ރާއްޖޭގެ އެންމެ ގިނަބަޔަކު މިހައިތަނަށް ބެލި ފިލްމު “ނޯޓީ ފޯޓީ” ގެ ސީކުއަލް، “ފޯޓީ ޕްލަސް” އަޅުވާނީ އަންނަ އަހަރު ކުރީކޮޅުގައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ބުނެފިއެވެ.
މި އަހަރުގެ އޮގަސްޓް މަހު “ފޯޓީ ޕްލަސް” އަޅުވަން ނިންމި ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އަންނަ އަހަރު ކުރީކޮޅު އަޅުވާ ގޮތަށް ނިންމި ނަމަވެސް ސީދާ އަދި ވަކި ތާރީހެއް ނުނިންމައެވެ. ޝަފީޤް މުނިއަވަސް އަށް މިދިޔަ މަހު ބުނީ ފިލްމު ރިލީޒްކުރާނެ ތާރީޚެއް، މީޑިއާއަށް ހުޅުވާލައިގެން ބާއްވާ އިވެންޓެއްގައި އިޢުލާނުކުރާނެ ކަމަށެވެ.
“އަންނަ މަހުގެ ތެރޭގައި ފިލްމުގެ ހާއްސަ އިވެންޓެއް ބާއްވައި ފިލްމާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން ހިއްސާކޮށް، ފޯޓީ ފްލަސްގެ ޕްރޮމޯޝަނަލް ހަރަކާތްތައް ފަށާނަން،” ނޯޓީ 40 ގެ ވެސް ޕްރޮޑިއުސަރު އިސްމާޢީލް ޝަފީޤް ބުންޏެވެ.
“ފޯޓީ ޕްލަސް” ގެ ލަވަތައް ފިޔަވައި، މި ފިލްމުގެ ހުރިހާ މަންޒަރެއްގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ތ. ބުރުނީގައި ވަނީ ނަގައި ނިންމައިފަ އެވެ.
‘ނޯޓީ ފޯޓީ’ އަށްވުރެން “ފޯޓީ ޕްލަސް” މާބޮޑަށްވެސް ފުރިހަމަވާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރ އަދި އެކްޓަރުންވެސް އަންނަނީ ބުނަމުންނެވެ.
