“މަޖުނޫން” ގެ ވަދާޢީ ޝޯތައް މިމަހު 23 އަދި 24 ގައި އޮލިމްޕަހުގައި ދައްކަނީ
މިހާރު އޮލިމްޕަސް ސިނަމާގައި ބޮޑު ތަރުޙީބަކާއެކު ދައްކަމުން އަންނަ، މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު “މަޖުނޫން” ގެ ވަދާޢީ ޝޯތައް މި މަހުގެ 23 އަދި 24 ގައި ދެއްކުމަށް ހަމަޖެހިއްޖެއެވެ.
އޮލިމްޕަހުގައި މި ފިލްމު އެޅުވި ތާރީޚުން ފެށިގެން، ހައުސްފުލް ގިނަ ޝޯތަކެއް ވަނީ ކާމިޔާބުކަމާއެކު ދައްކާފައެވެ. ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަ މި ފިލްމަކީ އާންމުކޮށް ފެންނަ “ނަހުލާ ސްޓައިލް” ގެ އިތުރުން، ކުރީގެ ފިލްމުތަކާ އަޅާބަލާއިރު ވަރަށް ތަފާތު ކަންތައްތަކެއް ހިމަނައިގެން އޭނާ ގެނެސްދީފައިވާ ތަފާތު އުފެއްދުމެކެވެ.
ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ އެކްޓިންއަށް ބަލާއިރު، މައިގަނޑު ރޯލުތަކުން ފެނިގެންދާ ޝިފާ، ޝާރިފް، ވާޝިޔާ، އެވްލީ އަދި ލާލިގެ އިތުރުން އެހެނިހެން އެކްޓަރުންގެ ހުނަރުވެރި އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. ކޮންމެ ތަރިއަކުވެސް އެމީހެއްގެ ކެރެކްޓާ ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާކަން ބެލުންތެރިން ފާހަގަކުރެއެވެ.
ޑައިރެކްޓަރު ނަހުލާ (ނަހޫ) ބުނެފައިވާ ގޮތުގައި، “މަޖުނޫން” އަކީ ހަމައެކަނި އާދައިގެ ލޯބީގެ ފިލްމެއް ނޫނެވެ. މިއީ ލޯބީގެ އިތުރުން ތަފާތު އެކި ޖޯންރާތައް އެކުލެވޭ ގޮތަށް، ވަރަށް ޝައުގުވެރި އަދި އަސަރުގަދަ ގޮތަކަށް ބައްޓަންކޮށްފައިވާ ފިލްމެކެވެ. މީގެއިތުރުން، މިއީ ފިލްމު ފެށުނީއްސުރެ ނިމެންދެން ބެލުންތެރިން ހިތްތެޅިތެޅި، ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހޭ ފަދަ ޖަޒުބާތީ އަދި ހިތްގައިމު ސަސްޕެންސްތަކެއް އެކުލެވޭ ފިލްމެއްކަންވެސް އޭނާ ފާހަގަކުރިއެވެ.
މި ފިލްމު ބަލާލަން ބޭނުންވެ، އަދި މިހާތަނަށް ޓިކެޓް ނުލިބިފައިވާ ފަރާތްތަކަށް މި މަހުގެ 23 އަދި 24 ގައި އޮންނަ ވަދާޢީ ޝޯތަކަކީ ފަހު ފުރުސަތެވެ. ފިލްމު ބެލި ގިނަ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ދިވެހި ސިނަމާއިން މިފަހުން ފެނުނު އެންމެ ފުރިހަމަ އެއް އުފެއްދުމެވެ.
