔަވަޅުތަކުގެ އަޑު އާދަޔާ ޚިލާފަށް ގަދައަށް އިވެމުން ދިޔައެވެ.
“ކޮން ކޮޓަރިއެއް؟” ބަދުރު އެހިއެވެ.
“ކޮޓަރި ހަތެއް، ސަރ.”
އޮފިސަރު ތަޅުދަނޑި ޖަހައި ދޮރު ހުޅުވައިލިއެވެ. އެތެރޭގައި ހުރި އެނދުގައި އޮތީ އާދަޔާ ޚިލާފު ސިފައެއްގެ މީހެކެވެ. އޭނާގެ ދެލޯ ހުރީ ހުޅުވިފައެވެ.
އަނާޔާގެ ނޭވާ ހުއްޓުނު ފަދައެވެ. ގަދަ ނޫކުލައިގެ އިސްތަށިގަނޑު އޮތީ އޭނާގެ ނިތްކުރިމައްޗަށް ވެއްޓިފައެވެ. ކުލަ ފަނޑު، އާދަޔާ ޚިލާފަށް އަޅި ހަމެކެވެ. އަދި އޭނާގެ ލޮލުގައި ހުރީ، ގަސްގަނޑު ކައިރިން ކުރިން ފެނުނު ފަދަ ބިއްލޫރިގަނޑެއް ފަދަ ވިދުމެކެވެ. އެއީ ކްރިސްޓަލް ލޮލެއް ލިބިފައިވާ މަޚްލޫޤެވެ. އޭތި އަނާޔާއާ ދިމާއަށް ބަލައިލިއެވެ. ދެން ބަދުރާ ދިމާއަށެވެ. ދެމީހުންކުރެ އެކަކުވެސް ހަރަކާތެއް ނުކުރެއެވެ.
“މީ ކާކު؟” ބަދުރު އެހިއެވެ.
އޮފިސަރު ހުރީ ހައިރާންވެފައެވެ. “އަހަންނަކަށް ނޭނގެ ސަރ. އަހަރެން އައިއިރު މި ކޮޓަރި ހުރީ ތަޅުލާފައި. ހީކުރީ ކުރިން ކޮންމެވެސް މީހަކު ލާފައި ހުރި ތަނެއް ކަމަށް.”
ބަދުރު ކައިރިއަށް ޖެހިލިއެވެ. “ރަޖިސްޓްރީ ގެނޭ. އަހަރެން ބަލަން ބޭނުން މި މީހާ މިތަނަށް ވެއްދީ ކާކުގެ ހުއްދައަކުންތޯ.”
އޮފިސަރު އަވަސްއަވަހަށް ދުވެފައި ދިޔައެވެ.
އަނާޔާ ހުރީ ދޮރުމަތީގައެވެ. “ކަލޭ މިތާ ކީއްކުރަނީ؟” އޭނާ ސިއްރުސިއްރުން އަހައިލިއެވެ.
އެ ސިފައަކުން ޖަވާބެއް ނުދިނެވެ. ލަސްލަހުން އޭގެ ދެލޯ މަރައިލިއެވެ. ދެން، މަޑުމައިތިރި އަޑަކުން ބުންޏެވެ. “އުފާވެރި ރެޔަކަށް އެދެން.”
އަނާޔާ އޭއްޗަށް ބަލަހައްޓައިގެން ހުއްޓެވެ. އެއީ އާދައިގެ، މަޑުމައިތިރި ބަސްތަކެކެވެ. ނަމަވެސް އެ ބަސްތައް ބުނެލި ގޮތުން، މި ބައްދަލުވުން އަދި ނުނިމޭކަން އޭނާއަށް އިޙުސާސްވިއެވެ.
ބަދުރު އަނާޔާއާ ދިމާއަށް އެނބުރުނެވެ. “މި މީހާ ދަންނަންތަ؟”
އަނާޔާ ބޯހޫރައިލިއެވެ. “މީ ކޮން އެއްޗެއް ކަމެއް އަހަންނަކަށް ނޭނގެ.”
އެނދުގައި އޮތް ސޫރަ ހަރަކާތެއް ނެތި އޮތެވެ. ބަދުރު އެނދާ ކައިރިވެ ބަލައިލިއެވެ. އެއްވެސް ބަނދެވުމެއް، އައިޑެންޓިޓީ ލިޔުމެއް، ނުވަތަ ޒަޚަމެއްގެ ނިޝާނެއް ނެތެވެ.
