ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހިތުދަސްކުރުމުން ކިޔެވުމަށް އެހީތެރިވެދޭ ފަސް ހާލަތަކާއި، އެހީތެރިނުވާ ފަސް ހާލަތެއް!

ތާރީޚީ ގޮތުން ބަލާއިރު، ތަޢުލީމީ ނިޒާމުގައި ކަންކަން ހިތުދަސްކުރުމަކީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމެކެވެ. މީގެ ކުރިން ދަރިވަރުންގެ ކިބައިން އުއްމީދުކުރެވެނީ ތަފާތު އެކި ހަގީގަތްތަކާއި، ލަފުޒުތަކާއި، ފޯމިއުލާތަކުގެ އިތުރުން މުހިންމު ކަމަށް ބެލެވޭ މަޢުލޫމާތުތައް ހިތުދަސްކޮށް ކިޔައިދިނުމަށެވެ. ވަކި މިންވަރަކަށް މިކަން މުހިންމުވީ، ކިޔަވާ ދުވަސްވަރުގަޔާއި އޭގެ ފަހުން ވެސް، ބޭނުންވާ މަޢުލޫމާތުތައް ވަގުތުން ހޯދޭނެ ފަސޭހަ ގޮތްތަކެއް އޭރު ނެތުމުންނެވެ. މީގެ އިތުރުން، ޅެންތަކާއި މުހިންމު ބުނުންތައް ހިތުދަސްކޮށް ކިޔައިދިނުމަކީ ތަޢުލީމީ މީހެއްގެ ނިޝާނެއްގެ ގޮތުގައާއި، ސަގާފަތަށް އިހުތިރާމްކުރާ ކަމުގެ ހެއްކެއްގެ ގޮތުގައި ވެސް ބެލެވުނެވެ.

މިއަދުގެ ދުނިޔޭގައި މަޢުލޫމާތު އަތްފޯރާފަށުގައި ހުރުމުގެ ސަބަބުން، ތަޢުލީމީ ދާއިރާގައި ހިތުދަސްކުރުމުގެ މުހިންމުކަމާމެދު ސުވާލު އުފެދެއެވެ. ނަމަވެސް، މާޒީގެ މުހިންމު ލިޔުންތަކާއި ބުނުންތައް ހަނދާނުގައި ބެހެއްޓުމަކީ ތާރީޚީ ގޮތުން އަގުހުރި ކަންކަމަށް ދެވޭ ސަމާލުކަމެއްގެ ގޮތުގައި ބެލެވެއެވެ. އަދި ބައެއް މަޢުލޫމާތުތައް ފަސޭހައިން ހޯދެން ހުރި ނަމަވެސް، އެ އެއްޗެއް ހިތުގައި ހުރުމަކީ އަދިވެސް ފައިދާހުރި ކަމެކެވެ.

މިހާރު އުފެދޭ މުހިންމު ސުވާލަކީ، ރަސްމީ ތަޢުލީމީ ނިޒާމުގައި ހިތުދަސްކުރުމަށް އަދިވެސް ޖާގައެއް އޮތްތޯއެވެ؟ އޮތްނަމަ އެއީ ކޮން ދައުރެއް ހެއްޔެވެ؟ އަދި ހިތުދަސްކުރުމަށް އިސްކަންދިނުން ހުއްޓާލަންވީ ކޮން ހާލަތްތަކެއްގައި ހެއްޔެވެ؟ ތިރީގައި މިވަނީ ހިތުދަސްކުރުމުން ކިޔެވުމަށް ފައިދާކުރާ ފަސް ހާލަތަކާއި، އެކަމުން އެންމެ އެދެވޭ ނަތީޖާ ނުލިބޭ ފަސް ހާލަތެކެވެ.

ހިތުދަސްކުރުން މުހިންމުވާ އަދި ފައިދާކުރާ ހާލަތްތައް:

1- ސިކުނޑީގެ ހަނދާން ވަރުގަދަކުރުން: ކިޔެވުމުގެ ބައެއް ބައިތަކަކީ ވަގުތުން ހަނދާނަށް އަންނަންޖެހޭ ކަންކަމެވެ. މިސާލަކަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި، މިއުޒިކް ނޯޓުތަކާއި، ބަހުގެ ގަވާއިދުތައް ހިތުދަސްވެފައި ހުރުމުން، ސިކުނޑީގެ ޖާގަ އެހެން މުހިންމު ކަންކަމަށް ހުސްކޮށްދެއެވެ.

