މަސްޖިދުލް ޙަރަމްގައި ކައުބަތުﷲ ގެެ ކައިރީގައި ޖަމާޢަތުގައި ނަމާދުކުރާ ގިނަ ޙައްޖާޖީންނާއި ޢުމްރާވެރިންނަށް ބައެއް ފަހަރު އާދަޔާޚިލާފު ކަމެއް ފާހަގަކުރެވެއެވެ. އެއީ ނަމާދުކުރާ މީހުން ނެތް، ހަނި، ސީދާ ހުސް ސަރަޙައްދެކެވެ. މި ހުސް ސަރަޙައްދު އާންމުކޮށް ފެންނަނީ ރުކުނުލް ޔަމާނީއާއި ޙަޖަރުލް އަސްވަދާ ދެމެދުގައި އޮންނަ ކައުބަތުﷲ ގެ ފަރާތުގައެވެ.
ޙަރަމްފުޅުގެ ބޮޑު ސަރަޙައްދުގައި ނަމާދުކުރާ މީހުންގެ ސަފުތައް ފުރިފައި އޮންނަ އިރުވެސް، ސަލާމަތީ ބާރުތަކުން ބައެއް ފަހަރު މި ވަކި ސަރަޙައްދެއް ހުސްކޮށް ބާއްވައެވެ. މިއީ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭ ކަމެއް ނަމަވެސް، މިކަމުގެ ސަބަބު ގުޅިފައިވަނީ ކައުބަތުﷲ ގެ ވަށައިގެން ޖަމާޢަތުގައި ނަމާދު ކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާއެވެ.
ކައުބަތުﷲ ވަށައިގެން އޮންނަ މަތާފް ސަރަޙައްދުގައި ނަމާދުކުރާ އިރު، އިމާމް މީހާ ހުންނަވަނީ އެ ދިމާލުން ކަނޑައެޅިފައިވާ ވަކި މަޤާމެއްގައެވެ. މި މަގު ހުސްކޮށް ބޭއްވުމުގެ ބޭނުމަކީ، ނަމާދުކުރާ މީހުންނަށް ނޭނގި ނަމަވެސް އިމާމް މީހާގެ ކުރިއަށް އަރައި ސަފު ހެދުން ހުއްޓުވުމެވެ. އިސްލާމީ ޝަރީޢަތުގައި ޖަމާޢަތުގައި ނަމާދުކުރާ އިރު، އިމާމް މީހާ ހުންނަން ޖެހޭނީ އެންމެ ކުރީގައެވެ. އަދި މައުމޫމުން ތިބެން ޖެހޭނީ އިމާމް މީހާގެ ފަހަތުގައެވެ.
އިމާމް މީހާގެ ކުރިއަށް މައުމޫމަކު އަރައިފި ނަމަ، ނަމާދުގެ ޖަމާޢަތުގެ ސަފުތައް ހުންނަންޖެހޭ ރަނގަޅު ތަރުތީބަށް އުނިކަން އަންނާނެއެވެ. މިކަން ހުއްޓުވުމަށްޓަކައި، ކައުބަތުﷲ ވަށައިގެން ތިބޭ ސަލާމަތީ ބާރުތަކުން މަތާފް ސަރަޙައްދުގެ އެ ބައިގައި ހަނި ހުސް މަގެއް ބާއްވައެވެ. އެ ބޭފުޅުންގެ ޒިންމާއަކީ ނަމާދުކުރާ މީހުންނަށް މަގުދައްކައި، ނަމާދު ވަގުތުގައި ސަފުތައް ރަނގަޅު ތަރުތީބުން ބެލެހެއްޓުމެވެ.
މިއީ މުޅި އަހަރު ދުވަހު، ޚާއްޞަކޮށް ރަމަޟާން މަހާއި ޙައްޖުގެ މޫސުމުގައި މިލިއަނުން މީހުން ޖަމާވާ މަސްޖިދުލް ޙަރަމްގެ ތެރޭގައި މީހުން ގިނަވުން މެނޭޖުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ބައެކެވެ. އެ މަގު ހުސްކޮށް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް، ހުރިހާ ވަގުތެއްގައި އެކަން އެގޮތަށް އޮތުމަކީ ލާޒިމު ކަމެއް ނޫނެވެ. ޚާއްޞަކޮށް މީހުން އިންތިހާއަށް ގިނަވެ، މިސްކިތް އެއްކޮށް ފުރޭ ވަގުތުތަކުގައި، ޖަމާޢަތުގައި ބައިވެރިވުމަށްޓަކައި ލިބެން ހުރި ހުރިހާ ޖާގައެއްގައި މީހުން ނަމާދަށް ތިބޭނެއެވެ. އެފަދަ ޙާލަތްތަކުގައި އެންމެ އިސްކަމެއް ދެވެނީ މިސްކިތަށް ހާޒިރުވެ ތިބި ގިނަ އަދަދެއްގެ މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
ޒިޔާރަތްކުރާ ގިނަ ބަޔަކަށް މި ހުސް މަގަކީ މަސްޖިދުލް ޙަރަމްގެ ތެރެއިން ފެންނަ ކުޑަ ނަމަވެސް ޝައުޤުވެރި ކަމެކެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ މިސްކިތުގައި ނަމާދުގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ކުރެވޭ ފަރުވާތެރި ރޭވުންތެރިކަމުގެ މިސާލެކެވެ. މިއީ ގިނަ ބަޔަކު ސަމާލުކަން ނުދީ ދޫކޮށްލާ ކަމެއް ނަމަވެސް، އިސްލާމްދީނުގެ އެންމެ މުޤައްދަސް ބިނާގެ ވަށައިގެން ނަމާދުގެ ކަންކަން ތަރުތީބުން ކުރިއަށް ގެންދިއުމުގައި މިއީ މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ.