“މި މީހާ މިތަނަށް ގެނައި މީހަކު ގެނައީ ރަސްމީ ހުއްދައެއް އޮވެގެން ވަދެވޭ ދޮރަކުން.” ބަދުރު ބުންޏެވެ. “އެކަން ހިނގި ގޮތް އަހަރެމެން ހޯދަން ޖެހޭނެ.”
އަނާޔާ އަނެއްކާވެސް އެ ސޫރައަށް ބަލައިލިއެވެ. ހިނދުކޮޅަކަށް، އޭގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފެނުނުހެން އޭނާއަށް ހީވިއެވެ.
އެވަގުތު އޮފިސަރު އެނބުރި އައެވެ. “ސަރ، މި ކޮޓަރިއަށް އެއްވެސް މީހަކު ލީ ކަމުގެ ރެކޯޑެއް ނެތް.”
ބަދުރު ކުއްލިއަކަށް އެނބުރި ބަލައިލިއެވެ. “ކީކޭ؟”
“ރަޖިސްޓްރީ ބަލައިފިން. މިރޭ އެއްވެސް މީހަކު މިތަނަކަށް ނުވައްދާ.”
“ދެން މި މީހާ މިތަނަށް ވަނީ ކިހިނެއް؟”
އޮފިސަރަކަށް ޖަވާބެއް ނުދެވުނެވެ. ބަދުރު އެނދާ ދިމާއަށް ބަލައިލިއެވެ. އެނދު އޮތީ ހުހަށެވެ. އަނާޔާއަށް ކުއްލި ސިހުމެއް ލިބުނެވެ. އެ ސޫރަ ވަނީ ގެއްލިފައެވެ.
*****
ބޭރަށް ނުކުތްއިރު، ރޭގަނޑުގެ ފިނިކަން ކުރިއަށްވުރެ ގަދަވެފައިވާކަމުގެ އިޙުސާސް ކުރެވުނެވެ. ބަދުރު ކާރުގެ ކައިރީގައި ހުރެ، ބަންދުކުރާ މަރުކަޒާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. “އެއީ އާދައިގެ އިންސާނެއް ނޫން.” އޭނާ ބުންޏެވެ.
އަނާޔާ އޭނާއަށް ބަލައިލިއެވެ. “އޭގެ ލޯ ފެނުނުތަ؟”
“ފެނުނު.”
“މިހާރު އަހަރެން ދެއްކި ވާހަކަ ޤަބޫލުކުރެވިއްޖެތަ؟”
ބަދުރު އިރުކޮޅަކު ހިމޭނުން ހުއްޓެވެ. “އަހަންނަށް ބަޔާންކޮށްދޭން ނޭނގޭ ކަންތައްތަކެއް މިތާ ހިނގަމުންދާކަން އަހަރެން ޤަބޫލުކޮށްފިން.”
އަނާޔާ އަނދިރި މަގަށް ބަލައިލިއެވެ. “ކުރަންވީ އަސްލު ސުވާލުތަކެއް ނޫން ކަންނޭނގެ އަހަރެމެން މި ކުރަނީ؟”
“ކީކޭ ތި ބުނީ؟”
“އަހަރެމެން އަބަދުވެސް މި އަހަނީ ޝާހިދާއި ނިހާ މަރާލީ ކާކުތޯ. އެކަމަކު މި ހުރިހާ ކަމެއް އަހަރެންގެ ވަށައިގެން ފެށެންވީ ކީއްވެގެންތޯވެސް ސުވާލު އުފައްދަން ޖެހޭ.”
ބަދުރު ފުންކޮށް އޭނާއަށް ބަލައިލިއެވެ. “އޭގެ ޖަވާބު އޮތީ އެ ގަސްގަނޑުގެ ކައިރީގައިކަމަށް ހީވަނީތަ؟”
އަނާޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަންނަށް އިޙުސާސްވަނީ އެހެން.”
އޭނާ އުޑުމައްޗަށް ބަލައިލިއެވެ. އަނެއްކާވެސް ވިލާތައް ބޯވަމުން ދިޔައެވެ.
“އެހެންވިއްޔާ އަހަރެމެން އެތަނަށް ދާނަން.” ބަދުރު ބުންޏެވެ.