މިވެސް ކިޔާލަން:  ދިރާސާ: ކޮލެޖް ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ކޮބައިކަން ހާމަވެއްޖެ

2- މުހިންމު ލަފުޒުތަކާއި މަފްހޫމްތައް ދަސްކުރުން: އައު ކަންކަން ދަސްކުރުމަށްޓަކައި އެ ދާއިރާއެއްގެ މުހިންމު ލަފުޒުތައް އެނގުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސައިންޓިފިކް އަދި ޓެކްނިކަލް މަސައްކަތްތަކުގައި ބޭނުންކުރާ ފޯމިއުލާތަކާއި އިޖުރާއަތްތައް ހިތުދަސްވެފައި ހުރުމުން، މާނަ ހޯދުމަށް ހޭދަވާ ވަގުތު ސަލާމަތްވެއެވެ.

3- ވިސްނުމުގެ ހަލުވިކަން އިތުރުކުރުން: އަސާސީ ކަންކަން ހިތުދަސްވެފައި ހުރުމުން، ކަންކަން ތަހުލީލުކުރުމަށާއި މައްސަލަ ހައްލުކުރުން ފަދަ މަތީ ފަންތީގެ ވިސްނުމަށް ސިކުނޑީގައި ޖާގަ އުފެދެއެވެ. މިސާލަކަށް، ހިސާބުގެ އަސާސީ ބައިތައް ހިތުދަސްނަމަ، އުނދަގޫ ހިސާބުތައް ހެދުމަށް ފަސޭހަވެގެންދެއެވެ.

4- އަސާސީ ދެނެގަތުން ބިނާކުރުން: ހިތުދަސްކުރުމަކީ ފާޑުކިޔައި ވިސްނުމުގެ ބިންގަލެވެ. މުހިންމު އުސޫލުތަކާއި މިންގަނޑުތައް ހިތުދަސްވެފައި ހުރުމުން، އުނދަގޫ މަފްހޫމްތައް ފަސޭހައިން ދެނެގަނެވި، އެކަންކަމާ ގުޅުވައިގެން އައު ޚިޔާލުތައް އުފެއްދުމަށް އެހީތެރިވެދެއެވެ.

5- އާޖުފާޖު ނުވަތަ ގޮތްތައް ދެނެގަތުމާއި ބޭނުންކުރުން: ކަންކަން ހިތުދަސްކުރުމުން އުނދަގޫ މަސައްކަތްތައް ކުރުމުގެ އިތުބާރު ލިބެއެވެ. ކަންކަން ހިނގާ ގޮތުގެ ގޮތްތައް ދެނެގަނެވުމުން، އޭގައި އޮންނަ ފުން މާނަ ދެނެގަތުމަށާއި، ކަމެއް ނުބައިކޮށް ހިނގާނަމަ އެކަން ފާހަގަކުރުމަށް ފަސޭހަވެއެވެ.

ހިތުދަސްކުރުމަށްވުރެ އެހެން ކަންކަމަށް އިސްކަންދޭންޖެހޭ ހާލަތްތައް:

1- ތަޖުރިބާ ތަރުޖަމާކުރުމާއި މަޢުލޫމާތު ވަކިކުރުން: ކަމެއްގެ މާނަ ދެނެގަތުމަކީ އުނގެނުމުގެ މުހިންމު ބައެކެވެ. ކަމެއް ކުރާ ގޮތް ނުވަތަ ފޯމިއުލާއެއް ހިތުދަސްކުރި ނަމަވެސް، އެކަން ކުރަނީ ކީއްވެގެންކަމާއި ބޭނުންކުރާނެ ގޮތް ނޭނގޭނަމަ އޭގެ ބޭނުމެއް ނެތެވެ. މާނަ ދޭހަނުވާގޮތަށް ލަފުޒުތައް ހިތުދަސްކުރުމަކުން މައްސަލައެއް ހައްލެއް ނުކުރެވޭނެއެވެ.

