ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބުރު ހަތްވަނައިގައި ހަމަޖެހިލައިފި
ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން މޮޅުވެ ބުރު ސްޕޯރޓްސް ކުލަބް ލީގުގެ ހަތްވަނައިގައި ހަމަޖެހިލައިފި އެވެ.

ބުރު ސްޕޯރޓްސް ކުލަބާއި ޓީސީ ސްޕޯރޓްސް ކުލަބް ރޭ ބައްދަލުކުރި މެޗާއި ހަމައަށް މި ދެ ޓީމަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފައިދާ ގޯލަށްވުރެ ގެއްލުން ގޯލު ދެ ޓީމުގެ ވެސް ގިނަ އެވެ. ބުރު ސްޕޯރޓްސް ލީގުގެ ހަތްވަނައިގައި އޮތީ ބައިކޮޅަށް ވަދެފައިވާ ގޯލު ޓީސީއަށްވުރެ މަދުވުމުން ނެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުން މޮޅުވުމަށް ދެ ޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކައި ޓީސީއިން ލީޑު ނެގި އެވެ. 10 ވަނަ މިނިޓްގައި ޓީސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މަހްމޫދު އަޝްރަފް މަހްމޫދު މުސްތޮފާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ބުރު ސްޕޯރޓްސްގެ އޭރިޔާ ބޭރުން އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބާރު ބޯޅައަކުން ނެވެ.

ޓީސީއިން ނެގި ލީޑުގައި މާ ގިނައިރު އެ ޓީމަށް ހިފަހައްޓައިލެވޭ ގޮތެއް ނުވި އެވެ. 13 ވަނަ މިނިޓްގައި ޝަމްވީލް މުޙައްމަދު ކާމިޔާބުކޮށްދިން ލަނޑާއިއެކު ބުރު ސްޕޯރޓްސްއިން ނަތީޖާ ހަމަހަމަކުރި އެވެ. ޝަމްވީލްގެ މި ލަނޑަކީ ބުރު ސްޕޯރޓްސްއިން ފޮނުވާލި ފްރީކިކެއް ޓީސީގެ ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިވެސް ކިޔާލަން:  މާޒިޔާ ދެވަނައަށް ޖެހިލައިފި

ދެވަނަ ފަހަރަށް ލީޑު ނަގާނެ ރަނުގެ ފުރުސަތެއް 25 ވަނަ މިނިޓްގައި ޓީސީއަށް ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ. ބުރު ސްޕޯރޓްސްގެ އޭރިޔާތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ، ޓީސީގެ މަހްމޫދު އަޝްރަފް މަހްމޫދު މުސްތޮފާ ފޮނުވާލުމުން ބުރު ސްޕޯރޓްސްގެ ކީޕަރު ޝައިހާން ވަނީ ދިފާއުކޮށްފަ އެވެ.

ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ލީޑު ބުރު ސްޕޯރޓްސްއިން ހޯދީ 29 ވަނަ މިނިޓްގައި ޢަބްދުﷲ ޔާމީން ކާމިޔާބުކޮށްދިން ލަނޑުން ނެވެ. މެޗުގައި ފެނުނު ހުރިހާ ލަނޑެއް ވެސް ފުރަތަމަ ހާފުގައި ފެނުނުއިރު، މި މެޗުގައި ބުރު ސްޕޯރޓްސްއިން ލީޑު ފުޅާކުރީ 43 ވަނަ މިނިޓްގައި އަރީން ޢަބްދުﷲ އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑުން ނެވެ. އަރީން މި ލަނޑު ޖަހާފައިވަނީ ބުރުގެ ކުޅުންތެރިއަކު ޓީސީގެ ގޯލާއި ދިމާއަށް ފޮނުވާލި ބާރު ބޯޅަ ހޯދަން މަސައްކަތް ކުރި ޖުއާން އެޑުއާރޑޯ ލެސްކާނޯ ފައިގައި ޖެހިފައި އަރިމައްޗަށް ދިޔަ ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މި މެޗުގެ ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖެހިފައެއް ނުވެ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބުރު ސްޕޯރޓްސް ހަތްވަނައިގައި ހަމަޖެހިލީ 9 ޕޮއިންޓް ހޯދައިގެން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރު ސްޕޯރޓްސްގެ ޢަބްދުﷲ ޔާމީން އެވެ.

މިވެސް ކިޔާލަން:  ދިއްދޫ ބަލިކޮށް އޮޑި ތިންވަނައަށް ޖެހިލައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top