*****
އިރުކޮޅެއް ފަހުން، ބަދުރު އަނާޔާ އޭނާގެ ގޭގެ ކައިރިއަށް ލައިދިނެވެ. އަނާޔާ ކާރުގެ ދޮރު ހުޅުވުމުގެ ކުރިން، ބަދުރު ގޮވައިލިއެވެ. “އަނާޔާ.” އޭނާ އެނބުރި ބަލައިލިއެވެ.
“ވިސްނައިގެން އުޅޭތި. އަނާޔާއަށް އެއްވެސް ކަމެއް ވާކަށް އަހަރެން ބޭނުމެއް ނޫން.”
ބަދުރުގެ އަޑު މިހާރު ތަފާތެވެ. ތަހުޤީޤުތަކުގައި އޭނާ ގެންގުޅޭ ހަރުކަށިކަމެއް މިހާރަކު ނެތެވެ.
އަނާޔާ އޭނާގެ ލޮލަށް ބަލައިލިއެވެ. “ތިހާ ވަރަށް އަޅާލަނީ ކީއްވެ؟”
ބަދުރަށް ޖަވާބުދޭން އުނދަގޫވިއެވެ. “މި ތަހުޤީޤުގެ ތެރެއިން، ތީ ހަމައެކަނި މައްސަލައަކާ ގުޅުންހުރި މީހެއްގެ ގޮތުގައި ބެލުން ހުއްޓުނީމަ.”
އަނާޔާގެ ލޮލުން މަޑުމައިތިރިކަން ފެނިގެންދިޔައެވެ. “ބަދުރު..”
ބަދުރު ނަޒަރު ވަކިކޮށްލިއެވެ. “އެއްވެސް އެއްޗެއް ބުނާނެ ކަމެއް ނެތް.”
އޭނާ ކާރުން ފޭބިއެވެ. ހިނދުކޮޅަކަށް ދެމީހުންވެސް ހިމޭންވިއެވެ. ދެން އަނާޔާ ދޮރު ލައްޕައި، ގޭގެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އޭނާ އެތެރެއަށް ވަދެ ގެއްލެންދެން ބަދުރު ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިތުގެ އިޙުސާސްތައް ސިއްރުކުރުމަކީ ދެން ވާނެކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. ނަމަވެސް އަނާޔާގެ ވަށައިގެންވާ ހަޤީޤަތް އަދިވެސް އޮތީ މުޅިން ފޮރުވިފައިކަންވެސް އޭނާ ދަނެއެވެ. އަދި އެ ހަޤީޤަތުގެ ސަބަބުން އަނާޔާ އޭނާއާ މުޅިން ވަކިވެދާނެތީ އޭނާ ބިރުގަތެވެ.
*****
ހަމަ އެވަގުތު، ނޭނގޭ ވަކި ތަނެއްގައި، ލީޒާ ހުރީ ތަޅުލާފައިވާ ދޮރެއްގެ ކުރިމަތީގައެވެ. އޭނާގެ އަތުގައި ކުޑަ އެއްޗެއް އޮތެވެ. އެއީ ފޮޓޯއެކެވެ. އެ ފޮޓޯއަށް ވަރަށް ގިނައިރު ވަންދެން ބަލަހައްޓައިގެން ހުރުމަށްފަހު، މޭޒުގެ ވަތްގަނޑެއްގެ ތެރެއަށް އެ ލިއެވެ.
ދެން އޭނާ ސިއްރުސިއްރުން ބުނެލިއެވެ. “އެހެންވީމާ، ހުރިހާ ކަމެއް ފެށުނު ތަނަށް އެނބުރި ދާން ތި ނިންމީތާ.”
އޭނާ ކޮޓަރީގެ ބޮކި ނިއްވައިލިއެވެ. އަނދިރީގެ ތެރެއިން، އޭނާގެ ފަހަތުން ފަނޑު ނޫކުލައިގެ އަލިކަމެއް ފާޅުވާން ފެށިއެވެ. ލީޒާ ފަހަތެއް ނުބަލައެވެ. ފުރަތަމަ ފަހަރަށް، ފަހަތަށް އެނބުރި ބަލައިލަންވެސް އޭނާ ހުރީ އިންތިހާއަށް ބިރުގެންފައެވެ.
(ނުނިމޭ)
