ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސައުތު ޒޯން 1 ގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ ތިމަރަފުށްޓާއި އިސްދޫ ހޯދައިފި އެވެ.
މި ޒޯންގެ ދެ މެޗު ރޭ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ތިމަރަފުށްޓާއި ވިލިނގިއްޔެވެ. މިއީ ގުރޫޕް ސްޓޭޖްގައި ތިމަރަފުށި ކުޅޭ ދެވަނަ މެޗު ނަމަވެސް، ވިލިނގިލި ކުޅޭ ފުރަތަމަ މެޗެވެ. ތިމަރަފުށި ކުޅުނު ފުރަތަމަ މެޗު އެ ޓީމު ވަނީ ކާމިޔާބުކޮށްފަ އެވެ.
ދެވަނަ މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނަ މަގާމާއިއެކު ސެމީ ފައިނަލަށް ދާން ނުކުތް ތިމަރަފުށިން ވަނީ ފުރަތަމަ މެޗުގައި ދެއްކި ފަދަ މޮޅު ކުޅުމެއް މި މެޗުގައި ވެސް ދައްކައިފަ އެވެ. މެޗުގެ 7 ވަނަ މިނިޓްގައި އާދަމް ނާސިހް ކާމިޔާބުކޮށްދިން ލަނޑުން ތިމަރަފުށި ހޯދި ލީޑު 13 ވަނަ މިނިޓްގައި އަޙްމަދު އަފްލާޒް ފުޅާކޮށްދިނެވެ.
ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ތިމަރަފުށްޓެވެ. މި ހާފުގެ ކުރީކޮޅު އިބްރާހިމް އަސްވާދު ތިމަރަފުށީގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، ހަތަރުވަނަ ލަނޑު 28 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޒިޔާން އެވެ. މި މެޗުގައި ވިލިނގިލިން ޖެހި ލަނޑު ޖެހީ 30 ވަނަ މިނިޓްގައި އެޑަމާ ސޮލިމަން އެވެ. ތިމަރަފުށީގެ ފަސްވަނަ ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާން އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 6 ޕޮއިންޓް ހަމަކޮށް ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ތިމަރަފުށި ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ރޭ ކުޅެވުނު ދެވަނަ މެޗުގައި ބައްދަލުކުރީ ގަމާއި އިސްދޫ އެވެ. މިއީ ގުރޫޕް ސްޓޭޖްގައި އިސްދޫ ކުޅޭ ދެވަނަ މެޗު ނަމަވެސް ގަން ކުޅޭ ފުރަތަމަ މެޗެވެ. އިސްދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ބޭނުންނަމަ މޮޅުވާން މަޖުބޫރުވި މި މެޗުގައި އިސްދޫއިން ވަނީ ފުރަތަމަ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗު ޑޮމިނޭޓްކުރީ އިސްދޫ އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ލޫތު އަޙްމަދު ފަތުހީ ކާމިޔާބުކޮށްދިން ލަނޑުން ލީޑު ނެގި އިސްދޫއިން އެ ޓީމުގެ ލީޑު ފުޅާކުރީ 20 ވަނަ މިނިޓްގައި ހުސައިން އަފްޚާން ކާމިޔާބުކޮށްދިން ލަނޑުން ނެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ލޫތު އަޙްމަދު ފަތުހީ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
ދެވަނަ ހާފުގައި ގަމުން ކުޅުން ރަނގަޅު ކުރި ނަމަވެސް، މެޗުގެ ނަތީޖާ އަނބުރާލެވޭ ވަރެއް ނުވި އެވެ. ދެވަނަ ހާފުގައި ދެ ޓީމުން ދެ ލަނޑު ޖެހިއިރު، ގަމުގެ ލަނޑު ޖަހައިދިނީ އިބްރާހިމް ނަސީހް އެވެ. އިސްދޫގެ ހަތަރުވަނަ ލަނޑު ޖަހައިދިން ލޫތު އަޙްމަދު ފަތުހީ ވަނީ މި މެޗުގައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
މި މެޗާއިއެކު އިސްދޫއަށް ގުރޫޕް ސްޓޭޖްގެ މެޗުތައް ވަނީ ނިމިފަ އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑާއިއެކު ގުރޫޕްގެ އެއްވަނައިގައި މިވަގުތު އޮތް އިސްދޫ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
