މައްކާގެ މަސްޖިދުލް ޙަރަމް (ޙަރަމްފުޅު) ގައި ވަކިވަކި ޖަމާޢަތްތައް ހެދުން ހުއްޓުވައި، އެއް އިމާމެއްގެ ފަހަތުގައި މުސްލިމުން އެއް ޖަމާޢަތަކަށް ނަމާދުކުރަން ފެށިތާ 100 އަހަރު ފުރިއްޖެއެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ބާނީ ރަސްގެފާނު ޢަބްދުލްޢަޒީޒް އަލް ސަޢޫދު ގެންނެވި ތާރީޚީ އަދި މުހިންމު އިޞްލާޙެކެވެ.
ގިނަ ޤަރުނުތަކެއް ވަންދެން ޙަރަމްފުޅުގައި ނަމާދު ކުރެވެމުން އައީ ސުންނީ ހަތަރު މަޒްހަބަށް ޚާއްޞަ ކުރެވިފައިވާ ހަތަރު މުޞައްލަ ނުވަތަ މަޤާމުގައެވެ. ހިޖުރީ ގޮތުން 5 ވަނަ އަދި 6 ވަނަ ޤަރުނުގެ ތެރޭގައި ފެށުނު މި އާދައިގެ ދަށުން، ކޮންމެ ނަމާދު ވަގުތެއްގައި އެއް މަޒްހަބަށް ފަހު އަނެއް މަޒްހަބުގެ މީހުން ވަކިވަކިން އެ މީހުންގެ އިމާމުގެ ފަހަތުގައި ޖަމާޢަތް ހަދައެވެ. ޢާންމުގޮތެއްގައި ފުރަތަމަ ޝާފިޢީ މަޒްހަބުގެ ޖަމާޢަތް ބާއްވާއިރު، އޭގެ ފަހުން ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޒްހަބުގެ ޖަމާޢަތްތައް ކުރިއަށްދެއެވެ. މީގެ ސަބަބުން އެއް ނަމާދެއް އެތައް ފަހަރަކު ޙަރަމްފުޅުގެ ތެރޭގައި ތަކުރާރުވެ، މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދޭ ގޮތް މެދުވެރިވިއެވެ. އެ ޒަމާނުގައި ޙަރަމްފުޅަށް ޒިޔާރަތްކުރި ދަތުރުވެރިންނާއި ތާރީޚު ޢިލްމުވެރިން ވަނީ މި މަންޒަރުތައް އެބޭފުޅުންގެ ފޮތްތަކުގައި ބަޔާންކުރައްވާފައެވެ.
ނަމަވެސް، 27 އޮކްޓޫބަރު 1926 ގައި ރަސްގެފާނު ޢަބްދުލްޢަޒީޒް ވަނީ ޙިޖާޒާއި ނަޖުދުގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު، މި އާދަ ނިމުމަކަށް ގެންނެވުމަށް އަމުރުކުރައްވާފައެވެ. އަދި އެންމެހައި މުސްލިމުން އެއް އިމާމެއްގެ ފަހަތުގައި އެއް ސަފަކަށް އެކަތިގަނޑެއްގެ ގޮތުގައި ރުކޫޢާއި ސުޖޫދު ކުރުމަށް ނިންމެވިއެވެ.
މި ތާރީޚީ ނިންމެވުމާއެކު، ޙަރަމްފުޅުގައި ވަކިވަކިން ހުރި މަޤާމުތައް އުވާލެވި، ތަކުރާރުކޮށް ޖަމާޢަތް ހެދުން އެއްކޮށް ހުއްޓުވުނެވެ. މިއީ ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ޒަމާނުގައި މުސްލިމުން އެއް އިމާމެއްގެ ފަހަތުގައި ނަމާދު ކުރެއްވި އަސްލު ގޮތަށް ގެނެވުނު ރުޖޫޢަވުމެކެވެ.
ވޭތުވެދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް ނެތި މި ނިޒާމު ދެމިއޮތް އިރު، މިއަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙަރަމްފުޅަށް ޖަމާވާ މިލިއަނުން މުސްލިމުން ނަމާދު ކުރަމުންދަނީ އެއް އިމާމެއްގެ ފަހަތުގައި، އެއްބައިވަންތަކަމުގެ އެންމެ މަތިވެރި ނަމޫނާ ދައްކުވައިދެމުންނެވެ. އެކި ނަމާދުތަކުގައި އިމާމުވެ ނަމާދުކުރުމަށް ޤާބިލު ޢިލްމުވެރި އިމާމުން ތަރުތީބުން ހަމަޖެހިފައިވީ ނަމަވެސް، އެއް ވަގުތެއްގައި ކުރެވެނީ ހަމައެކަނި އެއް ޖަމާޢަތުގެ ނަމާދެވެ. މިއީ ސަޢޫދީ ވެރިކަމުގެ ކުރީކޮޅު ޙަރަމްފުޅަށް ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އަދި ދެމިގެންވާ އެއް އިޞްލާޙެވެ.