2- އަމިއްލަ ޚިޔާލާއި އުފެއްދުންތެރިކަން ހޯދުން: ހިތުދަސްކޮށްފައިވާ މަޢުލޫމާތަކީ އުފެއްދުންތެރި ވިސްނުމަކަށް އެހީއަކަށް ވެދާނެއެވެ. ނަމަވެސް، އުފެއްދުންތެރިކަމަށް ބޭނުންވަނީ ހަމައެކަނި ދަސްކުރުމެއް ނޫނެވެ؛ އެއަށްވުރެ ފުންކޮށް ވިސްނުމާއި، ކަންކަން ވަޒަންކުރުމުގެ ހުނަރު ބޭނުންވެއެވެ.

މިވެސް ކިޔާލަން:  ސްކޫލްތަކުގައި ދަރިވަރުންގެ މީޑިއާ ޕްރޮގްރާމެއް ފެށުން

3- އުނގެނުނު އެއްޗެއްގެ ބޭނުން ހިފުން (ލާރނިންގ ޓްރާންސްފަރ): ވަކި ކަމަކަށްޓަކައި ހިތުދަސްކުރާ މަޢުލޫމާތަކީ އެހެން ކަމަކަށް ބޭނުންނުކުރެވޭ އެއްޗަކަށް ވެދާނެއެވެ. މިސާލަކަށް، ވަކި ހިސާބުތަކެއް ހަދާނެ ގޮތް ހިތުދަސްކުރުމުން، ހިސާބު އިލްމުގެ އަސާސީ އުސޫލުތައް ދަސްނުވެ ހިނގައިދާނެއެވެ.

4- ގޮތް ނިންމުމާއި އަޚްލާޤީ މައްސަލަތައް ހައްލުކުރުން: ހިތުދަސްކުރާ އުސޫލުތަކަކުން އުޅެންޖެހޭ ގޮތުގެ އޮނިގަނޑެއް ލިބިދާނެއެވެ. ނަމަވެސް، ދިރިއުޅުމުގައި ދިމާވާ އުނދަގޫ ހާލަތްތަކުގައި ގޮތް ނިންމުމަށް ބޭނުންވަނީ ހަމައެކަނި ގަވާއިދުތަކެއް ހިތުދަސްކުރުމެއް ނޫނެވެ.

5- ދިގުދެމިގެންދާ އުނގެނުމުގެ ހުނަރުތައް ތަރައްޤީކުރުން: ހަގީގަތްތަކާއި ލަފުޒުތައް ދަސްކުރުމަކީ މަތީ ފަންތީގެ މަސައްކަތްތަކަށް އެހީއެކެވެ. ނަމަވެސް، ސައިންޓިފިކް ހޯދުންތަކާއި، އެކަކު އަނެކަކާ މަޝްވަރާކުރުމާއި، ފަންނީ މަސައްކަތްތައް ފަދަ ކަންކަމަށް ބޭނުންވަނީ ހިތުދަސްކުރުމަށްވުރެ ފުން ވިސްނުމަކާއި ދޭހަވުމެކެވެ.

އަޅުގަނޑުމެން ހިތުދަސްކުރުމާމެދު ދެކެންވީ އެއީ އުނގެނުމުގެ މަންޒިލެއްގެ ގޮތުގައެއް ނޫނެވެ؛ އެއީ އުނގެނުމަށް އެހީތެރިވެދޭ އާލަތެއްގެ ގޮތުގައެވެ. ހިތުދަސްކުރުމުގެ ސަބަބުން މަޢުލޫމާތު ވަކިކޮށް، ހަނދާނުގައި ބަހައްޓައި، ބޭނުންކުރުމަށް ފަސޭހަވެއެވެ.

މިކަމާ ބެހޭގޮތުން އިތުރަށް ވިސްނާލުމަށް: މުދައްރިސުން، ދަރިވަރުންގެ ގާތުގައި ހިތުދަސްކުރުމުގެ މުހިންމުކަން އެންމެ ބޮޑަށް އިހުސާސްކުރެވެނީ ކޮން ކަންކަމެއްގައިތޯ އަހާށެވެ. ސްކޫލް އިސްވެރިން، މުދައްރިސުންގެ ގާތުގައި ހިތުދަސްކުރުން ބޭނުންކުރާނީ ކޮން ހާލަތްތަކެއްގައިތޯއާއި، ދަރިވަރުންނަށް އެކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ ގޮތްތަކަކީ ކޮބައިތޯ މަޝްވަރާކުރާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top