ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތިމަރަފުށި ޗެމްޕިއަންކަން ހޯދައިފި
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސައުތު ޒޯން 1 ގެ ޗެމްޕިއަންކަން ތ. ތިމަރަފުށި ސްޕޯރޓްސް ކުލަބް ހޯދައިފި އެވެ.

މި ޒޯންގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ތިމަރަފުށްޓާއި ދެއްވަދޫ އެވެ. ގުރޫޕް ސްޓޭޖްގައި ވެސް މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބު ކުރީ ތިމަރަފުށްޓެވެ.

ފުޓްސަލްގައި ފާހަގަކޮށްލެވޭ ގިނަ ތަރިންތަކެއް ކުޅުނު މި މެޗުގައި، ދެ ޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނެވެ. މި ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ދެއްވަދޫއިން ނެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގެ ބޭނުން އެއްވެސް ޓީމަކަށް ނުކުރެވުނު މި ހާފު ނިމުނީ 0-0 އިން ނެވެ.

ދެވަނަ ހާފަށް ނުކުމެ ތިމަރަފުށިން ވަނީ ތަފާތު ބޮޑު މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބުނެވެ. އަމިއްލަ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާދަމް ނާސިހް ކާމިޔާބުކޮށްދިން ލަނޑާއިއެކު ތިމަރަފުށިން މި މެޗުގެ ލީޑު ނެގި އެވެ. އަދި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރި ދެއްވަދޫއިން ލަނޑެއް ޖެހުމުގެ ކުރިން ތިމަރަފުށިން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. އަފްލާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ތިމަރަފުށްޓަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ވިލްފް އެވެ.

މިވެސް ކިޔާލަން:  ދެއްވަދޫ އާއި ވޭމަންޑޫ ސެމީއަށް

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެއްވަދޫއިން ވެސް ތަނަވަސްކުރި މި މެޗުގައި އެ ޓީމުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ތިމަރަފުށީގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ތިމަރަފުށިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ ފަހުކޮޅު އަޙްމަދު އަފްލާޒް އެވެ. އަފްލާޒް މި ލަނޑު ޖަހާފައިވަނީ ކައުންޓަރ އެޓޭކަށް ދެއްވަދޫ ޓީމުން ކުރިޔަށް ޖެހުނު ވަގުތެއްގައި އަމިއްލަ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށް އަރައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

3-0 އިން މެޗު ކާމިޔާބުކޮށް ސައުތު ޒޯން 1 ގެ ޗެމްޕިއަންކަން ތ. ތިމަރަފުށި ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު އަފްލާޒް އެވެ.

މުބާރާތުގެ އެހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިޔާގެ މަގާމް ހޯދީ ވިލިނގިލި ޓީމުގެ އިސްމާއިލް ވަޖީހެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމުގެ މަގާމް ހޯދީ ލ. ގަމެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އިސްދޫ ޓީމުގެ ލޫތު އަޙްމަދު ފަތުހީ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ދެއްވަދޫ ޓީމުގެ އަޙްމަދު ރާހިލް ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ތިމަރަފުށީ ޓީމުގެ ކޯޗު އާދަމް ނާސިރެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ތިމަރަފުށި ޓީމުގެ އަޙްމަދު އަފްލާޒް، ތިމަރަފުށި ޓީމުގެ އިބްރާހިމް އަސްވާދު، ތިމަރަފުށި ޓީމުގެ މުޙައްމަދު ސަރުހާން، ދެއްވަދޫ ޓީމުގެ އަޙްމަދު ރާހިލް ރަޝީދު އަދި ދެއްވަދޫ ޓީމުގެ ޢަލީ ހައިޝަމް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށި ޓީމުގެ އަޙްމަދު އަފްލާޒް އެވެ.

މިވެސް ކިޔާލަން:  ކެޔޮދޫ އާއި ދަރަނބޫދޫ އަދި ކުޑަހުވަދޫ އާއި ނިލަންދޫ ސެމީއަށް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top