ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސައުތު ޒޯން 1 ގެ ސެމީ ފައިނަލްގެ ފަހު ދެ ޖާގަ ދެއްވަދޫ އާއި ވޭމަންޑޫ ހޯދައިފި އެވެ. މި ޒޯންގެ ގުރޫޕް ސްޓޭޖްގެ މެޗުތައް މިހާރު ނިމިފައިވާއިރު، މި ދެ މެޗުގެ ކުރިން ތިމަރަފުށްޓާއި އިސްދޫ ވަނީ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ޔަގީންކޮށްފަ އެވެ.
ސައުތު ޒޯން 1 ގެ ގުރޫޕް ސްޓޭޖްގެ ފަހު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ދެއްވަދޫ އާއި ވިލިނގިއްޔެވެ. މިއީ ގުރޫޕް ސްޓޭޖްގައި މި ދެ ޓީމު ވެސް ކުޅޭ ދެވަނަ މެޗެވެ. މި މެޗަށް ނުކުތްއިރު ކުރިން ކުޅުނު މެޗުން ދެ ޓީމު ވެސް ވަނީ ބަލިވެފަ އެވެ. މި މެޗު ކާމިޔާބުކޮށްގެން ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތެވެ.
ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދެއްވަދޫއިން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ މިނިޓްގައި އަލީ ޚޮދަދާދީ ކާމިޔާބުކުރި ލަނޑުން ލީޑުނެގި ދެއްވަދޫއިން 4 ވަނަ މިނިޓްގައި އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. އަދި 7 ވަނަ މިނިޓްގައި އަޙްމަދު ރާހިލް ރަޝީދު އެ ލީޑު ފުޅާކޮށްދިނެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބުނު މި ހާފުގެ ފަހުކޮޅު ވިލިނގިލިން ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. ވިލިނގިލީގެ ފުރަތަމަ ލަނޑު 14 ވަނަ މިނިޓްގައި ހަސަން ޒައިދާން ކާމިޔާބުކޮށްދިންއިރު، 15 ވަނަ މިނިޓްގައި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީހް އެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގެ ކުރީކޮޅު ވެސް ދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ލީޑު ފުޅާކުރުމަށް މަސައްކަތްކުރި ދެއްވަދޫއިން ދެވަނަ ފަހަރަށް ތަފާތު ދެއްކީ ދެވަނަ ހާފުގެ މެދަކާއި ހިސާބުން ނެވެ. މެޗުގެ 30 ވަނަ މިނިޓާއި 32 ވަނަ މިނިޓްގައި އަޙްމަދު ރާހިލް ރަޝީދު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރި އެވެ. ވިލިނގިލީގެ ތިންވަނަ ލަނޑު 34 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިސްމާއިލް ވަޖީހް އެވެ.
5-3 އިން މެޗު ކާމިޔާބުކޮށް ސެމީ ފައިނަލްގެ ޖާގައެއް ދެއްވަދޫއިން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ އަޙްމަދު ރާހިލް ރަޝީދު އެވެ.
ސައުތު ޒޯން 1 ގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބައްދަލުކުރީ ވޭމަންޑޫ އާއި ގަމެވެ. މިއީ ދެ ޓީމު ވެސް ގުރޫޕް ސްޓޭޖްގައި ކުޅޭ ފަހު މެޗެވެ. ވޭމަންޑޫ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައިވާއިރު، ގަން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.
މި މެޗު ކާމިޔާބުކޮށްގެން ނޫން ގޮތަކަށް ސެމީ ފައިނަލްގެ ޖާގައެއް ލިބެން ނެތް ގަމުގެ ފަރާތުން މިފަދަ މެޗެއްގައި ފެންނަން ޖެހޭ ފަދަ ކުޅުމެއް މި މެޗުގައި ނުފެނެ އެވެ. ފުޓްސަލްގައި މުޅި ރާއްޖެއަށް މަޝްހޫރު އިސްދޫ ބަލިކުރި ވޭމަންޑޫއިން، އެއަށްވުރެ މަޝްހޫރު ގަން ވެސް ބަލިކޮށް ގުރޫޕްގެ އެއްވަނަ ހޯދި އެވެ.
ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅު ކުޅުމެއް ދެއްކި ވޭމަންޑޫއިން މެޗުގެ ލީޑު ނެގީ 10 ވަނަ މިނިޓްގައި އަސުންކާއޯ ޑަސިލްވަ ކާމިޔާބުކޮށްދިން ލަނޑުން ނެވެ. ވޭމަންޑޫގެ ފުރަތަމަ ލަނޑަށް މާ ގިނައިރެއް ނުވެ 14 ވަނަ މިނިޓްގައި ސޮލާހް ޢަލީ ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ގަމުން ޖެހި ލަނޑު ޖެހީ 24 ވަނަ މިނިޓްގައި އިބްރާހިމް ނަސީހް އެވެ. މި މެޗުގެ ފަހުކޮޅު ގަމަށް ލިބުނު ދުރު ޕެނަލްޓީ ވެސް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޭމަންޑޫ ޓީމުގެ އަސުންކާއޯ ޑަސިލްވަ އެވެ.
ސައުތު ޒޯން 1 ގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 24 ވަނަ ދުވަހު އެވެ. ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ތިމަރަފުށްޓާއި އިސްދޫ ބައްދަލުކުރާއިރު، ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ވޭމަންޑޫ އާއި ދެއްވަދޫ އެވެ.
