ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުޑަހުވަދޫ އާއި ނިލަންދޫ ފައިނަލަށް  
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސެންޓްރަލް ޒޯން 2 ގެ ފައިނަލަށް ކުޑަހުވަދޫ އާއި ނިލަންދޫ ދަތުރުކޮށްފި އެވެ. ކުޑަހުވަދޫގައި ކުރިޔަށްދާ މި ޒޯންގެ ސެމީ ފައިނަލް ދެ މެޗު ރޭ ވަނީ ކުޅެފަ އެވެ.

ރޭ ކުޅެވުނު ސެމީ ފައިނަލް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ އެއްވަނަ ހޯދި ކުޑަހުވަދޫ އާއި ގުރޫޕް ބީގެ ދެވަނަ ހޯދި ދަރަނބޫދޫ އެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗަކީ ވާދަވެރިކަން ބޮޑު ފޯރިގަދަ ކުޅުމެއް ފެނުނު މެޗެކެވެ. ފައިނަލްގެ ފުރަތަމަ ޖާގަ ހޯދުމަށްޓަކައި މެޗުން މޮޅުވުމަށް ދެ ޓީމުން ވެސް ވަނީ ފުރަތަމަ ކަށިގަނޑުން ފެށިގެން ފަހު ކަށިގަނޑާއި ހަމައަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ދަރަނބޫދޫއިން ނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދަރަނބޫދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޒަލޫފް ހަސަން އެވެ. ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގެ ކުރީކޮޅު ވެސް ރަނގަޅަށް ކުޅުނީ ދަރަނބޫދޫއިން ނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ދަރަނބޫދޫއިން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްލިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮރޭޝް ޝެއިޚޮލްހަރަމް އެވެ.

ދަރަނބޫދޫއިން ދެ ލަނޑުގެ ލީޑު ނެގި މިނިޓްގައި ކުޑަހުވަދޫއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހި އެވެ. 26 ވަނަ މިނިޓްގައި ކުޑަހުވަދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަރީފް މަހްމޫދު އެވެ. ދެވަނަ ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން އަރީފް މަހުމޫދު ވަނީ ކުޑަހުވަދޫއަށް ނަތީޖާ ހަމަހަމަ ވެސް ކޮށްދީފަ އެވެ. ރަށު ސަޕޯޓަރުން ދެމުންދިޔަ ހިތްވަރާއިއެކު ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރި ކުޑަހުވަދޫއިން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރައިލީ 34 ވަނަ މިނިޓްގަ އެވެ. ދަރަނބޫދޫގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލައި ފޮނުވާލި ބާރު ބޯޅައިން ކުޑަހުވަދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޖުމައިލް ޖަމީލް އެވެ.

މިވެސް ކިޔާލަން:  ތިމަރަފުށްޓާއި އިސްދޫ ސެމީއަށް

3-2 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކުޑަހުވަދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޖުމައިލް ޖަމީލް އެވެ.

ރޭ ކުޅެވުނު ސެމީ ފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ އެއްވަނަ ހޯދި ކެޔޮދޫ އާއި ގުރޫޕް އޭގެ ދެވަނަ ހޯދި ނިލަންދޫ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ނިލަންދޫއިން ކާމިޔާބުކުރީ، ދެފަހަރަށް ކެޔޮދޫއިން ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރައި މެޗު ކާމިޔާބުކޮށްގެން ނެވެ.

މެޗު ފެށުމާއިއެކު މެޗު ކާމިޔާބުކުރުމަށް ދެ ޓީމުން ވެސް މަސައްކަތްކުރި މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ކެޔޮދޫއިން ނެވެ. މެޗުގެ 7 ވަނަ މިނިޓްގައި ކެޔޮދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޒްޔާން އާދަމް ރަޝީދު އެވެ. ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފު ފަށައިގެން މާ ގިނައިރެއް ނުވެ އަޙްމަދު ނަބީލް ވަނީ ނިލަންދޫއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމުން ވެސް ހޯދި މި މެޗުގައި ދެވަނަ ފަހަރަށް ކެޔޮދޫއިން ލީޑު ނެގީ 30 ވަނަ މިނިޓްގައި ހުސައިން ޖިނާހް ކާމިޔާބުކޮށްދިން ލަނޑުން ނެވެ. ކެޔޮދޫއިން ދެވަނަ ފަހަރަށް ލީޑު ނަގައި މާ ގިނައިރެއް ނުވެ ނިލަންދޫއިން ދެވަނަ ފަހަރަށް މެޗު އެއްވަރުކުރި އެވެ. 32 ވަނަ މިނިޓްގައި ނިލަންދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު ޝާން އެވެ. ފަހަތުން އަރައި ނަތީޖާ ހަމަހަމަކުރި ނިލަންދޫއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 34 ވަނަ މިނިޓްގައި މޫސާ ޖަމާލް ކާމިޔާބުކޮށްދިން ލަނޑުން ނެވެ.

މިވެސް ކިޔާލަން:  ވާދޫ ފައިނަލަށް، ފުވައްމުލަކާއި ފަރެސްމާތޮޑާ ގަދަ ހިފުމަކަށް

3-2 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ދެވަނަ ޖާގަ ނިލަންދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މޫސާ ޖަމާލް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top