ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި ބުރު ސްޕޯރޓްސް ކުލަބުން ކުލަބް އީގަލްސް ބަލިކޮށް ލީގުގައި އެ ޓީމުގެ ދެވަނަ މޮޅު ހޯދައިފި އެވެ.
މިހާތަނަށް ހަ މެޗު ކުޅެފައިވާ ބުރު ސްޕޯރޓްސް މި މެޗަށް ނުކުތްއިރު، އެ ޓީމުގެ ކުރިން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ގައްދޫއާ ބައްދަލުކުރި މެޗުން އެކަންޏެވެ. ދެން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. މި މެޗަކީ ލީގުގައި އީގަލްސް ކުޅޭ ހަތްވަނަ މެޗެވެ. ތިން މެޗުން މޮޅުވެ ދެ މެޗު އެއްވަރުކޮށް، އެއް މެޗުން ބަލިވެފައި އޮތް އީގަލްސްއަށް މި މެޗު ކާމިޔާބުކޮށް 14 ޕޮއިންޓާއިއެކު ލީގުގެ ތިންވަނައަށް ޖެހިލުމުގެ ފުރުސަތު މެޗަށް ނުކުތްއިރު އޮތެވެ. މި މެޗާއި ހަމައަށް ބުރު ސްޕޯރޓްސް އޮތީ ދިހަ ޓީމު ވާދަކުރާ މި ލީގުގެ ނުވަވަނައިގަ އެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ބުރު ސްޕޯރޓްސް އެވެ. މެޗުގެ ކުރީކޮޅު އެ ޓީމުން އުފެއްދި ނުރައްކާތެރި ތިން ހަމަލާއެއް އީގަލްސްގެ ކީޕަރު ހަނީފް ސާގިބް ދިފާއުކުރި އެވެ. މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ އީގަލްސްއިން ވެސް ވަނީ ބުރު ސްޕޯރޓްސްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. މި ހާފުގައި އީގަލްސްއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ބުރު ސްޕޯރޓްސްގެ ގޯލު ލައިން މަތިން ކަހަލަ ގޮތަކަށް ދިފާއުކުރީ އެ ޓީމުގެ ޑިފެންޑަރު މުޙައްމަދު ނަޒާމް އެވެ.
ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު، ބުރު ސްޕޯރޓްސްއިން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހުކޮޅު އެވެ. އީގަލްސްގެ އޭރިޔާ ތެރެއިން ބޯޅައާއެކު ކުރިޔަށް ދާން މަސައްކަތްކުރި ބުރު ސްޕޯރޓްސްގެ ކުޅުންތެރިއަކަށް އީގަލްސްގެ ޑިފެންޑަރަކު ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑްއާޑޯ ލެސްކާނޯ އެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑެއް ޖެހުމަށް އީގަލްސްއިން ގިނަ މަސައްކަތްތަކެއް ކުރިއިރު، ބުރު ސްޕޯރޓްސްއިން ކުޅުނީ ލިބިފައިވާ ލީޑު ދެމެހެއްޓުމަށް އިސްކަން ދީގެން ނެވެ. މި ހާފުގައި އީގަލްސްއިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ބުރު ސްޕޯރޓްސްގެ ކީޕަރު ޝައިހާން ޢަލީ ދިފާއުކޮށްފައިވާއިރު، އެ ޓީމުގެ ޑިފެންޑަރުން ވެސް ވަނީ ރަނގަޅު ޑިފެންސިވް ގޭމެއް މެޗު ނިމުމާއި ހަމައަށް ދަމަހައްޓައިފަ އެވެ.
1-0 އިން ބުރު ސްޕޯރޓްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޖުއާން އެޑްއާޑޯ ލެސްކާނޯ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ގެއްލުން ލަނޑުގެ ތަފާތުން ބުރު ސްޕޯރޓްސް ވަނީ ހަތްވަނައަށް ޖެހިލައިފަ އެވެ.
ލީގުގެ ކުޅުން ދެން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު ބައްދަލުކުރާނީ އޮޑި ސްޕޯރޓްސް ކުލަބާއި ދިއްދޫ ސްޕޯރޓްސް އެވެ.
